ހދ އަތޮޅު ފުޓްބޯޅަ މުބާރާތުގެ ސެމީއިން ސްކައި، ހަނިމާދޫ، ކުލަބް ކޮރަލްސް އަދި ހިރިމަރަދޫ ޖާގަ ހޯދައިފި އެވެ.
ހަނިމާދޫއިން 4 ޕޮއިންޓާއެކު ގުރޫޕްގެ އެއްވަނަ ހޯދިއިރު، ސްކައި އިން ވަނީ 4 ޕޮއިންޓާއެކު ގުރޫޕް ބީ ގެ އެއްވަނަ ހޯދާފަ އެވެ. ސްކައިން ޒިޒްގެޒްއާ ކުޅުނު މެޗު 1-1 އިން އެއްވަރުވިއިރު މެޗުގެ 6 ވަނަ މިނެޓްގައި ހިރަފުސްގެ ޒުވާން ފޯވާޑް އިފްރާން އަބޫބަކުރު (އިއްޕަ) ވަނީ ލަނޑެއް ޖަހައި ހިރަފުސްއަށް ލީޑު ނަގައިދީފަ އެވެ.
ޒިގްޒެގްއަށް ސެމީއަށް ދިއުމަށްޓަކައި މޮޅެއް މަޖްބޫރުވެފައި އޮތްއިރު ފުރަތަމަ ހާފު ނިމުމުގެ ކުރިން ޒިގްޒެގްގެ ހަސަން އަލީ (ބައްޑެ) ވަނީ ބޮލުން ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަކޮށްފަ އެވެ.
ދެވަނަ ހާފު މެޗުގެ ތެރެއިން ކޮންމެވެސް ވަރަކަށް ހަމަނުޖެހުން ހިނގާފައިވާއިރު ރެފްރީގެ ނިންމުންތަކާ ވަނީ ކުޅުންތެރިން އަދި އޮފިޝަލުން ވަނީ ހިތްހަމަ ނުޖެހުން ފާޅުކޮށްފަ އެވެ. މި މެޗުގައި ހިރަފުސްގެ އިބްރާހިމް ތޯއިފް (ރޮނާ) އަށް ވަނީ ސީދާ ރަތް ކާޑެއް ދައްކާފަ އެވެ.
އިއްޔެ ކުޅުނު މެޗުގައި ކުލަބް ކޮރަލްސް އިން ކުލަބު ތިލަދުންމައްޗާއި ދެކޮޅަށް ކުޅެ މެޗު ކާމިޔާބުކުރީ 3-1 އިންނެވެ. މި މެޗުގައި ކޮރަލްސްއިން ލީޑު ނެގީ އަސްވަދު ރަޝީދު (އަސްލޭ) ހާފުގެ މެދަކާ ހިސާބުން އަރިމަތިން ފޮނުވާލި ހިލޭ ޖެހުމެއް ކާމިޔާބުކޮށްގެންނެވެ. އޭގެ ކުޑައިރުކޮޅެއް ފަހުން ކޮރަލްސްގެ މުހައްމަދު ނައުޝާދު (ނައުޓީ) ވަނީ އިތުރު ލަނޑެއް ޖަހައި ލީޑު ފުޅާކޮށްފަ އެވެ.
ދެވަނަ ހާފު ފަށައިގެން ނައުޓީ ވަނީ އިތުރު ލަނޑެއް ޖަހައި ނަތީޖާ 3-0 އަށް ބަދަލުކޮށްލާފަ އެވެ. މި މެޗުގެ ފަހުކޮޅު ތިލަދުންމަތިން ވަނީ ލަނޑެއް ޖަހައިފަ އެވެ.
މި ނަތިޖާއާއެކު ކުލަބް ކޮރަލްސް އަށް 2 މެޗުން 6 ޕޮއިންޓް ލިބުނުއިރު ތިލަދުންމަތި އަށް ދެވަނަ ލިބުނީ 3 ޕޮއިންޓާ ފައިދާ 0 ގޯލާ އެކު އެވެ. އަދި ގުރޫޕް އޭ ގެ ދެވަނަ ހިރިމަރަދޫއާ ހުރިހާ ގޮތަކުން އެއްވަރުވުމުން ސެމީއަށް ދިޔަ ޓީމު ކަނޑައެޅިގެންދިޔައީ ރޭ އޮތް ގުރުއަތުލުމަކުންނެވެ.
މި މުބާރާތުގެ ފުރަތަމަ ސެމީގައި މި މަހުގެ 30 ވަނަ ދުވަހު ސްކައި އަދި ހަނިމާދޫ ބައްދަލުކުރާއިރު ދެވަނަ ސެމީގައި މި މަހުގެ 31 ވަނަ ދުވަހު ބައްދަލު ކުރާނީ ކުލަބް ކޮރަލްސް އަދި ހިރިމަރަދޫ އެވެ.