އަނުރާގް ސިންގް ޑައިރެކްޓްކުރަން ހަމަޖެހިފައިވާ ފިލްމު “ކެސާރީ” ގައި އަކްޝޭ ކުމާރާއި އެކު ބަތަލާއެއްގެ ގޮތުގައި ފެނިގެންދާނީ ޕަރިނީތީ ޗޯޕްރާ ކަމަށް ހަބަތަކުން ބުނެފިއެވެ.
1897 ވަނަ އަހަރު އިންޑިޔާގައި ހިނގި ހާދިސާއެއް ކަމަށްވާ “ބެޓަލް އޮފް ސަރަގާރްހީ” ގެ މައްޗަށް ބިނާކޮށް ކުޅުމަށް ހަމަޖެހިފައިވާ މި ފިލްމުގެ ބަތަލާއެއްގެ ގޮތުގައި ފެނިގެންދާނީ ކެޓްރީނާ ކައިފް ކަމަށްވެސް ކުރިން ވަނީ އަޑުތަކެއް ފެތުރިފައި އެވެ. ނަމަވެސް ފަހުގެ ހަބަރުތަކުގައި ވަނީ އެ ފިލްމުގެ ލީޑް އެކްޓްރެސް އިއުލާންކޮށް، ޕަރިނީތީ ފިލްމުގެ ބަތަލާގެ ގޮތުގައި ޔަގީން ކޮށްފައެވެ.
އަކްޝޭ އެންމެ ފަހުން ފެނިގެން ގޮސްފައި ވަނީ އޮގަސްޓްމަހު ރިލީޒްކުރި ފިލްމު “ޓޮއިލެޓް އެކް ޕުރޭމް ކަތާ” އިންނެވެ. އެ ފިލްމު ވަނީ މަދު ދުވަސްކޮޅެއްގެ ތެރޭގައި ބޮކްސް އޮފީހުން ޖާގަހޯދާފައި އެވެ. އަދި ގިނަ ބައެއްގެ މަގުބޫލުކަން ހޯދި އެ ފިލްމަށްފަހު ކެސާރީ އަށްްވެސް ބޮޑު ތަރުހީބެއް ލިބޭނެ ކަމަށް ބެލެވެއެވެ.
ކެސާރީގެ ޝޫޓިން ޖެނުއަރީ މަހު ފެށުމަށް ހަމަޖެހިފައިވާއިރު ފިލްމު ރިލީޒްކުރާނީ 2019 ވަނަ އަހަރުގައި ކަމަށް ހަބަރުތަކުން މައުލޫމާތު ލިބެއެވެ.