twitterviber whatsapp telegramfacebookyoutube instagram
26th April 2024

އަންހެން ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ކޭވައިއާރުސީއަށް

Nov 12, 2017

ޑަބްލިއު ސްޕޯޓްސް އެކަޑަމީއިން  ކުޅުދުއްފުށީގައި ބޭއްވުނު އަންހެނުންގެ ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ކޭވައިއާރްސީއިން ހޯދައިފި އެވެ.

ކޭވައިއާރްސީ އިން ޗެމްޕިއަންކަން ހޯދާފައިވަނީ ފައިނަލުގައި 3-1 އިން ޓީމް ބިއަޑް ބަލިކޮށްގެންނެވެ. ރޭގެ މެޗުގައި ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ ކޭވައިއާރްސީއިން ނެވެ. ޓީމް ބިއަޑް އިން ލަނޑު ޖަހައި ނަތީޖާ ހަމަހަމަ ކުރި ނަމަވެސް މި މުބާރާތުގެ ހުރިހާ މެޗެއް ކާމިޔާބުކުރި ކޭވައިއާރްސީއިން ވަނީ އިތުރު ދެ ލަނޑު ޖަހައި 3-1 އަށް ނަތީޖާ އަނބުރާލާފަ އެވެ.

ރޭގެ މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ކޭވައިއާރްސީއަށް ރޭގެ މެޗުގައި ދެ ލަނޑު ޖަހައިދިން ނަސީމާ މުހައްމަދެވެ.

އަންހެން ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ހޯދި ކޭވައިއާރުސީ–

މި މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަށް ހޮވިފައިވަނީ ކޭވައިއާރްސީގެ ހަދީޖާ އަބޫބަކުރާއި، އެ ޓީމުގެ ގޯލް ކީޕަރު މަރިޔަމް ޒާހިރު އާއި، ހަމަ އެ ޓީމުގެ ނަސީމާ މުހައްމަދާއި، އަމީރު އަމީން ގެ ސަހުލާ ތައުފީޤުގެ އިތުރުން ޓީމް ބިއަޑްގެ ހަދީޖާ އަލީ އެވެ.

މުބާރާތުގައި ޖުމްލަ 6 ގޯލު ކާމިޔާބުކޮށްގެން އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔަކަށް ހޮވިފައިވަނީ ކޭވައިއާރްސީ ގެ ހަދީޖާ އަބޫބަކުރު އެވެ. އަދި މި މުބާރާތުގެ ފެއާ ޕްލޭ ޓީމަކަށް ހޮވިފައިވަނީ އަފީފުއްދީން ސްކޫލް އެސްއާރްސީ އެވެ.

ރޭ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ހާއްސަ މަގާމުތަކަށް ޓްރޮފީ ބައްސަވައިދެއްވީ މޯލްޑިވްސް ޕޯޓް ލިމިޓެޑް އެމްޑީ އިބުރާހިމް ހަލީލެވެ. މިމުބާރާތުގެ މެއިން ސްޕޮންސަރއަކީ އެމްޕީއެލް އެވެ.

މީގެ ކުރިން ކުޅުދުއްފުށީގައި ބޭއްވުނު ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަންވެސް ހޯދާފައިވަނީ ކޭވައިއާރްސީއިންނެވެ. ރޭގެ ފައިނަލް މެޗުވަނީ ޔެސް ޓީވީ ލައިވްކޮށްފަ އެެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355