ޕަދުމަވަތީ އިއުލާންކޮށް ސޫޓިން ފެށުމާއި ހަމައިންވެސް މި ފިލްމަށް ދިޔައީ ގިނަ ގޮންޖެހުންތަކަކާއި ކުރިމަތިލަމުން ނެވެ.
އެގޮތުން ފިލްމުގެ ސޫޓިން ފެށުމަށް ތައްޔާރުވަމުން ދަނިކޮށް ފިލްމުގެ ސެޓަށް ބަޔަކުވަދެ ބޮޑު ހަމަނުޖެހުމެއް ހިންގާ ބާންސާލީއަށް ވެސް ވަނީ ހަމަލާދީފަ އެވެ. އަދި އެއަށްފަހުންވެސް ފިލްމުގެ ސެޓްގައި ރޯކޮށްލާ ފިލްމުގައި ބައިވެރިވާ ޖޫނިއާ އާޓިސްޓުންގެ ހެދުންތަކާއި އެނޫންވެސް ފިލްމުގައި ބައިވެރިވާ އާންމުން ލާ ހެދުންތައް ވެސް ވަނީ އަންދާލާފަ އެވެ.
ފިލްމު ފެށުމުގެ ކުރިންވެސް އެތަށް ގޮންޖެހުންތަކެއް ކުރިމަތިވިނަމަވެސް ފިލްމުގެ ޝޫޓިން ނިންމާލާ ރިލީޒްކުރަން ތައްޔާރުވެފައިވަނިކޮށް އަނެއްކާވެސް މިވަނީ މައްސަލަތަކާއި ކުރިމަތިލާން ޖެހިފައެވެ.
ސެންސަރު ބޯޑުން ޕަދްމާވަތީ ފާސްކޮށްނުދީ ލަސްކުރަމުންދާއިރު ފިލްމު ރިލީޒް ކުރުން ފަސްކޮށްފައިވާ ކަމަށް އިންޑިޔާގެ ބައެއް ނޫސްތަކުންމިވަނީ ރިޕޯޓް ކޮށްފައެވެ. އެހެންނަމަވެސް ރިލީޒްކުރާނެ ތާރީހެއް އަންގާފައެއް ނުވެއެވެ. ސެންސަރު ބޯޑުގެ ގަވާއިދު ބުނާ ގޮތުން ފިލްމެއް ސެންސަރު ބޯޑުގެ މަރުހަލާ ގިރާކޮށް ފާސްވެއްޖެ ކަމުގެ ސެޓްފިކެޓް ލިބެން މަދުވެގެން 61 ދުވަސް ނަގާނެ އެވެ.
ފިލްމު ރިލީޒް ކުރުން ކައިރިވަމުން އައިވަރަކަށް ހިންދޫންގެ ބައެއް ގްރޫޕްތަކުން ދަނީ ކުރިންސުރެ މި ފިލްމަށް އެކި ގޮތްގޮތުން ހުރަސްތައް އަޅަމުންނެވެ. ފިލްމާ އެންމެ ބޮޑަށް ދެކޮޅުހަދަމުން ދަނީ ޝްރީ ރާޖްޕޫތު ކަރްނީ ސޭނާ އިންނެވެ. އެ ގްރޫޕުން ބުނާގޮތުގައި ފިލްމުގެ އެންމެ މުހިއްމު ކެރެކްޓާ ކަމަށްވާ ރާނީ ޕަދްމާވަތީގެ ވާހަކަ ފިލްމުގައި ވަރަށް ބޮޑަށް އޮޅުވާލާފައިވާ ކަމަށެވެ.
ފިލްމު މަނާކުރުމަށް ގިނަ ބަޔަކު ގޮވާލަމުން ދިޔަ ނަމަވެސް ސުޕްރީމް ކޯޓުން ފިލްމު މަނާނުކޮށް ފިލްމާ މެދު ގޮތެއް ނިންމުމުގެ ހުއްދަ ދީފައިވަނީ ސެންސަރު ބޯޑަށެވެ. އެހެންކަމުން ފިލްމު ބެލުންތެރިންނާއި ހަމައަސް ގެނެވޭނީ ސެންސަރު ބޯޑުން ފާސްކޮށްދީފިނަަމައެވެ.