twitterviber whatsapp telegramfacebookyoutube instagram
20th April 2024

އަންނަ އަހަރު ބެލުންތެރިން އެންމެ އިންތިޒާރުކުރާ ބޮލީވުޑްގެ ފިލްމުތައް

Dec 5, 2017

މި އަހަރަކީ ބޮލީވުޑްގައި ކާމިޔާބު ފިލްމުތަކާއި އެއްވަރަށް ގިނަ ފިލްމުތަކެއް ފްލޮޕްވެސް ވެގެން ދިޔަ އަހަރެކެވެ. މި އަހަރު ނިކުތް ފިލްމު ތަކުގެ ތެރެއިން ޖުޅްވާ 2، ޓޮއިލެޓް: އެކް ޕްރޭމް ކަތާ، ގޯލްމާލް، ސީކުރެޓް ސްޕަރސްޓާރ ފަދަ ފިލްމު ތަކަކީ މި އަހަރު ބެލުންތެރިންގެ ތެރެއިން ބޮޑު ތަރުހީބެއް ލިބުނު ފިލްމުތަކެކެވެ.

އެގޮތުން އަންނަ އަހަރުވެސް ގިނަ ފިލްމުތަކެއް ބެލުންތެރިންނާއި ހަމައަށް އަންނާނެ އިރު ފުރަތަމަ 6 މަސް ދުވަހުގެ ތެރޭ ރިލީޒް ކުރާނެ ބެލުންތެރިންގެ މެދުގައި ބޮޑު ކާމިޔާބީއެއް ލިބޭނެ ކަމަށް ބެލޭ ބައެއް ފިލްމުތައް ހިމަނާލާނަމެވެ.

ޗަންދާރ މާމާ ދޫރް ކޭ

ސުޝާންތް ސިންގް ރާޖްޕުތް، ސްރައްދާ ކަޕޫރް އަދި އާރު މާދަވަން ފެނިގެންދާ ސައިންސް ފިކްޝަންގެ މި ފިލްމަކީ ޖެނުއަރީގައި ރިލީޒްކުރުމަށް ހަމަޖެހިފައިވާ ފިލްމުތަކުގެ ތެރެއިން ބެލުންތެރިންގެ މެދުގައި ބޮޑު މަގުބޫލް ކަމެއް ލިބޭނެ ފިލްމެއް ކަމަށް ބެލެވެއެވެ. ފޮކްސް ސްޓަރ ސްޓޫޑިއޯއިން ޕްރޮޑިއުސް ކުރާ މި ފިލްމު ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ ޖެނުއަރީ 26 ގަ އެވެ.

ޕެޑްމޭން

ސޮނީ ޕިކްޗާރސް އިން ޕްރޮޑިއުސް ކުރާ މި ކޮމެޑީ ޑްރާމާ ފިލްމަކީވެސް ބެލުންތެރިންގެ މެދުގައި ކާމިޔާބު ފިލްމަކަށް ވާނެ ކަމަށް ބެލެވެއެވެ. އަކްޝޭ ކުމާރ، އަބީޝެކް ބައްޗަން، އަދި ސޯނަމް ކަޕޫރް ފެނިގެން ދާނެ މި ފިލްމަކީ ޓްވިންކަލް ކަންނާ ލިޔެފައިވާ “ދަ ލެޖެންޑް އޮފް ލަކްސްމީ ޕްރަސާދު” މި ފޮތުގެ މައްޗަށް ބިނާކޮށްފައިވާ ފިލްމެކެވެ. މި ފިލްމުވެސް ރިލީޒް ކުރަން ހަމަޖެހިފައިވަނީ ޖެނުއަރީ 26 ސުޝާންތުގެ ” ޗަންދާރ މާމާ ދޫރް ކޭ” އެކުއެވެ.

ހިޗްކި

ރާނީ މުކަރުޖީގެ “ކަމް ބެކް” ފިލްމު ހިޗްކީ އަކީ ޔަގީނުންވެސް ރާނީގެ ފޭނުން ބަލާލަން ކެތްމަދު ވާނެ ފިލްމެކެވެ. އެހެން ކަމުން މި ފިލްމު ބެސް ބެލެވިފައިވަނީ 2018 ގައި ކާމިޔާބު ފިލްމުގެ ލިސްޓުގައެވެ. ފެބްރުއަރީ 23 ގައި ރިލީޒް ކުރުމަށް ހަމަޖެހިފައިވާ ޔަސް ރާޖް ފިލްމްސް އިން ޕްރޮޑިއުސްކުރާ މި ފިލްމުގައި ދެން ހިމެނޭ ތަރިންނަކީ ސައިފް އަލީ ޚާން އަދި ކަރީނާ ކަޕޫރް ޚާންއެވެ.

ސަންޖޫ

ބޮލީވުޑްގެ ކާމިޔާބު ބަތަލު ސަންޖޭ ދަތުގެ ބަޔޮފިކް ވެސް އަންނަ އަހަރު ރިލީޒް ކުރުމަށް ހަމަޖެހިފައިވާއިރު މި ފިލްމަކީ މިހާރުވެސް ގިނަ ބަޔަކު އިންތިޒާރު ކުރަމުން އަންނަ ފިލްމެކެވެ. ސަންޖޭގެ ކެރެކްޓާރ ރަންބީރު ކުޅޭ މި ފިލްމުގައި ސަންޖޭގެ ދިރިއުޅުމުގެ ގިނަ ސިއްރުތަކެއް މި ފިލްމުން ފެނިގެން ދާނެ ކަމަށް ބެލެވެއެވެ. މަނީޝާ ކޮއިރަލާ، ދިއާ މިރްޒާ އަދި ސޯނަމް ކަޕޫރް ވެސް ފެނިގެންދާ މި ފިލްމު ރިލީޒް ކުރާނީ މާރޗު 30 ގަ އެވެ.

މަނިކާރނިކާ: ދަ ކްއީން އޮފް ޖާންސީ

ކަންގްނާ ރަނާވުގެ މި ފިލްމަކީ ވެސް ބައޮފިކެކެވެ. މި ފިލްމަކީ 1857 ގައި ރާނީ ލަކްސްމީ ބައި ބްރިޓިޝް އީސްޓް އިންޑިއާ ކޮމްޕެނީ އާއި ދެމެދު ކުރެވުނު ހަނގުރާމަ ދައްކުވައިދޭ ފިލްމެކެވެ. މި ފިލްމުގައި ސޯނޫ ސޫދް އަދި އަންކިތާ ލޯކަންޑޭ މުހިއްމު ރޯލެއް ކުޅިފައިވެއެވެ. އޭޕްރިލް 27 ގައި ރިލީޒް ކުރާ މި ފިލްމަކީ ޒީ ސްޓޫޑިއޯއިން ޕްރޮޑިއުސް ކުރާ ފިލްމެކެވެ.

ރޭސް 3

ރޭސް ގެ 3 ވަނަ ފިލްމަކީ އެކްޝަން ފިލްމުތަކަށް ލޯބި ކުރާ ފަރާތްތަކުން ޔަގީނުން ވެސް އިންތިޒާރު ކުރާ ފިލްމަކަށް ވާނެއެވެ. ހާއްސަކޮށް މި ފަހަރު ސަލްމާން ޚާން ލީޑުން ފެނިގެންދިއުން މިއީ މި ފިލްމު އިތުރަށް ކާމިޔާބު ވާނެ ކަމަށް ބެލެވޭ އަނެއް ސަބަބެވެ. މި ފިލްމު ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ މެއި 4 ގަ އެވެ.

ވީރޭ ދި ވެޑިން

ރޮމޭންޓިކް ކޮމެޑީގެ މި ފިލްމަކީ 4 އަންހެން އެކުވެރިންގެ މެދުގައި ދިމާވާ ކަންތައްތަކެއް ދައްކުވައިދޭ ފިލްމެކެވެ. ކަރީނާ ކަޕޫރް، ސޯނަމް ކަޕޫރް، ސްވަރާ ބަޝްކަރ އަދި ޝިކާ ތަލްސާނިއާ ފެނިގެން ދާ ފިމްލަކީ ބައްލާޖީ މޯޝަން ޕިކްޗާރއިން ޕްރޮޑިއުސް ކުރާ ފިލްމެކެވެ. މި ފިލްމު ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ މެއި 18 ގަ އެވެ.

ފަންނޭ ޚާން

އައިޝްވާރިއާ އަދި އަނިލް ކަޕޫރް ގެ މި ފިލްމަކީ މިއުޒިކަލް ކޮމެޑީއެވެ. މި ފިލްމަކީ 2000 ވަނަ އަހަރު އޮސްކާއަށް ނޮމިނޭޓް ވި ބެލްޖިއަންގެ ފިލްމު “އެވްރީބޮޑީސް ފޭމަސް” ގެ ރީމޭކެވެ. ރާޖްކުމާރު ރާއޯ އަދި ދިވްޔާ ދަތް ވެސް ފެނިގެންދާ މި ފިލްމު ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ ޖޫން 15 ގަ އެވެ.

މިއީ 2018 ވަނަ އަހަރު ޖެނުއަރީން ފެށިގެން ޖޫން މަހަށް ރިލީޒް ކުުރުމަށް ހަމަޖެހިފައިވާ ފިލްމުތަކުގެ ތެރެއިން ބެލުންތެރިންގެ މެދުގައި އެންމެ ބޮޑު މަގުބޫލްކަމެއް ލިބޭނެ ކަމަށް ބެލޭވިފައިވާ ފިލްމުތަކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355