twitterviber whatsapp telegramfacebookyoutube instagram
25th April 2024

ކުޅުދުއްފުށީ ހޮސްޕިޓާ ތަރައްގީކުރުން – 90 ދުވަހުގެ ޓާގެޓެއް ކާމިޔާބެއް ނުވި

Dec 7, 2017

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ ތަރައްގީއަކީ އުތުރުގެ އެންމެހައި ރައްޔިތުންގެ އުއްމީދާ މިހާރު ގުޅިފައިވާ ކަމެކެވެ. ސަރުކާރުން ހިންގަމުންދިޔަ އުތުރުގެ މައި ހޮސްޕިޓަލް ޓާޝަރީ ލެވެލްއަށް ތަރައްގީ ކުރުމުގެ ބެރު އެކި ސަރުކާރުތަކުން ޖަހަމުން އައިސް، އިންޑިއާގެ މަޝްހޫރު ހޮސްޕިޓަލް ނިމްސް ހިންގަމުންދާ ކުންފުންޏާ އެހޮސްޕިޓަލް ހަވާލު ކުރާ ހަބަރު ލިބުމާއެކު ރައްޔިތުންގެ އުއްމީދުތަކުގައި ކުލަ ޖެހެން ފެށުނެވެ. އަދި އޭގެ ފޮނިމީރުކަން ދާދިއަވަހަށް ލިބިދާނެ ކަމުގެ އުއްމީދުވެސް އާވިއެވެ.

އިންޑިއާގެ ނޫރުލް އިސްލާމް އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑް (އެންއައިއައި) އިން ކުޅުދުއްފުށީގެ ހޮސްޕިޓަލްއާ ހަވާލުވީ ބޮޑެތި ޓާގެޓްތަކެއް ހާސިލް ކުރުމަށް އަޒުމު ކަނޑައަޅައިގެންނެވެ. އަދި ފުރަތަމަ 30 ދުވަހުގެ ޓާގެޓާއި ފުރަތަމަ 3 މަސް ދުވަހުގެ ޓާގެޓްތައް ވަރަށް ސާފުކޮށް ރައްޔިތުންނަށް އެނގޭނޭ ފަދައިން ހާމަކޮށްފައި ވެއެވެ. އަދި 16 މަސް ދުވަހުގެ ތެރޭގައި ބޮޑު ބަދަލެއް ގެނެސް 150 އެނދުގެ ވަރަށް ފުރިހަމަ ހޮސްޕިޓަލަކަށް ބަދަލު ކުރުމަށް ދިވެހި ސަރުކާރާއެކު ވަނީ އެއްބަސްވެފައެވެ.

ފުރަތަމަ ވެސް ހޮސްޕިޓަލާ ހަވާލުވުމަށްފަހު އެންއައިއައި އިންވަނީ ފުރަތަމަ 30 ދުވަހުގެ ޓާގެޓްތަކަށް ބޮޑެތި މަސައްކަތް ތަކެއް ކޮށްފައެވެ. އެގޮތުން ސްޓާފުންނަށް އިތުރު ތަމްރީނު ދިނުމާއި ސްޕެޝަލިޓީއަކަށް ޑޮކްޓަރުން ހަމަކުރުމުގެ މަސައްކަތް ވަނީ ކޮށްފައެވެ. މީގެ އިތުރުންވެސް ވިސިޓީން ޑޮކްޓަރުން ގެނެސްފައި ވެއެވެ. އަދި ގެންނަމުންދިޔަ ބަދަލުތައް ރައްޔިތުން ވަނީ ބަލައިގަނެފައެވެ. ނަމަވެސް ފުރަތަމަ 3 މަސް ދުވަހުގެ ޓާގެޓް، 5 މަސް ފާއިތުވެގެން ދިޔައިރުވެސް ހާސިލް ވެފައި ނުވުމަކީ ރައްޔިތުން މިހާރު ކަންބޮޑުވާން ފަށައިފައިވާ ކަމެކެވެ.

ފުރަތަމަ 3 މަސް ދުވަހުގެ ޓާގެޓްތައް

ހޮސްޕިޓަލުގެ މެނޭޖްމަންޓުން ފުރަތަމަ 30 ދުވަހުގެ ޓާގެޓްތައް ހާސިލް ކުރިކަމުގައި ވިޔަސް، ފުރަތަމަ 3 މަސް ދުވަހުގެ ޓާގެޓްތަކާއި ގާތައްވެސް އަދި އާދެވިއްޖެއެކޭ ބުނެވޭކަށް ނެތެވެ. ޓާގެޓްތަކުގެ ތެރެއިން އެންމެ އިސްކަމެއް ދީގެން ކުރަމުންދާކަމަށް ފެނުނު، ސީޓީ ސްކޭން މެޝިން އަދި އެމްއާރުއައި މެޝިން ބެހެއްޓުމުގެ މަސައްކަތެއް ނުނިމެއެވެ. މެޝިންތައް ބެހެއްޓުމަށް ތަން ތައްޔާރުކޮށްފައި ހުރިކަމުގައި ވިޔަސް، އެ ހިދުމަތްތައް ފެށިފައި ނުވުމުން ޓާގެޓް ހާސިލް ވެއްޖެއޭ ބުނެވޭކަމަށް ނެތެވެ. އަދި ތިން މަސްދުވަހުގެ ތެރެގައި ދޭންފަށާނެކަމަށް ޓާގެޓް ކޮށްފައި ހުރި ބައެއް ސުޕަރ ސްޕެޝަލިޓީ ޑޮކްޓަރުންގެ ހިދުމަތްވެސް އަދި ފެށިފައެއް ނުވެއެވެ. އަދި މީގެ އިތުރުން ބައިނަލްއަގްވާމީ ފެންވަރުގެ ތެލެސީމިއާ ސެންޓަރުގެ ހިދުމަތެއް ވެސް އަދި ގައިމުން ފެންނާކަށް ނެތެވެ. ޓާގެޓްތައް ކަނޑައަޅާފައި ހުރި ކަމުގައި ވިޔަސް، ހާސިލް ނުވާތީ އެވާހަކަތައް ރައްޔިތުންގެ ތެރޭގައި މިިހާރު ވަނީ ދައްކަން ފަށައިފައެވެ. ސޯޝަލް މީޑިއާގައި ވެސް ފާޅުގައި އަދި ވައްބަހުން އެވާހަކަތައް އަންނަނީ ދައްކަމުންނެވެ.

ޓައިމްލައިނާ އެއްގޮތަށް ކަންތައްތަށް ހާސިލްނުވާކަން ކުޅުދުއްފުށީ ހޮސްޕިޓާ ހިންގާ ކުންފުނިންވެސް ގަބޫލުކުރެ އެވެ. އިންޑިޔާގެ ނިމްސް ހޮސްޕިޓާ ހިންގާ ނޫރުލް އިސްލާމް އެޑިއުކޭޝަން ޓްރަސްޓް އާއި ދިވެހިންގެ ބަޔަކު ހިއްސާވާ ނޫރުލް އިސްލާމް އިންޓަނޭޝަނަލް ޕްރައިޓް ލިމިޑެޓްއާއެކު ހަދާފައިވާ ޖޮއިންޓްވެންޗާގެ ދަށުން ކުޅުދުއްފުށީ ހޮސްޕިޓާ ހިންގަމުން އަންނައިރު ޓައިމްލައިނާ އެއްގޮތަށް ތަރައްގީގެ ޕްރޮޖެކްޓްތަށް ހާސިލުވަމުންނުދާކަން ގަބޫލުކުރެ އެވެ.

ނޫރުލް އިސްލާމް އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޑެޓްގެ ޑިރެކްޓަރު އަލީ އުސެއިދު ކޭއޯއަށް ދެއްވި އިންޓަވިއުގައި ވިދާޅުވީ ޓައިމްލައިނުން ކައްސާލައިގެން ދިއުމުގައި ސަބަބުތަކެއް ކުރިމަތިވި ކަމަށެވެ. ހޮސްޕިޓަލާ ހަވާލުވެގެން ހަވާލުވެގެން އައީ ވަަރަށް ބާރު ސްޕީޑެއްގައި ކަމަށާއި އެ ބާރު ސްޕީޑްގައި އައި އިރުގައި ކުރިން ކުރަންޖެހޭ ބައިވަރު ކަންތައްތަކެއް ހުރި ނުކުރެވިފައި ކަމަށެވެ.

“ކުރިންކޮށްފަ ހަވާލުވާން ޖެހޭނީ އެކަންތަައްތައް ބަހައްޓާފަ އޭ އަޅުގަނޑުމެންނަށް ހަވާލުވާން ޖެހުނީ. މިސާލަކަށް ދަންނަވަންޔާ ހަމަ އަޅުގަނޑުމެން ނަގަން ހުރި ހުއްދަތަކާއި އެއްޗެހި، ހަގީގަތުގައި އެއީ ހަވާލުކުުރުމުގެ ކުރިން ކުރަން ޖެހޭ ކަންތައްތައް. އެކަމަކު މިހުރިހާ ކަމެއް އަޅުގަނޑުމެންނަށް ކުުރުމުގެ ފުރުސަތު ލިބުނީ އަޅުގަނޑުންމެން ހަވާލުވުމަށް ފަހުންނޭ. އެއީވެސް އަޅުގަނޑުމެން ޓައިމްލައިންތައް ކައްސާލައިގެން ދިއުމުގެ މެދުވެރިވި އެއްސަބަބު.” އުސައިދު ވިދާޅުވި އެވެ.

ޑޮކްޓަރުން ގެނައުމުގައި ހުރި ދަތިތައް ފާހަގަކުރައްވަމުން އުސެއިދު ވިދާޅުވީ ހޮސްޕިޓާ ތަރައްގީކުރުމުގައި ގިނަ ދަތިތަކަކާއި ހުރަސްތަކަކާއި ކުރިމަތިވެފަ އެބަހުރިކަމަށެވެ. ރާއްޖޭއިންވެސް ހުރަސްތަށް ކުރިމަތިވިއިރު އިންޑިޔާއިންވެސް ހުރަސްތަކެއް ކުރިމަތިވި ކަމަށް އޭނާ ވިދާޅުވި އެވެ. ގިނަ އަދަދަކަށް ވިޒިޓިން ސްޕެޝަލިސްޓުން ގެނައިކަން ފާހަގަކުރައްވަމުން އުސެއިދު ވިދާޅުވީ ފަހަކަށް އައިސް ސްޕެޝަލިސްޓް ޑޮކްޓަރުން ހޯދުމަކީ އެހާ ފަސޭހަކަމެއް ނޫން ކަމަށެވެ.

“އަޅުގަނޑުމެން ބައިވަރު ސްޕެސަރލިސްޓުނާއި ވާހަކަ ދައްކާ ހަދައިގެން ޑޮކްޓަރުން މިހާރު މިކޮޅަށް ގެންނައިރު މިވާ އެއްޗަކީ އެބޭފުޅުންނަކީ އެހެން ކޮންމެވެސް ބޮޑު ހޮސްޕިޓަލެއްގައި މަސައްކަތް ކުރައްވަމުން ގެންދަވާ ބޭފުޅުން. އެހެން ވީމާ މިވާ އެއްޗަކީ އެބޭފުޅުންނަށް އެކޮޅުން ރިޒައިން ކުރައްވަން ވަޑައިގަންވަން ވެސް އެބައޮވޭ ޕްރޮސީޖާތަކެއް. އެބޭފުޅުން މަސައްކަތް ކުރައްވާތަނަށް 4 މަސް ނުވަތަ 5 މަހުގައި ނޯޓިސް އެއް ދެއްވަން. ނޯޓިސް އެއް ދެއްވައިގެން ނޫނީ އެބޭފުޅުންނަށް އެތަންތަނުން ރިޒައިން ކުރެއްވޭކަށް ނޯވޭ. ރިޒައިން ކުރައްވައިގެން އެބޭފުޅުންނަށް މިކޮޅަށް ވަޑައިގެންނެވެން މިއޮތީ.” ޑޮކްޓަރުން ހޯދުމުގައި އޮތް ދަތިތަށް ފާހަގަކުރައްވަމުން އުސެއިދު ވިދާޅުވި އެވެ.

އުސެއިދު ވިދާޅުވީ ޑޮކްޓަރުން ގެނައުމަށް މިހާރުވެސް މަސައްކަތަށް ކުރަމުންދާ ކަމަށާއި ދެއްވަން ޖެހޭ ނޯޓިސް ވެސް ދެއްވާ އެ އެޕްރޮސީޖާތަށް ކުރިއަށްދާ ކަމަށެވެ.

ކުޅުދުއްފުށީ ހޮސްޕިޓާ ތަރައްގީކުރާ އެންއައިއައިގެ ޑިރެކްޓަރު އަލީ އުސެއިދު ވާހަކަދައްކަވަނީ–

ހޮސްޕިޓަލާ ހަވާލުވާތާ ފުރަތަމަ ތިންމަސް ދުވަހުގެ ތެރޭގައި ސީޓީ ސްކޭންއާއި އެމްއާރުއައިގެ ހިދުމަތް ފައްޓާނެކަމަށް ވިދާޅުވި ނަމަވެސް އެހިދުމަތްތަށް ލަސްވުމުގައިވެސް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާއިރު އެންމެ ބޮޑު ގޮންޖެހުމެއް ކުރިމަތިވެފައިވާނީ މެޝިންރީތަށް ކުޅުދުއްފުއްޓަށް ގެނައުމުގައި ކަމަށެވެ.

ސީޓީ ސްކޭން މެޝިން މިހާރު މާލެ ގެނެސް އެއާޕޯޓްގައި ކްލިއަރެންސް ހެދުމުގެ މަސައްކަތް ކުރިއަށްދާއިރު އަންނަ ހަފްތާގައި ކުޅުދުއްފުއްޓަށް ގެނެވޭވަރުވާނެކަމަށް އުންމީދުކުރައްވާކަމަށް އުސެއިދު ވިދާޅުވި އެވެ. އަދި އެމްއާރުއައި މެޝިން ޑިސެންބަރުމަހު ފަހުކޮޅު ގެނެވޭނެކަމަށް އެމަސައްކަތް ކުރަމުންދާ ޖީއީ ކުންފުންޏާ ހަވާލީދީ އުސެއިދު ވިދާޅުވި އެވެ. އެ މެޝިނަރީތަށް އަންނަވާއިރަށް ބަހައްޓާތަންވެސް މަރާމާތުކޮށް ހުރިހާ ކަމެއްނިމި މިހާރު އެހުރީ ގާތްގަނޑަކަށް އެންމެ ފަހު މަރުހަލާގައި ކަމަށް އުސެއިދު ވިދާޅުވި އެވެ.

އުސެއިދު ވިދާޅުވީ އޮޕަރޭޝަން ތިއޭޓާރ އަޕްގްރޭޑް ކުރަމުން މަސައްކަތް މިހާރުވެސް ކުރިއަށްދާ ކަމަށާއި އަޕްގުރޭޑްކޮށް ނިމޭއިރަށް ޑޮކްޓަރުން ގެންނާނެކަމަށް ނިމްސްއިން އަންގާފައިވާ ކަމަށެވެ. އެކަމަށް ބޭނުންވާނެ ސާމާނު ގެނެސް މިހާރު އޮޕަރޭޝަން ތިއޭޓާގެ ބައެއް ބައޯމެޑިކަލް އިންޖިނިއަރެއް ވަޑައިގެން ބައްލަވާފަ އެ މަދުވާ ތަކެތި ފާހަގަކޮށް އެތަކެތި ގެނައުމުގެ މަސައްކަތްވެސް ކުރިއަށްދާ ކަމަށެވެ.

ޑައިގޮނޮސްޓިކް ޑިޕާޓުމެންޓުގެ ވަރަށް ބޮޑު ބަދަލަކާއެކު ޖެނުއަރީމަހު އަލުން ހުޅުވާ ހިދުމަތް ދޭން ފަށާނެކަމަށް އުސެއިދު ވިދާޅުވި އެވެ. ކުޅުދުއްފުށީ ހޮސްޕިޓާ ތަރައްގީކުރުމުގައި ހެލްތް މިނިސްޓްރީގެ ވަރަށް ބޮޑު އެއްބާރުލުމެއް ލިބޭކަމަށް އޭނާ ވިދާޅުވި އެވެ.

ކުޅުދުއްފުށީ ހޮސްޕިޓާ ރަސްމީކޮށް އިންޑިޔާގެ އެންއައިއައި އާ ހަވާލުކޮށްފި

ކޮންމެ ސަބަބެއް ފަހަތުގައި އޮތްކަމުގައި ވިޔަސް، ހޮސްޕިޓަލުގެ ތަރައްގީ ލަސްވެގެން ދިއުމަކީ އުތުރުގެ އެއްވެސް ރައްޔިތެއް ބޭނުންވާނެ ގޮތެއް ނޫނެވެ. ސަރުކާރާ ވެފައިވާ އެއްބަސްވުމާއެއްގޮތަށް ތަރައްގީ ކުރިއަށް ނުދާނަމަ، ކޮންމެވެސް ބަޔަކު އެވާހަކަ ދައްކަން އެބަޖެހެއެވެ. ސަރުކާރު އެކަންތައް ކައިރިން ބަލައި، ސްޓެޕްއިން ކުރަން ޖެހެއެވެ. ތަރައްގީކުރުމުގެ މަސައްކަތް ލަސްވަނީ ހޮސްޕިޓަލްގެ މެނޭޖްމަންޓް ދޯދިޔާ ވުމުންތޯ، ނޫނީ ހޮސްޕިޓަލް ހިންގުމުގައި އިސްކޮށްހުރި އެންއައިއައިގެ އެމްޑީ ފައިޒަލް ހާންގެ ޒިންމާ އަދާ ނުކުރުމުންތޯ ނުވަތަ އިންޑިއާގެ މައި ކުންފުނިއިން އިންވެސްޓްކުރުމަށް ފަސްޖެހޭތީތޯ ބަލައި، ލަސްނުވަނީސް ފިޔަވަޅުތައް އަޅަންޖެހެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355