twitterviber whatsapp telegramfacebookyoutube instagram
20th April 2024

މަސްތުވާތަކެތި ކޮންޓްރޯލް ކުރުމަށް ކުރާ މަސައްކަތްތަށް އިތުރުކުރަން ޖެހިފައި

Feb 27, 2011

2010 ވަނަ އަހަރު ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަނަށް މަސްތުވާތަކެތީގެ 24 މައްސަލައެއް ހުށަހެޅިފައިވެ އެވެ. ފުލުހުންނަށް ބަލަމުންދާ މަސްތުވާތަކެތީގެ މައްސަލަތަކާއި ގުޅިގެން ޖުމްލަ 15 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. މަސްތުވާތަކެތީގެ މައްސަލަ ބޮޑުވެގެންދާ ތަންތަނުގައި ވައްކަމުގެ މައްސަލަތައްވެސް ގިނަވަމުންދާކަމަށް ކަމާބެހޭ ތަޖުރިބާކާރުން ވިދާޅުވާއިރު، ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަނަށް ހުސްވި އަހަރު ވައްކަމުގެ 185 މައްސަލައެއް ހުށަހެޅިފައިވެއެވެ. ވައްކަމުގެ މައްސަލައާއިގުޅިގެން 18 އަހަރު ނުފުރޭ 02 ކުއްޖަކު ހައްޔަރު ކޮށްފައިވާއިރު ޖުމްލަ 23 މީހުން މިދިޔަ އަހަރު ވައްކަމުގެ މައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

މަސްތުވާތަކެތީގެ މައްސަލަ ހައްލު ކުރުމަށްޓަކައި ގައުމީ ފެންވަރުގަޔާއި ޖަމާއަތުގެ ފެންވަރުގައި ދަނީ ތަފާތު މަސައްކަތްތަކެއް ކުރެވެމުންނެވެ. ގައުމީ މަހާސިންތާތަކާއި އަމިއްލަ ޖަމިއްޔާތަކުން ބާއްވާ ތަފާތު ބައްދަލުވުންތަކުގައި މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމަށް ގިނަ ވާހަކަތަކެއް ދެކެވެއެވެ. މޯލްޑިވްސް ޕޮލިސް ސާރވިސް އާއި މޯލްޑިވްސް ކަސްޓަމްސް ސާރވިސަސް އިން އެތަންތަނުގެ މުވައްޒަފުން ހޭލުންތެރިކުރުވުމަށް ތަފާތު ގިނަ ބައްދަލުވުންތަކެއް ވަނީ ބާއްވާފައެވެ. ހަމަ އެއާއެކު ރައީސް އޮފީހުގައި ނާކޮޓިކްސް ކޮންޓްރޯލް ކައުންސިލެއް ވެސް ވަނީ އުފައްދަވާފައެވެ.

ފުލުހުން ވިދާޅުވަނީ އެބޭފުޅުން ހިންގާ އޮޕަރޭޝަންތަކުގެ ސަބަބުން މިދިޔަ އަހަރު ރާއްޖޭގައި މަސްތުވާތަކެތި ފެތުރުނު މިންވަރު 39 އިންސައްތަ ދަށްވެފައިވާ ކަމަށެވެ. އަދި، ރާއްޖޭގައި މަސްތުވާތަކެތި ދައުރުވި މިންވަރު 50 އިންސައްތައަށް ދަށްކުރެވިފައިވާ ކަމަށެވެ. ހިސާބު ޖެހިގޮތެއް އަދި އަދަދުތައް ނެރުނު ގޮތެއް އެނގެން ނެތްކަމުގައި ވިޔަސް ރަށުތެރެއިން އިވޭ އަޑުތަކުން އަދި ފުލުހުންގެ މީޑިޔާ ރިލީޒްތަކުން އިވޭ އަޑުތަކުން 50 އިންސައްތައިގެ ކުރިއެރުމެއް ހޯދުނު ކަމަށް ގަބޫލުކުރެވޭކަށް ނެތެވެ.

މިސަރުކާރުގެ މަސްތުވާތަކެތި ހުއްޓުވުމުގެ ސިޔާސަތަކީ، ދިވެހިރާއްޖެއަށް ޤާނޫނާއި ހިލާފަށް އެތެރެކުރެވޭ މަސްތުވާތަކެއްޗާއި މަސްތުވާތަކެތީގެ ބާވަތްތައް އެތެރެކުރެވޭ މިންވަރު މަދުކުރުމާއި، މަސްތުވާތަކެއްޗަށް އޮތް ޑިމާންޑް ނައްތާލާ މަސްތުވާތަކެތި ބޭނުންކުރަމުންދާ ހުރިހާ ފަރާތްތަކައް އެކަށީގެންވާ ރަގަޅު ގޮތެއްގައި ފަރުވާ އަދި ރިހެބިލިޓޭޝަން ފުރުޞަތު ލިބޭނެގޮތް ހަމަޖެއްސުމާއި، އަދި ހަރުދަނާ ގޮތެއްގައި ހުރިހާ ފަރާތްތަކުން ގުޅިގެން މަސްތުވާތަކެއްޗާއި ދެކޮޅަށް ޤައުމީ ފެންވަރެއްގައި މަސައްކަތް ކުރުން މިއެވެ.

ސަރުކާރުގެ މި ސިޔާސަތުތައް ތަންފީޛު ކުރުމަށް ކުރާ މަސައްކަތްތައް ދާ ސްޕީޑާ މެދު ވަކި އެއްޗެއް ނުދެންނެވި ކަމުގައި ވީނަމަވެސް، ސަރުކާރާ އަމިއްލަ ޖަމިއްޔާތަކާގުޅިގެން މިހާރަށްވުރެ ބޮޑަށް މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިތިބި ކުދިންނަށް އެހީތެރިވެދޭން ޖެހެއެވެ. އަދި، މަސްތުވާތަކެތި އެތެރެވާ ދޮރުތައް ބަންދުކޮށް، އަލަށް މިވަބާގައި ޖެހެމުންދާ ކުދިންގެ އަދަދު މަދުކުރުމަށް މުހިއްމު މަސައްކަތްތަކެއް ކުރަން މިވަނީ ޖެހިފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355