twitterviber whatsapp telegramfacebookyoutube instagram
25th April 2024

ކުޑަކުދިންގެ ހައްޤުތައް ހިމާޔަތް ކުރުމުގައި ވޮލަންޓިއަރުންގެ ދައުރު ފުޅާކުރަންޖެހޭ

Feb 28, 2011

މުހައްމަދު އިސްމާއިލް

ފާއިތުވި 2010 ވަނަ އަހަރުގެ ތަފާސް ހިސާބުތަކަށް ބަލާއިރު، ކުޑަކުދިންނަށް ޖިންސީ ހާނިއްކަ ކުރުމުގެ 10 މައްސަލައެއް ކުޅުދުއްފުށީގައި ހުންނަ ފެމިލީ އެންޑް ޗިލްޑްރަން ސާރވިސް ސެންޓަރަށް ހުށަހަޅާފައިވެއެވެ. ޖިސްމާނީ ހާނިއްކަ ކުރުމުގެ 01 މައްސަލައާއި ނަފްސާނީ ހާނިއްކަ ކުރުމުގެ 02 މައްސަލައެއް ހުށަހަޅާފައިވެއެވެ. މިމައްސަލަތަކުގެ އަދަދު ނިސްބަތުން ދަށުގައި އުޅުނުކަމުގައި ވިޔަސް، މިއީ ކުޑަކުދިންނާއި ގުޅޭ މައްސަލަތަކެއް ކަމަށް ވުމުން މިކަމުގައި ވަރަށް ސަމާލުވާން ޖެހެއެވެ. ކުޑަކުއްޖެއްގެ މައްސަލަ ގިނަ ފަހަރު އެ ސެންޓަރާ ހަމައަށް ދަނީ ކޮންމެވެސް ބޮޑު މީހެއްގެ އެހީގައި ކަމަށް ވެފައި، އާއިލާގެ ބޮޑު ސިއްރެއްގެ ގޮތުގައި ފޮރިވޮފައިވާ ކިތައް މައްސަލަ އޮވެދާނެކަމާމެދު ވިސްނަންޖެހެއެވެ.

ކުޑަކުދިން ގާނޫނާ ގަވާއިދާ ހިލާފުވުމުގެ 07 މައްސަލައެއް ކުޅުދުއްފުށީގައި ހުންނަ ފެމިލީ އެންޑް ޗިލްޑްރަން ސާރވިސް ސެންޓަރަށް ހުށަހަޅާފައިވެއެވެ. އޭގެ ތެރޭގައި މާރާމާރީ ހިންގުމުގެ 03 މައްސަލައަކާއި ބަދުއަހުލާގީ 01 މައްސަލަ ހިމެނެއެވެ. މިފަދަ ކަންތައްތައް އުމުރުން 18 އަހަރުނުވާ ކުދިން ކުރަމުން ގެންދާއިރު އެކުދިންގެ ބެލެނިވެރިންގެ ޒިންމާ މިކަމުގައި އޮތީ ކިހާމިންވަރަކަށްތޯ ބަލަންޖެހެއެވެ. ބެލެނިވެރިންނަށް ކުދިން ނުހިފެހެއްޓި މުޖުތަމައު ތެރެއަށް ދޫވެގެން ދިއުމުން އެކުދިން އެންމެ ފުރަތަމަ ގުޅޭނެ ބަޔަކީ، ހަމަ އެބީދައިން މަގުމަތީގައި ގިނަވެގެން އުޅޭ މީހުން ކަން ބޮޑެތި މީހުން ދަންނަންޖެހެއެވެ. ތަރުބިއްޔަތު ހެޔޮގޮތުގައި ދެވިއްޖެނަމަ އުމުރުން 18 އަހަރު ވިޔަސް އަދި 30 އަހަރުވިޔަސް މައިންބަފައިންގެ ބަސް އަހާނެކަން ކަށަވަރެވެ.

ކުޑަކުދިންގެ ތައުލީމާ ގުޅޭ 15 މައްސަލައެއް ފާއިތުވެދިޔަ އަހަރު ކުޅުދުއްފުށީ ފެމިލީ އެންޑް ޗިލްޑްރަން ސާރވިސް ސެންޓަރުން ބަލާފައިވެއެވެ. އެގޮތުން ކުދިން ސްކޫލަށް ނުފޮނުވާ ނުވަތަ ކުދިން ސްކޫލަށް ނުދާ 9 މައްސަލައެއް ހުށަހެޅިފައިވާއިރު އެސެންޓަރަށް ހުށަހެޅުނު މައްސަލަތަކުގައި އުޅޭ ކުދިންގެ އެވްރެޖް އުމުރަކީ 13 އަހަރެވެ. މާނައަކީ، ތައުލީމުގެ އެންމެ މުހިއްމު ބިންގާ އެޅިގެންދާ ދުވަސްވަރު ބެލެނިވެރިންގެ އިހުމާލުންވިޔަސް ނުވަތަ އެނޫން ކަމަކާއި ގުޅިގެން ވިޔަސް ކުޑަކުއްޖާއަށް ލިބިގެންވާ ތައުލީމު ހޯދުމުގެ ހައްގުން އެކުއްޖާ މަހްރޫމް ވެގެންދާ ކަމެވެ. އޭގެ އިތުރުން ސްކޫލުތެރޭގައި އަހްލާގީ ގޮތުން ދަށް އަމަލު ހިންގުމާއި ހަނގާކުރުމުގެ 05 މައްސަލައެއް އެސެންޓަރަށް މިދިޔަ އަހަރު ރިކޯޑް ކުރެވިފައި ވެއެވެ.

ހުސްވި އަހަރު ކުޑަކުދިން ހިމާޔަތް ކުރުމަށްޓަކައި ހޭލުންތެރިކަން އިތުރުކުރުމަށް ޕްރޮގްރާމްތަކެއް ހިންގި ކަމަށާއި އަދި ބެލެނިވެރިންނަށް އަމާޒުކޮށްގެން ޕޭރޭންޓް ސްކިލްސްގެ ޕްރޮގުރާމްތައް ރާވައި ހިންގަމުންދާކަމަށް އެސެންޓަރުން މައުލޫމާތު ދެއެވެ. އޭގެއިތުރުން ކުޑަކުދިންނާއި އާއިލާއާ ގުޅޭ މައްސަލަތަކުގައި ކައުންސިލިންގް ދިނުމާއި އެކުދިންނަށް ނަފްސާނީ ގޮތުން ފޯރުކޮށްދޭންޖެހޭ އެހީތެރިކަން އެސެންޓަރުގެ ފަރާތުން ދެމުން ގެންދާކަމަށް އެބޭފުޅުން ވިދާޅުވެއެވެ.

މިބާވަތުގެ މައްސަލަތައް މަދު ކުރުމަށް މުޖުތަމައުގެ އެންމެން ގުޅިގެން މަސައްކަތް ކުރަންޖެހޭކަމަށް ފެމިލީ އެންޑް ޗިލްޑްރަން ސާރވިސް ސެންޓަރުގެ ސޯޝަލް ސާރވިސް އޮފިސަރ އިބްރާހީމް ޝަރީފް ވިދާޅުވިއެވެ. އަދި އެސެންޓަރުން ކުޑަކުދިންނަށް ހާއްސަކޮށް ހިންގާ ޕްރޮގްރާމުތަކުގައި ޖަމާއަތްތަކުން އެހީތެރިކަން ފޯރުކޮށްދެވިދާނެކަމަށާއި އެފަދަ ފަރާތްތަކުގެ އެހީ އެ ސެންޓަރަށް ވަރަށް ބޮޑަށް ބޭނުންވާކަމަށް އިބްރާހީމް ޝަރީފް މައުލޫމާތު ދެއެވެ. އަދި އެސެންޓަރާއި ގުޅިގެން ވޮލަންޓިއަރ ކޮށް މަސައްކަތް ކޮށްދޭން ތިބީ ކޮންބައެއްކަން ބަލަން އެތަނުން ބޭނުންވާކަމަށް ޝަރީފް ވިދާޅުވިއެވެ.

ކުޅުދުއްފުށީގައި އެކަށީގެންވާ އަދަދަކަށް، ކުޅުދުއްފުށީގެ ތަރައްގީ އަށް މަސައްކަތްކޮށްދިނުމުގެ ނަމުގައި އުފައްދާފައިވާ ޖަމިއްޔާތަކެއް ހިންގަމުންދެއެވެ. މިފަދަ ޖަމިއްޔާތަކުން ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކުން ފަންނީ އެހީ ހޯދައިގެން އަމިއްލަ އަށް ވެސް މިފަދަ ޕްރޮގްރާމްތައް ހިންގުމަކީ، ކުޅުދުއްފުށީގެ ތަރައްޤީއަށްޓަކައި ކުރަންޖެހިފައިވާ ކަމެކެވެ. ތަރައްޤީގެ މާނައަކީ، ހަމައެކަނި އުމުރާނީ ތަރައްޤީކަމަށް ބަލައިގެންތިބެ ގައުމުގެ ކުރިމަގު ކަމުގައިވާ ކުޑަކުދިންގެ މައްސަލަތައް ހައްލުނުވެ އިތުރުވަމުންދާ ތަން ބަލަން ތިބުމަކީ ކަންބޮޑުވާންޖެހޭ ކަމެކެވެ. ބައެއް ޖަމިއްޔާތަކުން އިޖްތިމާއީ ތަރައްޤީ އަށް މުހިއްމު މަސައްކަތްތަކެއް މަދުން ނަމަވެސް ކުރަމުންދާކަން ފާހަގުކުރާ ހާލު، ގިނަ ޖަމިއްޔާތައް މިފަދަ ކަންކަމުގައި ހިމޭނުން އޮންނަކަން ފާހަގަ ކުރެވެއެވެ. އަދި ޖަމިއްޔާތަކުގެ އިތުރުންވެސް އަމިއްލަ ފަރުދުންނަށްވެސް، ކަމާބެހޭ މުއައްސަސާތަކާ ގުޅިގެން މަސައްކަތްތަކެއް ކުރެވިދާނެކަން ގަބޫލުކޮށް އެފަދަ ކަންކަމުގައި އިސްނެގުމަކީ، ތަހުޒީބު މުޖުތަމައެއް ބިނާކުރުމަށް ކުރަންޖެހިފައިވާ މުހިއްމު ބޮޑު މަސައްކަތެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355