twitterviber whatsapp telegramfacebookyoutube instagram
27th April 2024

ކުޅުދުއްފުށީގެ ޒުވާނުން ގައުމީ ފުޓުބޯޅައިގެ މައިދާނުން ނުފެންނަނީ ކީއްވެ؟

Mar 2, 2011

ރާއްޖޭގެ ފުރަތަމަ ޑިވިޝަނުން ނުވަތަ ގައުމީ ފެންވަރުުގައި ފުޓުބޯޅަ ކުޅޭ ކުޅުންތެރިންގެ ތެރޭގައި ރާއްޖޭގެ އެންމެ އާބާދީ ބޮޑު އެއް ރަށް ކަމުގައިވާ ކުޅުދުއްފުށީގެ ކުޅުންތެރިއެއް ނުފެންނަކަމުގެ ވާހަކަ އަކީ އާ ވާހަކައެއް ނޫނެވެ. ފުރަތަމަ ޑިވިޝަންގެ ކޯޗުންނާއި މާލޭގައި ފުރަތަމަ ޑިވިޝަނުގައި ކުޅޭ ކުޅުންތެރިންގެ ފަރާތުންވެސް އެ އަޑު އިވިފައިވެއެވެ. މީގެ ދެ ހަފުތާ ކުރިން ވިކްޓްރީ ސްޕޯޓްސް ކްލަބް ކުޅުދުއްފުށްޓަށް ކުރި ޒިޔާރަތުގައި އެ ޓީމުގެ ކޯޗް އަލީ ސުޒޭން ވެސް ވަނީ އެ މޭރުމުން ވާހަކަދައްކަވާފައެވެ.

ކުޅުދުއްފުށީގައި ފުޓުބޯޅަ ކުރިއަރަަމުން ނުދާކަމަށް ބައެއް ފަރާތްތަކުން ގަބޫލު ކުރާއިރު، އަދި ކުޅުދުއްފުށީގައި އާ ކުޅުންތެރިން އުފެދެމުން ނުދާކަމަށް ފުޓްބޯޅައިގެ ތެރޭގައި އުޅޭ ބައެއް މީހުން ބުނަމުންދާއިރު ކުޅުދުއްފުށީގެ ފުޓްބޯޅަ ކުޅުންތެރިންގެ ބަސް މިކަމުގައި ހޯދާލުމަކީ މުހިއްމު ކަމެއްކަމަށް ދެކެމެވެ.

1991 ވަނަ އަހަރުން ފެށިގެން ފުޓްބޯޅަ ދަނޑުގައި ވިދަމުންއައި އެހެންނަމަވެސް ފަހުން ކަކުލަށް ލިބުނު އަނިޔާއަކާއި ގުޅިގެން ކުޅުން ހުއްޓާލާފައިވާ ކުޅުދުއްފުށީގެ މަޝްހޫރު ގޯލް ކީޕަރ ސައުދުގެ ހިޔާލުގައި ކުޅުދުއްފުށީގައި އާ ކުޅުންތެރިންތަކެއް ދަނީ އުފެދެމުންނެވެ. އެހެންނަމަވެސް، ކުޅުދުއްފުށީގައި ފުޓްބޯޅަ ކުޅޭ ކުޅުންތެރިން މާލޭގެ ޓީމުތަކުން ނުފެންނަ މައްސަލައިގައި ސައުދުގެ ހިޔާލު ވަރަށް ތަފާތެވެ. ސައުދު ދެކޭގޮތުގައި ކުޅުދުއްފުށީގެ ކުޅުންތެރިން މާލޭގެ ޓީމުތަކުން ނުފެންނަ މައިގަނޑު ސަބަބަކީ، ހަމައެކަނި ފުޓުބޯޅަ ކުޅެން މާލެ ގޮސް ނުހުރެވުމެވެ.

ކުޅުދުއްފުށީގައި ހުރެގެން ވަޒީފާ އަދާކުރުމުގެ ފުރުޞަތު އޮވެފައި، ލިބޭ ކުޑަ މުސާރައަކަށް މާލޭގައި ހުރެގެން ފުޓްބޯޅަ ކުޅެން ރަށުގެ ޒުވާނުން ބޭނުންނުވަނީ އެވެ.

ފުޓްބޯޅައިގެ ތެރޭގައި “ބޮޑު ސޯޅަ” ގެ ނަމުން މަޝްހޫރުވެފައިވާ މުހައްމަދު އަލީގެ ވިސްނުންވެސް ސައުދުގެ ވިސްނުމާ ވަރަށް އެއްގޮތެވެ. މުހައްމަދު އަލީވެސް ވިދާޅުވަނީ ކުޅުދުއްފުށީގައި މޮޅެތި ކުޅުންތެރިން އުފެދެމުންދާކަމަށާއި، ކުޅުދުއްފުށިން ވަޒީފާ ލިބޭތީ ކުޅުންތެރިން މާލެގޮސް ނުކުޅެނީ ކަމަށެވެ. މުހައްމަދު އަލީގެ ނަޒަރުގައި ވިކްޓްރީގެ ކުޅުންތެރިންނާ އެއް ފެންވަރެއްގެ ކުޅުންތެރިންވެސް ކުޅުދުއްފުށީގައި އެބައުޅެއެވެ. އޭގެ ހެއްކެއްކަމުގައި އޭނާ ވިދާޅުވީ މީގެ ހައެއްކަ އަހަރު ކުރިން 19 އަހަރުން ދަށުގެ ގައުމީ ޓީމް ކުޅުދުއްފުއްޓަށް އައުމުން 10 ދުވަހުގެ ޕްރެކްޓިހަށްފަހު ރާއްޖޭގެ 19 އަހަރުން ދަށުގެ ޓީމާކުޅެ ކުޅުދުއްފުށިން ހޮވާލެވުނު 19 އަހަރުން ދަށުގެ ކުޅުންތެރިންގެ މައްޗަށް އެކުލަވާލެވުނު ޓީމު މޮޅުވެފައި ވުމެވެ. އަދި ކުޅުދުއްފުށީ ކުޅުންތެރިންވެސް މާލެ ގޮސް 2 މަސް ނުވަތަ 3 މަސް ދުވަސް ޕްރެކްޓިހަށްފަހު ފުރަތަމަ ޑިވިޝަނުގެ ކުޅުންތެރިންނާއި އެއް ފެންވަރެއްގައި ކުޅެވިދާނެ ކުޅުންތެރިން އެބަތިބި ކަމަށެވެ.

މިހާރުވެސް ފުޓްބޯޅަ ކުޅެމުން އަންނަ މަޝްހޫރު ކުޅުންތެރިޔާ އިބްރާހީމް ޙަސަން (ކުޑައިއްބެ) އާ ވާހަކަ ދައްކާލުމުން ތަފާތު ހިޔާލެއް ލިބުނެވެ. ކުޑައިއްބެގެ ނަޒަރުގައި ރަނގަޅު ޓީމެއް އެކުލަވާނުލެވުމުގެ އެއް ސަބަބަކީ ރަށުގައި ގިނަ ދަނޑުތަކެއްގައި ކުޅޭ ކުޅުންތެރިން އެކުނުލެވުމުގެ މައްސަލަކަމަށެވެ. އަދި، ހުރިހާ ކުޅުންތެރިންގެ ވިސްނުން ފުޓްސަލް ނުވަތަ ސިކްސް އަ ސައިޑް ކަޕަށް ބަދަލުވުމުން ބޮޑު ދަނޑުގައި 11 މީހުން ކުޅޭ ގޭމް ކުޅެން އުނދަގޫވާނެ ކަމަށް ކުޑަ އިއްބެ ގަބޫލުކުރެއެވެ.

ކުޅުދުއްފުށީގެ ފުޓްބޯޅަ ކުރިއަރަމުން ނުދާކަމަށް ކުޅުދުއްފުށީގެ “މުސްކުޅި” ކުޅުންތެރިން އެއްބަހެއް ނުވެއެވެ. ޒުވާން ކުޅުންތެރިއެއް ނަން ހާމަ ނުކުރުމަށްއެދި ބުނެފައިވަނީ، ކުޅުދުއްފުށީގައި އާ ކުޅުންތެރިންތަކެއް އުފެދެމުން ދިޔަ ނަމަވެސް، ވާދަވެރި މެޗުތަކެއް ކުޅެން ނުލިބި ގިނަ ދުވަސް ވެގެން ދިޔުމަކީ، ގޭމް ކުޅެން އުނދަގުވާ ސަބަބެއްކަމަށެވެ. މާލެ ގޮސް ފުޓްބޯޅަ ނުކުޅެނީ ކީއްވެތޯ ސުވާލު ކުރުމުން ޖަވާބުގައި ބުނެފައިވަނީ ކުޅުދުއްފުށިން ހުރިހާ ހިދުމަތެއް ލިބެން ހުރެފައި އަދި ކުޅުދުއްފުށީގައި ވަޒީފާ އަދާކުރުމުގެ ފުރުޞަތު އޮތްއިރު، މާލޭގައި ބޮޑު ކުއްޔެއް ދީގެން ފުޓްބޯޅަ ކުޅުމަކީ، ދުރު މުސްތަގުބަލަށް ވިސްނާއިރު ފައިދާއެއް އޮތް ކަމެއް ނޫންކަމަށެވެ.

ކުޅުދުއްފުށީގެ މިހާރު އެންމެ ވިދަމުން އަންނަ ކުޅުންތެރިން ބޭނުންވަނީ، މިފަހަރު ވިކްޓްރީ އާއި ދެކޮޅަށް ކުޅުނު ޓީމު އެގޮތުގައި ބާއްވައިގެން މަހަކު 02 ފަހަރު ނަމަވެސް އެޓީމު އެއްކޮށް ޕްރެކްޓިސް ކުރުމަށެވެ. އަދި، އަތޮޅާއި ޒޯން ފެންވަރުގެ މުބާރާތެއް ކުޅުދުއްފުށީގައި ނުބާއްވާތާ ދެއަހަރަށްވުރެ ގިނަ ދުވަސްވެފައި ވާކަމަށާއި ޕްރޮވިންސް ލެވެލްގެ މުބާރާތްތަކެއް އެފްއޭއެމް އިން ރާވާ އިންތިޒާމު ކުރުމުކީ މިވަގުތު ވަރަށް މުހިއްމު ކަމެއް ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355