twitterviber whatsapp telegramfacebookyoutube instagram
19th April 2024

ކޮންމެ ކަމެއްގައި ޝަރުޢީ ހުކުމަކާ ހަމައަށް ދާންޖެހޭ ހެއްޔެވެ؟

Mar 6, 2011

މުހައްމަދު އިސްމާއިލް

ޤާނޫނުގައި ވަކިކަމެއް ކުރަންވީގޮތް ސާފުކޮށް ބަޔާންކޮށްދީފައިވާ ކަންކަން ހުރެއެވެ. ގާނޫނުތަކަކީ އިންސާނުން ހަދާ އެއްޗަކަށްވާތީ ބައެއް ފަހަރު ގާނޫނުގެ މާއްދާތައް ފުށުއެރުމާއި، އެގާނޫނަކަށް އަމަލުކުރަން ފެށްޓުމުން ދެން ދިމާވާ މައްސަލަތަކަށް ގާނޫނުގެ ތެރެއިން ހައްލު ނުހޯދޭ ފަދަ ހާލަތްތައް މެދުވެރިވުމަކީ ދިމާވެދާނެކަމެކެވެ. ގާނޫނުއަސާސީ އާއި ގާނޫނު ތަރުޖަމާ ކުރުމުގެ ބާރު ލިބިދީފައިވަނީ، ހަމައެކަނި ގާނޫނުން އުފައްދާފައިވާ ކޯޓުތަކަށެވެ. ގާނޫނުތައް ތަރުޖަމާ ކުރަންޖެހިއްޖެ ހާލަތެއްގައި ކޯޓުތަކަށް ދިޔަނަމަވެސް، ސިޔާސީ ގޮތުން ހިޔާލުތަފާތުވާ ކޮންމެ މައްސަލައެއްގެ ނިމުން ފަނޑިޔާރުގެއިން ނެރެން ޖެހުމަކީ، އަދި އެންމެ ރަނގަޅު ގޮތެއް ނޫނެވެ.

ލާމަރުކަޒީ އުޞޫލުން ރާއްޖޭގެ އިދާރީ ދާއިރާތައް ހިންގަންޖެހޭކަން އެނގެނީ ގާނޫނުއަސާސީންނެވެ. އެގާނޫނުއަސާސީގައި އެބީދައިން ގައުމު ހިންގުމަށްޓަކައި ކުރާންޖެހޭ ގިނަ ކަންތައްތަކެއް ކުރުމަށް ބަޔާންކޮށްފައިއެވެ. އޭގެފަހުން ލާމަރުކަޒީ ގާނޫނު ރައްޔިތުންގެ މަޖިލީހުން ފާސްކޮށް ރައީސުލްޖުމުހޫރިއްޔާ އެގާނޫނު ވަނީ ތަސްދީގު ކުރައްވާފައެވެ. ގާނޫނުގައި ބުނާ ކައުންސިލްތަކަށް މެމްބަރުން އިންތިހާބުކޮށް، ގާނޫނުގައި ބުނާ ކައުންސިލްތަކުގެ މަސައްކަތް ފެށި ފުރަތަމަ ދުވަހުން ފެށިގެން މިވީ ކުޑަ މުއްދަތުގެ ތެރޭގައި ފެނިގެން ދިޔައީ ގާނޫނުގައި ސާފުކޮށް ބަޔާންކޮށްފައިވާ ކަމެއްގައި ފަނޑިޔާރުގެތަކާ ހިސާބަށް މައްސަލަ ދިއުމެވެ. އެގްޒެކެޓިވް ބްރާންޗްގެ ތެރޭގައި ހައްލުނުކުރެވޭ ވަރުގެ މައްސަލައެއް ކަމަށްވެ ކަންނިމިގެންދިޔައީ ދަށުކޯޓުން ކުރި ދެ އަމުރަށް ހައިކޯޓުން ތާއީދުކޮށް، އަދި ދަށު ކޯޓުން ނެރުނު އަމުރާ ތައާރަޒުވާ ގޮތަށް ހަމަ އެފަންތީގެ އެހެން ދެކޯޓަކުން ނެރުނު އަމުރު ސްޕްރީމްކޯޓުން ބާތިލު ކުރި ހިސާބުންނެވެ.

މައްސަލަ ވަރަށް ސާފެވެ. ލާމަރުކަޒީ ގާނޫނުގެ 127 ވަނަ މާއްދާގައި ބުނަނީ ކޮންމެ ކައުންސިލެއްގެ އިދާރާއެއް ރައީސުލްޖުމުހޫރިއްޔާ ޤާއިމުކުރަންވާނެކަމަށެވެ. ކައުންސިލްތަކުގެ އިދާރާ ގާއިމުކުރުމަކީ ރައީސުލްޖުމުހޫރިއްޔާ އަށް ލާޒިމުކޮށްފައިވާ ކަމެކެވެ. ކޮންމެ ރަށެއްގައި ރަށުކައުންސިލެއް އަދި އަތޮޅެއްގައި އަތޮޅު ކައުންސިލެއް އަދި ސިޓީގެ ދަރަޖަ ލިބޭ ތަންތަނުގައި ސިޓީ ކައުންސިލެއް އުފެއްދުމަކީވެސް ރައީސުލްޖުމުހޫރިއްޔާ އަށް މިގާނޫނުން ލާޒިމު ކުރާކަމެކެވެ. އެހެންނަމަވެސް އެކައުންސިލްތައް އުފެއްދޭނީ އެ ގާނޫނުގައި ބުނާ ގޮތަށެވެ. ކައުންސިލްތައް އުފައްދާ އެތަންތަނަށް މެމްބަރުން އިންތިހާބުކުރަންޖެހެނީވެސް ގާނޫނުގައި ބުނާ ގޮތަކަށެވެ. އެގޮތުން ކައުންސިލްތަކުގެ އިދާރާ އުފައްދަވަންވީގޮތް އެގާނޫނުގައި ބުނެދީފައިވެއެވެ. ރައީސުލްޖުމުހޫރިއްޔާއަށް ލާޒިމުވެގެންވަނީ ގާނޫނުގައި ބުނާ ގޮތަށް އިދާރާތައް އުފެއްދުމެވެ. ރަށު ކައުންސިލްގެ އިދާރާއަކީ 2008 އޮގަސްޓް 07 ވަނަ ދުވަހު އެރަށްރަށުގައި ރަށު އޮފީސް ހިންގަމުން އައި ތަންކަމަށާއި އަތޮޅު ކައުންސިލްގެ އިދާރާއަކީ ވެސް ހަމަ އެތާރީހުގައި އަތޮޅު އޮފީސް ހިންގަމުން އައި އިދާރާކަމަށް ގާނޫނުގައި ބުނެފައިވެއެވެ. އެނޫން ހާލަތެއްގައި އިދާރާ ކަނޑައެޅޭނީ އެހެން ގާނޫނަކުން އެފަދަ އިދާރާއެއް ކަނޑައެޅުމަށް ވަކި ތަނެއް ބުނެފައިވާނަމަ އެތަނެއްގައި ކަމަށްވެސް އެގާނޫނުގައި ވެއެވެ.

ގާނޫނީ ވަކީލުން ދެކޭ ގޮތުގައި މިފަދަ އާދައިގެ ހައްލުކުރަން ފަސޭހަ މައްސަލަތަކާއި، ސިޔާސީ ޕާޓީތަކުން ސިޔާސީ ރޫހުގައި ދެބައެއްގެ ދޭތެރޭ އުފައްދާ މައްސަލަތަައް އަބަދުމެ ކޯޓުތަކާ ހިސާބަށް ގެންދިއުމަކީ އަދުލު އިންސާފުގެ ދާއިރާއަށް ގެއްލުންތަކެއް ވާނެ ކަންތައްތަކެވެ. ވެރިކަމުގެ ބާރުން މަޝްވަރާކުރުމުގެ ރިވެތި އުޞޫލުތައް ދޫކޮށް ކޮންމެ ކަމެއްގައި ފަނޑިޔާރުގެ އިހުތިޔާރު ކުރުމަކީ، އެތަންތަނުން އާންމު ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ މަސައްކަތްތަކަށް ބުރޫއަރާނެކަމެއްކަމަށް އެފަދަ ފަރާތްތަކުން ދެކެއެވެ.

ގިނަ ސިޔާސީ ޕާޓީ އެކުލެވޭ ވެރިކަމުގެ ނިޒާމެއް ރާއްޖެއަށް ތައާރަފުވެގެން މިދިޔަ ދުވަސްވަރުގައި، ކޯޓުތަކުގެ ބޭނުން ހިފުމަށްވުރެ މަޝްވަރާކޮށްގެން މެދުމިނުގެ ހައްލެއް ގިނަ ކަންކަމުގައި ހޯދިދާނެކަމަށް ތަޖުރިބާކާރުން ވިދާޅުވެއެވެ. އިދާރީ ދާއިރާތައް ލާމަރުކަޒު ކުރުމުގައި އެންމެ އިސްކޮށް އުޅުއްވި ބޭފުޅުންގެ ތެރޭގައި ހިމެނޭ ސަލްމާ ފިކުރީގެ ހިޔާލު ހުރީވެސް މަޝްވަރާކޮށްގެން ކަންކަން ނިންމުމުގެ މައްޗަށެވެ. ލާމަރުކަޒީ ދާއިރާއިން ތައުލީމު ހާސިލުކޮށްފައިވާ ނަޒީފުގެ ވިސްނުންވެސް ހުރީ ދައުލަތުގެ ނުވަތަ ރައްޔިތުންގެ ކަންކަމުގައި ސިޔާސީ ވާދަވެރިކަން ދޫކޮށް ވާހަކަ ދެކެވިގެން މެދުމިނުގެ ހައްލެއް ގަނައުމުގެ މައްޗަށެވެ. ގާނޫނީ ވަކީލުންނާއި އިޖްތިމާއީ ދާއިރާގައި ހިދުމަތް ކުރާ ގިނަ މީސްމީހުންގެ ވިސްނުން މިގޮތަށް ހުރިއިރު އިދިކޮޅު ފަރާތްތަކުންނާއި ސަރުކާރުގެ ފަރާތުން ރައްޔިތުންގެ ކަންކަމުގައި “ހަނގުރާމަ” ފެށުމަކީ ޑިމޮކްރަސީގެ “މަތިވެރި އުޞޫލު” ތަކާއި ހިލާފު ކަމެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355