ޑަބްލިއު ސްޕޯޓް އެކަޑަމީން ގެ ފަރާތުން މިއަދު ކުޅުދުއްފުށީގައި ބޭއްވި ދުވުމުން އެއްވަނަ ހުސެއިން ރިޒާ ހޯދައިފި އެވެ.
ރިޒާ އެއްވަނަ ހޯދީ ޖުލްމަ 179 ބައިވެރިންނާ ވާދަކޮށް 17 މިނެޓް 56 ސިކުންތުން ދުވުން ފުރިހަމަކޮށްގެންނެވެ.
4 ކެޓަގަރީއަކަށް ބަހާލައިގެން ކުރިއަށް ގެންދިޔަ މި ދުވުމުގައި ބައިވެރިން ދުވެފައިވަނީ 5 ކިލޯ މީޓަރަށެވެ. އަމީނީމަގު ފެހިދޫލަ ފިހާރަ ކައިރިން ފެށި މި ދުވުުން ނިންމާފައިވަނީ ސްޓޭޑިއަމް ދެކުނު ކަންމައްޗަށެވެ.
އެގޮތުން ދުވުން ބަހާލެވިފައިވާ 4 ކެޓަގަރީ އަކީ 20 އަހަރުން ދަށް އަންހެން އަދި ފިރިހެން، 21 އަހަރުން މަތީގެ އަންހެން އަދި ފިރިހެނުންގެ ކެޓަގަރީ އެވެ. ކޮންމެ ކެޓަގަރީއަކުން އެއްވަނަ، ދެވަނަ އަދި ތިން ވަނަ ވަނީ ހޮވާފައެވެ.
20 އަހަރުން ދަށް އަންހެން:
– 1 ވަނަ: ރިފާ މުހައްމަދު (ދުވުން ނިންމާފައިވަނީ 24 މިނެޓް 32 ސިކުންތުން)
– 2 ވަނަ: ސަންހާ ސިރާޖް
– 3 ވަނަ: ސައިހާ ރަޝީދު
20 އަހަރުން ދަށް ފިރިހެން:
– 1 ޒާމް އަލީ ( ދުވުން ނިންމާފައިވަނީ 20 މިނެޓް 24 ސިކުންތުން)
– 2 ވަނަ: މުހައްމަދު ޒަކަރިއްޔާ
– 3 ވަނަ: އަހުމަދު ޝާހިމް ބަޝީރު
21 އަހަރުން މަތި އަންހެން:
– 1 ވަނަ: ރިޝްފާ މުހައްމަދު
– 2 ވަނަ: ޝަހީދާ ޖައުފަރު
– 3 ވަނަ: ސުދާ އިބްރާހިމް
21 އަަހަރުން މަތި ފިރިހެން:
– 1 ވަނަ: ހުސެއިން ރިޒާ ( ދުވުން ނިންމާފައިވަނީ 17 މިނެޓް 56 ސިކުންތުން)
– 2 ވަނަ: ހުސެއިން އަހުމަދު
– 3 ވަނަ” ސިރާޖް އަބްދުލް ވާހިދު
މިއިން ކޮންމެ ކެޓަގަރީއަކުން އެއްވަނަ އަށް ދިޔަ ފަރާތައް ވަނީ ނޭޝަނަލް އެތްލެޓިކްސް ޗެމްޕިއަންޝިޕްގައި ބައިވެރިވުމުގެ ފުރުސަތު ލިބިފަ އެވެ.
މި ދުވުން ހާއްސަކޮށްފައިވަނީ ލޭ ހަދިޔާކޮށްދޭ ފަރާތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުންނެވެ. އެގޮތުން ދުވުމުގެ ޝަރަފުވެރި މެހެމާނުންގެ ގޮތުގައި ހަމަޖެހިފައިވަނީ ތެލަސީމިއާ ކުދިންނެވެ. އެއީ ކުޅުދުއްފުށިން 5 ކުދިންނާއި، ނޭކުރެންދޫގެ 1 ކުއްޖަކާއި، ހަނިމާދޫ އިން 2 ކުދިންނާއި އަދި ނޮޅިވަރަމްއިން 1 ކުއްޖެކެވެ.
އެގޮތުން 2017 ވަނަ އަހަރު ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް އެންމެ ގިނައިން ލޭ ހަދިޔާ ކޮށްފައިވާ 3 ފަރާތަށް އެކަމުގެ އަގު ވަޒަންކޮށް ވަނީ ހަނދާނީ ފިލައެއް އަރުވާފަ އެވެ.
މިދިޔަ އަހަރު އެންމެ ގިނައިން ލޭ ހަދިޔާ ކޮށްފައިވަނީ:
– ޚާލިދް ގާސިމް، ކަރިންމަ / ހދ ކުޅުދުއްފުށި
– މުހައްމަދު ގާސިމް ކަރިންމަ / ހދ ކުޅުދުއްފުށި
– އަދި އަބްދުލްސަލާމް އާދަމް، މެޑަލްމާގެ / ހދ ކުޅުދުއްފުށި
މި އަހަރުގެ މި ދުވުމުގެ މަގުސަދަކީ ވާދަވެރި މުޖުތަމައެއްގައި، ހުރިހާ އުމުރެއްގެ އަދި ހުރިހާ ފަންތިއެއްގެ ބޭފުޅުން ޝާމިލްވާ ގޮތުގެ މަތިން ދުވުމާއި ކަސްރަތުގެ ތެރެއިން ގިނަ ބައެއްގެ ނަފްސާނީ އަދި ސިއްހީ ދުޅަހެޔޮކަން އިތުރުކުރުމަށާއި ލޭ ހަދިޔާ ކުރާ ފަރާތްތައް އިތުރުކޮށް އެކަމުގެ ހޭލުންތެރިކަން އިތުރުކުރުމާއި ލޭހަދިޔާ ކުރުމަށް ބާރު އެޅުމުގެ ގޮތުން ބޭއްވި ދުވުމެކެވެ.
މޭޑް ރަނާސްއާ ގުޅިގެން ބާއްވާ މިދުވުން ކޮންމެ އަހަރަކުވެސް ބާއްވާގޮތަށް ހަމަޖެހިފައިވާ ކަމަށް ޑަބްލިއު ސްޕޯޓް އެކަޑަމީން މައުލޫމާތު ދެއެވެ. އަދި އަންނަ އަހަރުގެ ދުވުން ހާއްސަ ވާތީ ތަފާތު ކަމަކަށް ކަމަށްވެސް އެފަރާތުން މައުލޫމާތު ދެއެވެ.