twitterviber whatsapp telegramfacebookyoutube instagram
19th April 2024

ކަށިބޯތަކެއް ނައްތާލައި، ފަރުތައް ހިމާޔަތްކުރުމުގައި ޒުވާނުންތަކެއް ނަމޫނާ ދައްކައިފި

Jan 9, 2018

ރާއްޖެ ކަހަލަ ޖަޒީރާ ގައުމަކަށް ފަރުތަކަކީ ވަރަށް މުހިންމު ތަނެކެވެ. ނަމަވެސް ފަރުތައް ހިމާޔާތްކުރުމަށް ރާއްޖެއަކުން މާބޮޑު މަސައްކަތްތަކެއް ކުރާތަނެއް ނުފެނެ އެވެ. އިންސާނުންގެ އަމަލުތަކުގެ ސަބަބުން ފަރުތަކަށް ގެއްލުންވާއިރު ގުދުރަތީ ނިޒާމްގެ ތެރެއިންވެސް ފަރުތަކަށް ދަނީ ގެއްލުންވަމުންނެވެ. އެގޮތުން ކަށިބޮލަކީ މުރަކަ ތަކަށާއި ފަރުގެ ދިރުންތަކަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ދޭ އެއްޗެކެވެ.

ރާއްޖޭގެ ނާޒުކު ރަށްތަކުގެ ފަރުތަކުން ގިނަ އަދަދަށް ދަނީ ކަށިބޯ ފެންނަމުންނެވެ. ކަށިބޯ ފަރުތަކުގައި ގިނަވެފައިވަނީ ތަފާތު ބޭނުންތަކަށް ގިނަ އަދަދަކަށް ސަންގު ފަރުތަކުން ނެގުމުގެ ސަބަބުންނެވެ. ސަންގުގެ ކާނާއަކީ ކަށިބޯ އެވެ.

ކުޅުދުއްފުށީގެ ޒުވާނުންތަކެއް އިސްނަގައިގެން މިވަނީ ފަރުން ގިނަ އަދަދެއްގެ ކަށިބޯތަކެއް ނަގައި އެ ނައްތާލާފަ އެވެ. މިކަމުގެ އިސްކޮށް ހަރަކާތްތެރިވެފައިވަނީ ރެއިޑް ފްރީ ޑައިވިންގ އެސޯސިއެޝަންގެ މެމްބަރެއްކަމަށްވާ މުއާވިޔަތު އައްބާސް އެވެ. މުއާވިޔަތު އާއި އޭނާގެ ބޭބެއެއް އަދި ދެ ރަހްމަތްތެރިންނާއެކު ރަށުގެ ފަރުމައްޗަށް ގޮސް ވަނީ 98 ކަށިބޯ ނަގައި އެ އެއްޗެހި ނައްތާލާފަ އެވެ.

ކަށިބޯތައް ނެގުމުގައި ހަރަކާތްތެރިވި ހަތަރު ޒުވާނުން–

މުއާވިޔަތު ވަނީ ކަށިބޯ ނެގުމަށް ހިންގި ހަރަކާތް ކޭއޯއާ ހިއްސާކޮށްފަ އެވެ. އޭނާ ބުނީ ކަށިބޯ ނެގުމުގެ ހިޔާލު އައީ ރައްޓެހިންތަކަކާއެކު ކޮފީއެއްގައި ތިބެގެން ދެއްކި ވާހަކަތަކެއްގެ ތެރެއިން ކަމަށާއި ޑައިވަރުންނަށް ވުމުން ކަށިބޮލަކީ ފަރުތަކަށް ނުރައްކާތެރި އެއްޗެއްކަން އެނގޭ ކަމަށެވެ. އަދި ކަށިބޮލުގެ ކައްޓަކީ ވިހަ އެއްޗެއްކަމުން އޭގެ ސަބަބުން ފަރުތަކާއި މޫދަށްގޮސް އުޅޭ ފަރާތްތަކަށް ގެއްލުންމެއް ވެދާނެކަމަށް ބަލައި އެ އެއްޗެހި ނަގަން ދިޔައީ ކަމަށެވެ.

މުއާވިޔަތު ބުނި ގޮތުގައި މިދުވަސް ވަރަކީ ކުޅުދުއްފުށި ފަރުމަތީގައި ކަށިބޯ އާދަޔާ ހިލާފަށް ގިނަ ދުވަސް ކޮޅެކެވެ. އަދި މިއެއްޗެހި ގިނަވުމަށް މެދުވެރިވާ ސަބަބެއްކަމުގައި އޭނާ ބުނެފައިވަނީ މޫސުމަށް އަންނަމުންދާ ބަދަލުތަކާއި، ހޫނުގަދަވުމެވެ. އަދި ގުދުރަތީ ގޮތުން މިތަކެތި ނައްތާލާ ބާވަތެއްކަމުގައިވާ ސަންގު މަދުވުމެވެ.

ކަށިބޯ ނެގުމުގައި–

މުއާވިޔަތުގެ އިސްްނެގުމުގެ މަތިން، އޭނާއާއެކު އިތުރު ތިން މީހަކު ބައިވެރި ކޮއްގެން މިމަހު 7 ވަނަ ދުވަހު މިވަނީ ގިނަ އަދަދެއްގެ ކަށިބޯތަކެއް ކުޅުދުއްފުށި ބަނދަރުގެ ހުޅަނގު ފަރާތު ފަރުމަތިން ސަރަހައްދުން ނަގާފައެވެ. ތިން ގަޑިއިރުގެ މި މަސައްކަތުން 98 ކަށިބޯ ނަގާފައިވާއިރު، އެތަކެތި ވަނީ ހަމަ އެދުވަހު ނައްތާލާފައެވެ.

އޭނާ ބުނާ ގޮތުގައި ކުރިއަށް އޮތް ތަނުގައިވެސް މިފަދަ ކަންކަން، މިއަށް ވުރެ ގިނަ ޒުވާނުންނާއެކު ކުރުމަކީ އޭނާ އެދޭ ކަމެކެވެ.

މި އަހަރަކީ ބައިނަލްއަގުވާމީ ފަރުތަކުގެ އަހަރެއްގެ ގޮތުގައި ފާހަގަ ކުރަމުން ދާއިރު، މި ޒުވާނުންތަކެއް އިސްނަގައިގެން ކުރި މިކަމަކީ ފާހަގަކޮށް މިކަމަށް ހިތްވަރުދޭން ޖެހޭނެ ކަމެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355