twitterviber whatsapp telegramfacebookyoutube instagram
20th April 2024

ހދ. އަތޮޅުގެ ފެންނަމުންދަނީ މުދާ ރައްކާކުރާ ގުދަނެއްގެ ގޮތުގައި

Mar 14, 2011

އިބްރާހިމް ހަމީދު

މަތިއުތުރު ޕްރޮވިންސްގެ ވެރިރަށް ކުޅުދުއްފުށީގައި އިއްޒަތްތެރިން މަޑުކޮށްލުމަށް ތައްޔާރުކޮށްފައި ހުންނަ “ހދ އަތޮޅުގެ” މިހާރު ފެންނަމުންދަނީ މުދާ ރައްކާ ކުރާ ގުދަނެއްގެ ގޮތުގައެވެ. އަތޮޅުގޭގައި އަލަށް އިމާރާތް ކުރަންފަށައި ނުނިމިހުރި އިމާރާތުގެ ކޮޓަރިއެއްގެ ތެރެއިން ފެންނަމުންދަނީ ލޭނުމަސްވެރިކަން ކުރަންގެންގުޅޭ ބޮއިތަކެކެވެ.

މަޢުލޫމާތު ލިބޭގޮތުގައި ހދ އަތޮޅުގެ ތެރޭގައި ބަހައްޓާފައިހުރި ލޭނު ބޮއި ތަކަކީ، މިދިޔަ އަހަރު ލޭނު މަސްވަރިކަން ކުރުން މަނާކުރުމާ ގުޅިގެން މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރުން މަސްވެރިންނަށް ބަދަލު ދިނުމަށްފަހު ލޭނުމަސްވެރިކަން ކުރުމަށް ބޭނުންކުރި ޕްލާސްޓިކުބޮއި ތަކެކެވެ. އަދި އެ ބޮއިތައް އަތޮޅުގެ ތެރޭގައި އެއްވެސް ތަރުތީބެއް ނެތި ހުންނަތާ ތިން މަސްދުވަސް ވެއްޖެކަމަށް މަޢުލޫމާތު ލިބެއެވެ.

ހދ އަތޮޅުގެ އަކީ ކުޅުދުއްފުށީގައި ސަރުކާރުން ހަރަދު ކުރައްވައިގެން ސަރުކާރުގެ މަތީ ފެންވަރުގެ ބޭފުޅުން ބޭއްތިބުމަށާއި އަތޮޅު ހިންގުމަށް ކުޅުދުއްފުށްޓައް ވަޑައިގަންނަވާ ބޭފުޅުން މަޑުކުރެއްވުމަށް ވަރަށް ފުރިހަމައަށް ހަދާފައިވާ އިމާރާތެކެވެ. މިހާރުވެސް އަތޮޅު ކައުންސިލުގެ ބައެއް ބޭފުޅުން އަތޮޅުގޭގައި ދިރިއުޅުއްވަމުންދާކަމުގެ މަޢުލޫމާތުލިބެއެވެ. ނަމަވެސް އެއިމާރާތުގެ ގޯތިތެރެއާއި ބޭރުފާރުކައިރި އެއްދުވަހުން އަނެއް ދުވަހަށް  ގަސްތައްފަޅައި ވިނަ ބޯވެ ގޯތިތެރޭގައި ކުނި ގިނަވަމުންދާކަން ފާހަގަކުރެވެއެވެ.

ހދ އަތޮޅުގެ އިމާރާތުގެ ސެކިއުރިޓީ ބެލެހެއްޓުން އަމިއްލަ ފަރާތަކުން ނަގައިގެން ބަލަހައްޓަމުން ދިޔަނަމަވެސް އެ އިމާރާތާއި ގޯތިތެރެ ސާފުތާހިރުކޮށް ބެލެހެއްޓޭނެގޮތެއް މިއަދު މިވަނީ ނެތިފައެވެ.  ކުޅުދުއްފުށީގެ ތަރައްގީއަށް ސަރުކާރުން އިމާރާތް ކޮށްދީފައިވާ މިފަދަ އިމާރާތްތައް ސާފުތާހިރުކޮށް ހުރުމަކީ ކުޅުދުއްފުށްޓައް ލިބިގެންދާނެ ރީތި ނަމެކެވެ. އަދި އެފަދަ އިމާރާތްތައް އަޅާލުމެއް ނެތްގޮތަށް ދޫކޮށްލާފައި ބެހެއްޓެމުންދާ ދިއުމާމެދު ކުޅުދުއްފުށީ ރައްޔިތުން އިންތިހާބުކޮށްފައިވާ ކައުންސިލަރުންނާއި ރަށުގެ ރައްޔިތުން ވިސްނާލަން މިއޮތީ ޖެހިފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355