ކުނިކޮށީގައި ކުނި ޖަމާވެ ކުނިނައްތާލެވޭނެ ނިޒާމެއް ނެތި އެތައް އަހަރެއްވަމުން މިއޮތް ދަނީ އެވެ. ކުނި ނައްތާލުމަށް ހަމައެކަނި ކުރެވޭ ކަމަކީ ކުނި އެންދުމެވެ. މިކަމުގެ ސަބަބުން ވިހަ ދުން ރަށުތެރެއަށް ފެތުރި އެސަރަހައްދުގެ ދިރިއުޅޭ އެތައް ސަތޭކަ ރައްޔިތުންގެ ސިއްހަތު ވަނީ ނުރައްކާ ތެރިކަމެއްގެ ތެރޭގަ އެވެ.
ޒޯން ސްޓޭޑިމްއެއް ކައިރީގައި އޮންނައިރު އެތައް ސަތޭކަ ދަރިވަރުން ތައުލީމު ހާސިލުކުރާ ސްކޫލެއް ދާދި ގާތުގަ ހުރެ އެވެ. މިއީ މުޅިންވެސް ކަންބޮޑުވުންތަކެވެ. ރަށްރަށުގައި ކުނި މެނޭޖްކުރުމަށް ސަރުކާރުތަކުން މާބޮޑެތި މަސައްކަތަކެއް ނުކުރެ އެވެ. އެކަމުގެ ސަބަބުން ބޮޑެތި އާބާދީތަކުގެ ރަށްތަކުގައި ކުނިގިނަވެ ބަލިމަނޑުކަން ފެތުރި ދަތިތަކާވަނީ ކުރިމަތިވެފަ އެވެ. މިލިޔުމުގައި ހިމަނާލަން ބޭނުންވަނީ ކުޅުދުއްފުށީގެ ކުނި މެނޭޖު ކުރެވިދާނެ ގޮތަކާމެދު އެވެ. ދެ ގޮތެއް އެބައޮތެވެ. އެއީ އައުޓްސޯސްކޮށްގެން ކުނިކޮށި ބަޔަކާ ހަވާލުކޮށްގެން ރައްކާތެރިގޮތުގައި ކުނިމެނޭޖްކުރުމާއި ސީދާ ކައުންސިލުން ކުނިމެނޭޖްކުރުމެވެ.
މި ދެ ގޮތުގެ ތެރެއިން އަހަރެން ބޭނުންވަނީ ދެ ވަނަ ހިޔާލެވެ. ކުނިކޮށި ސީދާ ކައުންސިލަށް ނަގައިގެން ރައްކާތެރިގޮތުގައި ކުނި މެނޭޖްކުރުމެވެ. ސަބަބަކީ ދުރު މުސްތަގުބަލަށް ބަލާއިރު ކައުންސިލް މާލިއްޔަތަށް ރަށުގެ ތަރައްގީއަށް އެންމެ ފައިދާކުރާނީ އެގޮތްކަމަށް ގަބޫލުކުރެވޭތީ އެވެ. މިމަސައްކަތް ކާމިޔާބުކުރުމަށްޓަކައި ނުވަތަ ފުރަތަމަ ފަށައިގަތުމަށް ކައުންސިލުން ބޮޑު ގުރުބާނީއެއް ވާން ޖެހޭނެ އެވެ. ރިސްކުވެސް ނަގަންޖެހެ އެވެ.
ކުދި ރަށްތަކުގައި ކުނިމެނޭޖްކުރުމަކީ ފަސޭހަކަމަށްވިޔަސް ކުޅުދުއްފުށީ ކަހަލަ ރަށެއްގައި މިފަދަ މަސައްކަތެއް ފަށައިގަތުމަށް ކައުންސިލަކަށް ބޮޑެތި ދަތިތަކެއް ހުންނާނެކަން ގަބޫލުކުރަމެވެ. އެންމެ ބޮޑު ހުރަހަކަށްވާނީ މާލީ ދަތިކަމެވެ. މިއޮތް ހުރިހާ ދުވަހަކުވެސް މިމަސައްކަތް ކައުންސިލުން ނުކޮށް އޮތީ މިކަމަށްދާނެ ބޮޑު ހަރަދުގެ ސަބަބުންނެވެ. އެކަމަކު ހިއްވަރާއެކު ކޮށްފިނަމަ މިމަސައްކަތްތަކީ ކާމިޔާބު މަސައްކަތަކަށް ހެދިދާނެ އެވެ. ކައުންސިލުގެ މާލިއްޔަތު އިތުރުކުރުމަށް މިއަށްވުރެ ބޮޑު އެހެންކަމެއް އަހަރެންނަކަށް ވަކި ނުފެނެ އެވެ.
މަސައްކަތް ފަށައިގަތުމަށް ފުރަތަމަ ހަދާނީ ކިހިނެތް:
ފުރަތަމަ މަސައްކަތެއްގެ ގޮތުގައި ބަލަންވީ ކުނިކޮށި ވަށައި އުސް ފާރެއް ލުމެވެ. ގާތްގަނޑަށް 10 ފޫޓްގެ ފާރެކެވެ. ފާރު ރޭނުމަށް ކައުންސިލުން ތަކެތި ދީގެން އެމަސައްކަތް ހިލޭ ކޮށްދޭނެ ބަޔަކު ހޯދިދާނެ އެވެ. ހިލޭ ކޮށްދޭނެ ބަޔަކު ނުވެއްޖެނަމަ ކޮންސްޓްރަކްޝަން ގުރޫޕަކާ ވާހަކަ ދައްކައިގެން ކުޑަ އަގެއްގައި އެކަން ކޮށްދޭނެ ބަޔަކު ހޯދާނީ އެވެ. ފާރު ރޭނުމުން ވަޔާއެކު ކުނިތައް ރަށުގެ ތެރެއަށް ފެތުރުން ހުއްޓޭނެ އެވެ. އަދި ކާޅާއި މެހީގެ އުނދަގޫވެސް ކޮންމެވެސް ވަރަކަށް މަޑުޖެހިގެންދާނެކަމަށް ގަބޫލުކުރެވެ އެވެ. އެއީވެސް ވަރަށް ބޮޑު ފަސޭހަ އެކެވެ.
ފާރު ރާނާ ގޭޓް ހަރުކުރާތާ ފުރަތަމަ ދުވަހުން ފެށިގެންވެސް ކުނިކޮށިން ފައިސާ ހޯދިދާނެ ގޮތްތަކެއް އެބަހުއްޓެވެ. އެއީ ކަޅުވެލި ވިއްކައިގެންނާއި އެތަނަށް އުކާލާ ދަނގަނޑުގެ ބާވަތްތަކާއި ލަނކުނޑި ވިއްކައިގެންނެވެ. މިމަސައްކަތްތައް ކުރުމަށް ކައުންސިލުން ކޮންޓްރެކްޓަށް 2 މުވައްޒަފުން ހޯދިދާނެ އެވެ. އެކަމަކު އޭރުން އެތަނަކަށް އާއްމު ރައްޔިތުންނަކަށް އެއްޗެހި ހޮވާ ކަޅުވެލި ނަގަން ވަދެވިގެންނުވާނެ އެވެ. އެއާއެކު ކުނި އުކާލެވޭނެ ވަކި ގަޑިތަކެއް ހަދައި އެކަން ތަންފީޒުކުރާނީ އެވެ. ގޭބިސީތަކުން އަމިއްލައަށް ކުނިއުކާލުން ހުއްޓުވައި، ފީ ކަނޑައަޅައިގެން ކުނިއުކާލުމުގެ ހިދުމަތް ކައުންސިލަށް ދެވިދާނެ އެވެ. އެކަމަށް މިހާރުވެސް ކުނި އުކާލުމުގެ ހިދުމަތް ދޭ ދެ ޕިކަޕް ކައުންސިލުން ނަގާނީ އެވެ. މަސައްކަތް ފުރަތަމަ ފަށާގަންނައިރު އެހެން ފަރާތްތަކަށާއި އަމިއްލައަށް ގޮސް ކުނި އުކާލެވޭނެގޮތް އޮވެގެން ނުވާނެ އެވެ. އެ ހިދުމަތް ދޭން ވާނީ ޕެކޭޖް ހަދައިގެން ކައުންސިލުންނެވެ.
ކުޅުދުއްފުށީ ކުނިކޮށި/ ރައްކާތެރިގޮތުގައި ކުނި ނަތާލެވެން ނެތުމުން ބޮޑުތި މައްސަލަތަކެއް ވަނީ އުފެދިފަ–
މިމަސައްކަތް ފަށައިގަންނައިރު ކައުންސިލަށް ކުރިމަތިވާނެ އެންމެ ބޮޑު އުނދަގުލަކަށްވާނީ އެކްސްކަވޭޓަރެއް ކައުންސިލުގައި ނެތުމެވެ. މިހާރުވެސް ކޮންމެ ދުވަހަކު އުކާލާ އެތައް ބައިވަރު ކުންޏެއް ޖައްސާ، ބައެއް ކަހަލަ ކުނި ވަޅުލަނީ އެކްސްކަވޭޓަރަކުންކަމަށްވާތީ އެވެ. އަދި އެކަން އެކްސްކަވޭޓަރެއް ނެތި ނުވާނެތީ އެވެ. މިހާރު އެމަސައްކަތްކުރަނީ ފެނަކައިގެ އެކްސްކަވޭޓަރަކުންނެވެ. މިކަން ފުރަތަމަ ފަށާގަންނައިރު ފެނަކަ ނުވަތަ ޕަބުލިކް ވޯކްސްގެ އެހީތެރިކަން ހޯދިދާނެ އެވެ. އެފަރާތްތަކާ ވާހަކަދައްކައިގެން އެތަނުގެ ވެހިކަލް ކައުންސިލުން ތެލާއި އަދި ދުއްވާ މީހާއަށް އެލަވެންސް ދޭގޮތަކަށް ލިބިދާނެހެން ހީވެޔެވެ. އޭރުންވެސް މިހާރަށްވުރެ އެތައްތަނަކުން ކުނިމެނޭޖްކުރުން ރަނގަޅުވެގެންދާނެ އެވެ. މިއީ ފުރަތަމަ މަރުހަލާ އެވެ. މިމަރުހަލާގައިވެސް ކުނިތައް ނައްތާލާނީ މިހާރުވެސް ނައްތާގޮތަށެވެ.
ކުނިކޮށިން ލިބޭ ފައިސާކޮޅުން ހަރަދުކަނޑަމުންނާއި މާލިއްޔަތުން ހަރަދުކޮށްގެން މަޑުމަޑުން ކުރިއަށްދާނީ އެވެ. މިކަމުގައި ރަށުގެ ރައްޔިތުންނާއި ވިޔަފާރިވެރިން އަދި ކުލަބު ޖަމިއްޔާތަކުގެ އެހީތެރިކަން ވަރަށް ބޮޑަށް ބޭނުންވާނެ އެވެ.
ދެ ވަނަ މަރުހަލާ:
ދެވަނަ މަރުހަލާގައި މަސައްކަތްކުރާނީ ސަރުކާރާއި ޔޫއެންޑީޕީ ފަދަ ބޭރުގެ ޖަމިއްޔާތަކުގައި އެހީ ހޯދައިގެން ކުނި ނައްތާލެވޭނެ މެޝިނަރީސް ހޯދުމަށެވެ. މިކަމުގައި މަޖިލިސް މެމްބަރުންގެ ލަފަޔާއި އެހީވެސް ހޯދިދާނެ އެވެ. މި ދެންނެވި ހުރިހާ ފަރާތްތަކުގެ އެހީތެރިކަން ލިބިގެންދާނެކަމާމެދު ވަރަށް ބޮޑު ޔަގީންކަން އެބައޮތެވެ. ބަދިގެ ކުންޏާއި ދަޅު ފަދަތަކެތި ނައްތާލާ މެޝިނާއި ޕްލާސްޓިކް މެޝިންތައް ފަދަ މެޝިންތަކަކީ އޭގެ ޒާތުގައި މާ އަގު ބޮޑެތި މެޝިންތަކެއް ނޫނެވެ. މިމަސައްކަތައް ކުރާއިރު އެއްފަހަރާއެއް ނޫނެވެ. މަޑުމަޑު ގޮސް ކާމިޔާބުކުރާނީ އެވެ.
ހަގީގަތުގައި ކުނިކޮށީގައި އެހުންނަ ކުންޏަކީ ހަމަ ފައިސާއަށް ހެދިދާނެ އެއްޗެއްސެވެ. މިކަން ކާމިޔާބުވެއްޖެނަމަ ރަށުގެ މާލިއްޔަތު އެތަށްތަނަކުން އިތުރުވެގެންދާނެކަމާމެދު އަހަރެން ޝައްކެއް ނުކުރަމެވެ. މިކަމުގައި އޮތީ ހަމައެކަނި ކައުންސިލުން ތެދުވެ މަސައްކަތް ފަށާގަތުމެވެ.