އިބްރާހިމް ހަމީދު
ކުޅުދުއްފުށީގައި ހުންނަ ބޭންކު އޮފް މޯލްޑިވްސްގެ ބުރާންޗަކީ އުތުރުގެ ތިން އަތޮޅުގެ ރައްޔިތުން ހިދުމަތް ހޯދަމުން އަންނަ އަދި މާލެ ފިޔަވައި އުތުރުގެ އެންމެ އާބާދީ ބޮޑު ކުޅުދުއްފުށީގެ ރައްޔިތުންގެ އުއްމީދުތަކާއި ގުޅިފައިވާ ބޭންކެކެވެ.
ކުޅުދުއްފުށީގައި ބޭންކް އޮފް މޯލްޑިވްސްގެ ބުރާންޗެއް އެންމެ ފުރަތަމަ ގާއިމުކުރެވި ރައްޔިތުންނަށް ބޭންކިންގ ގެ ހިދުމަތް ފޯރުކޮށްދޭން ފަށާފައިވަނީ 1991 ވަނަ އަހަރުގެ ޑިސެމްބަރ މަހުގެ 19 ވަނަ ދުވަހުއެވެ. ޖާގައިގެ ގޮތުން ދަތި އިމާރާތެއްގައި ހިދުމަތް ދޭންފެށި ބޭންކުން މިއަދު އިތުރު މުވައްޒަފުންނާއި ޒަމާނީ ވަޞީލަތްތަކުގެ އެހީގައި ޖާގަ ތަނަވަސް އިމާރާތަކަށް ބަދަލުވެ ހިދުމަތް ދެމުންނެވެ.
ކުޅުދުއްފުށި ވިޔަފާރީގެ ހަބަކަށް ހެދުމަށް މަސައްކަތްކުރަމުންދާ ދުވަސްވަރެއްގައި މިސަރަހައްދުގެ ރައްޔިތުންނަށް އަދި ވަކިން ހާއްސަކޮށް ވިޔަފާރިވެރިންނަށް ފަސޭހަ އަވަސް ހިދުމަތެއް ފޯރުކޮށްދިނުމަކީ މުހިއްމު ކަމެކެވެ. އަދި ހަމައެހެންމެ ބޭންކްގެ ހިދުމަތްތައް މިސަރަހައްދުގައި ފުޅާކުރުމަކީވެސް ވިޔަފާރިވެރިންނަށާއި އާންމުންނަށްވެސް އެތައް ފަސޭހަތަކެއް ލިބިގެންދާނެ ކަމެއްމެއެވެ.
ބޭންކް އޮފް މޯލްޑިވްސްގެ ކުޅުދުއްފުށީ ބްރާންޗް އިން ދެމުން ގެންދާ ހިދުމަތްތައް ފުޅާކުރުމުގެ ގޮތުން 2007 އޮގަސްޓް 08 ވަނަ ދުވަހު ވަނީ އޮޓަމެޓިކް ޓެލެމެޝިން (އޭޓީއެމް) ގެ ހިދުމަތް ދޭންފަށާފައެވެ. އެކަމުގެ ސަބަބުން ފައިސާ ނެގުމުގެ 24 ގަޑިއިރުގެ ހިދުމަތް ގިނަ ރައްޔިތުން ދަނީ ބޭނުންކުރަމުންނެވެ.
ބޭންކް އިން 2007 ވަނަ އަހަރު އޭޓީއެމް އެއް ބެހެއްޓިފަހުން މިއަދާ ހަމައަށް އިތުރު އޭޓީއެމް އެއް ބަހައްޓާފައެއް ނުވެއެވެ. މިއީ ކުޅުދުއްފުށްޓައް ޒިޔާރަތް ކުރާ އަތޮޅުތެރޭގެ ރައްޔިތުންގެ އިތުރުން ކުޅުދުއްފުށީގެ ގިނަ ރައްޔިތުންނަށް ދަތިވެފައިވާ މައްސަލައެކެވެ. މިއަދުގެ ހާލަތަށް ބަލާއިރު ކުޅުދުއްފުށީގައި އެންމެ އޭޓީއެމް އަކުން އެކަށީގެންވާ ހިދުމަތެއް ބޭންކްގެ ކަސްޓަމަރުންނަށް ފޯރުކޮށްދެވިދާނެ ކަމާމެދު ސުވާލު އުފެދެއެވެ.
ބޭންކު އޮފް މޯލްޑިވްސް ކުޅުދުއްފުށީ ބުރާންޗްގެ ޑެޕިއުޓީ މެނޭޖަރ ހަބީބާ އަލީ ކުޅުދުއްފުށީ އޮންލައިން އަށް ފޯނުން މަޢުލޫމާތު ދެއްވަމުން ވިދާޅުވީ އިތުރު އޭޓީއެމް މެޝިނެއް ބަހައްޓައިދިނުމަށް ކަސްޓަމަރުން އެދެމުންދާކަމަށެވެ. އަދި އެކަން ބޭންކްގެ ހެޑް އޮފީހުގައިވެސް ދަންނަވާފައިވާ ކަމަށް ހަބީބާ ވިދާޅުވިއެވެ. އެހެންނަމަވެސް އޭޓީއެމް މެޝިނެއް ބެހެއްޓުމަކީ ހަރަދު ބޮޑު ކަމަކަށްވެފައި އަދި އެމެޝިން މެއިންޓެއިން ކުރަންވެސް ޖެހޭނެތީ އަދި އެކަންތައްތައް ކުރެވެން ނެތްކަމަށް ބޭންކުން މައުލޫމާތު ދެއެވެ.
ކުޅުދުއްފުށީގައި ވިޔަފާރިތައް އިތުރުވެ، ވަޒީފާ އަދާކުރާ މީހުންގެ އަދަދު މީގެ އަހަރުތަކެއް ކުރިއާ އަޅާބަލާއިރު އެތައް ތަނަކުން އިތުރުވެފައިވާއިރު ސަރުކާރާ އަމިއްލަ އޮފީސްތަކުގައި މަސައްކަތް ކުރާ ހުރިހާ މުވައްޒަފުންހެން ބޭންކިންގ ގެ ހިދުމަތް ހޯދަން ދާން ޖެހެނީ ބޭންކް އޮފް މޯލްޑިވްސް އަށެވެ. އިތުރު ބޭންކެއް ކުޅުދުއްފުށީގައި ނެތްއިރު އަދި ބޭންކްގެ ކަސްޓަމަރުން އިތުރުވެފައިވާ އިރެއްގައި ބޭންކްގެ އޭޓީއެމްގެ ހިދުމަތަށް އެތައް އިރަކު ކިޔޫގައި މަޑުކުރަންޖެހޭ ފަހަރު މަދެއް ނޫނެވެ. އަދި އޭޓީއެމް “ވަގުތީ ގޮތުން ހިދުމަތް މެދުކެނޑިފައި” ވާ ވަގުތުތައް އިތުރުވެ ކަސްޓަމަރުންނަށް އެތައް ދަތިތަކަކާ ކުރިމަތިލާން ޖެހެއެވެ. ކާޑުޖަހާ ލާރި ނެގުމަށްފަހު ރިސިޕްޓް އަންނަ އިރު އެކަރުދާސް ކޮޅުގައި ހުންނަ އަދަދުތައް ކިޔަން ނޭގޭ ފަހަރު ގިނަވާތަންވެސް އާދެއެވެ.
އޭޓީއެމްގެ ހިދުމަތުގެ އިތުރުން ކުޅުދުއްފުށީ ބޭންކުންދޭ އިތުރު ހިދުމަތްތައް ތަރައްޤީކޮށް ކުރިއެރުމަކީ ކުޅުދުއްފުށީގެ އިތުރުން އުތުރުގެ ރައްޔިތުންވެސް ކުރަމުން އަންނަ އުއްމީދެއްކަން ޔަގީނެވެ. ބޭންކުގެ އިތުރު ހިދުމަތްތަކަށްވުރެ އޭޓިއެމްގެ ހިދުމަތުގެ ފެންވަރު ރަނގަޅުކޮށް އަބަދުވެސް އެއް ފެންވަރެއްގައި ދިނުމަކީ ބޭންކުން ވިސްނަންޖެހިފައިވާ މުހިއްމު ކަމެއް ކަމަށް ދެކެވެ. ބޭންކިންގ ގެ ހިދުމަތް ހޯދަމުން އަންނަ މީހުން ގިނަ ވަމުންދާ ދުވަސްވަރެއްގައި ބޭންކުގެ މެނޭޖްމަންޓުން މިފަދަ ކަންކަމާމެދު ވިސްނާ މުހިއްމު ފިޔަވަޅުތަކެއް އެޅުމަކީ ބޭންކުގެ ކަސްޓަމަރުން ހިނިތުން ކުރުވާނެކަމެއްކަން ކަށަވަރެވެ.