ޑަބްލިއު ސްޕޯޓްސް އިން އޮފީސްތަކުގެ މެދުގައި ކުރިއަށްގެންދާ ވޮލީބޯޅަ މުބާރާތް އިއްޔެ ފަށައިފިއެވެ. މި މުބާރާތުގައި ޖުމްލަ ދިހަ ޓީމުން ވަނީ ބައިވެރިވެފަ އެވެ.
2 ގުރޫޕަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތް އިއްޔެ ފަށާފައިވާއިރު މުބާރާތުގެ މެޗުތައް ކުޅެމުންގެންދަނީ ކުޅުދުއްފުށީ ސްޓޭޑިއަމްގެ ވޮލީ ކޯޓްގަ އެވެ.
މުބާރާތުގެ ފުރަތަމަ މެޗްގައި ބައްދަލުކޮށްފައި ވަނީ ކުޅުދުއްފުށީ ޕޯޓްސް ލިމިޓެޑް (ކޭ.ޕީ.އެލް) އާއި ކަސްޓަމްސް އާރ ސީ އެވެ. މި މެޗް ކާމިޔާބު ކޮށްފައިވަނީ ކޭޕީއެލް އެވެ. މި މެޗް ކޭފީއެލް އިން ކާމިޔާބުކޮށްފައިވަނީ 3-1 ނެވެ. މިމެޗްގެ މޮޅުކުޅުން ތެރިޔަކަށް ހޮވިފައިވަނީ ކޭޕީއެލްގެ އިބްރާހިމް ސުޖާއު އެވެ.
މިމެޗު ކޭޕީއެލުން ކާމިޔާބުކޮށްފައިވަނީ 23-25، 25-23، 25-15، އަދި 25-19 އެވެ.
މި މުބާރާތުގެ ދެވަނަ މެޗް ގައި ދިރާގާއި ކުޅުދުއްފުށީ ކެމްޕަސް ބައްދަލުކުރި މެޗު ފަސޭހަކަމާއެކު ކާމިޔާބުކުރީ ކުޅުދުއްފުށީ ކެމްޕަހެވެ. ސީދާ 3 ސެޓުން ކެމްޕަސް މި މެޗް ކާމިޔާބު ކޮށްފައިވާއިރު މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ ކެމްޕަހުގެ މުހައްމަދު ޝަބާހް އެވެ. މިމެޗުގައި ދިރާގު ބަލިކޮށްފައިވަނީ 25-11، 25-14، 25-21 ގެ ފަސޭހަ މޮޅަކުންނެވެ.
މިމުބާރާތުގެ އިއްޔެ ކުޅުނު ފަހު މެޗުގައި ފެނަކަ އަދި ހދ އަތޮޅު ކައުންސިލް ބައްދަލުކޮށް ތިން ސެޓުން މިމެޗް ކާމިޔާބު ކުރީ ފެނަކަ އެވެ. އެއީ 25-20، 25-20، އަދި 25-15 ގެ ތަފާތަކުންނެވެ. މި މެޗްގެ މޮޅު ކުޅިންތެރިޔަކަށް ހޮވިފައިވަނީ ފެނަކަ ޓީމްގެ ހަސަން ސޮލާހް އެވެ.
މި މުބާރާތުގެ 3 މެޗް މިއަދުވެސް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. ފުރަތަމަ މެޗު 4:30 ފަށަން ތާވަލްކޮށްފައިވާއިރު މިމެޗުގައި ބައްދަލުކުރާނީ ކުޅުދުއްފުށީ ޕޮލިހާއި ކުޅުދުއްފުށީ ޕޯޓްސް އެވެ. މިއަދު ދެވަނަ މެޗުގައި ބައްދަލުކުރަނީ ހދ އަތޮޅު ތައުލީމީ މަރުކަޒުގެ ޓީމާއި އެސްޓީއޯގެ ޓީމެވެ. އެއީ މިރޭ 8:30 ގަ އެވެ. މިރޭ 10:00 ގައި ފަހު މެޗު ކުޅުމަށް ހަމަޖެހިފައިވާއިރު މިމެޗުގައި ބައްދަލުކުރާނީ ކުޅުދުއްފުށީ ކެމްޕަހާއި ކުޅުދުއްފުށީ ހޮސްޕިޓަލުގެ ޓީމެވެ.