ފިރިހެން ކުދިން ނަރުސްކަމަށް ޝައުގުވެރިކުރުވުމަށް ޒުވާން ފިރިހެން ނަރުހެއް އިސްނަގައި، ހަރަކާތެއް ހިންގައިފި އެވެ.
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ހުރި ހަމައެކަނި ދިވެހި ފިރިހެން ނަރުސް، ފޯކައިދޫއަށް އުފަން އުދެއިޝަން މުހަންމަދު (އުދޭ) މިވަނީ ނަރުސްކަމަށް ފިރިހެނުން މޯޓިވޭޓްކުރުމަށް ތެދުވެފައި އެވެ.
ފިރިހެން ކުދިން ނަރުސްކަމަށް ޝައުގުވެރިކުރުވަން އުދޭ އާއި އޭނާގެ ޓީމުން ހިންގި ހަރަކާތުގެ ތެރެއިން–
ނަރުހުންގެ ދާއިރާއަކީ ދެ ޖިންސްގެ ޒުވާނުން ހަމަހަމަ ގޮތެއްގައި ހިއްސާވާ ދާއިރާއެއްގެ ގޮތުގައި ހެދުމާއި ނަރުސްކަމާ ދޭތެރޭ އާންމު ދެކޭގޮތް ބަދަލުކުރުމަށް އުދޭ އާއި އޭނާގެ ޓީމުން މިވަނީ ހަރަކާތްތަކެއް ހިންގައިފަ އެވެ. އެގޮތުން ކުޅުދުއްފުށީގެ ބައެއް ސްކޫލުތަކަށް ޒިޔާރަތްކޮށް ފިރިހެނުން ނަރުހުންގެ ވަޒީފާއަށް ޝައުގުވެރިކުރުމަށް ދަރިވަރުންނަށް މައުލޫމާތުދީ، އެދާއިރާގައި ފިރިހެނުންނަށް ހުރި ފުރުސަތުތަކާ ބެހޭ މައުލޫމާތު ދީފަ އެެވެ.
ފިރިހެން ނަރުހުންގެ މުހިންމުކަމާއި ފިރިހެން ކުދިން މިދާއިރާއަށް ނެރުމަށްޓަކާ މޯޓިވޭޓްކުރުމުގެ ގޮތުން ހުރި ފުރުސަތުތަކާއި އޭނާ ނަރުހަކަށްވި ސަބަބު ދަރިވަރުންނަށް ކިޔައިދީފައިވެ އެވެ. އުދޭގެ އިތުރުން ނަރުސް ކޯސް ފުރިހަމަކޮށްފައިވާ ފިރިހެން ނަރުހަކާއި މިހާރު ނަރުސްކަން ކިޔަވަމުންދާ ތިން ދަރިވަރަކު އުދޭއާއެކު ސްކޫލުތަކަށް ޒިޔާރަތްކޮށް އެ ފަރާތްތަކުން އެދާއިރާ ހިޔާރު ސަބަބު ވަނީ ދަރިވަރުންނާ ހިއްސާކޮށްފަ އެެވެ.
ފިރިހެން ކުދިން ނަރުސްކަމަށް ޝައުގުވެރިކުރުވަން އުދޭ އާއި އޭނާގެ ޓީމުން ހިންގި ހަރަކާތުގެ ތެރެއިން–
” ކުދިންނާ ބައްދަލުކޮށް ވާހަކަދައްކާލުމުން އެނގުނު ނާސިންގ ފީލްޑަށް ޝައުގުވެރިކަން ހުރިވަރު. އެކަމަކު އެންމެ ބޮޑު ގޮންޖެހުމަކަށް ކުދިންނަށް ވެފައިވަނީ މުޖުތަމައު މިކަމާ މެދު ދެކޭގޮތް. އޮންނަނީ ހަމައެކަނި މިއީ އަންހެނުންނަށް ހާއްސަ ކަމެއްގެ ގޮތުގަ.” ކޭއޯއާ ވާހަކަދައްކަމުން އުދޭ ބުންޏެވެ.
ނަރުސްކަމަށް ފިރިހެނުން ނެރުމަށް ހިންގާ މިހަރަކާތް ވަރަށް ކާމިޔާބުކަމަށް އުދޭ ބުންޏެވެ. އޭނާ ބުނީ މިއިވެންޓްގެ ސަބަބުން ނާސިންގ އާ ބެހޭ ތަފާތު މައުލޫމާތު ލިބި، ކުރިއަށް އޮތްތާ ފިރިހެން ކުދިން ނަރުހުންގެ ވަޒީފާއަށް ވަންނަ އަދަދު އިތުރުވެގެންދާނެ ކަމަށް އުދޭ ވަރަށް ބޮޑަށް އުންމީދުކުރެ އެވެ. މިބައްދަލުވުން ތަކުގެ ސަބަބުން މިދާއިރާއަށް ޝައުގުވެރިކަން ހުރިކަމަށް ގިނަ އަދަދެއްގެ ކުދިން ހާމަކުރި އެވެ.
ފިރިހެން ކުދިން ނަރުސްކަމަށް ޝައުގުވެރިކުރުވަން އުދޭ އާއި އޭނާގެ ޓީމުން ހިންގި ހަރަކާތުގެ ތެރެއިން–
” އިވެންޓްއަށް ފަހު ކުދިންވެސް ދެކެނީ މިއީ ވަކި ޖިންސަކަށް އޮންނަ މަސައްކަތެއް ނޫން ކަމަށް. އަންހެނުންނަށާއި ފިރިހެނުންނަށް ހަމަހަމަ ދާއިރާއެއް ކަމަށް ކުދިން ގަބޫލުކުރި.” އުދޭ ބުންޏެވެ.
އުދޭ ބުނީ ހޮސްޕިޓަލުގައި ތިބޭ ބަލި މީހުންވެސް އިންތިހާއަށް ފިރިހެން ނަރުހުންގެ އެހީތެރިކަން ބޭނުންވެފައިވާ ކަމަށެވެ. އުދޭއަކީ ރާއްޖޭގެ ފިރިހެން 6 ވަނަ ނަރުހެވެ. އުދޭގެ މިމަސައްކަތަށް ގިނަ ބަޔަކު އަންނަނީ ސޯޝަލް މީޑިއާގައިވެސް ތައުރީފު އޮއްސަމުންނެވެ.