twitterviber whatsapp telegramfacebookyoutube instagram
26th April 2024

ވައިކަރަދޫ ނަމުގައި ހިންގަމުންދާ ވެބްސައިޓަކުން ކުޅުދުއްފުށީ އޮންލައިންގެ ލިޔުންތަކެއް ހުއްދައަކާނުލައި ބޭނުންކޮށްފި

Mar 23, 2011

އިބްރާހީމް ހަމީދު

ވައިކަރަދޫ ނަމުގައި ހިންގަމުންދާ ވެބްސައިޓަކުން ކުޅުދުއްފުށީ އޮންލައިންގެ ލިޔުންތަކެއް ހުއްދައަކާނުލައި ބޭނުންކޮށްފައިވާތީ، އެކަން ކުޅުދުއްފުށީ އޮންލައިންގެ މެނޭޖްމަންޓުން ވަރަށް ބޮޑަށް ކުށްވެރި ކޮށްފިއެވެ.

ކުޅުދުއްފުށީ އޮންލައިންގެ އެގްޒެކެޓިވް އެޑިޓަރ މުޙައްމަދު އިސްމާއީލް ވިދާޅުވީ، ވައިކަރަދޫ ނަމުގައި ހިންގަމުންދާ ވެބްސައިޓަކުން ކުޅުދުއްފުށީ އޮންލައިންގެ ލިޔުންތަކެއް “ވަގަށް” ނަގާފައިވާ ކަމަށެވެ. މިފަދަ ކަންތައްތަކަކީ މީހުންގެ ފިކުރީ މުދާ ވަގަށް ނެގުން ކަމަށްވާތީ އެފަދަ ދަށު ދަރަޖައިގެ އަމަލުތައް ވަރަށް ބޮޑަށް ކުށްވެރި ކުރައްވާކަމަށާއި އަދި އެކަން ތަކުރާރު ނުކުރުމަށް އެފަރާތަށް ނަސޭހަތްތެރިވިއެވެ.

ކުޅުދުއްފުށީ އޮންލައިނަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، ވައިކަރަދޫގެ ވެބްސައިޓުގައި ކުޅުދުއްފުށީ އޮންލައިންގައި ޖަހާފައިވާ ބައެއް ހަބަރުތައް އަކުރުން އަކުރަށް ކޮޕީކޮށްފައި ވަނީ ޖަހާފައެވެ.  މިގޮތުން ކުޅުދުއްފުށީ އޮންލައިންގެ ރިޕޯޓަރ އިބްރާހިމް ހަމީދު ލިޔެފައިވާ ހަބަރުތައް ކުޅުދުއްފުށީ އޮންލައިންގެ ހުއްދަނެތި އޭނާގެ ނަމުގައި ވަނީ ޝާއިއުކޮށްފައެވެ.

މީގެއިތުރުން ކުޅުދުއްފުށީ އޮންލައިންއިން ނަގާފައިވާ ފޮޓޯވެސް ވައިކަރަދޫ ސައިޓްގެ ނަމުގައި ޖަހާފައިވެއެވެ. އަދި ކުޅުދުއްފުށީ ފޮޓޯގްރާފަރުން ނަގާފައި ފޭސްބުކްގައި ޝެއަރކޮށްފައި ހުރި ފޮޓޯވެސް ވަނީ ވައިކަރަދޫ ސައިޓްގެ މިލްކެއްގެ ގޮތުގައި ޖަހާފައެވެ. މިގޮތުން ޝަހީބް މީޑިއާ ކޮންސަލްޓެންސީއިން ހިންގި ކޯސް ނިމުން ފާހަގަ ކުރުމުގެ ގޮތުން ބޭއްވި ޖަލްސާގައި ކުޅުދުއްފުށީ ފޮޓޯގްރާފަރުން ނަގާފައިވާ ފޮޓޯ ވަނީ ވައިކަރަދޫގެ ނަމުގައި ނަކަލުކޮށް ޝާއިއުކޮށްފައެވެ.

ކުޅުދުއްފުށީ އޮންލައިން އަކީ ޑިޕާރޓްމަންޓް އޮފް އިންފޮމޭޝަނުގައި ރަޖިސްޓްރީ ކުރެވިގެން ހިންގާ އޮންލައިން ނޫހެކެވެ. އަދި، 2007 ވަނަ އަހަރުން ފެށިގެން އިޖްތިމާއީ ތަފާތު މައުޟޫތަކަށް ގިނަ މަޒްމޫނުތަކެއް ގެނެސްދީފައިވާ ވެބްސައިޓެކެވެ.



Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355