twitterviber whatsapp telegramfacebookyoutube instagram
26th April 2024

ހުޅަނގު މޫސުމާއެކު ފޯކައިދޫ ރައްޔިތުން ކަނޑުމަތިވެފައި!

Jun 9, 2018

ކޮންމެ ހުޅަނގު މޫސުމަކާއެކު ފޯކައިދޫ ރައްޔިތުންނަށް ލަފާ ފުރުމުގެ ދަތިކަން އިންތިހާއަށް އޮވެ އެވެ. ބަނދަރުން ލިބެން އޮންނަ ރައްކާތެރިކަމެއް ނޯވެ އެވެ. ކަނޑުން އަންނަ ބޮޑެތި ރާޅުތައް ބަނދަރުގެ ތެރެއަށް ވަދެ މުޅި ސަރަަހައްދު ހަރާބުކޮށް، ބަނދަރު މައްޗަށް ރާޅު ބިންދާލަ އެވެ.

މިމޫސުމުގައި އެރަށުގެ ބަނދަރުގައި އޮޑިދޯނި ފަހަރަވެސް އަޅާފައެއް ނުބޭއްވެ އެވެ. އެހެންވުމުން ކައިރީގައި އޮންނަ ފީވަކަށާއި މިލަންދޫ ބަނދަރަށް ފޯކައިދޫގެ ދޯނި ފަހަރު ބަދަލުކުރެ އެވެ. ރަށަށް ގެންނަ މުދާކޮޅުވެސް އެއްގަމަށް އެރުވޭނެކަމުގެ އެއްވެސް ޔަގީން ކަމެއް ނޯވެ އެވެ.

” މުދާ ބާލަނީވެސް ރަށުގެ ބޭރުމަތީގައި އޮޑި ބާއްވައިގެން ބޮއްކުރާ ފަދަ ކުދި ދޯނިތައް ގެންގޮސް އެއަށް އަރުވައިގެން. މިހެން އުޅޭއިރު ބައެއް ފަހަރު މުދާކޮޅު މޫދަވެސް އެޅޭ.” ފޯކައިދޫގެ ރައްޔިތަކު ބުންޏެވެ.

ހުޅަނގު މޫސުމުގައި ބަނދަރު ގަދަވުމުގެ ސަބަބުން ފޯކައިދޫ ރައްޔިތުން އުފުލަން ޖެހޭ ތަކުލީފު–

2000 މީހުންގެ އާބާދީއެއް އޮންނަ ށ.ފޯކައިދޫއަކީ އޮޑިދޯނި ފަހަރު ގިނަ ރަށެކެވެ. ބަނދަރެއް އޮތް ނަމަވެސް ބަނދަރު ހަދާފައިވާ ގޮތުން ރައްޔިތުންނަށް ދަނީ އިންތިހާއަށް ބޮޑެތި ދަތިތަކެއް ކުރިމަތިވަމުންނެވެ. ކަންނެލި މަސްވެރިކަން ކުރާވެސް 12 ދޯނި އޮންނައިރު މާލެ ދަތުރުކުރާ ތިން ބޯޓާއި މުދާ އުފުލާ އޮޑިފަހަރުވެސް ފޯކައިދޫގައި ދުއްވަ އެވެ. މިއަދުވެސް އެރަށު ބަނދަރު އޮތީ ހުސްކޮށެވެ. ހުރިހާ އޮޑި ފަހަރެއް ހުރީ ރަށުގެ އިރުމަތި ފަރާތުގައި އަޅާފަ އެވެ.

ކޮންމެ ރޯދަމަހަކަށް ހުރިހާ ކަންނެލި އޮޑިފަހަރު ރަށަށް އަނބިދަރިން ކައިރިއަށް ޗުއްޓީ ހޭދަކޮށްލުމަށް އާދެ އެވެ. އެކަމަކު އެ ރައްޔިތުންނަށް އާއިލާއެކު ވަގުތު ހޭދަކޮށްލަން އަންނަ މިމަހުވެސް ޑިއުޓީ ބަލައިގެން ތިބެން ޖެހެނީ ދޯނި ބަލަހެއްޓުމަށެވެ.

“ޑިއުޓީ ބަހައިގެން މިހާރުވެސް އެއް ބަޔަކު ތިބޭނެ އޮޑިފަހަރުގަ. މިއީ ހަމަ ކޮންމެ އަހަރެއްގެވެސް ހުޅަނގު މޫސުމުގެ 9 މަހު ފޯކައިދޫ ރައްޔިތުން އުޅެން ޖެހޭ ހާލު.” އެރަށު ރައްޔިތަކު ބުންޏެވެ.

ހުޅަނގު މޫސުމާއެކު ފޯކައިދޫ ބަނދަރު ގަދަވެފަ–

ބަނދަރުގެ ދަތިކަން ހައްލުކޮށްދިނުމަށް ސަރުކާރުގެ ކަމާގުޅުން ހުރި މުވައްސަސާތަކުގައި ކައުންސިލުން އާދޭސް ކުރާތާ މިހާރު މިވަނީ 4 އަހަރުވެފަ އެވެ. ފޯކައިދޫ ކައުންސިލްގެ ރައީސް މުހަންމަދު ރާޝިދު ކޭއޯއަށް ވިދާޅުވީ ބަނދަރުގެ މައްސަލަ ހައްލުކޮށްދިނުމަށް ސަރުކާރުގައި އެތަށް ފަހަރެއްގައި ދަންނަވާފައިވާނޭ ކަމަށެވެ.

އޭނާ ވިދާޅުވީ ސަރުކާރުން ކޮންމެ ފަހަރުވެސް ވިދާޅުވަނީ ބަނދަރުގެ މައްސަލަ ހައްލުކޮށްދޭނެ ކަމަށެވެ. ނަމަވެސް އަމަލީ މަސައްކަތް ފެށޭތަނެއް ނުފެންނަ ކަމަށް އޭނާ ވިދާޅުވި އެވެ. ވަރަށް ފަހުން ފޯކައިދޫގެ ބޮޑު ޓީމެއް ވަނީ ސަރުކާރުގެ މަތީ ފެންވަރުގެ ބޭފުޅުންނާ ބައްދަލުކޮށް، ބަނދަރުގެ މައްސަލަ ހައްލުކޮށްދޭން އެދިފަ އެވެ.

ބަނދަރު ގަދަވުމުން އޮޑިފަހަރު ރަށުގެ އެހެން ސަރަހައްދެއްގައި އަޅާފަ، މިމޫސުމުގައި ފަޅުވެރިން ޑިއުޓީ ބަހައިގެން އޮޑިފަހަރު ބަލަހައްޓާ–

ރާޝިދު ވިދާޅުވީ އެފަހަރުވެސް ބަނދަރުގެ މައްސަލަ ހައްލުކޮށްދޭނެކަމަށް ސަރުކާރުން ބުނެފައިވާ ކަމަށާއި އެގޮތުން މިއަހަރު ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި ބަނދަރުގެ އަމަލީ މަސައްކަތް ފަށާދޭނެކަމަށް ސަރުކާރުން ލިޔުމުން ކައުންސިލަށް އަންގާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އެހެންނަމަވެސް މިއަދާ ހަމައަށްވެސް އަމަލީ މަސައްކަތް ފެށިފައިނުވާކަން ރާޝިދު ފާހަގަކުރެއްވި އެވެ.

” މިދިޔަ ފަސް އަހަރުގައިވެސް ބަޖެޓްގައި ޖަހައިގެން މައްސަލަ ހައްލުކޮށްދޭނެކަމަށް ބުނެ ސަރުކާރުން ރަސްމީކޮށް ލިޔުމުން ކައުންސިލަށް އަންގާ.” ފޯކައިދޫ ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބުގައި އާބާދީގެ ނިސްބަތުން އެންމެ ގިނަ ވޯޓް ރައީސް ޔާމީނަށް ދީފައިވަނީ ފޯކައިދޫ އިން އެވެ.

ފޯކައިދޫއަކީ ގާމަތި ރަށެކެވެ. އެރަށުގައި ބަނދަރު ހަދާފައިވަނީ 2003 ވަނަ އަހަރު އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355