twitterviber whatsapp telegramfacebookyoutube instagram
24th April 2024

ޑަބުލިއު އެސް އޭ ތްރީ އޮން ތްރީ ބާސްކެޓް ޗެލެންޖް މިއަހަރު އަގުހުރި ދެ އިވެންޓާއެކު

Jun 17, 2018

ޑަބުލިއު ސްޕޯޓްސް އެކަޑަމީގެ “ތްރީ އޮން ތްރީ ބާސްކެޓް ސްޓްރީޓް ޗެލެންޖް” މިއަހަރުވެސް ބާއްވާގޮތަށް ނިންމާ، އެކަން އިއުލާންކޮށްފި އެވެ. މިއަހަރު މި އިވެންޓް މެއިން ސްޕޮންސަރަކީ އައިވެލް ޕޯޓްރޭޓް އެވެ.

ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމްގެ ބާސްކެޓް ކޯޓްގައި ބާއްވާގޮތަށް ނިންމާފައިވާ މިމުބާރާތް އޮންނާނީ މިމަހު 25-29 އަށެވެ. މުބާރާތުގައި ވާދަކުރުމުގެ ފުރުސަތު ދެ ޖިންސަށް ހުޅުވާލާފައިވާއިރު ތިން ކެޓަގަރީއެއް ހިމެނެ އެވެ. އެއީ ފިރިހެން، އަންހެން އަދި ޖޫނިއަރ ބޯއީސް އެވެ. ޖޫނިއަރ ބޯއީސް ކެޓަގަރީގައި ބައިވެރިވެވޭނީ 16 އަހަރުގެ ދަށުގެ ކުދިންނަށެވެ.

އައިވެލް ޕޯޓްރޭޓް ޑަބުލިއު އެސް އޭ ތްރީ އޮން ތްރީ ސްޓްރީޓް ޗެލެންޖްގައި މިއަހަރުވެސް ކުއަންޓަމް ކިންގް އޮފް ދަ ރިންގް އާއި ތްރީ ޕޮއިންޓް ހޮޓްޝޮޓް ހިމެނެ އެވެ. އަދި ސްޕެކްޓޭޓަރ ޗެލެންޖަސްވެސް ހިމެނެ އެވެ.

މިއީ މިމުބާރާތް ބާއްވާ ދެ ވަނަ އަހަރަށްވާއިރު މިއަހަރުގެ މުބާރާތް ބާއްވަނީ އިތުރު ބޮޑު ދެ އިވެންޓާއެކު އެވެެ. މިތަނުން އެއް އިވެންޓަކީ އައިވެލް ޕޯޓްރޭޓް ފޮޓޯގްރަފީ ޗެލެންޖެވެ. 30،000ރ އަށްވުރެ ގިނަ ރުފިޔާގެ އިނާމު ހުށަހެޅިފައިވާ މިމުބާރާތަކީ މުޅި ރާއްޖެއަށް ހުޅުވާލައިގެން ބާއްވާ ފޮޓޯގްރަފީ ޗެލެންޖެކެވެ. މިމުބާރާތުގެ އެއްވަނަ އިނާމަކަށް 32 އިންޗީގެ ސްމާޓް ޓީވީއަކާއި ޕީއެސް 4 އެއް ހުށަހެޅިފައިވާއިރު ދެ ވަނަ އިނާމަކަށް ލެޕްޓޮޕެއް އަދި ތިންވަނަ އިނާމަކަށް ޖޭބީއެލް ބުރޭންޑްގެ ސައުންޑް ބާ އެއް ހުށަހަޅާފައިވެ އެވެ. މިމުބާރާތުގެ ފޮޓޯ އަޕްލޯޑް ކުރުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު މިމަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް ފޮޓޯ ފޮނުވޭނެ އެވެ.

ދެވަނަ އިވެންޓަކީ މަންދު ކޮލެޖާއި ޑަބުލިއު ސްޕޯޓްސް އެކަޑަމީ ގުޅިގެން މަންދު ކޮލެޖްގެ އޮފީސް ކުޅުދުއްފުށީގައި ހުޅުވުމުގެ ރަސްމިއްޔާތާ ގުޅުވައިގެން ކުރިއަށްގެންދާ ސްކޮލަޝިޕް ލިބޭ އަގުހުރި ފުރުސަތުތަކެކެވެ. ސްކޮލަޝިޕްތައް ލިބުމުގެ ފުރުސަތު އޮންނަނީ ބޮޑުތިލަދުންމަތި ހިމެނޭ މި ތިން އަތޮޅުގެ ދަރިވަރުންނަށެވެ. މިފުރުސަތު ހޯދުމަށްޓަކާ ޖުލައި އިންޓޭކަށް ދަރިވަރުން ރަޖިސްޓްރީވުމަށްވަނީ ހުޅުވާލާފައި އެވެ.

މި ސްކޮލަޝިޕްތައް ލިބޭ ފަރާތްތައް ކަނޑައެޅުމަށް ބާއްވާ ގުރުއަތުނެގުން އޮންނާނީ އައިވެލް ޕޯޓްރޭޓް ޑަބުލިއު އެސް އޭ ތްރީ އޮން ތްރީ ސްޓްރީޓް ޗެލެންޖްގެ ފައިނަލް ނައިޓްގައި ބާސްކެޓް ކޯޓްގަ އެވެ. ފައިނަލް އިވެންޓް އައިސް ޓީވީ ވަގުތު ދައްކާނެ އެވެ.

ބާސްކެޓް މުބާރާތުގެ ބައިވެރިވުމުގެ އެންމެ ފަހު ތާރީހަކީ މިމަހުގެ 20 ވަނަ ދުވަހެވެ. މިމުބާރާތަކާއި ބެހޭ އިތުރު މައުލޫމާތު ޑަބުލިއު ސްޕޯޓްސް ފޭސްބުކް ޕޭޖުންނާއި އައިވެލް ޕޯޓްރޭޓްގެ ޕޭޖުން ލިބެން ހުންނާނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355