twitterviber whatsapp telegramfacebookyoutube instagram
24th April 2024

މެއި މަސް ވެސް ނިމިއްޖެ، ބަނދަރު މަޝްރޫއުވެސް އިބިލީހު ކައިވެންޏަށް !

Jul 8, 2018

މި ސަރުކާރުން ކުޅުދުއްފުއްޓަށް ގިނަ ހުވަފެން ތަކެއް ދައްކާ ، އެ ހުވަފެންތަކުން ކުލަ ޖެހިފަ އޮތީ ކިތައް ހުވަފެންތޯ މިއަދު ކުޅުދުއްފުށީ ރައްޔިތުން ވިސްނާލުން މުހިންމު ކަމެކެވެ.

އެގޮތުން މި ރަށަށް ދައްކާފަ އޮތް އެންމެ ބޮޑެތި ހުވަފެންތަކުގެ ތެރެއިން އެންމެ ކަމަކަށް ބަލާލިޔަސް ފެންނަމުން ދަނީ މި ސަރުކާރުން ކުޅުދުއްފުއްޓާ މެދު އެއްވެސް ވަރަކަށް ސަމާލުކަމެއް ނުދޭ ތަނެވެ. އެތަނުން އެންމެ ކަމަކަށް ބަލާލާނަމެވެ. ކުޅުދުއްފުށީ ހިއްކިބިން ނުވަތަ ވެލިގަނޑަކީ އެތަށް ރައްޔިތުންގެ މުސްތަގުބަލާ ގުޅިފައިވާ ތަނެކެވެ. އެތަނުގައި ބަނދަރެއް ހަދައި ތަރައްގީކުރުމަކީ ރައީސް ޔާމީން ވެފައިވާ ވައުދެކެވެ. ވެރިކަމަށް ވަޑައިގަތުމަށް ދެއްކި ބޮޑު މަންޒަރެކެވެ.

ކުޅުދުއްފުށީ ބަނދަރު ޒަމާނީ ފެންވަރަކަށް ހެދުމަށް އޭޑީބީ އިން 9.6 މިލިއަން ޑޮލަރުގެ އެހީ ދިނުމަށް 2016 ވަނަ އަހަރުވަނީ ނިންމާ އެކަން ހާމަކޮށްފަ އެވެ. ދުވާލަކު 250 ބޯޓަށް ހިދުމަތްދެވޭ ފެންވަރަށް ތަރައްގީކުރާ އެ ބަނދަރާ ބެހޭގޮތުން އޭޑީބީއާ ހަވާލާދީ ފައިނޭންޝަލް ޓައިމްސްގައި 2016 ވަނަ އަހަރު އާންމުކުރި ޙަބަރެއްގައި ބުނެފައިވަނީ 2019 ވަނަ އަހަރުގެ ޑިސެމްބަރުމަހު ތެރޭގައި ނިންމާލެވޭނެ ކަމަށެވެ.

ބަނދަރުގެ އަމަލީ މަސައްކަތް ފަށާނެ އެކި ތާރީހްތައް ހައުސިންގ މިނިސްޓްރީގެ ބޭފުޅުން ވިދާޅުވެފައިވީނަމަވެސް އަމަލީ މަސައްކަތް އަދިވެސް ފެށިފައިއެއްނުވެ އެވެ. 2017 ވަނަ އަހަރުގެ އެކި ތާރީހްތައް ދެމުން އައިސް މިއަހަރު ފެބްރުއަރީމަހު ބަނދަރުގެ އަމަލީ މަސައްކަތް ފަށާނެކަމަށް މިނިސްޓްރީގެ ބޭފުޅުން ވިދާޅުވި އެވެ. އެގޮތުން ބަނދަރުގެ އަމަލީ މަސައްކަތް ފަށަން އެންމެ ފަހުން ދެއްވި ތާރީހަކީ މިދިޔަ މެއި މަހެވެ.

” އުދުހޭ” ނަމުގައި ޕީޕީއެމްއިން ކުޅުދުއްފުށީގައި 2017 ވަނަ އަހަރުގެ ނޮވެމްބަރ މަސްތެރޭގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން މިނިސްޓަރު މުއިއްޒު ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަމުގައި ހަދައި އެންމެ ތަނަވަސް އަދި ބޮޑު ބަނދަރުގެ މަސައްކަތް އަންނަ މެއިމަހުގެ ތެރޭގައި ކުޅުދުއްފުށީގައި ހަދަން ފަށާނެ ކަމަށެވެ.

އެ ޖަލްސާގައި ވާހަކަ ދައްކަވަމުން މިނިސްޓަރު މުއިއްޒު ވިދާޅުވެފައިވަނީ ކުޅުދުއްފުށީގައި ހަދަން ހަމަޖެހިފައިވާ ބަނދަރަކީ އާދައިގެ ބަނދަރެއް ނޫން ކަމަށާއި ބަނދަރު ބޭރު ތޮށީގައިވެސް އޮޑި ދޯނި ފަހަރު އެޅޭގޮތަށް ވަރަށް ފުރިހަމައަށް ހަދައި ބަނދަރެއް ކަމަށެވެ. އަދި ބަނދަރުގެ އަރިމަތީ ތޮށީގައިވެސް ޖެޓީތަކެއް ލެވިފައި ހުންނަ ވަރަށް ބޭނުންކުރެވޭގޮތަށް ފަރުމާކުރެވިގެންދާ ބަނދަރެއްކަމަށް މުއިއްޒު ވިދާޅުވި އެވެ.

ނަމަވެސް އެތަނުގައި އެއްވެސް މަސައްކަތެއް ކުރިއަކަށް ނުދެ އެވެ. ފައިނޭންޝަލް ޓައިމްސްގައި ހާމަކޮށްފައިވާގޮތުގައި އެ ބަނދަރު ތަރައްގީކޮށް މިހާރަށް ވުރެ ބޮޑެތި ކާގޯ އުފުލާ އުޅަނދުތަކަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ދިގު ދަތުރުތައް ކުރާ ބޯޓުތަކަށާއި ޕެސެންޖަރުންނަށް ބޭނުންވާނެ އެންމެހާ ޒަމާނީ ހިދުމަތްތައް އެ ބަނދަރުން ލިބެން ހުންނާނެ އެވެ.

މި މަޝްރޫއުގެ ކުޅުދުއްފުށީ ކައުންސިލްގެ ހިންގުން ހަރުދަނާ ކުރުމަށާއި ބަނދަރުގެ އިދާރީ ކަންކަމާއި އަދި ސަލާމަތީ ކަންކަން ރަނގަޅުކުރުމަށް އޭޑީބީ އިން 500،000 ޑޮލަރުގެ އަގުހުރި ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމަށްވެސް ނިންމާފައިވާކަން އެނޫހުން ރިޕޯޓްކޮށްފައިވެ އެވެ

ބޭރުގެ ހިލޭ އެހީގެ ކަންތަށް ހަމަޖެހި، ނަމަވެސް މިއިން އެއްވެސް ކަމެއް އަދި ފެންނަށް ނެތްކަމީ ކުޅުދުއްފުށީ ރައްޔިތުން ވިސްނާލަން ޖެހޭ ކަމެއްކަން ޔަގީނެވެ. އެހެން މަޝްރޫއުތަކަށްވާގޮތަށް މި މަޝްރޫއަށްވެސް އިބިލީހު ކައިވެންޏަށްވެ ގޮސް ނިމުނީ ބާ އެވެ.

ރައީސް ޔާމީން ކުޅުދުއްފުއްޓަށް ދެއްކި އިގްތިސާދީ ޒޯން: ހަތަރު އަހަރުންވެސް ސުމެއް !

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355