twitterviber whatsapp telegramfacebookyoutube instagram
19th April 2024

އައިޝާގެ ކޮލަމް: އަޖާއިބުން ފުރިގެންވާ ކިޑްނީ! (ފުރަތަމަ ބައި)

Jul 9, 2018

ލިޔުނީ: އައިޝަތު ހާމިދު

އައިޝަތު ހާމިދު މިވަގުތު ވަޒީފާ އަދާކުރައްވަމުން ގެންދަވަނީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ އެކްޓިންގ ނާސިރންގ ޑައިރެކްޓަރެއްގެ ގޮތުގައި އެވެ.

އަހަރެމެންގެ ގުނަވަންތަކުގެ ފުރިހަމަ ކަމާއެވެ. ކީރިތި ޤުރުއާނުގެ 82 ވަނަ ސޫރަތުގެ 7 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައި ވެއެވެ. “އެކަލާނގެއީ ތިބާ ހައްދަވައި އަދި ތިބާގެ ގުނަވަންތައް ފުރިހަމަ ކުރައްވައި އިސްކޮޅާއި ރޫފަ ގުޅޭ ގޮތަށް ތިބާލެއްވި ރަސްކަލާނގެ އެވެ”. މި ފުރިހަމަ ގުނަވަންތަކުގެ ތެރެއިން، މި ލިޔުމުގައި ބަލާލާނީ އަޖާއިބުން ފުރިގެންވާ ކިޑްނީ އަށެވެ. މިގޮތުން ކިޑްނީގެ ތަޢާރަފެއް ކިޔުންތެރިންނަށް ދެވޭތޯ ބަލާލާނަމެވެ. އޭގެ ފަހުން ކިޑްނީގެ މައިގަނޑު މަސައްކަތާއި، މަސައްކަތް ކުރަނީ ކިހިނެއްކަމާއި އަދި ކިޑްނީގައި އުފައްދާ މުހިއްމު ހޯމޯން ތަކަށް އަލިއަޅުވާލެވޭތޯ ބަލާ ނަމެވެ.

ތަޢާރަފް:

ކިޑްނީގެ ސިފަ ބައްޓަން ކުރެވިފައިވަނީ ތޮޅިއޮށަކާއި އެއްގޮތަށެވެ. އޭގެ ބޮޑުމިނަކީ އިންސާނެއްގެ އަތް މުށްކަވާލީމާ ހުންނަ ބޮޑުމިނެވެ. ކިޑްނީ ލެއްވިފައިވަނީ މައިބަދައިގެ ކަށިތަކުގެ ތިރީގައި ކަނާއަތް ފަރާތުގަޔާއި ވާއަތް ފަރާތުގައި އަހަރެމެންގެ ބުރަކަށިވާ ފަރާތުގައެވެ.

ޢާއްމުކޮށް އަހަރެމެން އެންމެންނަކީ ވެސް 2 ކިޑްނީ ލިބުމުގެ ހެޔޮ ނަސީބު ލިބިފައިވާ މީހުންނެވެ. އެހެން ކަމުގައި ވިޔަސް މަދު ޙާލަތްތަކުގައި އުފަންވާއިރު 1 ކިޑްނީ ހުންނަ މީހުން ތިބެއެވެ. އަދި މީގެ އިތުރުން ކިޑްނީއެއް ނަގަންޖެހޭ ޙާލަތެއް މެދުވެރިވި ނަމަވެސް އެންމެ ކިޑްނީ އަކާއެކު ދިރި އުޅެން ޖެހިދާނެއެވެ. ހަމަ އެހެންމެ، އާއިލާ މެމްބަރަކަށް ނުވަތަ ރައްޓެއްސަކަށް ވެސް 2 ކިޑްނީއިން ކިޑްނީއެއް ހަދިޔާ ކުރަން ޖެހިދާނެއެވެ. މިޙާލަތްތަކުގައި، މިއެންމެން ވެސް އެ މީހުންގެ ޙަޔާތް ވޭތު ކުރާނީ އެންމެ ކިޑްނީ އަކާއި އެކީގައެވެ. މިއީ ދުޅަހެޔޮ ކިޑްނީއެއްނަމަ 1 ކިޑްނީއާއެކު މުޅި ހަޔާތުގެ ހުރިހާ ދުވަސްތަކުގައި ރަގަޅު ސިއްޙަތެއްގައި ދިރި އުޅެވިދާނެ އެވެ.

ތަސައްވަރުކޮށްލަމާ!

އަހަރެމެން ބޯން ބޭނުންކުރާ ފެން، ސާފުކުރާ ފެން ޕްލާންޓަކީ އެފެނުގައި އެކުލެވޭ ބޭކާރު ތަކެއްޗާއި ވިހަ މާއްދާތައް ވަކިކޮށް އެފެން ސާފުކޮށްދޭ މެޝިނެވެ. މި މެޝިން ނުވަތަ ފެން ޕްލާންޓުން، ފެން ސާފު ނުކުރެވޭނަމަ، ދެންވާނެ ގޮތް ތަސައްވަރުކުރެވޭ ހެއްޔެވެ؟ ހަމަ ޔަގީނުންވެސް އެފެން ޕްލާންޓުން އުފައްދާ، ފެން ބޯ މީހުން ވަރަށް އަވަހަށް ބަލިވާނެ އެވެ.

އަހަރުމެންގެ ހަށިގަނޑުގައި ވެސް ވަރަށް ގިނައިން ފެން ހިމެނިފައި ވެއެވެ. އެހެނިހެން ފެނާއި އެއްފަދައިން ހަށިގަނޑުގައިވާ ފެންވެސް ސާފުކޮށް ބޭނުން ނުހިފޭ ބައިތައް ހަށިގަނޑުން ބޭރުކުރަން ޖެހެއެވެ. ﷲ ގެ ހެޔޮރަޙްމަތްފުޅުން މިމަސައްކަތް ކުރުމަށް ހަށިގަނޑުގައި ލައްވަވާފައިވަނީ އަހަރެނެންގެ އަޖާއިބުން ފުރިގެންވާ ކިޑްނީ ނުވަތަ ގުރުދާ އެވެ.

އަހަރުމެން ބޭނުންކުރާ ކާނާޔާއި ދިޔާ ތަކެތިން ހަށިގަނޑަށް ބޭނުންވާ ހަކަތައާއި، ރައްކާތެރިކަމަށްޓަކައި ބޭނުންވާ މިންވަރު ފިޔަވައި އިތުރުވާތަކެއްޗަކީ ހަށިގަނޑަށް ބޭނުން ނުވާ ތަކެއްޗެވެ. މިތަކެތި ހަށިގަނޑުގައި ދައުރުވާ ލެޔާއެކުވެއެވެ. މިގޮތުން ލެޔާއި އެކުވާ ބައިތައް ހަށިގަނޑުން ބޭރުނުވާނަމަ، ފެން ސާފު ނުކުރެވޭ ފެން ޕްލާންޓުން ފެންބޯ މީހުން ބަލިވާ ފަދައިން، އަހަރުމެން ވެސް ބަލިވާނެއެވެ. އަދި ހަށިގަޑުގައި ލޭސާފު ނުކުރެވޭ ނަމަ އަހަރުމެންގެ ދިރިހުރުމުގެ ވިންދު ހުއްޓިދާނެ އެވެ. އެހެންކަމުން، މިމުހިންމު ގުނަވަން އަހަރެމެންގެ ދިރިހުރުމަށްޓަކާ ކުރަމުންދާ މަސައްކަތްތައް ދެނެގަނެވޭތޯ ބަލަމާ ހިނގާށެވެ.

މައިގަނޑު މަސައްކަތްތަކަކީ ކޮބާ؟

މިއަދަކީ ހޫނުގަދަ ދުވަހެއް ކަމަށް ބަލަމާ ހިގާށެވެ. މިއަދުގެ ހޫނުގަދަ ކަމާއިއެކު އަހަރުމެން ފެންތައްޓަކަށް ފަހު ފެން ތައްޓެއް ބޮމުން ގޮސް ގިނަ ޢަދަދަކަށް ފެން ބޮއިފީމެވެ. އެއީ ހޫނުގަދަ ކަމާއިއެކު ކަރުހިއްކުން އިތުރުވާތީ އެވެ. މި އިހުސާސް ގެނެސްދީ، ފެން ނުވަތަ ދިޔާ ތަކެތި ގިނައިން ބުއިމަށް އަހަރެމެން އެދުންވެރި ކުރުވީ ކިޑްނީގެ ހުނަރުވެރި ކަމެވެ. ހަމަ މިގޮތަށް ފިނިގަދަ ދުވަސްތަކުގައި ދިޔާތަކެތި މަދުން ބޯން ބޭނުން ވަނީވެސް، މި ގުނަވަން ހަށިގަޑުގެ ފިނި ހޫނުމިން އެއްމިންގަޑެއްގައި ބެހެއްޓުމަށް ފާރަވެރިވެފައިވާ މިންވަރުން ނެވެ.

ހަށިގަނޑު ތެރޭގައި ދަމަހައްޓަންޖެހޭ ފިނި ހޫނުމިނާއި، އަދި ހަށިގަޑަށް ބޭނުންވާ މިންވަރުގައި ލޮނާއި، ފެނާއި އެހެނިހެން މާއްދާތައް އެއް މިންގަޑެއްގައި ހިފެހެއްޓުމަކީ މިކުޑަ ކިޑްނީގެ މަސްއޫލިއްޔަތުގެ ތެރެއިން ހިމެނިގެންވާ ކަމެކެވެ. އަދިހަމަ އެހެންމެ، ހަށިގަޑުން އުނިކުރަންޖެހޭ ތަކެތި ދެނެގަނެ، އެތަކެތި ހަށިގަޑުން ބޭރުކޮށްލުމަކީ ވެސް މި ގުނަވަނުގެ ހުޝިޔާރު ކަމުގެ ތެރެއިން ހިމެނޭ ކަމެކެވެ. މީގެ އިތުރުން ވިޓަމިންސްއާއި، މިނެރަލްސް އަދި ބައެއް ހޯމޯންސް ހަށިގަޑަށް ބޭނުންވަނީ ކޮން ވަގުތުތަކެއްގައި ކަން ދެނެގަނެ، އެވަގުތު ތަކުގައި ލޭގެތެރެއަށް އެތަކެތި ފޮނުވައިލުމަކީ ވެސް ކިޑްނީގެ ޒިންމާގެ ތެރެއިން ހިމެނޭ ކަމެކެވެ. އެހެންކަމުން ކިޑްނީގައި މިމަސައްކަތް ކުރެވޭ ގޮތް ދެނެގަންނަމާ ހިނގާށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355