މުހައްމަދު އިސްމާއިލް
“ހެޕީ ބާރތްޑޭ ސްވީޓީ”. “ޖިނާ. އަހަރެންނަށް މިހާރު އެއިޓީން ވެއްޖެ. ހިނގާ މެރީ ކުރަން.” އަށާރަވަނަ އުފަންދުވަހުގެ ތަހުނިޔާގެ ބަސްތަކާއެކު ކައިވެނީގެ ވާހަކަ ދައްކަން ނުފަށާ ޒުވާނުން މިހާރު މަދުވާނެއެވެ. އަށާރަ އަހަރާއި ވިހި އަހަރުގެ ޒުވާނުން ޒަވާޖީ ހަޔާތެއް ފަށަނީ ހަޔާތުގެ ކުރިއަށްހުރި ގިނަ ގޮންޖެހުންތަކާމެދު އެއްވެސް ފިކުރެއް ނެތިއެވެ.
ކައިވެނި ކުރާތާ ނުވަ މަސްހަމަވުމުގެ ކުރިން ނުވަތަ ކައިވެނިކުރާތާ ދެތިން އަހަރުތެރޭ އަލަތު ދަރިފުޅަށް ބަލިވެ އިނދެއެވެ. އެހެނެއްކަމަކު ދެން ނަގަން ހުރި ރާޅުތަކުގެ އުސްމިނަކަށް އެމީހުން ނުވިސްނައެވެ.
ދަރިން ރަނގަޅުގޮތުގައި ތަރުބިއްޔަތު ކުރުމަކީ، ހުނަރެކެވެ. އެއީ އެހެން ދާއިރާތަކުގެ އިލްމު އުނގެނޭހެން އުނގެނެންޖެހޭ އިލްމެއްވެސް މެއެވެ. މިހާރު އެންމެ އާންމުކޮށް އިވޭ އަޑަކީ ޒުވާން އުމުރުގެ ކުދިން ބޮޑެތި ކުށްކުށަށް އަރައިގަންނަ ވާހަކައެވެ. ސްކޫލުތަކުގައި ޖިނާއީ ބޮޑެތި ޖަރީމާތައް ހިންގާވާހަކައެވެ. ސްކޫލުތަކުގައި މުޒާހަރާ ކުރުމާއި މުދައްރިސުންނަށް އިހުތިރާމު ނުކުރާ ވާހަކައެވެ. ކޮންމެވެސް “ބިޓެއް”ގެ މައްސަލައިގައި ގައިގައި ކަޓަރު އަޅަމުންދާ ވާހަކައެވެ. މި ހުރިހާ ކުދިންގެ ވެސް އެވްރެޖް އުމުރަކީ 18 އަހަރާ 25 އަހަރެވެ.
ކޮންމެ މިފަދަ މައްސަލައަކާ ގުޅިގެން ދައުލަތުގެ އެކި މުއްސަސާތަކަށް ފާޑުކިޔުންތައް އަމާޒުވެއެވެ. ޝަރުއީ ކޯޓުތަކަށާއި ފުލުހުންގެ އިތުރުން ހިއުމަންރައިޓްސް ކޮމިޝަންފަދަ ދައުލަތުގެ މުހިއްމު މުއައްސަސާތަކުގެ ބޮލުގައި މިފަދަ ކުށްތަށް ކުރުމާއި ގުޅިގެން އެކި އިލްޒާމްތައް އަޅުވައެވެ. މައިންބަފައިން، ބެލެނިވެރިން، ބަލަދުވެރިންގެ ވާހަކަ އަޑު އިވެނީ މަދު ފަހަރެއްގައެވެ.
16 އަހަރުގެ ކުއްޖެއް ގެއްލިގެން ސިފައިން ފުޅި އަޅައިގެން މޫދު އަޑިއަށް ފީނަނީއެވެ. ދަރިފުޅު ގެއްލިގެން ފުލުހުންނަށް ރިޕޯޓުކުރެއެވެ. މަސްބާނަން ކަމަށްބުނެ ގެއިން ނުކުންނަ ޒުވާނާގެ ހަބަރެއް ވޭތޯ ބަލާލުމެއް ނެތެވެ. ފުޅި އަޅައިގެން މޫދު އަޑީގައި އަތްފުނާ އަޅާއިރު ދަރިފުޅު އޮންނަނީ އެނދުމަތީގައި ނިދާފައެވެ. ރޭގަނޑު ދަން ގަޑިތަކުގައި ގެއިން ބޭރުގައި އުޅޭ ޅަދަރިން ގެއްލިގެން ފުލުހުންނަށް ރިޕޯޓުކުރަނީ އަނެއް ދުވަހު މެންދުރު ކާން ގެއަށް ނައުމުންނެވެ. މަސްބާނަން ދިޔަ ޒުވާނާގެ ހަބަރު ލިބެނީ ކޮންމެވެސް ރަށްޓެއްސެއްގެ ފަރާތުންނެވެ. މިއީ މިއަދު މިގައުމުގައި ދަރިން ތަރުބިއްޔަތު ކުރާ ގޮތެވެ.
ކާން ދިނީމާ ތުއްތު ދަރިފުޅު ބޮޑުވެ ގައިގައި މަސްޖަހާނެއެވެ. ޔުނީފޯމް އަޅުވާފައި ސްކޫލުގެ ގޭޓްގެ އެތެރެއަށް ފޮނުވާލީމާ ގަޑި ނިމެންދެން ސްކޫލުގައި އިންނާނެވެ. ނިދަން ފޮނުވީމަ ތުއްތު ކުއްޖާ ނިދާނެއެވެ. މިއީ މައިންބަފައިން ދަސްކުރަންޖެހޭ އިލްމެއް ހެއްޔެވެ؟ މިއީ އުނގެނެން ޖެހޭ ހުނަރެއް ހެއްޔެވެ؟ ކިހާ “ސިމްޕަލް” ކަމެއް ހެއްޔެވެ؟ ދަރިން ތަރުބިއްޔަތު ކުރުމަކީ ހުނަރެއް ކަމަށް ސޯޝަލް ސައިންސްގެ ދާއިރާގެ ތަޖުރިބާކާރުން އެއްބަސްވެލައްވައެވެ. އަދި އެއީ އުނގެނެންޖެހޭ އިލްމެއްކަމަށް އެބައިމީހުން ބުނެއެވެ.
ދުނިޔެއަށް ލޯހުޅުވި، އިލްމަށްފަހު ލިބޭ ތަޖުރިބާގެ ކުރިން އުނގުގައި ދެދަރިން ތިބެއެވެ. ތަޖުރިބާ ލިބެނީ އެކުދިން ބޮޑުވެ ކޮންމެވެސް ބޮޑު ކަންތައްގަނޑެއް ޖެހުނީމައެވެ. އެއިރު ތިބެނީ މާމަ ދަރިން ލިބިފައެވެ. އެދުވަހު މުސްކުޅިވެ ދުވަސްވުމުގެ ސަބަބުން ދަރިން އެބައިމީހުން ދައްކާ ވާހަކަ އަޑެއް ނާހައެވެ. މާމަ ދަރިންވެސް ބޮޑުވަނީ ހަމަ މާމަގެ އަސްލު ދަރިން ބޮޑުވި ބީދައިންނެވެ. މިއީ، މިއަދު މި މުޖުތަމައުން ފެންނަމުންދާ ހަގީގަތެވެ. ހޭލުންތެރިކަން ކުޑަ މުޖުތަމައެކެވެ.
ތުއްތު ކުއްޖާ ތަރުބިއްޔަތު ކުރުމުގައި މުހިއްމު ކަންތައްތަކެއް އެކުދިންގެ މައިންބަފައިންނަށް އެނގެންޖެހެއެވެ. އެންމެ ތުއްތު އުމުރުން ފެށިގެން ކުއްޖާއަށް އަންނަ ބަދަލުތައް އެނގެންޖެހެއެވެ. ކަންކަން ދަސްކުރާގޮތާއި، ކަންކަން ދަސްކޮށްދޭންޖެހޭ ދުވަސްވަރު ބެލެނިވެރިންނަށް އެނގެން ޖެހެއެވެ. އުމުރުފުރާ ބަދަލުވަމުންދާ ދުވަސްވަރު އެ އުމުރުފުރާގައި ކުދިންގެ ވިސްނުމަށް އަދި ޖިސްމާނީގޮތުން ހަށިގަނޑަށް އަންނާނެ ބަދަލުތައް ދަސްކުރަންޖެހެއެވެ. ޖިންސީ ހާނިއްކަ، އެކުވެރިންގެ ފަރާތުން އަންނަ ޕްރެޝަރގެ ސަބަބުން ކުއްޖާގެ އުޅުމަށް ބަދަލު އައުމުގެ ފުރުޞަތު އެންމެ ބޮޑު ދުވަސްވަރަކީ ކޮބައިތޯ ބަލަންޖެހެއެވެ. އެކަހެރިވެ ކަންކަމާމެދު ވިސްނާ ކަންކަން ތަޖުރިބާ ކުރަން ބޭނުންވަނީ ކޮން އުމުރުފުރައެއްގައިތޯ ބެލެނިވެރިންނަށް އެނގެންޖެހެއެވެ. އަމިއްލަ ނަފުސަށް އިތުބާރުކުރާ، ކަންކަމުގައި ހެވާއި ނުބައި ވަކިކުރަން އެނގޭ، ކުރިމަތިވާ ކަންކަމުގައި ވިސްނައިގެން ރަނގަޅުގޮތް ހޯދަން އެނގުން ފަދަ ދިރިއުޅުމުގެ ހުނަރުތައް ފުރަތަމަ ދަސްކުރަންޖެހެނީ މައިންބަފައިންނެވެ.
މައިންބަފައިން ނުވަތަ ބެލެނިވެރިން ދަރިން ތަރުބިއްޔަތު ކުރުމުގައި އިހުމާލު ވެއްޖެނަމަ ދެން އެކުދިންގެ ފަރާތުން މުޖުތަމައަށް ކުރާ ނޭދެވޭ އަސަރުގެ ވާހަކަ އަޑު އިވޭނެއެވެ. ކޮންމެ ދުވަހެއްގެ ނޫހުގެ ފަލަ ސުރުހީ ފަޅުފިލުވާނީ ކުޑަކުދިންނާގުޅޭ ކޮންމެވެސް ހަބަރަކުންނެވެ. މިއީ، މިއަދު މިގައުމުގެ ޒިންމާދާރު މަގާމުތަކުގައި ތިއްބެވި ބޭފުޅުން ވިސްނައި ފިޔަވަޅު އަޅަންޖެހިފައިވާ މުހިއްމު މައްސަލައެކެވެ. ކުށްތަކަށް އަރައިގަތުމުން އެކުށްތަށްކުރި ކުދިން އަތުލައި ފިޔަވަޅު އެޅުމަށްވުރެ ކުށްތަކަށް ކުދިންނަށް އަރައިނުގަނެވޭނެ ފަދަ ގޮތަކަށް މުޖުތަމައު ބައްޓަން ކުރަން މިއަދު މިވަނީ ޖެހިފައެވެ.