ކުޅުދުއްފުށީގައި ހުރި ސަރުކާރު އޮފީސްތަކާއި ކުންފުނިތަކުގެ މުވައްޒަފުންނަށް ހުޅުވާލައިގެން ޑަބްލިއު ސްޕޯޓްސް އެކަޑަމީން އިންތިޒާމްކޮށްގެން ބާއްވާ އިންޓަރ އޮފީސް ބާސްކެޓް ބޯލް ޗެމްޕިއަންޝިޕް 2018 ގައި ބައިވެރިވުމަށް ހުޅުވާލައިފި އެވެ. މިމުބާރާތް ހާއްސަކޮށްފައިވަނީ ލޯފަން ކުދިންނަށާއި ވާހަކަދެއްކުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށެވެ.
މި މަހު 29 ގެ ކުރިން މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލާފައިވާއިރު، މުބާރާތުގައި ބައިވެރިވުމަށް ޑަބްލިއު ސްޕޯޓްސް އެކަޑެމީގެ މެއިލް އަށް ސިޓީއެއް ފޮނުވުމަށް އެ ފަރާތުން އެދެއެވެ. ޓީމް ލިސްޓް ހުށަހެޅުމުގެ ފަހު ތާރީހަކީ 01 އޯގަސްޓް އެވެ.
މިއީ އަންހެން އަދި ފިރިހެން ދެ ޖިންސްއަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ މުބަރާތެއް ކަމަށާއި މި މުބާރާތުގައި އޮފީހުން ބޭރު 2 ކުޅުންތެރިއެއް ހިމެނުމުގެ ފުރުސަތު ކޮންމެ ޓީމަކަށް ވެސް އޮންނާނެކަމަށް އެ އެކަޑެމީން މައުލޫމާތު ދެއެވެ. ނަމަވެސް އެތަނުން އެއް ކުޅުންތެރިއަކު ވާންވާނީ ކުޅުދުއްފުށީގެ ކުޅުންތެރިޔަކަށެވެ.
މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ 15 އޯގަސްޓް ގައި ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމް ގައެވެ. މިއީ 5 އޮން 5 މުބާރާތެކެވެ. ޑަބުލިއު ސްޕޯޓްސް އެކަޑަމީ ފާހަގަކުރެވިފައިވަނީ އަތޮޅު އަދި ރަށު ފެންވަރުގައި ފާހަގަކޮށްލެވޭ ގިނަ މުބާރާތްތަކެއް ބާއްވަމުންދާ އެކަޑަމީއެއްގެ ގޮތުގަ އެވެ. ކުޅިވަރު މުބާރާތްތައް ބޭއްވުމުގެ އިތުރުން ކުޅިވަރުގެ ދާއިރާއިން މީހުން ބިނާކުރުމުގެ ގިނަ ހަރަކާތްތަކެއް ޑަބުލިއު ސްޕޯޓްސް ކުރެ އެވެ.
ޖުމްހޫރީ 50 ގުޅުވައިގެން މުޅި އަތޮޅަށް ހުޅުވާލައިގެން ހޭންޑް ބޯލް މުބާރާތެއް ބާއްވަން މިހާރުވެސް ހުޅުވާލާފައިވާއިރު މިމުބާރާތުގައި ރަށުން ބޭރު ބައިވެރިވާ ޓީމުތަކުގެ ހުރިހާ ހަރަދެއް ހަމަޖައްސައިދެނީވެސް ޑަބުލިއު ސްޕޯޓްސް އެވެ.
މީގެ ކުރިންވެސް އެ އެކަޑަމީން އިސްނަގައިގެން ކުޅުދުއްފުށީގައި ވަނީ ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފަ އެވެ. އެގޮތުން ޑަބްލިއު އެސް އޭ 3 އޮން 3 ބާސްކެޓްބޯލް ޗެލެންޖާއި، އޭއީސީގައި ބޭއްވުނު ބާސްކެޓްބޯލް ޓްރެއިނިންގް ކޭމްޕާއި، ހޭންޑްބޯލް ކޯޗިން ޓްރެއިނިން ޕްރޮގްރާމްއަކާއި އަދި މި އެކެޑެމީއިން ކުޅުދުއްފުށީގައި ބޭއްވި އެންމެ އަގުބޮޑު އެންމެ ގިނަ ޓީމްތައް ބައިވެރިވި އެއް އިވެންޓް ކަމުގައިވާ ޑަބްލިއު އެސް އޭ ވިމެން ފުޓްސެލް ފިއެސްޓާގެ އިތުރުން މި އަހަރު ބޭއްވި ޑަބްލިއު ރަން އަދި އިންޓަރ އޮފީސް ބެޑްމިންޓަން މުބާރާތް ފަދަ ތަފާތު ކުޅިވަރު މުބާރާތްތައް ބާއްވާފައިވާކަން ފާހަގަ ކޮށްލެވެއެވެ.