ދިރާގު މޯލްޑިވްސް ރޯޑް ރޭސް 2 ނޮވެމްބަރު 2018 ވާ ހުކުރު ދުވަހު ބާއްވާނެކަން ދިރާގުން އިއުލާންކޮށްފިއެވެ.
ދިވެހިރާއްޖޭގައި ބާއްވާ އެންމެ ބޮޑު އަދި ބައިނަލްއަގުވާމީ ގޮތުން އެކްރެޑިޓްކޮށްފައިވާ ހަމައެކަނި ދުވުމުގެ އިވެންޓްކަމުގައިވާ ދިރާގު މޯލްޑިވްސް ރޯޑް ރޭސް މިދިޔަ2 އަހަރެކޭ އެއްފަދައިން މިއަހަރުވެސް ބޭއްވުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭގައެވެ.
މިއަހަރުގެ ރޯޑް ރޭހުގައި ދުވުންތެރިން އާންމުކޮށް ބައިވެރުވުމަށް ރަޖިސްޓްރީކުރުމުގެ ފުރުސަތު ވަނީ 16 ސެޕްޓެމްބަރ 2018 އިން 16 އޮކްޓޯބަރ 2018ގެ ނިޔަލަށް ހުޅުވާލާފައިއެވެ. މި ރޭހުގައި ރެޖިސްޓަރ ކުރުމަށް ދިރާގު ރޯޑްރޭސް ވެބްސައިޓް www.dmrr.mv އަށް ޒިޔާރަތް ކޮށްލުމަށް ދިރާގުން އެދިލައްވައެވެ.
2007 ވަނަ އަހަރު ދިރާގުން ތައާރަފްކުރި ރޯޑް ރޭސް ޖެހިޖެހިގެން ބާއްވާ މިއީ 12 ވަނައަހަރެވެ. ދިރާގު މޯލްޑިވްސް ރޯޑް ރޭހަކީ މިގޮތުން ގިނަ ބަޔަކު ސައުގުވެރިވާ ދުރާލާ އިންތިޒާރުކުރާ އެއް އިވެންޓެވެ.
ދުޅަހެޔޮކަމާއި ރަނގަޅު ސިއްހަތު އަދި އާއިލީ ގުޅުން ބަދަހި ކުރުމާއި ރަހްމަތްތެރިކަން އާލާވާ ގޮތަށް ދިރާގު ރޯޑް ރޭހަކީ ހުރިހާ އުމުރުފުރައަކަށް ހުޅުވާލައިގެން ކުރިއަށްގެންދާ އިވެންޓެކެވެ. ދިރާގު ރޯޑް ރޭސް މި ފަހަރު ވެސް އޮންނާނީ ދެ ކެޓަގަރީ އަކަށެވެ. އެއީ ފަސް ކިލޯމީޓަރުގެ ބަޔާއި ދިހަ ކިލޯމީޓަރުގެ ބަޔެވެ. ކޮންމެ ކެޓަގަރީ އަކުން ވެސް އޯޕަން ބަޔާއި 45 އަހަރުން މަތީގެ ބަޔާއި ސްކޫލް ކުދިންގެ 13 އަހަރުން ދަށުގެ ބަޔާއި 13 އަހަރުން މަތީގެ ބައި ހިމެނޭނެ ކަމަށް ދިރާގުން ހާމަ ކުރެއެވެ.
ދުވުންތެރިންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކޮންމެ ކެޓަގަރީ އަކަށްވެސް ބައިވެރިވެވޭނެ އެންމެ ކުޑަ އުމުރުފުރާތަށް ވަނީ ކަނޑައަޅާފައިއެވެ. އެގޮތުން 5 ކިލޯމީޓަރުގެ ކެޓަގަރީގައި ބައިވެރިވުމަށް 1 ނޮވެމްބަރ 2018 އަށް 7 އަހަރު ފުރިފައިވާން ޖެހޭނެއެވެ. އަދި 10 ކިލޯމީޓަރުގެ ކެޓަގަރީގައި ބައިވެރިވުމަށް 1 ނޮވެމްބަރ 2018 އަށް 16 އަހަރު ފުރިފައިވާން ޖެހޭނެއެވެ.
މިއަހަރުގެ ރޭހުގެވެސް ޝިޔާރަކީ ކުޑަކުދިންގެ ހައްގުތައް ހިމާޔަތްކޮށް ރައްކާތެރިކުރުމުވެ. އަދި ކުޑަކުދިންގެ ހައްގުތައް ހިމާޔަތްކުރުމުގެ މަސައްކަތުގައި އުޅޭ މަދަނީ އެކި ޖަމިއްޔާތަކާއި އެންޖީއޯތައް މިއިވެންޓުގައި ބައިވެރިވެ އިވެންޓުގައި ރަޖިސްޓްރީ ކުރުމަށް ވަނީ މިއަދުން ފެށިގެން 13 ސެޕްޓެމްބަރ 2018 އާއި ހަމައަށް ހުޅުވާލާފައިއެވެ. އަދި ރަޖިސްޓްރީ ކުރާ ޖަމިއްޔާތައް ގައިޑްލައިނާއެއްގޮތަށް ދިރާގު ރޯޑް ރޭހުގެ ވެބްސައިޓުގައިޝާއިއުކުރެވޭނެއެވެ.
އަދި ހުރިހާ ދުވުންތެރިންވެސް ވެބްސައިޓްގައި ޝާއިއުވެފައިވާ ޖަމިއްޔާތަކުގެ ތެރެއިން އެމީހެއްގެ ދުވުން ހާއްސަކުރާނީ ކޮން ޖަމިޔާއަކަށްކަން ކަނޑައަޅާނެއެވެ. މިގޮތުން އެންމެ ގިނަ ދުވުންތެރިން ހިޔާރުކުރާ 5 ޖަމިއްޔާއަކަށް ޖުމްލަ 200،000 ރުފިޔާ ދިރާގުން ހަދިޔާކުރާނެއެވެ.
މިފަހަރު ރެޖިސްޓްރޭސަން ކުރައްވާ އިރު ދުވުންތެރިންނަށް ބޭނުންވާ ޓީޝާޓް ގެ ސައިޒް ހިޔާރު ކުރައްވާ ދިރާގު ޕޭ މެދުވެރިކޮށް ޓީޝާޓް ބައްލަވައިގަތުމުގެ ފުރުސަތު ހުޅުވާލާނެއެވެ.
ކުޑަކުދިން ހިމާޔަތްކޮށް ރައްކާތެރިކުރުމަށް މަސައްކަތްކުރާ ޖަމިއްޔާތަކަށް ފައިސާ ހޯދޭނެ ވަސީލަތެއް ގާއިމްކޮށްދިނުމުގެ ގޮތުންނާއި އެ ޖަމިއްޔާއަކާއި ބެހޭގޮތުން އާންމުން ހޭލުންތެރިކުރުވުމުގެ ފުރުސަތުވެސް ހޯދައިދިނުމުގެ މަގްސަދުގައި އެހެން އަހަރު ތަކެކޭވެސް އެއްފަދައިން މިއަހަރުވެސް ބައިވެރިވުމަށް ދުވުންތެރިން ބައްލަވައިގަންނަވާ މި ހާއްސަ ޓީޝާރޓުން ލިބޭ ހުރިހާ ފައިސާއެއް ދިރާގު މޯލްޑްވްސް ރޯޑް ރޭހުގައި ބައިވެރިވާ ޖަމިއްޔާތަކަށް ކުޑަކުދިންގެ ހައްގުގައި ހަދިޔާކުރުމަކަށް ވަނީ ނިންމާފައެވެ. މިއަހަރު ޓީޝާޓު ބައްލަވައިގަތުމަށް ހަމަޖައްސާފައިވާ އަގަކީ މަދުވެގެން 100 ރުފިޔާ އެވެ.