twitterviber whatsapp telegramfacebookyoutube instagram
4th May 2024

ކުރުވާހަކަ: ނިމުމެއް ނެތް ލޯބި

Dec 9, 2018

ރައުފާ އާދަމް

ފައިލަކަށް ފަހު ފައިލެއް އަހަރެން ޗެކް ކުރަމުން ދިއައީ ފޫހި ކަމެއް، އެއްވެސް ވަރުބަލި ކަމެއް ނެތިއެވެ. ގަޑިން ވީ އިރެއްވެސް އަހަރެންނަކަށް ނޭނގެއެވެ. އަހަރެންނަކީ އަހަރެންގެ މަސައްކަތަށް ވަރަށް ލޯބިކުރާ މީހެކެވެ. އެދުވަހެއްގެ މަސައްކަތް އެދުވަހު ނިންމުމަކީ އަހަރެންގެ އާދައެކެވެ.

“ދެން ތިތަނުން ތެދުވަން ވެއްޖެއެއްނުން، މިހާރު އެއޮތް 11 ޖަހަނީ ވިއްޔަ” އަހަރެން ސިހިގެން ދިއައީ ޝާހިދުގެ އަޑަށެވެ.

“ހެ ހެ އޭ ނުވެސް އެނގުނޭ، ހިނގާ ދާން. މި ނިމުނީ އޭ” އަހަރެން ހިނިތުންވެފައި ޖަވާބު ދިނީމެވެ.

“މަށަށް އެނގެއޭ ރީމާ އަކަށް ނޭނގޭނެކަން އޮފީހަށް ވަނުމަށްފަހު އެހެން ކަމެއް” ޝާހިދު އަހަރެންނާއި ދިމާ ކޮށްލިއެވެ.

ޝާހިދު އައީ އަހަރެން ބަލައެވެ. 10 ޖެހުމަށްފަހު ގެއަށް ނުގޮއްސިނަމަ ޝާހިދު އަބަދުވެސް އަހަރެން ބަލައި އާދެއެވެ.

“މަންމީ، މަންމީ..” ގެއަށް ހަމަ ވަނުމާއެކު އަހަރެންގެ 3 އަހަރުގެ ދަރިފުޅު އައިސް އަހަރެންގެ ގައިގާ ބައްދާލިއެވެ.

“އަނހާ، ދަރިފުޅު ނުނިދަންތަ؟” ދަރިފުޅާއެކު އިށީންނަމުން އަހަރެން ބުނީމެވެ.

“މަންމީ ޔާއްކޮ މަންމީ އެކީ ނިދަންވީ” ޝަކުވާ ކޮށްލަމުން ދަރިފުޅު ބުންޏެވެ.

މިވީ 3 އަހަރު ތެރޭގައިވެސް ދަރިފުޅުގެ މި އާދައަކަށް ބަދަލެއް ނައެވެ. ދުވާލުގެ ގިނަ ވަގުތު އަހަރެން ހޭދަކުރަނީ އޮފީހުގެ އެކި މަސައްކަތްތަކުގައި އަވަދި ނެތިއެވެ. އެހެން ހުރިހާ ކަމެއް ޝާހިދު އެކީ ކުރިއަސް އަހަރެންނާ ނުލައި ޔާއްކޮ އަކަށް ނުނިދެއެވެ. އަހަރެން އޭނާއަށް ދޭން ޖެހޭ ވަރަށް ވަގުތު ނުދެވޭކަން އެނގެއެވެ. ނަމަވެސް ދުވަހަކުވެސް ކުޑަކޮށްވެސް އެކަމާ ޝަކުވާއެއް ދަރިފުޅު ނުކުރެއެވެ. ޔާއްކޮ ނިންދެވުމަށް ފަހު އަހަރެން ނުކުތީ ބަދިގެ އަށެވެ. އޭރު ޝާހިދު އަހަރެންގެ އިންތިޒާރުގައި އިނެވެ،

“ޝާހިދު ކައިފިންތަ؟” އަހަރެން ސުވާލު ކުރީމެވެ.

“ނޫނޭ، ރީމާ އާއި އެކު ކާން މިއިނީ” ޝާހިދު ޖަވާބު ދިނެވެ. ކާން ތިބިއިރު ދެމީހުންވެސް ދެމީހުންގެ ދުވަސް ދިޔަ ގޮތް ކިޔާދެމެން ދިއައެވެ. އަހަރެން ސިހިގެން ދިއައީ ރޭޑިޔޯއިން އެވަގުތު އައި ޕްރޮގުރާމެއްގެ އަޑު އިވިގެންނެވެ. ‘ހެޕީ ފްރައިޑޭ ‘ ކޮންމެ ހުކުރު ދުވަހެއްގެ ރޭގަނޑު 9 ޖަހާއިރު ހަމައެކަނި ދިވެހި ރާއްޖޭގެ އަޑުން”

އަހަރެން އަވަސް އަވަސް ކޮށްލާފައި ނިދަން ވަނީމެވެ. ނަމަވެސް ނުނިދުނެވެ. ދެންމެ އެ އިވުނު އެއްޗަކުންނެވެ. އެއީ ވަރަށް ގިނަގުނަ ހަނދާންތަކަކާއި ގުޅިފައިވާ ލަފްޒުތަކެކެވެ. އެނދުގައި ފުރޮޅި ފުރޮޅި އޮއްވާ އަހަރެންގެ ހިޔާލު ފީނާލީ މާޒީގެ ތެރެއަށެވެ.

އެއީ މީގެ 5 އަހަރު ކުރިއެވެ. އަހަރެން ގުރޭޑު 12 ގެ ފަހު އިމްތިހާނުގައި އުޅުނު ދުވަސްވަރެވެ. 2013 ވަނަ އަހަރުގެ މެއި މަހުގެ 8 ވަނަ ދުވަހެވެ. އެދުވަސް އަހަރެން ވަރަށް ރަނގަޅަށް ހަނދާން ހުރެއެވެ. އެހެން ދުވަސްތަކެކޭ އެއްގޮތަށް އަހަރެން ސްކޫލުން ނިމިގެން ފިރާ އެކީ ގެއަށް ދިޔަ ދުވަހެކެވެ. ފިރާ އަހަރެންނާއި އެކި ވާހަކަ ދައްކަމުން ދިޔައެވެ. ނަމަވެސް އަހަރެންގެ ނަޒަރު ގޮސް ހުއްޓުނީ މަގުގެ އެއްފަރާތެއްގައި ސައިކަލު މަތީ މަޑުކޮށްލައިން އިން ޒުވާނާއަށެވެ. އިސްކޮޅުން ދިގެވެ. ބާމަތި ފުޅަލެވެ. ފުދޭ ވަރަކަށް ފަލައެވެ. ފަލަ ނަމަވެސް ފަލަވެ ހުތުރޭ ބުނާވަރެއް ނޫނެވެ. ހަމުގެ ކުލަ މެދުމިނެކެވެ. ލައިގެން އިނީ އާދައިގެ ޓީޝާޓަކާއި ސޯޓެކެވެ. ލައިގެން ހުރި ދޫ ޓީޝާޓެއް ކަމަށް ވިއަސް އޭނާގެ ގެ ހަށިގަނޑުގެ ބައްޓަން ބަލައިފި މީހަކަށް ވަރަށް ރަނގަޅަށް ހާމަވާނެއެވެ. އަހަރެންނަށް ވަރަށް ރީތި ވެއްޖެއެވެ. އެހުރިހާ ކަމަކަށް ވުރެވެސް ބޮޑަށް އަޅައިގަތީ މޫނުމަތީ ވަރަށް ގަދައަށް ފަޅާފައިވާ ކަޅުކަން ގަދަ ރީތި ތުނބުޅިއެވެ. ފުރިހަމައެވެ. ބަލާލަން ވަރަށް ހިތްގައިމެވެ. ކުއްލިއަކަށް އެޒުވާނާ ބަލާލިއެވެ. އެވަގުތުވީ އަހަރެންނާއި  ހަތަރު ކަޅި ހަމަވެގެން ދިޔަ ވަގުތެވެ. އޭނާ އަހަރެންނަށް ބަލާލާފައި ހިނިތުންވެލިއެވެ. އެ ފުރިހަމަ ހިނިތުންވުމާއެކު އޭނާގެ ރީތިކަން އިތުރަށް ހާމަވިއެވެ. “ފިރާ، ބަލާބަލަ ހާދަ ރީތި މީހެކޭ.” އަހަރެން އޭނާ ފިރާ އަށް ދައްކާލީމެވެ.

“އައްދޭ.. ހާދަ ވަރެއް ވެއްޖޭ ދޯ! އެއީ އަހަރެންގެ ބައްޕަގެ އެކުވެރިއެއް. ނަމަކީ އަޝްރަފް” ފިރާ އަހަރެންނަށް ކިޔާދިނެވެ.

ގެއަށް ހަމަ ވަދެވުމާއެކު އަހަރެން ފުރަތަމަވެސް ބެލީ ސޯޝަލް މީޑިޔާގެ އެއްވެސް ތާކުން އެ ޒުވާނާ ފެނޭތޯއެވެ. އެފްބީގައި ހޯދާ ހޯދާވެސް އޭނާ ފެންނަ ގޮތެއް ނުވިއެވެ. ދެން ހޯދީ އިންސްޓަގުރާމްއިންނެވެ. ނަސީބު ވަރަށް ރަނގަޅެވެ. އޭނާ ފެނިއްޖެއެވެ. ކަން ދިމާކުރި ގޮތުން އޭނާ އިނީ އަހަރެންގެ ފޮލޮވާސްގެ ތެރޭގައެވެ. ‘އަޝްރަފް އަލީ_18’ ގެ ފީޑް އެއްކޮޅުން އަނެއްކޮޅަށް ބަލާ ހާވާލީމެވެ. ‘ވަރެއް ވެއްޖެ ދޯ!’ ފިރާގެ ބަސްތައް އަހަރެންގެ ބޮލުގައި އެނބުރިލިއެވެ، އާނ އެކެވެ. ވަރެއް ވެއްޖެއެވެ. ރީތި އެއްޗެއްސަށް ބެލުމަކީ އިންސާނީ ތަބީޢަތެވެ. މިއޮތް ވީގޮތެކެވެ. ފުރަތަމަ ފެނިލުމާއެކުވެސް ހިތް ކިޔާ ގޮތްވީއެވެ.އަމިއްލަ ބޮލުގައި ޖަހާލީމެވެ. އަހަރެން ކުރާނީ ކީއްހެއްޔެވެ؟ އަހަރެންގެ ޅަ ހިތަށް މިހެން މިވީ ހަމަ ބޭ އިޚްތިޔާރުންނެވެ.

“ރީމާ ރީމާ..!” އަހަރެންނަށް ހޭލެވުނީ ޝާހިދުގެ އަޑަށެވެ. ނިދި މޫނާއެކު އަހަރެން ގަޑި ބަލާލީމެވެ. ގަޑިން 9 ޖެހީއެވެ.

“ޔާ ރައްބީ! ހާދަ ލަސްވެއްޖޭ” އަހަރެންނަށް ބުނެވުނެވެ. އަވަސް އަވަސް ކޮށްލައިން އަހަރެން ނުކުތްއިރު ސިޓިން ރޫމް ތެރޭގައި ދެކޮޅަށް ހިނގާލަ ހިނގާލާ ޝާހިދު ހުއްޓެވެ.

“ރީމާ ބަލީތާ؟ ޔާއްކޮ ބަލީތަ؟ ކިހިނެއްވީ؟ ހުން އައީތަ؟” ސުވާލުގެ ފަތިވަރެއް ޝާހިދު އަމުނާލިއެވެ.

” ސާބަހޭ، އަހަންނަށް މާ ލަހުން ނިދުނީމަ ނުހޭލެވުނީއޭ” ބަދިގެ ތެރެއަށް ހިނގައި ގަންނަމުން އަހަރެން ޖަވާބު ދިނީމެވެ.

” ސާބަސް ދޭކަށް. އަހަރެން ހާދަ ބިރެއް ގަނެއްޖޭ. ރީމާގެ ފަރާތުން ދުވަހަކުވެސް ނުވާ ކަމެކޭ އެއީ… އޭ ތިއެއް ނޫނޭ އަހަރެން އޮފީހުގެ ފަރާތުން ކުމުންދޫ އިން މިއަދު އެބަ އާދޭ ބަޔަކު. 20 ދުވަހުގެ ވޯކު ޝޮޕަކަށް. އޭގެ ތެރެއިން ދެމީހެއް އެބަޖެހޭ މިގޭގައި ބަހައްޓައި ދޭން.” ޝާހިދުގެ މިވާހަކައިން ވަގުތުން އަހަރެންގެ މޫޑު ގޯސްވިއެވެ.

“އަހަރެންނަށް އެނގޭ ރީމާ އެހާ ހިތްހަމަ ނުޖެހޭނެކަން. ބަޓް އައި ހޭވް ނޯ އަދާ ޗޮއިސް” އަހަރެންގެ ޖަވާބެއް ނުލިބުމުން އަނެއްކާވެސް ވާހަކަ ދެއްކީ ޝާހިދެވެ.

“މިއީ ޝާހިދުގެ ގެ. ޝާހިދު ބޭނުން މީހެއް މިގެއަށް ގެނެވޭނެ. އަހަރެންނަށް ހަމަ އޯކޭ. މައްސަލަ އަކީ އެރަށް ވީމަ. އެކަމަކުވެސް އޯކޭ ވާނެ. އެއިން މީހަކަށް އަހަރެން މިއީ ކާކު ކަމެއް ނޭނގޭނުން.” އަހަރެން ހިނިތުން ވާގޮތް ދައްކަމުން ބުނީމެވެ.

އޯކޭ އެއް ނޫނެވެ. އަހަރެން އޯކޭ ވާނީ ކިހިނެއް ހެއްޔެވެ؟ އެރަށަކީ އަހަރެން ނުދަންނަ ރަށަކަށް ހަދާ. އެރަށުގެ މީހުންނަކީ ބީރައްޓެހި ބަޔެއްކަމަށް ދެކި. އެ ހަނދާންތައް އަހަރެން ކަފުން ކުރިތާ މިހާރު 3 އަހަރު ވީއެވެ.

އަހަރެން ށ.ފޭދޫ އަށް ދިރިއުޅުން ބަދަލު ކުރީ މީގެ 3 އަހަރު ކުރިންނެވެ. އަހަރެންގެ އުފަން ރަށަކީ ހދ ކުމުންދޫއެވެ. އަމިއްލަ ރަށް ދޫކޮށް ދުރު ހިލޭ ރަށަކަށް އަހަރެން ބަދަލުވީ ވަރަށް ގިނަގުނަ ސަބަބު ތަކާ ހުރެއެވެ. ގޭ މީހުންނާއި ފިލައިގެން އަހަރެން މިރަށަށް އައީ ޝާހިދުގެ އެހީ އާއި އެކުގައެވެ. ރަށުން ފުރުމުން ފެށިގެން މިއަދާ ޖެހެންދެން އަހަރެންގެ ދިރި އުޅުމުގެ ހުރިހާ ކަމަކަށް އެހީވެދިނީ ޝާހިދާ، ޝާހިދުގެ އާއިލާއެވެ. ޝާހިދު އަަހަރެން ދެކުނީ އެއްބަނޑު އެއްބަފާ މީހެއްގޮތުގައެވެ. އެހާވަރަށް އޭނާ އަހަރެންނަށް އަޅާލައެވެ. އަދި ލޯބިވެއެވެ. އެހެންކަމުން އަހަރެން ޝާހިދު ބުނިއްޔާ ކަނޑަށްވެސް އެރިފާނަމެވެ. އެހާވެސް އަހަރެން ޝާހިދު އަށް އިހުލާސްތެރިވަމެެވެ. އަދި އިތުބާރުވެސް ކުރަމެވެ. މިރަށަށް އަހަރެން އައުމަށްފަހު އަހަރެންގެ ދިރިއުޅުމުގެ ހުރިހާ ކަމެއްވެސް ބަދަލު ކުރީމެވެ. މިރަށުގައި މިވީހާ ދުވަހު އަހަރެންގެ އަސްލު ހަޤީޤަތް ޝާހިދު ފިޔަވާ އިތުރު އެއްވެސް މީހަކަށް ނޭނގޭނެއެވެ. އަހަރެން މީ ކޮން ރަށެއްގެ ކާކު ކަމެއްވެސް ނޭނގޭނެއެވެ. އެނގޭނީ ވެސް ކިހިނެއް ހެއްޔެވެ؟ އަހަރެން އޭރާއި މިހާރާ ވަރަށްވެސް ތަފާތުވާނެއެވެ.

އެދުވަހުގެ މެންދުރެވެ. ޝާހިދު ވަރަށް ބާރުލައިފައި ގެއަށް ވަދެގެން އައީ ބައިވަރު ކަރަންޓު ވަޔަރު ކުރާ ސާމާނާއި އެކި ޒާތުގެ ފޮށިތަކެއް ހިފައިގެންނެވެ. އެބުނާ ބަޔަކު އަންނަނީތާއެވެ. ދޮރު މަތީ ހުއްޓާ ވަދެގެން އައީ ދެބައި އުމުރުގެ ފިރިހެނެކެވެ.

“އައްސަލާމް ޢަލައިކުމް” ވަރަށް އަދަބުވެރިކަމާއި ހިނިތުންވުމާއެކު އޭނާ ގޮވާލިއެވެ. “ވަޢަލައިކުމުއް ސަލާމް” އަހަރެންވެސް ޖަވާބުދިނީމެވެ.

“އަހަރެން މީ ޖައުފަރު، ޝާހިދު ބުނި ދޯ އަންނަ ވާހަކަ” ޖައުފަރު ވާހަކަ ދެއްކިއެވެ. “އާނ. ބުނި. އަދި އިތުރު މީހަކުވެސް އަންނަ ވާހަކަ ބުނި.” ބޭރު ބަލާލަމުން އަހަރެން ބުނީމެވެ. “އާނ. އެއީ އާއްޓޭ. އޭނާ އެބަ އާދޭ އަނެއް ކާރުގައި.. އަހާނ ފަހަރި ތި ފޮށި ބަހައްޓާ. އަހަރެން ގެންދާނަން.” އަހަރެން ޖައުފަރުގެ ފޮށި ގެންދަން ފެށުމުން އޭނާ ބުންޏެވެ.

ސުވާލުގެ ނަޒަރަކުން އަހަރެން ބަލަހައްޓައިން ހުއްޓާ ވަދެގެން އައީ ޝާހިދެވެ. “ސާބަސް ކަލެއަށް. އެ ފަހަރި އެއް ނޫނޭ. މަ ކޮން އިރަކުތަ މީހަކާ އިނީ. އެއީ މަގޭ ދައްތަ ރީމާ” ޖައުފަރަށް ޖަވާބު ދިނީ ޝާހިދެވެ. “މިދަނީ ކާން ހަދަން. އެންމެންވެސް އާދޭ ކާން” އަހަރެން އެތަނުން ހިނގައި ގަންނަމުން ބުނީމެވެ. އެމީހުން މެންދުރުގެ ކެއުމަށް އިންސާފު ކުރަމުން ދިޔައިރު އަހަރެން އެތާ ތަންކޮޅެއް ދުރުގައި މަޑު ކޮށްލައިގެން ހުރީމެވެ. އޭރު އާއްޓޭ ވެސް އެތާ އިނެވެ. އަހަރެންނަށް ފެންނަނީ އޭނަގެ ފަހަތެވެ. އޭނާގެ ކައިރީ އަހަރެންގެ ދަރިފުޅު ވެސް އިނެވެ. އަހަރެން ހައިރާންވެގެން ދިއައީ ދެމީހުން އެގޮތަށް ތިބިއިރު ތިބިލެކެއް އެއް ގޮތް ކަމުންނެވެ. ދެން ފެނުނު މަންޒަރަކުން އަހަރެންގެ ދެލޯ ބޮޑުވެގެން ދިއައެވެ. އާއްޓޭ ބޮލުގެ ފުއްކިބަ ކަހަންފެށި ތަނެވެ. އެއީ އަހަރެންގެ ދަރިފުޅުވެސް ކުޅި އެއްޗެއް ކެވުމުން ބޯ ހިރުވަން ފެށުމުން ހަދާ ގޮތެކެވެ. އަހަރެންނަށް ހަމަ އެހުރި ގޮތަށް ހުރެވުނީއެވެ. ކިހާ ބޮޑު އިއްތިފާޤެއް ހެއްޔެވެ؟

މިއަދު ވެގެން ދިޔަ ކަންތަކުން އަނެއްކާވެސް މާޒީގެ ސަފްހާތައް ގުނަން އަހަރެންނަށް މަޖުބޫރުވިއެވެ. ހަމަ 2013 ވަނަ އަހަރެވެ. ގަވައިދުން އަހަރެން އަޝްރަފްގެ ފޮޓޯ ތައް ބަލާ ލައިކް ޖަހަމެވެ. އޭނާވެސް ހަމަ މިހެންނެވެ.މިގޮތުގެ މަތިން ދުވަހެކެވެ. އެއީ ހުކުރެކެވެ.

އިންސްޓަގުރާމް އިން އައީ މެސެޖެކެވެ. ބަލާލިއިރު އަޝްރަފްގެ މެސެޖެކެވެ. އަހަރެންގެ ހިތް ތެޅެން ފަށަފިއެވެ. “ހެޕީ ފްރައިޑޭ” މެސެޖުގައި ވަނީ މިހެންނެވެ. އަހަރެންވެސް އޭގެ ޖަވާބު ފޮނުވާލީމެވެ. “ލައްކަ ދުވަހު މިހެން ބަލަބަލަ ހުރެވިއްޖެ. ދެން ހިނގާ ވާހަކަ ދައްކަން ދޯ” އެއްވެސް އިޝާރާތެއް ނެތި ސީދާ ގޮތަކަށް އަޝްރަފް ބުނެލިއެވެ.

އަހަރެން ލަދުން ބުނާނެ އެއްޗެއް ނޭނގުނެވެ. އެދުވަހަށް ފަހު އަހަރެންނާއި އަޝްރަފް ފޯނުންނާއި ސިއްރު ބައްދަލުވުން ތަކުން ގުޅުން ބަދަހި ކުރަމުން ދިއައީމެވެ. މިހާތަނަށް އައި އިރު އަހަރެންނަށް އެގޮތް މިގޮތް ވާން ފަށައިފިއެވެ. އަބަދުވެސް ފޯނަށް ބަލަ ބަލާ އޮވެވުމާއި، ނިދި ކުރުވުމާއި، އަބަދުވެ ހެވިފާ އެކި ހިޔާލީ ދުނިޔޭގައި އިނދެވުން ގިނަވާން ފަށައިފިއެވެ. މިގޮތުގައި 2 މަހެއް ހާ ދުވަސް ހޭދަވެގެން ދިއައެވެ. “ރީމާ، އަހަރެންނަށް ރީމާ ދެކެ ވަރަށް ބޮޑަށް ލޯބި ވެވިއްޖެ” އެއް ދުވަހެއްގެ ބައްދަލުވުމެއްގެ ތެރެއިން އަޝްރަފް ހާމަކުރިއެވެ. އަހަރެން އުފަލުންގޮސް އަޝްރަފް ގެ ގައިގައި ބައްދާލީމެވެ. “އަހަރެންވެސް” ވަރަށް ލަދުން ހުރެ މަޑުމަޑުން އަހަރެން ބުނީމެވެ. އަހަރެންގެ ދިރިއުޅުމަށް އަޝްރަފް އައުމަށްފަހު މީގެ ކުރިން އަހަރެން ދުވަހަކުވެސް ނުވާހާ އުފާ ވާން ފަށައިފިއެވެ. އަހަރެން ބޭނުންވަނީ ހަމަ އެންމެ ކަމެކެވެ. އަހަރެންގެ ދިރިއުޅުން އަޝްރަފް އެކީ ހޭދަކުރުމެވެ. އަހަރެމެން ދެމީހުންގެ އުފާވެރި، ލޯބިން ފުރިގެންވާ ގުޅުމަށް އަހަރެއް ވޭތުވެ ހިނގައްޖެއެވެ. އެހާތަނަށް އައި އިރުވެސް އަހަރެންގެ މައިންބަފައިންނަށް މި ގުޅުމުގެ ވާހަކަ އެއް ނާންގަމެވެ. މައިންބަފައިން ނުގަބޫލު ވެދާނެތީ އެކަމާ ބިރުންނެވެ. އެކަމަކު ބިރުން ހުރެގެން ވާނެ އެއްކަމެއްވެސް ނޯންނާނެއެވެ. ލަދަކާހުރެ ތަދެއް ނުފިލާނޭ ބުނާ އުސޫލުންނެވެ. އެހެންކަމުން އަހަރެން ނިންމީ މަންމަ މެންނާ އަޝްރަފް ބައްދަލު ކުރުވުމަށެވެ. އެހެން ނަމަވެސް އަހަރެންގެ މައިންބަފައިންގެ ކިބައިން ފެނުނީ މުޅިން އެހެން ކަހަލަ މަންޒަރެކެވެ. އަހަރެންގެ މައިންބަފައިން އަހަރެންނާއި އަޝްރަފްގެ ގުޅުމަށް ހަމަ ހިލާ އެއްބަހެއް ނުވިއެވެ.

“ދެން އެކަމަކު ކީއްވެގެންތަ މަންމާ…؟ ކޮބާތަ މައްސަލަ އަކީ؟” އަހަރެން ބޮޑާ ދެއްކީމެވެ.

“ދެން އިތުރަށް ސުވާލު ކުރާނެ ކަމެއް ނެތް. އަހަރެމެން ނުގަބޫލު ކަންތައްތަކެއް ނުކުރެވޭނެ. މީގެ ފަހުން އޭނާ އާއި ބައްދަލު ކޮށްގެން ނުވާނެ!” ޖަވާބު ދިނީ ބައްޕައެވެ.

“އެކަމަކު މަންމާ އަހަރެން ބޭނުމީ އަޝްރަފް. އޭނަ އަހަންނަށް ވަރަށް ރަނގަޅޭ” އަހަރެން އަޝްރަފް ގެ ދިފާއުގައި ބުނީމެވެ.

“މިއީ އަހަރެމެންގެ އެންމެ ފަހުގެ ނިންމުން. މިގޭ ތެރޭ އުޅެން ބޭނުމިއްޔާ ތިކަން ހުއްޓާލާ!” މަންމަ ހަރުކަށިކަމާއެކު ބުންޏެވެ.

އަހަރެންގެ މައިންބަފައިންގެ ކުރިމަތީގައ އަޝްރަފް ‘ހަތިޔާރު’ ބެހެއްޓިއެވެ. އެމީހުންގެ ނުގަބޫލުގައި މިގުޅުން ކުރިއަށް ގެންދާކަށް އޭނާ ބޭނުމެއް ނުވިއެވެ. އެރޭ އަޝްރަފް އަހަރެންނާ ވަކިވެގެން ދިއައީ އަހަރެން އާދޭސް ކުރަނިކޮށެވެ.

އަހަރެންނަށް ލޯ މަރާ ލެވުނެވެ. މާޒީގެ އެދުވަސްތަކުގެ ހަނދާން އާލާވުމުނެނެވެ. އަހަރެންގެ ހިޔާލީ ދުނިޔެއިން އަނބުރާ އާދެވުނީ ޝާހިދުގެ އަޑަށެވެ.

“ރީމާ އޮފީހަށް ނުދާ ދުވަހަކީތަ؟” ޝާހިދު ސުވާލު ކޮށްލިއެވެ.

“އާނ، މިއަދު އޮފް ދުވަހެވެ.” ޝާހިދު އަހަރެން ކައިރީ އިށީންނަމުން ބުންޏެވެ. “ޖައުފަރު އާއި އާއްޓޭ ބުނީ ކެއުމާ އެހެން ކަންތައްތައް ވަރަށް ބަރާބަރޯ”

“ހެ ހެ އެހެންތަ؟ ޝާހިދު އަށް އެނގޭތަ؟ އަހަރެންނަކަށް އަދިވެސް ތިބުނާ އާއްޓޭ އަކާ ދިމައައެއް ނުވޭ” “އެޔޯ؟” އަހަރެންގެ ވާހަކައަށް ޝާހިދު ކުރީ ސުވާލެކެވެ.

“ނޭނގެ، އަބަދުވެސް ދެމަގު ވަނީ. ދިމާވާ ގޮތެއް ނުވޭ” “ތީ ނަސީބެއް ކަންނޭގެ، އޭނާ އަކީ އަންހެނެއް ފެންނައިރަށް ފާޑަކަށް ވާ ސޮރެއް. އަހަރެމެންނާ އެކީ ވަރަށް މަޖާ ކުރާނެ. އެކަމަކު އަންހެނެއް އަންނަ ހިސާބުން އޭނާ ގަނޑު ވާނެ” އަހަރެންމެންގެ ވާހަކަ އާއި ބައިވެރި ވަމުން ޖައުފަރު ބުންޏެވެ.

ޖެހިގެން އައި ރެޔެވެ. ޔާއްކޮ ނިންދެވުމަށްފަހު އަހަރެން ވަނީ ޖައުފަރު މެންގެ ކޮޓަރި ސާފު ކުރާށެވެ. ސާފުކުރުމުގެ ތެރޭގައި އަހަރެންގެ ލޮލުގައި އަޅައިގަތީ އަހަރެންގެ އުފަން ރަށް ކަމަށްވާ ކުމުންދޫގެ ޗާލު ރީތި ދޮންވެލިގަނޑާ ސާފު ރީތި މޫދުގެ ފޮޓޯއެކެވެ. އެ ހިތްފަސޭހަ މާހައުލަކީ އަހަރެންނާއި އަޝްރަފް އެތަކެއް ލޯބީގެ މާތަކެއް ފޮޅުވި ގޮނޑުދޮށެވެ. އެތައް ހުވަފެނީ ގަނޑުވަރު ތަކެއް ބިނާކުރި މަންޒިލެވެ.

“އަޝްރަފް، އަޝްރަފް ބޭނުމީ ކިތައް ކުދިންތަ؟” އަހަރެން އަޝްރަފްގެ އުނގުތެރޭ ބޮނޑިވެލަމުން އެއް ރެއެއްގެ ބައްދަލުވުމުގައި އެހީމެވެ. “3 ކުދިން. 2 ބޯއީ އާއި ރީމް ކަހަލަ ލޯބި ލޯބި ގާލް އެއް” އަޝްރަފް އަހަރެންގެ ކޮލުގައި ހިފާލަމުން ޖަވާބުދިނެވެ.

“އަހަރެން ބޭނުމީ ގާލް ކުއްޖެއް ލިބިޖެއްޔާ ޝާޔާ ކިޔަން. ޝާޔާ ބިންތި އަޝްރަފް” އަހަރެން ވަރަށް އުންމީދާއެކު ބުނީމެވެ.

އަހަރެންގެ މައިންބަފައިން ނުގަބޫލު ވުމުން އަޝްރަފް އަހަރެންނާއި ވަކިވުމަށްފަހު އަހަރެން ހޭދަކުރަމުން ދިއައީ ވަރަށް އެކަނި ވެރި ދިރިއުޅުމެކެވެ. ކާ ހިތެއް ނުވެއެވެ، ބޯ ހިތެއް ނުވެއެވެ. އެއްވެސް ކަމެއް ކުރާހިތެއް ނުވެއެވެ. މިކަމުގެ ސަބަބުން އަހަރެންނަށް އަހަރެންގެ ވަޒީފާ އާއި މެދު ފަރުވާކުޑަ ކުރެވެން ފެށުނެވެ. ގަޑި ޖެހޭ ދުވަސް ގިނަވުމާ، ހަވާލު ކުރެވޭ މަސައްކަތްތައް ވަގުތަށް ނުނިމެން ފެށުނެވެ. އަދި މަސައްކަތަށް ހާޒިރު ނުވެވެންވެސް ފެށުނެވެ. އަހަރެން އޭރު މަސައްކަތް ކުރީ ރަށު ސްކޫލްގެ އޮފީހުގައެވެ. އަހަރެންގެ މި އުޅުމުގެ ސަބަބުން ވަޒީފާއިން ވަކި ކުރެވުނެވެ. އެއްވެސް ކަމެއް ނެތި ގޭގައި އިންނަން ޖެހުމުން އިތުރަށް އަހަރެން ބޯ ހާސް ވާ ގޮތް ވާން ފެށިއެވެ. މިހުރިހާ އުނދަގޫ ތަކެއް ގައި އުޅެމުން އަންނަނިކޮށް އަހަރެންގެ ދުނިޔެ އަނެއް ފުށުން ޖެހީ އެރެއެވެ. އެރެއަކީ އަޝްރަފް އަހަރެންނާއި ބައްދަލު ކުރަން އައި ރެއެކެވެ. އޭނާ އައީ އޭނާ މާލޭ އަށް ދިރިއުޅުން ބަދަލު ކުރާ ވާހަކަ އަހަރެން ކައިރީ ބުނުމަށެވެ. ވަދާއުގެ ސަލާން ކުރަން އަހަރެންނަށް އަތް ދިއްކޮލިއެވެ. ކުރިއަށް އެއް ފިޔަވަޅު އެޅުން ހަނދާން ވެއެވެ. ނަމަވެސް ދެން އަހަރެން ހޭވެރިކަން ވީ އިރު އޮތީ ރަށު ސިއްހީ މަރުކަޒުގައެވެ. ކައިރީގައި އަޝްރަފް އިނެވެ. ތަންކޮޅެއް ދުރުގައި މަންމަ އާއި ބައްޕަ ޑޮކްޓަރާއި ވާހަކަ ދައްކަން ހުއްޓެވެ. ކުއްލިއަކަށް ބައްޕަ އައިސް އަޝްރަފް އަހަރެންގެ ކައިރިން ދުރަށް ގެންދިއައެވެ. ދެން ފެނުނީ މަންމަ އައިސް ރޯން ފެށި ތަނެވެ. ވެގެން އުޅޭގޮތެއް އަހަރެންނަކަށް ނޭގުނެވެ.

“މި ދުވަސް އައުމުގެ ކުރިން އަހަރެން ގެންދެވިނަމަ ކޮންފަދަ ހެއްޔެވެ؟” މަންމަ ގިސްލަ ގިސްލާފައި ބުންޏެވެ.

“މަންމާ! މަންމަ ކީކޭ ތިކިޔަނީ؟ ކިހިނެއް ވީތަ؟ ކީކޭތަ ޑޮކްޓަރު ބުނީ؟ އަހަރެންގެ ބޮލު ތެރޭ އެނބުރެމުން ދިޔަ ސުވާލުތައް އެއް ފަހަރާ ބަންޑުން ކޮއްލީމެވެ.

“ލަތީފާ. ދެން ރުއިން ހުއްޓާލާ. މިކަން އިތުރު ބަޔަކަށް ނޭނގެނީސް އަވަހަށް މިކަމުން ސަލާމަތްވާން ވީ. މާދަމާ ރޭ އިންޑިޔާ އަށް ދާން ފުރަންވީ.” އަހަރެންގެ ސުވާލަށް ބީރު ކަންފަތެއް ދީ ބައްޕަ ވާހަކަ ދެއްކީ މަންމަ އާއެވެ. އެވަގުތު ވީ ޑޮކްޓަރު އަހަރެން ކައިރިއަށް އައި ވަގުތަށެވެ.

” ޕްލީޒް ޓޭކް ގުޑް ކެއާ އޮފް ޔުއާ ސެލްފް، އީޓް ވެލް އެންޑް ސްލީޕް ވެލް. އެންޑް ނޯ ސްޓްރެސް. ސްޓްރެސް ނޮޓް ގުޑް ފޯ ބޭބީ” ޑޮކްޓަރުގެ މިބަސްތަކުން އަހަރެންގެ ދެލޯ ބޮޑުވިއެވެ. ވެގެން އުޅޭގޮތާއި ދެން ވާން އުޅޭ ގޮތް ވަރަށް ރަނގަޅަށް އަހަރެންނަށް ފަހުމުވިއެވެ. އަހަރެންގެ މައިންބަފައިން މިކަމާ ކަންތައް ކުރަން އުޅޭ ގޮތްވެސް އަހަރެންނަށް އެނގުނެވެ. އަހަރެންނަށް ވިސްނުނީ އެންމެ ގޮތެކެވެ.

އެރޭ ގެއަށް ފޮނުވާލުމުން، އަހަރެން އެންމެ ފުރަތަމަވެސް ގުޅީ ޝާހިދަށެވެ.ޝާހިދަކީ އަހަރެންނާއި އެކު ކޮންޕިއުޓަރ ކޯސް ހެދި ކުއްޖެކެވެ. އޭނާ އުޅެނީ ށ އަތޮޅު ފޭދޫގައެވެ. އަހަރެން ވެގެން އުޅޭ ގޮތް އޭނާއަށް ކިޔާދިނީމެވެ. ޝާހިދު އޭރު މަސައްކަތްކުރީ ލޯންޗެއް ގައި ކަމުން އަހަރެން ބަލާ އައުން އޭނައަކަށް ބޮޑުކަމަކަށް ނުވިއެވެ. އެރޭ އަހަރެން ގެއިން ނުކުތުމުގެ ކުރިން ފަހު ފަހަރަށް އަހަރެންގެ މައިންބަފައިންނަށް ބަލާލީމެވެ. މުޅި ދިރިއުޅުން އަހަރެންނަށް ޓަކައި ހޭދަކުރި ދެމީހުން ގެ އުންމީދުތައް އަހަރެން ވެއްޔާ މޮޑެލައިފިއެވެ. އަހަރެންނާއި މެދު  އެމީހުން ދުށް ހުވަފެންތައް ބިލާހަކަށް ވެއްޖެއެވެ. އަހަރެންނަށް ޓަކައި ބިނާކުރި އާލަމީ ގަނޑުވަރުތައް ފުނޑު ފުނޑު ވެއްޖެއެވެ. ހަމަ އަހަރެންގެ ސަބަބުންނެވެ. އަހަރެންގެ މައިންބަފައިން އިތުރަށް ހިތްދަތިކޮށް، އިތުރަށް ރަށު ތެރެއަށް ބޭޒާރު ކުރާކަށް ބޭނުމެއް ނޫނެވެ. އަދި އެމީހުންނަށް އުނދަގުލަކަށް ވާކަށްވެސް ބޭނުމެއް ނޫނެވެ. ނިދިފައިވާ މަންމަގެ އަތަށް އަހަރެން ބޮސްދިނުމަށްފަހު ލޮލުގައިވާ ކަރުނަތައް ފުހެލީމެވެ. އަދި އަލްވަދާއު ގެ ސިޓީ މަންމަގެ ބާލިސް ދަށުގައި ބޭއްވީމެވެ. އެ ސިޓީގައި އަހަރެން ނުހޯދުމަށާއި އަހަރެން ކޮންމެ ތަނެއްގައި ވީ ނަމަވެސް މަންމަ އާއި ބައްޕަ އަށް ހެޔޮ ދުޢާ ކުރާނެ ކަމަށާއި އަހަރެންގެ ހިތް އެދެ މީހުންނަށް ހަލާލު ކަމަށް ލިޔުނީމެވެ. އަދި އަހަރެން ދަނީ މަންމަ މެނަށް އިތުރު ތަކުލީފުތަކެއް ނުޖެއްސުމަށާއި ފަޟީޙަތް ނުކުރުމަށްޓަކައި ކަން ހާމަކުރީމެވެ. އަދި ވެގެން ވާނެ ނަމަ މާފު ދިނުމަށް އެދުނީމެވެ. ސިޓީގެ އަނެއް ފަރާތުގައި އަޝްރަފްއަށް މިއިން އެއްވެސް ކަމެއް ނޭންގުމަށްވެސް އަހަރެން ލިޔުނީމެވެ. އެއީ އަހަރެންގެ ސަބަބުން އޭނާގެ ދިރއުޅުމަށް ބުރު ނޭރުވަމަށެވެ.

އެރޭ އަހަރެން ޝާހިދު އެކީ ފޭދޫއަށް ފުރީ މުޅި އުމުރަށްވެސް މިހުރިހާ ކަމަކަށް ‘ޓާ ޓާ’ ކިޔަމުންނެވެ. ކުމުންދޫ އާއި އަޝްރަފް އާއި އެހުރިހާ ހަނދާންތަކަކީ އަހަރެންނަށް ފެނުނު ހުވަފެނަކަށް ހަދާލަމުންނެވެ.

” އަހަރެން ނުދެނަހުރިން ތި ހަމަ އެހާ ރީތި ފޮޓޯއެއް ކަމަކަށް” 3 އަހަރު ކުރީގެ އަހަރެންގެ ދިރިއުޅުމުގެ ތެރެއިން ސިހިފައި ނުކުމެވުނީ ޖައުފަރުގެ އަޑަށެވެ.

” އައްދެ. ހެ ހެ. ނިދަން ވީ ދޯ. އާނ މި ފޮޓޯ ވަރަށް ރީތި.” އަހަރެން އަޅަ އަޅައި ގަންނަމުން ޖަވާބު ދިނީމެވެ.

“އެހެން ބުނެވިދާނުން. އަހަރެން ދޮރު މަތީ ހުންނަތާ ވެސް 10 މިނެޓް ވެއްޖެ. ކޮން ހިޔާލެއްގައިތަ؟” ޖައުފަރު އަހަރެންނާއި ދިމާކޮށްލަމުން އެހިއެވެ. އެ ކޮޓަރިން އަހަރެން ނުކުމެކެން އައީ އެސުވާލަށް ދޭނެ ވަކި ޖަވާބެއް  އަހަރެންގެ ކިބައިގައި ނެތުމުންނެވެ.

“ރީމާ ދެން ކިހިނެއް ހަދާނީ؟ ރީމާ ބޭނުން ދުވަހަކު މި ގޭގައި އުޅެވޭނެ. މިގޭ މީހަކު އެއްޗެއްކޭ ނުބުނާނެ. އެކަމަކު ރީމާ އަށް އެކަނި ތިކަން ވާނެތަ؟” ކުމުންދޫއިން ފުރައިގެން އައިސް ފޭދޫގެ ބިމުގައި ފައި ޖެހުމާއެކު ހެން ޝާހިދު ބުންޏެވެ.

“ވަރަށް ބޮޑަށް ތޭންކްސް. ވަރަށް ބޮޑު ކަމެއް އަސްލު ތިކޮށްދިނީ. އުމުރަށްވެސް ޝުކުރު ވެރި ވާނަން.” އަހަރެން ޝުކުރުވެރި ކަމާއެކު ބުނީމެވެ.

“އަހަރެންނަށްވެސް ކޮންމެވެސް ގޮތެއް އޮންނާނެ. އިރާދަކުރެއްވިޔާ އަހަރެންނަށް މިކަން ވާނެ. އުނދަގޫ ވާނެ ކިތަންމެ ހާވެސް.” އަހަރެން އިތުރަށް ބުނީމެވެ.

“ރީމާ އަޝްރަފް ކައިރީ ބުނަންވީނުން. ތިއީ އޭނަގެވެސް ލެޔޭ. އޭނާއަށް އެނގުމުގެ ފުރިހަމަ ހައްޤު ލިބިގެންވޭ.” ޝާހިދު އޭނާގެ ހިޔާލު ފާޅުކުރިއެވެ.

“ނޫން! އަހަރެން ބޭނުމެއް ނޫން އޭނާއަށް އުނދަގޫ ކުރާކަށް. އެހެން މީހަކަށް އުނދަގޫ ކުރާކަށްވެސް. ރަނގަޅު ކުއްޖެއް ހޯދައިން އޭނާއަށް ދިރިއުޅުމެއް ވޭތު ކުރެވޭނީ އޭރުން. އަހަރެންނަށް އަޝްރަފް އެކީ ދިރިއުޅުމެއް ހޭދަކުރުމުގެ ނަސީބެއް ނުލިބުން. އެކަމަކު އަހަރެމެން ދެމީހުންގެ ލޯބީގެ ނިޝާނެއް މިއަދު އަހަރެންނާއި އެކު އެބަވޭ.” އަހަރެންގެ އަޑުގައި ވީ ރިހުމެވެ.

“ރީމާ.. ރީމާ.. މީ ރީމާއަށް ކެރޭނެތަ.. ރީމާއަށް ކެރޭނެތަ އަހަރެންނާއި އިންނަން؟” މިނެއްޓެއްގެ ހަމަ ހިމޭންކަމަށްފަހު ޝާހިދު ކުރީ ބޮޑު ސުވާލެކެވެ.

“އަހަރެން ހަމަ އެކަނި ތިދެމައިންނަށް އަޅާލުމަށް. އެހެން ބޭނުމަކުން ނޫން. ތި ދަރިފުޅަށް ބައްޕަ އެއްގެ ލޯބި ބޭނުންވާނެ. އަހަރެން އެކަން ވަރަށް ރަނގަޅަށް ކޮއްދޭނަން. އަދި ރީމާ ބޭނުންވާ އެހެން ކަންތައްތައްވެސް ކޮށްދޭނަން.” އަހަރެންގެ ޖަވާބެއް ނުލިބުމުން އަނެއްކާވެސް ވާހަކަ ދެއްކީ ޝާހިދެވެ.

“އަހަރެން ތިކަމަކާ ޝައްކެއް ނުކުރަން. އެކަމަކު އަހަރެންގެ ޖަވާބަކީ ނޫނެކެވެ. މިހާރުވެސް ޝާހިދު އަހަރެންނަށްޓަކައި އެތަކެއް ޤުރުބާނީއެއް ވެއްޖެއެވެ. އިތުރު ތަކުލީފު ދޭކަށް އަހަރެންނަކަށް ހަމަ ހިލާ ނުކެރޭނެ. އަހަރެންނާއި ކައިވެނި ކޮށްގެން ޝާހިދުގެ ދިރިއުޅުން ބަރުބާދު ކުރާކަށް އަހަރެން ނޭދެން. ” އަހަރެންގެ ޖަވާބު ޝާހިދުއަށް ދިނީމެވެ. ” މި ދަރިފުޅަށް ބައްޕަ އެއްގެ ލޯބިވެސް މަންމަ އެއްގެ ލޯބިވެސް ދޭނީ އަހަރެން. އަހަރެންގެ ހުރިހާވެސް އެއްޗަކީ ދެން މިދަރިފުޅު. ހުރިހާ އުފަލަކީވެސް. ދިރިއުޅުމުގެ ބޭނުމަކީވެސް. ދިރިހުރުމުގެ ބޭނުމަކީވެސް ހަމަ މި ދަރިފުޅު. ދުނިޔޭގައިވާ ހުރިހާ އުފަލަކާއި ލޯތްބެއް އަހަރެން މިދަރިފުޅަށް ދޭނަން.” އަހަރެން ބަނޑުގައި ފިރުމާލަމުން ބުނީމެވެ.

މާޒީގެ  އެހުރިހާ ހަނދާންތައް ފަތި ފައްޗަށް ކުރިމަތީ ކުލަވަމުން ދިއައެވެ. އެއާ އެކު ލޮލުގައިވާ ކަރުނަތައް ހިފެހެއްޓުމެއް ނެތި އަހަރެންގެ ކޯތާފަތް ތެންމަމުން ދިޔައެވެ. ” އައި މިސްޔޫ ސޯ މަޗް އަޝްރަފް” އަހަރެންނަށް ބުނެވުނެވެ.

” އައި މިސްޔޫ މޯ ރީމް” ޖަވާބުއައެވެ. ‘ރީމް’ އަހަރެންނަށް އެނަން ކިޔާ އުޅެނީ އެންމެ މީހެކެވެ. ޖަވާބުއައީ އަހަރެންގެ ފަހަތުންނެވެ. އަހަރެން ފަސް އެނބުރި ބަލާލަން ބޭނުންވިއެވެ. ނުބެލި ކަމުގައި ވިއަސް އެއީ ކާކުކަން އަހަރެންނަށް ޔަގީންވިއެވެ. ކިތަންމެ އަހަރެއް ފަހުން އިވުނަސް އަހަރެންނަށް އެ އަޑު އެނގެއެވެ. ކޮންމެ ތަނަކުން އިވުނަސް އެ އަޑު އަހަރެންނަށް އެނގޭނެއެވެ.

“އަދި ކިހާ ދުވަހަކު ތިހެން ފިލައިން އުޅޭނަންތަ؟” އަހަރެން އެނބުރުލުމާއެކު އަޝްރަފް ބުންޏެވެ.

އާނ އެކެވެ. އަހަރެންގެ ކުރިމަތީ ހުއްޓިލައިގެން އެ ހުރީ އަޝްރަފް އެވެ. އަހަރެންގެ އަޝްރަފް އެވެ. އެމީހަކަށްޓަކައި އަހަރެން އެތަކެއް ޤުރުބާނީ އެއްވި އަޝްރަފްއެވެ. އަޝްރަފް ފެނުމާއެކު އަހަރެންގެ ލޮލުން ހޯސްލައިފައި ކަރުނަތައް އޮހެރުނެވެ. މިވީ ހާ ދުވަހު އަހަރެންގެ ހިތު ތެރޭ، ސިކުނޑީތެރޭ ފޮރުވިފައިވާ އުދާސްތައް ކަރުނައިގެ ސިފައިގަ އަހަރެން ބަންޑުން ކޮށްލީމެވެ. އިއްޔެއިން ފެށިގެން އަހަރެންގެ ގޭގައި އަހަރެންނާއެކު އުޅެމުން މި ދިޔަ އާއްޓޭ އަކީ އަހަރެންގެ އަޝްރަފްއެވެ. އަހަރެންގެ ހިތް ކިތަންމެ ފަހަރަކަށް އެއީ އަހަރެންގެ އަޝްރަފް ކަމުގައި ވިސްނައިދިނެވެ. ނަމަވެސް ސިކުނޑި އެއްބަސް ނުވީއެވެ.

“އަހަރެން ރީމް ފެނޭތޯ ނުބަލަނީ ކޮންތަނެއް؟ ނުގުޅަނީ ކާކަށް؟ ނުދާ ރަށެއް ކޮބާ؟ އަމިއްލަ އަށް ހުރިހާ ކަމެއް ތި ނިންމާލީ އަހަރެންނާއި މެދު ކުޑަކޮށްވެސް ވިސްނާލިންތަ؟ މޮޔަ އެއްހެން ރީމް ހޯދަން މިދިޔަ 3 އަހަރުތެރޭ އަހަރެން މިދުވަނީ.” އަޝްރަފް ގެ ޝަކުވާތަކުގައި ވަނީ ވޭނެވެ.

“ރީމާ އަށް އެނގޭތަ؟ ރީމާ ދިއުމަށް ފަހު ރީމާގެ މައިންބަފައިން އުޅުން ހާލު. އަހަރެން އުޅުން ހާލު. ވަގުތުން ވަގުތަށް ގޮތް ނިންމާލައިން ތިއައީ އެމީހުން ކައިރީ ބުނެވެސް ނުލާ. އަހަރެންނާއި ދޭތެރޭ ކުޑަކޮށްވެސް ވިސްނާލިންތަ؟ އަހަރެން ދެކެ ކުޑަކޮށްވެސް ލޯބި ނުވަނީތަ؟” އަޝްރަފްގެ ޝަކުވާތަކާއި ސުވާލުތަކަށް ނިމުމެއް ނެތެވެ.

“އަހަރެން ނަށް މާފުކުރޭ އަޝްރަފް. އޭރު ކަންތައް ހުރި ގޮތުން އެވަގުތު އަހަރެންގެ ސިކުނޑި އަށް ވިސްނުނު ގޮތަށް ކަންތައް ކުރީ. އަހަރެން ބޭނުން ނުވީ އަޝްރަފްއަށް އުނދަގޫ ކުރަން.” އަހަރެން ޖަވާބުދިނީމެވެ.

“ދެން ތި ވާހަކަ ހުއްޓާލާ. އަހަރެން މި އައީނުން، ދެން ހުރިހާ ކަމެއްވެސް ރަނގަޅުވާނެ. ރީމާ ދިއުމަށްފަހު އަހަރެން ރީމާގެ މައިންބަފައިންނާއި ބައްދަލުކޮށް ހުރިހާކަމެއް އޮޅުންފިލުވިން. އަދި އެމީހުން އަހަރެމެންގެ ކައިވެންޏަށްވެސް އެއްބަސް ކުރުވިން.” އަހަރެންގެ އަތުގައި ހިފާލަމުން އަޝްރަފް ބުންޏެވެ. ” ހަމަ އަސްލުގަތަ؟” ޤަބޫލުކުރަން ދަތިވެފައި އަހަރެންނަށް ބުނެވުނެވެ.

“މިހުރިހާ ކަމަކަށްވެސް ޝުކުރުވެރި ވާންވީ ޝާހިދަށް، އަހަރެންނަށް ރީމާ ހޯދުނީ ޝާހިދުގެ ސަބަބުން. ޝާހިދު އަހަރެންނަށް ހަމަ ގުޅުމާއި އެކު އަހަރެން މިއައީ.” އަޝްރަފްގެ މި ވާހަކައިން އަހަރެންނަށް ބުނާނެ އެއްޗެއްވެސް ނޭނގުނެވެ. ރަހުމަތްތެރިއެއްގެ ޒިންމާ ވަރަށް ފުރިހަމަ އަށް ޝާހިދު އަދާކޮށްފިއެވެ. އެއްބަނޑު އެއްބަފާ މީހަކަށް ވުރެވެސް ޝާހިދު ރަނގަޅެވެ. އެއީ ހަގީގީ އެކުވެރިއެއްކަން ވަރަށް ރަނގަޅަށް ސާބިތުކޮށްދީފިއެވެ. ދުނިޔެ މަތީގައި މީހަކަށް ލިބޭނެ އެންމެ ބޮޑު އެއް ނަސީބަކީ ހެޔޮލަފާ، ހެޔޮ އެދޭ ރަނގަޅު ރަހުމަތްތެރިއެއް ލިބުމެވެ. އެ ނަސީބު މިއަދު އަހަރެެންނަށް ލިބިއްޖެއެވެ.

“މަންމީ..މަންމީ. އާދެބަލަ.” އަހަރެންގެ ދަރިފުޅު ނިދި މޫނާއެކު ބޭރުގައި ނުކުމެ ހުއްޓެވެ.

“ޔާއްކޮ ހިނގާ. މަންމީ އެ އަންނަނީ.” ދަރިފުޅު އުރާލަމުން އަޝްރަފް ބުންޏެވެ. “ޔާއްކޯ. ޔާއްކޮގެ އަސްލު ނޭމް އަކީ ކޮބާތަ؟”

” މަރިޔަމް ޝާޔާ” ދަރިފުޅުގެ ޖަވާބާ އެކު އަޝްރަފް އަހަރެންނަށް ބަލާލީ ހިނިތުންވުމުން ފުރިގެންވީ މޫނަކާއެކުއެވެ. އެ މޫނުގައި އެވަނީ އަހަރެން އެންމެ ފުރަތަމަ އަޝްރަފް ދެކުނު ދުވަހު ހުރި ހިނިތުންވުމެވެ. އެވަގުތު އަހަރެންނަށް އިހުސާސްވެގެން ދިއައީ އެތަކެއް އިންތިޒާރަކަށްފަހު އަހަރެންގެ ދިރިއުޅުމުން ދެން އެ ހިނިތުންވުން އަބަދުވެސް ފެންނާނެ ކަމެވެ. ‘އަލްޙަމްދުލިއްލާހް’ އަހަރެންނަށް ބުނެވުނެވެ. އަހަރެންނާއި އަޝްރަފްގެ ލޯތްބަކީ ނިމުމެއް ނެތް، ފަނޑުވުމެއް ނެތް ލޯތްބެކަން އަހަރެންނަށް އެނގުނެވެ.

-ނިމުނ-ީ

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355