twitterviber whatsapp telegramfacebookyoutube instagram
23rd April 2024

ބޮޑުބަންދާ ކުރިމަތިލާއިރު ފެންނަ މަންޒަރުތަކާއި އަޅުގަނޑުގެ ޚިޔާލު!

Nov 22, 2018

އަނެއްކާވެސް ދިރާސީ އަހަރެއްނިމި ދަރިވަރުންނާއި މުދައްރިސުން ބޮޑުބަންދާއި ކުރިމަތިލާން މިވަނީ ތައްޔާރުވެފައެވެ. ދަރިވަރުން އަދި މުދައްރިސުންވެސް މުޅި އަހަރު ވަޒަންކޮށްލަން މިއީ ރަނގަޅު ވަގުތެއްކަމުގައި ދެކެމެވެ.

މުދައްރިސުންނަށް އެންމެ އެކަށޭނަގޮތަށް ކުރެވުނީ ކޮންކަމެއްތޯ އާއި މިއަންނަ އަހަރަށް ރަނގަޅު ކޮށްލަން އޮތީ ކޮންކަމެއްތޯ ބަލާލުމަކީ ހަމަ އެންމެ ރަނގަޅުކަމެއްކަމުގައި ދެކެމެވެ. ދަރިވަރުނާއި އެދަރިވަރުންގެ ބެލެނިވެރިންވެސް މިބީދައިން ކަން ކުރުމަކީ ނެތްކަމެއް ނުމެނޫންމެއެވެ.

ހޮލިޑޭ އެސައިންމަޓް:

އަހަރު ނިމޭ އެންމެ ފަހުދުވަހު ދަރިވަރުން ގެއަށް އަންނަނީ (ތިރީގުރޭޑްތައް) މުޅި މޫނު ފުރެންދެން ތަރިއާއި ސްޓިކާ ތަތްކޮށް ދަރިވަރުގެ ބޯ އަތަކަށް އަރިނުކޮށް ލެވޭވަރުގެ ޒާތްޒާތުގެ ތޮފިތަކާއި އެކުއެވެ. ކިހިލީގައި ބޮޑު ކަރުދާސް ބޮނޑިއެކެވެ. އާދެ ހޮލިޑޭ އެސައިންމަންޓެވެ. މި އެ ސައިންމަންޓްގައިވާ ގިނަ މަސައްކަތްތަކަކީ ބެލެނިވެރިންނާއި އެހެނިހެން މީހުން ގިނަ ވަގުތު ހޭދަކޮށްގެން ނިންމޭ ބޮޑު މަސައްކަތަކަށް ގިނަ ފަރުވެއެވެ. ގިނައިން ދެވިފައި ހުންނަނީ ކުދިން ގަޔާވާ ކަހަލަ މަސައްކަތްތަކެއްނޫނެވެ. އަދި މާބޮޑަށް މައޫލޫމާތާއި ހުނަރު އަދި  ސިފައެއްވެސް އަށަގަންނަކަހަލަ މަސައްކަތެއްނުމެ ނޫންމެއެވެ.

ހޮލިޑޭ މަސައްކަތެއް ދިނުމަކީ މައްސަލައެއްނޫނެވެ، ނަމަވެސް ދެވޭ މަސައްކަތަކީ ދަރިވަރުން ގަޔާ ވެގެންކުރާ އަދި ދަރިވަރުންނަށް އޭގެ ސަބަބުން ފައިދާކުރަނިވި މަސައްކަތަކަށް ވާންވާނެއެވެ. އަދި މިމަސައްކަތް ވާންޖެހޭނީ އެމަސައްކަތް ނިންމުމަށްފަހު މުދައްރިސުންނަށްވެސް އިތުރު ތަކުލީފަކަށް ނުވާނެ މަސައްކަތަކަށެވެ. އެމަސައްކަތް މާކުކުރަން ގިނަ ވަގުތުހޭދަ ކުރަންޖެހި އަދި ކުދިން ކުރި މަސައްކަތުގެ ނަތީޖާއަށް ކުދިން އިންތިޒާރު ކުރަން ޖެހޭ ޒާތުގެ މަސައްކަތަކަށް ވެއްޖެނަމަ ދެފަރާތަށްވެސް ނުހަނު ގެއްލުމެވެ.

މާހައުލު ބަދަލުކޮށްލުން:

މާހައުލު ބަދަލުކޮށްލާ ވާހަކައަކީ މިފަހަކަށް އައިސް ޗުއްޓީތަކާ ދިމާކޮށް ވަރަށް ބާރަށް ދެކެވޭ ވާހަކައެވެ. އަދި މިކަމުގައި މާނަ ކުރެވޭގޮތް ތަފާތުވެ، ބައެއް ބެލެނިވެރިންނަށް ނުކުޅަދާނަވާ ވަރަށް ދަރިންގެ ފަރާތުން ފިއްތުންތައް އާދެއެވެ.

މާހަލު ބަދަލުކޮށްލުން މާނަ ކުރެވެނީ އެހެން ރަށަކަށް ނުވަތަ އެހެން ޤައުމަކަށް ފުރައިގެން ގޮސް މުޅި ޗުއްޓީ އެމާހުއުލެއްގައި ހޭދަކޮށްލުމެވެ.ނަމަވެސް އެންމެ ރަނގަޅުގޮތަކީ އެވިސްނުން ދޫކޮށްލުމެވެ. ތިމާގެމީހުން ގެއަށް ޒިޔާރަތްކޮއްލުމާއި، ރަށުގައިވާ ތަފާތު މާހައުލުތަކުގައި ކުދިންނާއެކު ވަގުތު ހޭދަކުރުމަކީވެސް ތަފާތު މާހައުލެއް ދަރިންނަށް ލިބި ގިނަ ކަންތައްތަކެށް ދަސްވެ އުނގެނޭނެކަމެއްކަމުގައިދެކެމެވެ. ކައިރި ޤައުމަކަށް ނުވަތަ ވެރިރަށް މާލެއަށް ޗުއްޓީގައި ދެވުނުކަމުގައިވިޔަސް މިއަހަރު އެތަނަވަސްކަން ނެތްނަމަ އެކަން ދަރިންނަށް ވިސްނައިދިނުމަކީ ނުހަނު ބޭނުންތެރިކަމެކެވެ. މައިންބަފައިން ޗުއްޓީ ރާވާލާގޮތް ދުރާލާ ދަރިވަރުންނަށް ބުނެދީ މައުލޫމާތު ދުވަހުން ދުވަހަށް ތާޒާކޮށް އާއިލާ ތެރޭ މަޝްވަރާ ކުރުމީ ބަންދުގެ ބޭނުން އެކަށޭނަ ގޮތުގައި ކާމިޔާބުކުރުމަށް އެޅޭނެ ބާރެކެވެ.

އެހެނިހެން ޚިޔާލު:

ބޮޑު ބަންދާ ދިމާކޮށް ރާވާލެވޭ ގިނަ ކަންކަމަކީ ދަރީންގެ ބައިވެރިވުމާއެކު އެމީހުންނަށް އިހްތިޔާރާއި ބާރާއި ފައިސާ ދީގެން ބެލެނިވެރިންގެ ބެލުމުގެ ދަށުން ކުރެވޭ ކަންކަމަށް ހެދުން. މިސާލު: ޕިކްނިކް ދަތުރު، އާއިލީ ހަވީރު، ހިތާނީ ޒިޔާރަތް

ތަނަވަސްކަން ލިބިފައިވާ މައިންބަފައިންނަމަ ބޭރު ގައިމުތަކަށް ކުރާ ޒިޔާރަތެއްނަމަ އެތަނަކާ ބެހޭ މައޫލޫމަތު ދަރިންނަށް ލިބޭނޭ ކަހަލަ ގޮތަކަށް ދަތުރު ރާވާލުން، އިޤްތިޞާދުކުރުމުގެ ރީތި ސިފަ އަމަލީގޮތުން ދަރީންނަށްދެއްކުން.

ވީހާވެސް ބޮޑަކަށް ކަންތައްތައް ހޯދާ ބެލޭނެ މާހައުލުތަކަށް ދިއުމާއި ދަރީން ކުރާ ސުވާލުތަކަށް ޖަވާބު ދާރީވުން.

ޗުއްޓީގެ ސީދާ ހަރަކާތަށް ފަށާއިރު، ޗުއްޓީ ނިމިގެން އެކަން ހިނގާ ދިޔަގޮތުގެ ވާހަކަ ލިޔުމުން ނުވަތަ ފޮޓޯއިން ފެންނަން ޖެހޭނެ ވާހަކަ ތަރުތީބުކުރެވި ރާވާލެވިފައި އޮތުން މުހިންމުކަމެއްގެ ގޮތުގައިދެކެން.

ދަރިންނަށް ދެވޭ ވަގުތުގައި ބެލެނިވެރިން ވީހާވެސް އިސްކިރީން ވަގުތު މަދުކުރުން މުހިންމުކަމުގައި ދެކެން. މިސާލަކަށް ޕިކްނިކް ނުވަތަ އެހެނިހެން ތަނެއްގައި ޗުއްޓީ ހޭދަކުރާއިރު މީސްމީޑިއާއާއި ދުރުވެ ގިނަ ވަގުތު ދަރީންނަށް ސަމާލުކަންދިނުން.

ދާން ހުރިހާ ތަނަކާއި ކުރާ ހުރިހާ ކަމެއް ވަގުތުން ވަގުތަށް މީސްމީޑިއާގައި ހާމަކުރުމަކީ އެހާ ރަނގަޅުކަމެއްކަމަކަށް އަޅުގަނޑަކަށް ގަބޫލެއްނުކުރެވެއެވެ.

ތަފާތު މީހުންގެ ނަޒަރު މިކަމުގައިވެސް ތަފާތުވުމަކީ އެކަށޭނެ ކަމެކެވެ. ނަމަވެސް މިދަންނަވާލެވުނީ އަހަރުގެ ބޮޑު ޗުއްޓީ އަޅުގަނޑުމެންނާއި ކުރިމަތިލާއިރު އަޅުގަނޑުގެ ހިތުގައިވާ ޝުޢޫރާއި ލިބިފައިބާ މައުލޫމާތެކެވެ.

 

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355