ސީދާ ތިން ސެޓުން ނޮޅިވަރަމް ބަލިކޮށް ހަނިމާދޫ އިން ފިނޭ، ވީއެސްއާރުސީ ވޮލީބޯޅަ މުބާރާތުގެ ޗެމްޕިއަންކަން މިރޭ ހޯދައިފި އެވެ. މިމުބާރާތުގެ މިދިޔަ އަހަރުގެ ޗެމްޕިއަނަކީ ނޮޅިވަރަމެވެ.
ހދ ފިނޭގައި މިއަދު ކުޅުނު ފައިނަލް މެޗުގެ ސެޓުތައް އެ ޓީމުން ގެންދިޔައީ 25-20، 25-17 އަދި 25-19 އިންނެވެ. މުޅި މެޗަށް ބަލާއިރު ދެ ޓީމުންވެސް ވާދަވެރި މޮޅު ކުޅުމެއް ދައްކައިފަ އެވެ. އެކަމަކު ހަނިމާދޫ ޓީމުގެ ފަރާތުން ފެނިގެންގޮސްފައިވަނީ ތަފާތު ވަރުގަދަ ކުޅުމެކެވެ. މުޅި މެޗު ކޮންޓްރޯލްކޮށް ގިނަ ވަގުތުތަކުގައި ލީޑް ނަގާފައިވަނީވެސް ހަނިމާދޫ އިންނެވެ.
މިމުބާރާތުގެ އެންމެ މޮޅު 6 ކުޅުންތެރިންގެ ހޮވައި އެފަރާތްތަކަށްވެސް ޓްރޮފީ ހަވާލުކޮށްދީފަ އެވެ. އެ ކުޅުންތެރިންނަކީ ހަނިމާދޫ ޓީމުގެ އަހުމަދު ސައިފްﷲ، ސާދިގް މޫސާ، ޝާއިން މުހައްމަދު، ނޮޅިވަރަމް ޓީމުގެ ހަސަން އަކުރަމް، ހަސަން ހިލްމީ އަދި ފިނޭ ފްރެންޑްސްގެ އާދަމް ފައިރޫޒެވެ. މުބާރާތުގެ އެންމެ މޮޅު ކޯޗުގެ މަގާމު ހޯދީ ހަނިމާދޫ ޓީމުގެ ނަސްރުﷲ ހަލީލެވެ.
ރަނަރަފްގެ މަގާމު ހޯދި ނޮޅިވަރަމް ޓީމް–ފޮޓޯ: ވީއެސްއާރުސީ
ފެއާރ ޕްލޭ ޓީމަކަށް ވައިކަރަދޫ ހޮވުނުއިރު ފެއަރ ޕްލޭ ކުޅުންތެރިޔާގެ މަގާމު ހޯދީ ނޮޅިވަރަމްގެ ހަސަން އަކްރަމެވެ. މުބާރާތުގެ ތިންވަނަ މަގާމު ހޯދީ ފިނޭ ފުރެންޑްސް އެވެ. ފިނޭގެ އަމިއްލަ ޖަމިއްޔާއެއްކަމަށްވާ ވައި ސްޕޯޓްސް އެންޑް ރިކްރިއޭޝަން ކުލަބު އިންތިޒާމުކޮށްގެން ބާއްވާ މި ވޮލީބޯޅަ މުބާރާތް ހދ އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން ކުރިއަށްގެންދާ މުބާރާތެކެވެ.
ޖުމްލަ 9 ޓީމެއް ބައިވެރިވި މިމުބާރާތުގެ މަގާމުތަކަށް ދިޔަ ފަރާތްތަކަށް ވައި ސްޕޯޓްސް އެންޑް ރިކްރިއޭޝަނުން ކުލަބުން ދޭ ހަނދާނީ ލިޔުންމާއި ޓްރޮފީ އާއި ތަށި އަދި ފައިސާގެ އިނާމު ހަވާލުކޮށްދެއްވީ ފިނޭ ކައުންސިލްގެ ނައިބު ރައީސް އަބުދުއްރަހީމާއި ހަނިމާދޫ ކައުންސިލްގެ ރައީސް އަބުދުލް ސަލާމް އަލީ އާއި ވީއެސްއާރުސީގެ ރައީސް މުހައްމަދު ޝިހާމެވެ.
މުބާރާތުގެ އެންމެ މޮޅު 6 ކުޅުންތެރިން–ފޮޓޯ: ވީއެސްއާރުސީ
މިމުބާރާތުގައި ރެފްރީކަން ކޮށްދެއްވި ފަރާތްތަކަށާއި މުބާރާތުގައި އެކި ގޮތްގޮތުން އެހީތެރިވި ފަރާތްތަކަށްވެސް ވަނީ ހަނދާނީ ލިޔުން ދީފަ އެވެ.