twitterviber whatsapp telegramfacebookyoutube instagram
29th March 2024

ކުޅުދުއްފުށީ ޑްރަގް ޑީލަރުންގެ މަޅީގައި މުޖްތަމަޢު ޖެހެނީ!

Apr 17, 2011

އޭނާގެ ވަށައިގެން ޒުވާނުންނެވެ. ސްކޫލްކުދިންނެވެ. އެކުދިންނާއި އޮންނަނީ ގާތްގުޅުމެކެވެ. ފޭސްބުކްގައި އަށްސަތޭކަ ތިރީހަށްވުރެ ގިނަ ރައްޓެހިން ތިބިއިރު، ރަށުގެ އެންމެ ގިނަ ޒުވާނުން ވަންނަ، ފޭސްބުކް ގުރޫޕްގައިވެސް އޭނައެވެ. އޭނާގެ ގުރޫޕަށް ލޯގޯއަކާއި ނަމެއްވެސް ކިޔާފައި އޮވެއެވެ. މުޅި ރަށުގެ އެތަން މިތާނގައި އެ ގުރޫޕްގެ ލޯގޯ ކުރަހާފައިވެއެވެ. ސްކޫލްތަކުގެ ޑެސްކްތަކުން ފެށިގެންގޮސް ޒޯން ސްޓޭޑިއަމްގައިވެސް އެއް އިރެއްގައި އެ ގުރޫޕްގެ ނަމާއި ލޯގޯކުރެހިއެވެ. މިދެންނެވި ގުރޫޕްގައި މުޅިންހެން ތިބީ އާންމު އުނދަގުލަކަށްވެފައިވާ ޒުވާނުންނެވެ. އާދެ، އޭނާގެ ފޭނުންނެވެ. މަސްތުވާތަކެތި ބޭނުންކުރާ އެވިއްކާ މީހުންގެ ކަސްޓަމަރުންނެވެ.

ހަމަހޭގައި އަދި ތިބި ޒުވާނުންނަށާއި ރައްޔިތުންނަށް އަދި މިވާނުވާއެއް ނޭނގެއެވެ. މިއީ މަސްތުވާތަކެތި ވިއްކާ މީހުން އެމީހުންގެ މުޑުދާރު ފަރާތް ފޮރުވައި، ހަމަ އާދައިގެ ސޯލިޙް، އިޖްތިމާއި މީހެއްގެ ފޭރާމުގައި ދެއްކެންކުރާ މަސައްކަތެއްކަން އެކަކަށްވެސް އަދި ނުވިސްނެއެވެ. ނުވިސްނޭތީ ނޭނގިތިބެ އެއްބާރުލުން ދެވެނީއެވެ. މަސްތުވާތަކެތިވިއްކާ ޑީލަރުންނަށް ކުޅުދުއްފުށީގައި، އެއްބާރުލުން ދެވިފައިވާ ގޮތުގެ ދެތިން ހަތަރު މިސާލެއް ދަންނަވާލާނަމެވެ.

މިރަށުގައި މަސްތުވާތަކެތި ބޭނުންކުރާ މީހުންގެ ފައިސާ އާއި ބައިވެރިވުމާއެކު، ކުޑަކުދިންގެ ހަވީރު ބާއްވާފައިވެއެވެ. ތަފާތު ކުޅިވަރު މުބާރާތްތަކަށް އެމީހުންގެ އަތުން ސޮޕޮންސަރ ހޯދާފައިވެއެވެ. އެމީހުންގެ ގޭންގްގެ ނުވަތަ ގުރޫޕް ނަމުގައި ބާސްކެޓްބޯޅަ ޓީމް ނެރެފައިވެއެވެ. ފުޓްބޯޅަކުޅެފައިވެއެވެ. ބެލެވޭގޮތުގައި އަދި ސާފުކޮށްތިބި ޒުވާނުން ރާވާ ޙަރަކާތްތަކުގައި ސީދާކޮށް މިބުނި މަސްތުވާތަކެތި ވިއްކާފަރާތްތައް އެމީހުންގެ ގޭންގް ނުވަތަ ގުރޫޕްނަމާއި ލޯގޯ ބޭނުންކުރުމާއެކު، ބައިވެރިކޮށްފައިވެއެވެ. ޕްރޮވިންސް އޮފިހުގަޔާއި ޓީއާރުސީގައި ޒުވާނުންނާއި ގުޅުންހުރި ކޮންމެވެސް ކަމެއްގައި، ޒުވާނުން ބޭއްވި ބައްދަލުވުމެއްގައި ބައިވެރިވެފައިވެއެވެ. ފޭސްބުކްގައި އުޅޭ ޒުވާނުންތަކެއް ޓީއާރުސީގައި ބޭއްވި މިފަދަ ބައްދަލުވުމެއްގައި ފަތްބޯކުދިންގެ ގުރޫޕްގެ ނަންވެސް އެ މީހުންގެ މޭޒުގައި ހަރުކޮށްފައި ހުއްޓެވެ! ޑީލަރުން، ޢީދު ކުޅިވަރަށާއި (ކުރިން ބުނިހެން) ކުޑަކުދިންގެ ހަވީރަށް ޚަރަދުކޮށްފައިވެއެވެ. ތަފާތު ހަރަކާތްތަކާއި ގުޅުވައިގެން މަގުހުރަހަށް ދެމި ފޮތިގަނޑުތަކުގައި މި ބުނާ ގުރޫޕް ނަން ޕްރިންޓްކޮށް އާންމުކޮށްފައިވެއެވެ. އެއީ އެމީހުން އެހަރަކާތްތަކުގައި ޢަމަލީގޮތުން ބައިވެރިވެ،ފައިސާ ދީފައިވާތީއެވެ.

ޑުރަގް ބޭނުންކޮށް ވިއްކާ ކަމަށް ބެލެވޭ މީހުން، ފަޅުގެޔަކަށް ވެރިވެގަނެ، އެގޭ މުދާފޭރި ގޭގެ ދޮރުތައް ނައްޓައި، ފާރުތައް ތަޅައި، މުޅި ހިސާބުގަނޑުގެ ހުރިހާގެޔެއްގެ މަގުފާރުގައި ކުރަހައި، ހަޑިކޮށް މަގުމަތީގައި ސަރަންފީ ބަހައްޓައިގެން ހޭލާތިބެ ޖެއްސުންކުރަމުން ދިޔައިރު، ރަށުއޮފީހަކަށް، ފުލުހުންނަކަށް އެމީހުންނާއި ދެކޮޅަށް އެޅުނު ފިޔަވަޅެއް ނެތެވެ. ހަމަ ޗުއްޕުވެސް ބުނެލަން ކެރުނު ފުލުހެއް، ވެރިއެއް، ރައްޔިތެއްނެތެވެ.

މިވަނީ ކިހިނެއް ހެއްޔެވެ؟

މިހާރު އަހަރެމެން މި ކަންތައްކުރާގޮތުން މިވާ ގޮތަކީ ޑްރަގް ޑީލަރުންނަށް އެމީހުންގެ ވިޔަފާރި ޕްރޮމޯޓްކުރުމުގެ ފުރުސަތުދެވި އަހަރެމެންގެ ދަރިން، އެއީ އެމީހުންގެ ކަސްޓަމަރުންނަށް ބަދަލުކުރަން ދަޢުވަތުދެވެނީއެވެ. މަސްތުވާ ތަކެތީގެ ޑީލަރުން ވަރަށް މަކަރުވެރިގޮތަކަށް އެމީހުންގެ “ބްރޭންޑް ނަމެއް” އުފައްދައި ރަށުގައި ޕްރޮމޯޓްކުރަން ފުރުސަތުދިނުމުން ޒުވާންކުދިން އެމީހުންނާއި ރަހުމަތްތެރިވެ، މަގުއޮޅެނީއެވެ.

ވާންޖެހޭ ގޮތަކީ މަސްތުވާތަކެތި ބޭނުންކުރާ ޒުވާނުންނާއި އެވިއްކާ ޑީލަރުން މުޖުތަމައުގައި ކުރާ ކަންކަމުން އެއްފަރާތްކުރަންވީއެވެ. ޒުވާނުން ރާވާ ކަންކަމުގައި އެފަދަ މީހުން ބައިވެރިކުރުމުން ޒުވާނުންދުރުވާންވީއެވެ. އެމީހުން އެކަހެރިކުރަންވީއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355