ކަނޑު އިބިލީހުގެ ފުރަތަމަ ސޯވ ކުޅުދުއްފުށީގައި

ނަބީލާ އިސްމާޢީލް - 2 މަސް ކުރިން - 6 ޑިސެމްބަރ 2018އިސްމާއިލް ރަޝީދު (ކޮޕީ އިއްސެ) ގެ ޑައިރެކްޝަން އެއްކަމަށްވާ ކަނޑު އިބިލީހުގެ ޕުރިމިއަރ ސޯވ ކުޅުދުއްފުށީ ތިލަދެކުނު ސިނަމާގައި އަޅުވައިފިއެވެ.

ވަރަށް ކުލަގަދަ ހަފުލާއަކާ އެކު އިއްޔެ ހަވީރު ރެޑް ކާޕެޓްގައި ބޭއްވި މި ޕުރިމިއަރ ސޯވ ސަރަފު ވެރިކޮށްދެއްވީ ހދ އަތޮޅު ކައުންސިލްގެ މެމްބަރު އަހުމަދު އާތިފް އެވެ. ކުޅުދުއްފުށީ ދައްސޫރަ ބޮޑުބެރު ގުރޫޕުގެ ލަވަޔަކާއި އެކު ފެށުނު މި ސޯވ ގައި ކުޅުދުއްފުށި އަންހެން ކުދިންގެ ޑާންސްގެ ހަރަކާތްތަކެއްވެސް ފެނިގެން ގޮސްފައެވެ.

ކޮޕީ އިއްސެ ކޭއޯ އަށް މައުލޫމާތު ދެމުން ބުނީ މި ފިލްމަކީ އިންޑިޕެންޑެންސް ޒޯން ގެ ފުރަތަމަ ޕުރޮޑަކްސަން ކަމަށާއި މި ފިލްމްގެ ފުރަތަމަ ސޯވ އަޅުވާފައި މި ވަނީ ކުޅުދުއްފުށީގައި ކަމަށެވެ.

ކުޑަކުދިންނަށް ހާއްސަކޮށްގެން ތައްޔާރުކޮށްފައިވާ މި ފިލުމްގެ ބޮޑުބައި ކުޅެފައިވަނީ ކުޅުދުއްފުށީގައި އެވެ. އަދި ކުޅުދުއްފުށީގެ ގިނަ ބަޔަކު މި ފިލުމުން ހަރަކާތްތެރިވެސް ވެފައި ވެއެވެ.

މި ހަފްލާގައި މިކަމުގައި އެހީތެރިވެދެއްވި ފަރާތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން އެފަރާތްތަކަށް ވަނީ ހަނދާނީ ލިއުމެއް ހަވާލުކުރެވިފައެވެ. އަދި އިތުރު ސޯވ ތަކެއް އަތޮޅު ތެރޭގެ ރަށް ރަށުގައި އެޅުވުމަށް ވަނީ ހަމަ ޖެހިފައި ކަމަށް އިއްސެ ހާމަކުރިއެވެ.  1. Kokko 2 މަސް ކުރިން
    އަހަރެން އިއްޔެ ދިޔައިން ފިލްމު ބަލަން. ވަރަށް ސަޅި ފިލްމު. ބުވޭނީ ކޮޕީ އިއްސެ، ޒިޔާ، ބޭބެ އަދި މަރީ ވަރެއް ނެތޭ. ބޭބެ އަދި މަރީ އަލަށް އެކަހަލަ ފިލްމެއް ކުޅުނު އިރު ވެސް ހީނުވޭ އަލަށް ކުޅުނުހެން ވެސް އެހާ ރީތި ކުޅުނުލެއް. 👏👏ޕްރައުޑް އޮފް ޔޫ ބޭބެ އަދި ފިލްމުގަ އުޅުން ހުރިހާ ކުދިން 👏👏❤️❤️