އިބްރާހިމް ހަމީދު
ކޮންމެ ކިޔަވާ ކުއްޖަކީވެސް ކާމިޔާބު ހޯދިދާނެ ކުއްޖެއްކަމަށާއި އެކަން ގަބޫލުކޮށް ހިތްވަރާއެކު ކާމިޔާބު ހޯދަން މަސައްކަތްކުރުމަށް އަތޮޅު ކައުންސިލްގެ ރައީސް އާދަމް ވަހީދު އިލްތިމާސް ކުރައްވައިފިއެވެ.
ހދ އަތޮޅު ކައުންސިލްގެ ރައީސް އާދަމް ވަހީދު މިހެން ވިދާޅުވީ އެކައުންސިލުން އިންތިޒާމުކޮށްގެން ބޭއްވި އަތޮޅު ގުރުއާން މުބާރާތުގެ ނަތީޖާފާޅުކުރުމަށް ރޭ އަފީފުއްދީން ސްކޫލުގައި ބޭއްވި ރަސްމިޔާތު ޝަރަފުވެރިކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގައެވެ.
ގުރުއާން މުބާރާތުގެ ބައިވެރިންނާ މުހާތަބުކޮށް ދެއްކެވި ވާހަކައިގައި އާދަމް ވަހީދު އިތުރަށް ވިދާޅުވީ އެމުބަރާތުން ވަނަވަނައަށް ދިޔަ ކުދިން އެހޯދި ކާމިޔަބީއަކީ އެކުދިން ވަރަށް ބުރަ މަސައްކަތުން ހޯދިކާމިޔާބީއެއް ކަމަށާއި މުބާރާތުގައި ބައިވެރިވެ ކާމިޔާބީއަކާއި ހަމައަށް ނުގޮސް އެނބުރި ދާންޖެހުނު ކުދިންވެސް ހިތްވަރާއިއެކު މަސައްކަތްކޮށް ކާމިޔާބު ހޯދުމަށް އަޒުމް ކަނޑައެޅުމަށް އެކުދިންނަށް ނަސޭހަތްތެރިވިއެވެ. އަދި އިނާމު ލިބުނު ދަރިވަރުންގެ ކާމިޔާބީ ފާހަގަކޮށް އެކުދިންނަށް މަރުހަބާ ދެއްނެވިއެވެ.
ރޭގެ ރަސްމިއްޔާތުގައި އާދަމް ވަހީދު ވިދާޅުވީ ކީރިތި ގުރުއާން ކިޔެވުމަށް އަހުލުވެރިކުރުވާ އެކަމަށް ޝައުގުވެރި ކުރުވުމަކީ ޒިންމަދާރު މަގާމުތަކުގައި ތިބި އެންމެން ކުރަންޖެހޭނެ ކަމެއްކަމަށެވެ. އަދި އިސްލާމީ ތަރުބިއްޔަތާއި ކީރިތި ގުރުއާންގެ މަތިވެރިކަމުގެ މައްޗަށް އަލިއަޅުވާލާ ވާހަކަފުޅު ދެއްކެވިއެވެ.
ހދ އަތޮޅުގެ ރަށްރަށަށް ފުރުޞަތު ހުޅުވާލައިގެން ބޭއްވި މުބާރަތުގައި އެއްވަނަ ހޯދީ ކުޅުދުއްފުއްޓެވެ. ދެވަނަ ވައިކަރަދޫ ހޯދިއިރު ތިންވަނައަށް ދިޔައީ ހދ މަކުނުދޫ އެވެ.
މުބާރާތުގެ އެންމެ މޮޅު 15 ކުދިންނަށް ގައުމީ ގުރުއާން ކިޔެވުމުގެ މުބާރާތުގައި ވާދަކުރުމުގެ ފުރުޞަތު ލިބޭގޮތަށް ބޭއްވި މި މުބާރާތުން، ގައުމީ ގުރުއާން ކިޔެވުމުގެ މުބާރާތަށް ހޮވިފައިވާ ކުޅުދުއްފުށީގެ ހަ ކުދިންނަކީ، އައިޝަތު ޖަޒީލާ ކާކީގެ، އަނާނު ފަރީދު މާހާ، އަހްމަދު މަފާޒް މުހައްމަދު އާހިޔާ، އައިމިނަތު ރައިފާ މުހައްމަދު ނަމޫނާ، ތަޢުލިފާ މުހައްމަދު ފަސްތަރި، އަދި އަހްމަދު ޢަތޫފް މުހައްމަދު ފަސްތަރި އެވެ.
މުބާރާތުގައި މާކުސްތައް ދެވިފައިވާގޮތާއި ފަނޑިޔާރުން ބެލި މިންގަނޑުތަކުގެ މައުލޫމާތު ދެއްވީ އެމުބާރާތުގެ އިސްފަނޑިޔާރު އަބްދުއްރަހުމާނު ޔޫނުސް އެވެ. މުބާރާތުގައި ފަނޑިޔާރުކަން ކޮށްދެއްވި ބޭފުޅުންނަށް ހަނދާނީ ލިޔުން ހަވާލު ކޮށްދެއްވީ އަތޮޅު ކައުންސިލްގެ ނާއިބް ރައީސް އަހްމަދު ހަލީލު އެވެ. އެއްވަނަ އަދި ދެވަނައަށް ދިޔަ ކުދިންނަށް އިނާމު ހަވާލުކޮށްދެއްވީ ކުޅުދުއްފުށީ ކައުންސިލްގެ ރައީސް ޖަމްޝީދު މުހައްމަދެވެ.