twitterviber whatsapp telegramfacebookyoutube instagram
20th April 2024

ބެސްޓް ބަޑީ: މަދު ދުވަސްކޮޅެއްގެ ތެރޭގައި އެންމެންގެ ދޫ މައްޗަށް

Jan 1, 2019

މިއަދު މުޅި ރާއްޖެއަށްވެސް މި ފިހާރައަކީ މަޝްހޫރު ނަމެކެވެ. މަދު ދުވަސް ކޮޅެއްގެ ތެރޭގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މި ފިހާރައިގެ ނަން ފެތުރިގެންދިޔައީ ސަބަބެއް ނެތިއެއް ނޫނެވެ. ދައްކަން މިއުޅެނީ ފުޅާ ދާއިރާއެއްގައި ބެޓެރީ ވެހިކަލް ގެނެސް އެ ވިޔަފާރި މުޅި ރާއްޖެއަށް ފަތުރާލައި ދިވެހިންގެ މަގުބޫލުކަން ހޯދި ބެސްޓްބަޑީ ފިހާރަގެ ވާހަކަ އެވެ. ގާތްގަނޑަކަށް 2 އަހަރަށްވުރެ މަދު ދުވަސްކޮޅެއްގެ ތެރޭގައި މުޅި ރާއްޖޭގެ ވިޔަފާރި ފަތުރާލައި ކާމިޔާބު ބޮޑު ވިޔަފާރިއަކަށް ބެސްޓްބަޑީ ހެދުމުގައި މުގުލަކީ އެ ފިހާރައިގެ އޯނަރު އިބުރާހިމް ރަޝީދުގެ ހިންގުންތެރިކަމެވެ.

އިބުރާހިމް ރަޝީދަކީ ރ މީދޫއަށް އުފަން ބޭފުޅެއް ނަމަވެސް އޭނާ ކައިވެނި ބަލައްވައިގެން އުޅުއްވަނީ ކުޅުދުއްފުށީ މީހަކާ އެވެ. އިބުރާހިމް ރަޝީދު ކުޅުދުއްފުށީގައި ދިރިއުޅޭތާ އަހަރުތަކެއް ވެފައިވާއިރު އޭނާގެ ހިދުމަތްތައް ބޮޑަށް ފާހަގަކުރެވިފައިވަނީ ތައުލީމީ ދާއިރާއިންނެވެ. މިހާރު ހދ އަތޮޅު ކައުންސިލްގެ ޑިރެކްޓަރު ޖެނެރަލް މަގާމު ފުރުއްވަމުންގެންދަވާއިރު އޭނާއަކީ މިހާރު ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިއެކޭ ބުނެވިދާނެ އެވެ.

ވިޔަފާރީއަށް ޝައުގުވެރިވި ގޮތާ ބެހޭގޮތުން އިބުރާހިމް ރަޝީދު ވިދާޅުވީ މާސްޓާސްއަށް ކިޔަވާ ވިދާޅުވާން ޗައިނާގެ، ގުއަންޒޫގައި އުޅުއްވި ދުވަސްވަރު ލިބޭ ހުސް ވަގުތުތަކުގައި ކޮންމެ ދުވަހަކުވެސް ގުއާންޒޯގައި ހުންނަ ތަފާތު ޕްރޮޑަކްޓްތައް އުފައްދާ ފެކްޓަރީތަކަށާއި، މާރުކޭޓްތަކަށް ޒިޔާރަތްކުރާ ކަމަށާއި ވިޔަފާރީގެ ތެރެއަށް ޝައުގުވެރިވީ އެހިސާބުން ކަމަށެވެ. އަދި ވިޔަފާރިއެއް ކުރުމަށް ހިތުލައި ކުދި ކުދި ބައެއް އިލެކްޓްރޯނިކް އާލަތްތައް ބައްލަވައި ގަނެ ރާއްޖެ ފޮނުވައި އޮންލައިންކޮށް އެތަކެތި ވިއްކައިގެން ލިބޭ މަދު ފައިސާކޮޅު ރައްކާކޮށް ވިޔަފާރިއެއް ފެށުމަށް ދިޔައީ ތައްޔާރުވަމުންނެވެ. މިގޮތުން ޗައިނާ ސަރުކާރުގެ ސްކޮލަރޝިޕެއްގެ ދަށުން ކިޔަވާ ވިދާޅުވަމުން ގެންދެވި ” މާސްޓަރސް އިން ޕަބްލިކް އެޑްމިނިސްޓްރޭޝަން” ކޯހުން ވަރަށް ފަހުރުވެރި ޑިސްޓިންކްޝަން އަކާއެކު ކޯސް ކާމިޔާބު ކުރައްވާ އެބުރި ރާއްޖެ ވަޑައިގެން ނެވީ އެއްދޮނުގައި 2 ބުޅި ޖައްސަވާ ކުޑަވިޔަފާރިއެއް ފެށޭވަރަށް ކޮންޓެއިނަރއެއްގައި މުދާ ބަރުކުރުމަށްފަހުގައެވެ. މިގޮތުން ކުޅުދުއްފުށީގައި ބެސްޓްބަޑީގެ ނަމުގައި ބުކްޝޮޕެއް ހުޅުވިކަމަށް މަތިއުތުރު ޕްރޮވިންސްގެ ތައުލީމީ ވުޒާރާގެ އެންމެ އިސް ފަރާތެއްގެ ހައިސިއްޔަތުން ކުޅުދުއްފުށީގައި ގާއިމުކުރި ޕްރޮވިންސް އޮފީހުގެ ސްޕްރިންޓެންޑެންޓްގެ މަގާމުވެސް ފުރުއްވާފައިވާ އިބުރާހިމް ރަޝީދު އޭނާގެ ވިޔަފާރި ފެށުނުގޮތް ހިއްސާކުރައްވަމުން ވިދާޅުވި އެވެ.

އިބުރާހިމް ރަޝީދުގެ ބެސްޓް ބަޑީ ފިހާރަ–

އެކަމަކު ބެސްޓްބަޑީ ބުކްޝޮޕް އިބުރާހިމް ހީކުރިވަރާ ގާތަށްވެސް ނުހިނގި އެވެ. މަދު ދުވަސްކޮޅެއްގެ ތެރޭގައި އެ ވިޔަފާރި ހުލިވި އެވެ. އެކަމުން މާޔޫސްކަމާ ކުރިމަތިލިނަމަވެސް އޭނާއަކީ ކުރާކަމެއް ކާމިޔާބުގެ މަންޒިލަށް ގެންދާ ފަރާތެއްކަމުން އާ ހިތްވަރާއެކު އަޒުމު ކަނޑައެޅީ ތަފާތު ވިޔަފާރިއެއްގެ އަޖުމަ ބަލާލުމަށެވެ. ބުކްޝޮޕްގެ ނާކާމިޔާބު ވިޔަފާރިއަށް ފަހު އޭނާގެ ކާމިޔާބު ވިޔަފާރި އަތުގައި ހިފީ މިހިސާބުންނެވެ. ފަންސާހަކަށް ހާސް ރުފިޔާގެ މަދު ރުފިޔާ ކޮޅަކުން ބެޓެރީ ވެހިކަލުގެ ވިޔަފާރީގެ ތެރެއަށް އިބުރާހިމް ފީނާލީ ވިޔަފާރި ކާމިޔާބު ކުރުމުގެ ގަދަ ހިތްވަރުގަ އެވެ.

2017 ވަނަ އަހަރުގެ ކުރީކޮޅު ފެށި ބެޓެރީ ވެހިކަލްގެ މި ވިޔަފާރި 2 އަހަރު ނުވަނީސް ވިޔަފާރިފުޅާކޮށް އިބުރާހިމް ރަޝީދު ހިންދެމިލި އެވެ. މަދު ފައިސާ ކޮޅަކުން ފެށި މި ވިޔަފާރި މިހާރު ވަނީ މުޅި ރާއްޖެއަށް ފެތުރިގެން ގޮސްފަ އެވެ. އޭނާ ވިދާޅުވީގޮތުގައި ބެސްޓް ބަޑީގެ ޕްރޮޑަކްޓެއް ނެތް ރަށެއް މިހާރު ރާއްޖޭގައި މަދުވާނެ ކަމަށެވެ. ހއ ތުރާކުނު ފެށިގެން އައްޑޫއާ ހަމައަށް މި ވިޔަފާރި ވަނީ ދެމިލާފަ އެވެ. ރަށު ޕިކަޕް ނުވަތަ ބެޓެރި ޕިކަޕް، ބެޓެރި ސައިކަލް، ބެޓެރި ކާރު، ބެޓެރި ބަގީ، އަދި ހުރިހާ އުމުރެއްގެ މީހުންގެ ބައިސްކަލް ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ކުރަމުންދަނީ ބެސްޓް ބަޑީ އިންނެވެ. ބެސްޓް ބަޑީއިން ވިއްކާ ވެހިކަލްތަކުގެ ސްޕެރޕާޓްސް ވިއްކުމަށްވެސް ހާއްސަ ފިހާރައެއް ކުޅުދުއްފުށީގައި ހުޅުވާފައިވާ އިރު ބެސްޓް ބަޑީއިން މިހާރު ދަނީ ހާޑްވެއަރ ވިޔަފާރީގެ ތެރެއަށްވެސް ވަންނަމުންކަން ފާހަގަކުރެވެއެވެ. މިގޮތުން އިންޓަރ ނޭޝަނަލް ބްރޭންޑެއްކަމުގައިވާ އެމް.ޕީ.ޓީ ޓޫލްސް ރާއްޖެއަށް ތަޢާރަފުކޮށް ވަރަށް ހެޔޮއަގުގައި ބެސްޓް ބަޑީއިން އެ ބްރޭންޑްގެ ޓޫލްސް ވަނީ ވިއްކަން ފަށާފައެވެ.

ބޭސްޓްބަޑީއިން ހދ އޭއީސީއަށް ތަކެތި ހަދިޔާކޮށްދިނުމަށް ބޭއްވި ހަފްލާއެއްގެ ތެރެއިން–

ޗައިނާގެ ސަން ޔެޓް ސަން ޔުނިވާސިޓީން ޕަބުލިކް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން ޑިސްޓިންކްޝަން އަކާއެކު މާސްޓާސް ޑިގްރީ ފުރިހަމަ ކުރައްވާފައިވާ އިބުރާހިމް ރަޝީދުގެ ބެސްޓް ބަޑީގެ ވިޔަފާރި ކުރިއަރައިގެން ގޮސް މިއަދު އެ ފިހާރައިގައި ނުހުންނަ މުދާ އޯޑަރު ދިނުމުން ޗައިނާއިން ގެނެސް ދިނުމުގެ ހިދުމަތްވެސް ދެ އެވެ. އެގޮތުން ގެދޮރު އިމާރާތްކުރަން ބޭނުންވާ ސާމާނާއި ފަރުނީޗަރުވެސް އޯޑަރު ކުރެއްވުމުން ފަސޭހަކަމާއެކު އަގުހެޔޮކޮށް އިތުބާރާއެކީ ކަސްޓަމަރ އާއި ހަމައަށް ފޯރުކޮށްދިނުމުގެ ޚިދުމަތް ބެސްޓް ބަޑީއިން ފޯރުކޮށްދެ އެވެ. އަދި މީގެ އިތުރުން ފާއިތުވި 2 އަހަރުގެ ތެރޭގައި ރާއްޖޭގެ އެކި ކަންކޮޅު ތަކުގައި ތަރައްޤީ ކޮށްފައިވާ ކުޑަކުދިންގެ ޕާކުތަކަށް ބޭނުންވާ ސާމާނު ވަރަށް އަގު ހެޔޮކޮށްް ބެސްޓް ބަޑީއިން ވަނީ ސަޕްލައިކޮށްދީ ފައެވެ.

ތައުލީމީ ދާއިރާގައި ގިނަ ހިދުމަތްތަކެއް ކުރައްވާފައިވާ އިބުރާހިމް ރަޝީދު މަދު ދުވަސްކޮޅެއްގެ ތެރޭގައި ކާމިޔާބު ބޮޑު ވިޔަފާރިވެރިޔަކަށްވީ ސަބަބުތަކެއް ނެތިއެއް ނޫނެވެ. ވިޔަފާރި ކުރުމުގައި އިބްރާހިމް ރަޝީދު ގެންގުޅުއްވާ ސްޓްރެޓަޖީއަކީ ކުޅުދުއްފުށީގެ އެހެން ވިޔަފާރިވެރިންނާ އަޅާ ބަލާއިރު ތަފާތު ކޮންސެޕްޓެއްކަން ފާހަގަކޮށްލެވެއެވެ. މިގޮތުން ބެސްޓް ބަޑީގައި ހުންނަ މުދާ ރާއްޖޭގެ އެންމެ ދެކުނުގައި ހުންނަ ކަސްޓަމަރގެ ލޯމަށްޗަށް ދައްކާލުމަށް ބެސްޓް ބަޑީއިން ގެންގުޅޭ އިސްތިހާރުކުރުމުގެ އުޞޫލަކީ މާކެޓިންގައި އިބްރާހިމް ރަޝީދު ގެންގުޅުއްވާ ކާމިޔާބު މޮޅު އުކުޅެއްކަން ފާހަގަކުރެވެއެވެ. ބެސްޓް ބަޑީއަކީ މިހާތަނަށް ކުޅުދުއްފުށީގައި އުފެދުނު ވިޔަފާރިތަކުގެ ތެރެއިން އެންމެ ގިނަ އެހީތައްވެސް ދެމުންދާ ވިޔަފާރިއޭ ބުންނަށް ކެރިދާނެ އެވެ. ފާއިތުވި މަދު ދުވަސް ކޮޅުގެ ތެރޭގައި އެ ވިޔަފާރީގެ ތެރެއިން ވަނީ ކުޅުދުއްފުށީގެ ސްކޫލުތަކަށާއި ކުލަބު ޖަމިއްޔާތަކަށް އަދި ރ އަތޮޅުގެ ބައެއް ސްކޫލުތަކަށް ގިނަ އެހީތަކެއް ދެއްވާފަ އެވެ. އަދި އެހީތެރިކަމަށް ބޭނުންވާ އާއްމު ބައެއް ފަރާތްތކަށްވެސް އެހީތެރިކަން އަންނަނީ ފޯރުކޮށްދެމުންނެވެ. އެކަމަކު އޭގެ ތެރެއިން ބައެއް ވާހަކަތައް ހިއްސާކުރަން އޭނާ ދެކޮޅެވެ.

ބެސްޓް ބަޑީ ފިހާރާގައި ހުރި ބައިސްކަލުތަކެއް–

 

” މީހަކަށް ނުވަތަ ބަޔަކަށް ވެދެވޭ އެހީއަކީ އަތުން ގެއްލިގެންދާ އެއްޗެއް ނޫން. މި ވިޔަފާރި ކާމިޔާބުވުމުގެ ސިއްރަކީވެސް އެއީ.” މީހުންނާ ގުޅުން ބޮޑު އިބުރާހިމް ރަޝީދު ވިދާޅުވި އެވެ.

ބެސްޓް ބަޑީ މިއަދު އެންމެންގެ ބެސްޓް ބަޑީއަށް ވެގެންދިޔައީ ހިތްވަރާއި ނުގުޑާފަދަ އަޒުމެއްގައި ކުރި ބުރަ މަސައްކަތްތަކަކުން ޔަގީންނެވެ. ޕްރޮޑަކްޓް މާކެޓް ކުރުމުގައި ރަޝީދު ގެންގުޅުއްވާ މޮޅު އުކުޅުގެ ސަބަބުންކަން އެއީ ޝައްކެއް އޮތް ކަމެއް ނޫނެއެވެ. ދީލަތިކަމާ މީހުންނަށް އެހީތެރިވުމުގެވެސް ނަމޫނާގަ އެވެ. ކޭއޯއިން އެދެނީ އިބުރާހިމް ރަޝީދުގެ ބެސްޓް ބަޑީއަށް އަދަށްވުރެ ފަހި މާދަމާއަކަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355