twitterviber whatsapp telegramfacebookyoutube instagram
26th April 2024

ކުޅުދުއްފުށީ ހޮސްޕިޓަލަށް ފުރަތަމަ މުހިންމީ ހަރުދަނާ މެނޭޖްމެންޓެއް !

Jan 27, 2019

އުތުރުގެ ގިނަ ރައްޔިތުންތަކެއް ކޮންމެ ދުވަހަކުމެ ސިއްހީ ހިދުމަތަށް ބަރޯސާވެފައިވާ ކުޅުދުއްފުށީ ސަރަހައްދީ ހޮސްޕިޓަލަކީ ރަނގަޅުކުރަން ޖެހޭ ގިނަ މައްސަލަތަކެއް ފުނިޖެހިފައިވާ ތަނެކެވެ. އެންމެ އުހުގައި އޮތީ ސިއްހީ ހާލަތު ދަށްވުމުގެ މައްސަލަ އެވެ.

ތަނުގެ ސިއްހީ ހާލަތު ދަށްވުމުގެ ދެ ސަބަބެއް އެބަ އޮތެވެ. އެއީ ސަރުކާރުތަކުގެ އިހުމާލާއި ހޮސްޕިޓަލުގެ އެތެރޭގެ މައްސަލަތަކެވެ. ސަރުކާރުގެ އިހުމާލުގެ ވާހަކަ ވަރަށް ދެއްކިއްޖެ އެވެ. ހޮސްޕިޓަލްގެ އެތެރޭގެ ހައިޖާނުގަނޑަށް މިފަހަރު ބަލާލާނަމެވެ.

ދުއިސައްތައަށްވުރެ ގިނަ މުވައްޒަފުން ވަޒީފާ އަދާކުރާ އެ ހޮސްޕިޓަލްގެ މެނޭޖްމަންޓަކީ ގާބިލް މެނޭޖްމަންޓެއްކަމަަށް ސުވާލު އުފެއްދޭ ސަބަބުތައް އެބަ ހުއްޓެވެ. އެކި ސަރުކާރުތަކާއެކު އެތަނުގެ ސިޔާސީ އިސް މަގާމުތައް އެހެން ބޮޑެތި އޮފީސްތައް ހެން އަބަދުވެސް ބަދަލުވަމުންދެ އެވެ. އެތަނުގައި ވެސް ބަދަލުނުވާ ފަށަލައަކީ ޒިންމާދާރުވެރިޔާގެ މަގާމެވެ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ ސިވިލް ސާވިސްގެ ވެރިޔަކަށް ހުންނަވަނީ ސީނިއާ ލެބޯޓަރީ ޓެކްނޮލޮޖިސްޓެވެ. އެތަކެއް މުވައްޒަފުންތަކެއް ގޮވައިގެން އުޅެވޭވަރުގެ ގާބިލު ފަރާތެއް ތޯ ބަލާއިރު އެތަނުގެ ގިނަ މުވައްޒަފުން އެކަމާ މެދު ސުވާލު އުއްފަދަ އެވެ. އެބޭފުޅާއާ މެދު ހިތްހަމަނުޖެހެ އެވެ. ރައީސް ވަހީދުގެ ވެރިކަމުގައި އެ ހޮސްޕިޓަލްގެ މުވައްޒަފުން ވަނީ އެތަނުގެ މެނޭޖްމަންޓް ހަރުދަނާކުރުމަށް އެދިފަ އެވެ. އެކަމަށް އެތަނުގެ 80 އިންސަތަށްވުރެ ގިނަ މުވައްޒަފުން ތާއިދުކުރެ އެވެ.

ކޭއާރުއެޗުގެ މެނޭޖްމަންޓް ހަރުދަނާކުރަން ޖެހިފައިވާކަން ހެލްތް މިނިސްޓްރީންވެސް ގަބޫލުކުރެ އެވެ. އެހެންވެ ރައީސް ޔާމީންގެ ސަރުކާރުން އެތަނަށް ނާސިން ޑިރެކްޓަރަކާއި މެޑިކަލް ޑިރެކްޓަރެއް ހަމަޖެއްސި އެވެ. އެއީ އެމަނިކުފާނުގެ ވެރިކަމުގެ އެންމެ ފަހު ދުވަސްކޮޅު އެވެ. ނަމަވެސް ވަގުތީގޮތުން ހަމަޖެއްސި އެ ދެ ބޭފުޅުންގެ ތެރެއިން ނާސިން ޑިރެކްޓަރު މިހާރު ވަނީ މުއްދަތު ހަމަކޮށް އެނބުރި މާލެ ގޮސްފަ އެވެ. މެޑިކަލް ޑިރެކްޓަރު އަދިވެސް އެބަ ހުންނެވި އެވެ. ވަގުތީގޮތުން އެތަނާ ހަވާލުވެ ހުންނަވަނީވެސް މެޑިކަލް ޑިރެކްޓަރެވެ. އެ ބޭފުޅާގެ މަސައްކަތްތަކާ މެދު ހޮސްޕިޓަލުގެ މުވައްޒަފުން ހިތްހަމަޖެހެ އެވެ. އެކަން އެނގެނީ އެތަނުގެ މުވައްޒަފުންގެ ވާހަކައިންނެވެ.

ކޭއާރުއެޗްގެ މެޑިކަލް ޑިރެކްޓަރު ޑރ ވަހީދު އާއި އެދާއިރާގެ ބައެއް މުވައްޒަފުން. ޑރ ވަހީދުއަކީ ވަގުތީ ގޮތުން ހަމަޖައްސާފައިވާ ބޭފުޅެއް–

އެތަނުގެ މުވައްޒަފަކު ބުނީ މެޑިކަލް ޑިރެކްޓަރުގެ މަސައްކަތް ކުރައްވާ ގޮތާ މެދު ގިނަ މުވައްޒަފުންތަކެއް ހިތްހަމަޖެހޭ ކަމަށެވެ. ބޮއްސުންލާފަ އޮތް ޑޮކްޓަރުންގެ ގިނަ މައްސަލަތައްވެސް އެބޭފުޅާ ވަޑައިގެން ހައްލުކޮށް، އަދި ޑޮކްޓަރުންގެ މަސައްކަތްތައްވެސް ހަރުދަނާކުރަން މަސައްކަތްތަކެއްކޮށް ނަތީޖާވެސް ފެންނަމުންދާ ކަމަށެވެ. އެހެންނަމަވެސް އެބޭފުޅާ އޯޕީޑީގައި ބަލި މީހުން ބަލަން އިންނަވާއިރު އާއި އޮޕަރޭޝަންތަކަށް ވަދެ އުޅުއްވާއިރު ވަގުތުން އަންނަ މައްސަލަތައް ބަލަން ލަސްވެ އަދި މިނިސްޓްރީއާ ވަގުތުން މުއާމަލާތް ކުރަން ޖެހޭ ހާލަތްތަކުގައި ދަތިތަކެއް ކުރިމަތިވާ ކަމަށް މުވައްޒަފުން ބުންޏެވެ.

އެފަދަ ހާލަތްތަކުގައި ކަންތައްތައް ބަލަން ޖެހޭނީ ޒިންމާދާރުވެރިޔާ ކަމަށްވާއިރު އެބޭފުޅާ ޒިންމާ އެންމެ ރަނގަޅަށް އަދާނުކުރައްވާ ކަމަށް މުވައްޒަފުން ތުހުމަތުކުރެ އެވެ. އެތަނުގެ މުވައްޒަފުން ގަބޫލުކުރާ ގޮތުގައި އެތަނަށް ބޭނުންވަނީ ގާބިލު ހަރުދަނާ، މުވައްޒަފުންނާއެކު ގުޅިގެން މަސައްކަތްކުރައްވާ ފަދަ ބޭފުޅެކެވެ. ބައެއް ފަހަރު މުވައްޒަފުން ގަވައިދާ ހިލާފަށް އަމަލުކުރުމުން މުވައްޒަފުންނާ މެދު ގާނޫނުގައިވާ ގޮތަށް ފިޔަވަޅު ނޭޅުމުން ކަންތައްތައް ގިނަވެ ހައްލުނުވާ ހިސާބަށްދާ ކަމަށް މުވައްޒަފުން ބުނެ އެވެ. އެހެންވުމުގެ ސަބަބުން މުވައްޒަފުންނާއި ބަލި މީހުންނާ މެދު ނުތަނަސްކަން އުފެދި އެތަނުގެ އިތުބާރު ކުޑަވެގެންދާ ކަމަށް ބައެއް މުވައްޒަފުން ބުނެ އެވެ.

އެތަނުގެ ބައެއް މުވައްޒަފުން ދެކޭގޮތުގައި މައްސަލަތައް ހަމައެކަނި ޒިންމާދާރުވެރިޔާގެ ހިސާބުން ނިންމާލެވޭކަށް ނެތެވެ. ތަފާތު ދާއިރާތަކުގެ ގިނަ ތައުލީމީ މުވައްޒަފުންތަކެއް ގޮވައިގެން އުޅުމަކީ ފަސޭހަކަމަށް ނުވާނެ އެވެ. އެ މުވައްޒަފުން ބުނާގޮތުގައި ހޮސްޕިޓަލްގައި އެކަށީގެންވާ ރަނގަޅު މެނޭޖްމަންޓެއް ސަރުކާރުތަކުން މިހާ ހިސާބަށް އައިއިރުވެސް ގާއިމުކުރެވިފައިނުވެ އެވެ. އެތަނުގެ އޮފީހުގައި ތިބެނީ އާދައިގެ އިދާރީ މުވައްޒަފުން ކޮޅަކާއި ޒިންމާދަރުވެރިޔެއް އެކަންޏެވެ. ދެން އެކި ސަރުކާރުންތަކުގައި އައްޔަނުކުރާ ސިޔާސީ ވެރިޔެއް ހުރެ އެވެ. މިހާރު އެ މަގާމުވެސް އޮތީ ހުސްކޮށް ކަމަށް މުވައްޒަފުން ބުންޏެވެ.

ޒިންމާދާރުވެރިޔާއަށް އެންމެ އެކަށީގެންވާ ގޮތަށް މަސައްކަތް ނުކުރެވިދާނެ އެވެ. އެއީ އެތަނަކީ ތަފާތު ދާއިރާތަކުގެ މުވައްޒަފުން މަސައްކަތް ކުރާތަނަކަށް ވުން ކަމަށް އެމީހުން ދެކެ އެވެ. އެހެންވުމުން ޑިޕާޓްމަންޓްތަކަށް ފެންވަރު ރަނގަޅު އާ މަގާމުތަކެއް އުފައްދާ އެތަންތަނުގެ ވެރިންނަށް ދާއިރާގެ ތައުލީމީ ފަންނީ މުވައްޒަފުން ހަމަޖައްސަން ޖެހެ އެވެ. އެކަން އެހެން ވެގެން ނޫނީ އެތަނުގެ އެތެރޭގައި ހާލަތު ބަދަލެއް ނުކުރެވޭނެ ކަމަށް ބައެއް މުވައްޒަފުން ގަބޫލުކުރެ އެވެ.

” އެމަގާމުތައް އޮތް ގޮތަށް ބާއްވާފަ ސިޔާސީ މަގާމެއް އުއްފަދާ ބޭފުޅަކު އައްޔަނުކުރިޔަކަސް އަދި ކަމަކު ނުދާނެ. އެއީ ވެސް މުހިންމު މަގާމެއް އެކަމަކު ފުރަތަމަ ކުރަން ޖެހެނީ ބޮޑު ހޮސްޕިޓަލަކާ ގުޅުން ހުރި ފެންވަރު ރަނގަޅު މެނޭޖްމަންޓެއް އުފެއްދުން. އެކަން ކުރެވެން އަންނަނީ މަތީ ފެންވަރުގެ މަގާމުތަކެއް އުފައްދާ ގާބިލް ބަޔަކު އައްޔަންކޮށްގެން.” ސިއްހީ ދާއިރާގައި ދުވަސްތަކެއް ވަންދެން މަސައްކަތްކޮށްފައިވާ ފަރާތެއް ބުންޏެވެ.

ކޭއާރުއެޗްގެ ޒިންމާދާރުވެރިޔާ މުހައްމަދު ހަސަން–

އޭނާ ވިދާޅުވާގޮތުގައި ކޭއާރުއެޗަކީ އަތޮޅުތެރޭގައި އެންމެ ގިނަ ރައްޔިތުން ހިދުމަތް ހޯދަމުންދާ ހޮސްޕިޓަލަކަށްވާއިރު އަދި އަތޮޅުތެރޭ އެހެން ހޮސްޕިޓަލުތަކުން ނުލިބޭ ފެންވަރުގެ ބައެއް ހިދުމަތް ދޭ ހޮސްޕިޓަލެއްކަމުން އެތަނުގައި މެނޭޖްމަންޓް ވަރަށް ބޮޑަށް ހަރުދަނާކުރަން ޖެހޭކަމަށެވެ. ހަމައެކަނި ޒިންމާދާރުވެރިޔަކާއި މެނޭޖަރެއް ނުވަތަ ވަގުތީ ބޭފުޅުން އައްޔަނުކޮށްގެން ނުހިފެހެއްޓޭނެ ކަމަށް އެވެ. އައިޖީއެމްއެޗް ފަދަ ހޮސްޕިޓަލްގެ ސީނިއަރ މެނޭޖްމަންޓްގައި ހުންނަ މަގާމު އުއްފަދަން ޖެހޭ ކަމަށެވެ. ކޮންމެ ނަމެއް ކިޔަސް ސިއްހީ ހިދުމަތްދޭ ތަނެއްގައި ފުރަތަމަ ކުރަން ޖެހޭކަމަކީ ރައްޔިތުންގެ އިތުބާރު ހޯދުންކަމަށްވާއިރު އެކަން ކުރެވެން އަންނަނީ މެނޭޖްމަންޓް ހަރުދަނާކޮށްގެން ކަމަށް އޭނާ ވިދާޅުވި އެވެ.

މެޑިކަލް ޑިރެކްޓަރެއް އެކަނި ހުންނަވައިގެން އެހާ ބޮޑު ހޮސްޕިޓަލެއްގެ މައްސަލަތައް ހައްލުކުރަން އުނގަދޫވާނެ އެވެ. އެތަނަށް މިހާރު ނަރުހުންގެ ޑިރެކްޓަރެއްގެ އިތުރުން ދާއިރީ ސީއީއޯ އަދި ދާއިމީ މެޑިކަލް ޑިރެކްޓަރެއް އަދި ފްލޯ މެނޭޖަރެއް މުހިންމެވެ. ރައްޔިތުންނަށް އިތުބާރު ކުރެވޭ އަދި ތަކެތި ހުސްނުކޮށް ބެހެއްޓޭނީ އެކަށީގެންވާ ހަރުދަނާ މެނޭޖްމަންޓެއް ލިބިގެންނެވެ. އެކަން މިސަރުކާރުން ކުރައްވާނެކަ މަށް ގިނަ މުވައްޒަފުންތަކެއް އުންމީދުކުރެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355