twitterviber whatsapp telegramfacebookyoutube instagram
19th March 2024

ނޯޓުފޮތް: ހައްލުއޮތީ ބިން މިނިވަންކުރުމުގައި…

Feb 17, 2019

ލިޔުނީ: ޢ.އ

ކުޅުދުއްފުއްޓަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލަޔަކީ، ބޯހިޔާވަހިކަމުގެ މައްސަލައެވެ. ހައްލުކުރުމުގައި ޚިޔާލު ކަފިކަފިވާ އެންމެ ބޮޑު މައްސަލަޔަކީވެސް އެއީއެވެ.

ރަށުގައި އެއާފޯޓް އެޅުމަށް ވަރަށް ބޮޑު ސަރަހައްދެއް ނެގުމުން މިހާރު، ކުޅުދުއްފުއްޓަކީ ހަގީގަތުގައި، އެއާޕޯޓްގެ އިންވަކިކުރަން ޖަހާފައިވާ ފުޅައްގަނޑުގެ ދެކުނުން އޮތް ސަރަހައްދެވެ. ނަތީޖާއަކީ، އިހުނަށްވުރެ ބޮޑަށް ބިމުގެ މައްސަލަ ބޮޑުވުމެވެ. އެއާޕޯޓާއި، އަލަށް ހަދާ ބަނދަރާއި، ވިޔަފާރިބަނދަރާއެކު ކުޅުދުއްފުށި ވާނީ ފަސޭހައިން ޚިދުމަތްތައް ހޯދޭ، އާބަންސެންޓަރަކަށެވެ. އެއާއެކު މިރަށަށް މީހުން ދިރިއުޅެން އައުމުގެ ޝައުގުވެރިކަން ބޮޑުވެ، ރަށުން މީހުން ހިޖުރަކުރާ މިންވަރު ދަށްވާނެކަމަށް ބެލެވެއެވެ. ކޮންމެއަކަސް، އެއާޕޯޓެއް ދެނެއް ނުއެއް ނެގޭނެއެވެ. އެއީ ބިން މިނިވަންކުރަން ކުރެވޭނެ ކަމެއްނޫނެވެ. ނަމަވެސް ބިން މިނިވަންކުރަން ކުރެވޭނެ ވަރަށް މުހިންމު ތިންކަމެއް އެބަ އޮތެވެ.

ފުރަތަމަކަމަކީ، އެމްޑީޕީ ސަރުކާރުގައި، އުފެއްދި ކަރުދާހު ކުންފުނި، ‘ކުޅުދުއްފުށި ޑިވެލޮޕްމެންޓް ކޯޕަރޭޝަން (ކޭޑީސީ) އުވާލުމެވެ. ސަބަބަކީ، ކައުންސިލްގެ ރައީސް ވިދާޅުވެފައި އޮތްގޮތުންވިއްޔާ، ކުޅުދުއްފުށީގެ ބިމުގެ ވަރަށް ބޮޑު ސަރަހައްދެއް އޮތީ މި ބުނި ވިޔަފާރި ކުންފުނި، ކޭޑީސީގެ މުދަލެއްގެ ގޮތުގައެވެ! ކޭޑީސީގެ ބާރުގެ ދަށުގައި އޮތީ ހަމައެކަނި އެމްޑީޕީގެ ސަރުކާރުގެ ވެރިކަމުގައި ހިއްކި ބިން އެކަންޏެއްވެސް ނޫން ކަމަށްވެއެވެ. މައުމޫންގެ ވެރިކަމުގައި ހިއްކާފައިވާ ބިމުން ބައެއްވެސް އޮތްކަމަށްވަނީ މި ކޭޑީސީގެ މުދަލެއްގެ ގޮތުގައެވެ!

ކޭޑީސީއަކީ ކަރުދާހު ކުންފުންޏެކެވެ. ދުވަހަކު ރަށުގެ ތަރައްގީއަށް ކަމެއްކޮށްފައެއްވެސް ނެތެވެ. ކުންފުނީގެ މަގުސަދަކަށްވެފައި އޮތީ، ކުޅުދުއްފުށީގެ ބިން މުއްސަނދިންނަށް ވިއްކުމެވެ! އެކަންކުރުމަށް، ތަޖުރިބާއެއްނެތް ބަޔަކު، ރަށުތެރެއިން ނަގައި ކުންފުނީގެ ބޯޑަށްލީއެވެ. ނަމަވެސް މައިތިރިވީ، ބިން ވިއްކުން ހުއްޓުވަން ކޯޓަށް މައްސަލަވެއްދި ހިސާބުންނެވެ. އޭގެ ފަހުން ވެރިކަން 2012 ފެބުރުވަރީމަހު ބަދަލުވެ، ބިންވިއްކުމުގެ ބިރު އޮތީ ކުޑަވެފައެވެ. ކުންފުނިވީ ހިސާބެއް މިހާރު ނޭނގުނަސް، އެނގޭކަމަކީ،  މަގުސަދަށް ބަލާއިރު، މިއީ އިންޑިއަން ސަބްކޮންޓިނެންޓް އަޅުވެތިކޮށް، ބިންފޭރުމަށް އުފެއްދި، އިނގިރޭސިވިލާތު ކުންފުނި، ‘ ބްރިޓިޝް އީސްޓް އިންޑިއާ ކޮމްޕެނީ’ ފަދަ ކުންފުންޏެއްކަމެވެ.

ކޭޑީސީ އުވައިނުލާކަމާއި، ހިއްކާފައިވާ ބިމުގެ ބޮޑު ސަރަހައްދެއް އޮތީ ކުންފުނީގެ މުދަލުގެ ގޮތުގައިކަމާއި، އެބިމަށް ކައުންސިލްގެ އެއްވެސް ބާރެއް ނެތްކަން އެނގެނީ ވަރަށްފަހުން ކައުންސިލްގެ ރައީސް އެގޮތަށް ވިދާޅުވެފައިވާތީއެވެ. ރައްޔިތުންގެ ވޯޓުން އިންތިޚާބުކޮށްފައިވާ ކައުންސިލަށް، ރައްޔިތުންގެ ބިމަށް ބާރު ނުފޯރާގޮތަށް، އޮވެގެން ނުވާނެއެވެ. ވީމާ، ބިން ޖެހޭނީ މިނިވަންކުރާށެވެ.

ރަށުގެ ބިން މިނިވަންކުރުމަށް، ކުރަންވީ ދެވަނަކަމަކީ ހިއްކި ބިމުގައި އަޅާފައި އެހުރި ރޯހައުސްތަކާއި ދެކޮޅުހެދުމެވެ. ފެންވަރުދަށް، ސިފަ ހުތުރު، ރޯހައުސްތަކުން އެއޮތީ މިރަށުގެ ބިމުގެ ބޮޑުބައެއް އަޅުވެތިކޮށްފައެވެ. އަހަރެމެންނަށް ހައްގުމިންވަރަކީ އެއީކަމަށް ގަބޫލެއްނުކުރަމެވެ.  އެބިމުން އެރޯހައުސްތައް ނަގަންގޮވާލުން މުހިންމެވެ. އޭގެ ބަދަލުގައި، މިރަށާއިއެކަށީގެންވާ، ޒަމާނީ ފެންވަރުގެ ފުލެޓްތަކެއް އުސްކޮށް އިމާރާތްކުރުމަށް، ސަރުކާރަށް ގޮވާލަންޖެހެއެވެ. އަލަށް އިމާރާތްކުރާ ފުލެޓްއިމާރާތުން ރޯހައުސްތައް ލިބުނު ފަރާތްތަކަށްވެސް ފްލެޓްދޭނީއެވެ.

ދެން އޮތީ ރަށުގެ ބިން މިނިވަންކުރުމަށް ކުރަންއޮތް ތިންވަނަ ކަންތަކެވެ. އެއީ މި އާޓިކަލްގައި ބޭނުންކޮށްފައިވާ ކޮރެލްޑްރޯއިން ‘ޕްލޭންކޮށްފައި’ އޮތް، މިރަށުގެ ރަސްމީ ޗާޓު، ޚާއްސަކޮށް އޭގައި ހިމެނޭ ހިއްކިބިމުގެ ސަރަހައްދުގެ ޗާޓު އުވާލުމެވެ! ރަށްރަށުގެ ލޭންޑްޔޫޒް ޕްލޭންހަދަނީ ‘ކޮރެލްޑްރޯ’ އިން ކުރަހަން އެނގޭ މީހުންނެއް ނޫނެވެ. އެއީ އާބަން ޕްލޭނަރުންނާއި، އަދިވެސް އެތައް ފަންނީ ބަޔަކު އެކުވެގެން ކުރާކަމެކެވެ. ވީމާ، ފަންނީ މީހުންގެ އެހީގައި ކުޅުދުއްފުށީގެ ހިއްކިބިމުގެ ޗާޓު އަލުން ކުރަހައި، ރައްޔިތުންގެ ޚިޔާލަށް ހުށަހަޅަންޖެހެއެވެ. އޭރުން، އަނެއްކާވެސް ބިންތަކެއް، ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް  ބޭނުންކުރުމަށް މިނިވަންވާނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355