twitterviber whatsapp telegramfacebookyoutube instagram
29th March 2024

މަޖިލީހުގައި 30 އަހަރު، ކަނޑިތީމު ދާއިރާއަށް މިފަހަރު ދާއިރާގެ ދަރިއެއް ހޮވަމާ !

Feb 23, 2019

އެޑިޓޯރިއަލް ނޯޓް: މި އާޓިކަލްއަކީ ކަނޑިތީމު ދާއިރާގެ ޒުވާނެއްގެ ލިޔުމެކެވެ.

ކުރިޔަށް ޖެހިލަން ޖެހެނީ  2008 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށެވެ. އެދުވަސްވަރު ދިވެހިރާއްޖޭގައި ފެތުރެމުން ދިޔައީ މައިގަނޑު ދެ ޝުޢޫރެކެވެ. ” ބޭނުމީ ބަދަލެކެވެ “. “30 އަހަރު ފުދެއެވެ”. ތާރީހު އިޔާދަވެ އަނެއްކާވެސް މި ގުގުމަނީ ކޮންމެހެންވެސް “ބަދަލެއް” ގެންނަން ޖެހިއްޖެ ކަމުގެ އަޑެވެ. މިފަހަރު މި އަޑު އެންމެ ގަދައީ ކަނޑިތީމު ދާއިރާގައޭ ބުނެވިދާނެއެވެ. ސަބަބަކީ ކަނޑިތީމު ދާއިރާގެ ރައްޔިތުން ގޮވަނީ 30 އަހަރެއްގެ ޒަމާންވީ މެމްބަރު މުހައްމަދު ހުސެއިން ބަދަލު ކުރަން ޖެހިއްޖެ ވާހަކައެވެ.

ޖީލެއް ބަދަލުވެ 2 ވަނަ ޖީލުގެ އުމުރު ދެބައިވާއިރުވެސް ގޮނޑިކޮޅުގައި ބަހެއް ވިދާޅުނުވެ އިންނަވާތީ “މޮނިއުމަންޓް” ހުސައިން ގެ ލަގަބުވެސް ބައެއް ޒުވާނުން މިހާރު ދީފިއެވެ. މޮނިއުމަންޓަކީވެސް ދުވަސްވީ އާސާރި އެއްޗެއްކަމުން އެއްގޮތްކަމެއް މި ދެ ކަމުގައި ނެތޭވެސް ބުނެވިދާނެއެވެ.  ކޮންމެއަކަށް ބަދަލުކުރުމުގެ މި ޝުޢޫރުތަކަކީ 2019 ވަނަ އަހަރުގެ މަޖިލިސް އިންތިޚާބާއި ދިމާކޮށް ކަނޑިތީމު ދާއިރާގެ ރައްޔިތުން, ޚާއްސަކޮށް ޒުވާނުން ފާޅުކުރަމުންދާ ޝުޢޫރުތަކެކެވެ. ސުވާލަކީ، އެކީއްވެގެންތޯއެވެ؟ މި ސުވާލުގެ ޖަވާބު ދިނުމަށްޓަކައި ކޮށްލަން ޖެހެނީ ސުވާލު ތަކެކެވެ. ދާއިރާގެ ޤާބިލް ދަރިން ތިއްބާ، ދާއިރާއަށް ނިސްބަތްނުވާ، އާއިލީ ގުޅުމެއް، އަހުލެއް ވަހުލެއް ނެތް ބީރައްޓެއްސެއް ހޮވުމަކީ އެންމެ ބުއްދިވެރި ގޮތްތޯއެވެ؟ ފައިސާ އަކީ ހުރިހާ ކަމަކަށް އޮތް ހައްލުތޯއެވެ؟ 30 އަހަރު ތެރޭގައި ނުވި ކަމެއްކުރަން އަނެއްކާވެސް އެއް ފުރުޞަތަށް އެދުމަކީ ޤަބޫލުކުރެވޭނެ ކަމެއްތޯއެވެ؟ މި ސުވާލުތަކުގެ ޖަވާބު ދާއިރާގެ ރައްޔިތުން ހޯދަން އެބަ ޖެހެއެވެ. އަދި ދާއިރާއެއްގެ ރައްޔިތުންގެ ހުވަފެންތައް ބިލާހަކަށް ވެގެން ދިއުމުގެ ސަބަބު ރައްޔިތުންނަށް އެނގެން ޖެހޭނެ ކަމަށް ކަނޑިތީމުގެ ޒުވާނުން ދެކެއެވެ.

އަތްމަތި ދަތިވެ ދަރަނިވެރި ވެފައިވާ މީހަކަށް ސަތޭކަ ރުފިޔާވެސް ވާނީ ވަރަށް ބޮޑު އެއްޗަކަށެވެ. އަދި އެއީ ބައެއްގެ އިތުބާރު ހޯދަން ބޭނުންކުރެވޭނެ އެންމެ ރަނގަޅުއެއް ވަސީލަތް ވެސްމެއެވެ. މާލޭގައި ގެދޮރުވެރި، ދެތިން ޕެންޝަނާއި، ދައުލަތުގެ މަގާމުތަކުން ގާތް ބޭފުޅުން އެތައްހާސް ރުފިޔާއެއް ގެކޮޅަށް ވައްދާ ‘ބޭފުޅަކަށް” މިއީ ކައިފާ ވައެއްލުންހާ ފަސޭހަ ކަމެކެވެ. ކަނޑިތީމު ދާއިރާގެ ރައްޔިތުންގެ ތެރެއިން ނުފޫޒު ގަދަ ބޮޑެތި ބައެއް އާއިލާތައް ވަނީ މި މަޅީގައި ޖެހިފައެވެ. ދާއިރާއަށް ބީރު ކަންފަތެއް ދިނަސް އޭނާގެ ދިފާއުގައި އޭރު ދާއިރާގެ އެންމެ ޤާބިލް ބޭފުޅުން ތިބިކަންވެސް ފާހަގަކޮށްލަން ޖެހެއެވެ. ނަމަވެސް ދާއިރާގެ ސިޔާސީ ގޮތުން އެންމެ ކުރިއެރުވިދާނެ ބޭފުޅާގެ ހަމައެކަނި ޒިންމާއަކީ އަމިއްލަ އަދި އާއިލީ ހަރަދުތައް ހަމަޖެއްސުން ކަމުގައިވުން އެއީ ދާއިރާ މިހާލަތަށް ދާން ޖެހުނު މައިގަނޑު އެއް ސަބަބެވެ.

ރައްޔިތުންގެ ތެރެއިން ބަޔަކަށް މިކަން ބަލައިނުގަނެވިގެން އެންމެ ފާޅުކަން ބޮޑު ގޮތެއްގައި ދާއިރާގެ ދަރިޔަކަށް ފުރުސަތުދޭން ގޮވާލާ ނިކުތީ 2014 ވަނަ އަހަރުގެ މަޖިލިސް އިންތިހާބުގައެވެ. އެފަހަރު ރައްޔިތުން ހެއްލުމަށްޓަކައި ނެރުނީ ހިޔާލަށްވެސް ނުގެންނަފަދަ ބޮޑެތި ވައުދުތައް ހިމެނޭ މެނިފެސްޓޯއެކެވެ. ހައިރާންވާކަމަކީ 25 އަހަރު ތެރޭގައި ނުކުރެވުނު ކަމެއް 5 އަހަރު ތެރޭގައި ކުރުމަށްޓަކައި މެނިފެސްޓޯ ނެރުމުންވެސް ރައްޔިތުން އެމަޅީގައި ޖެހުމެވެ.

މިއަދު ކަސްރަތުކުރާނެ ޖިމެއް ނެތުމުން އެވާހަކަވެސް ދައްކަނީ ހަމަ އެދުވަހު ވޯޓުދިން ރައްޔިތު މީހާއެވެ. އަދި ހަމަ އެހެންމެ، އަންހެނުންނަށާއި ކުޑަކުދިންނަގެ ހާއްޞަ ޑޮކްޓަރެއް ރަށަށް ޒިޔާރަތް ނުކުރާތީ، ބޮޑު އަގު ދީފައި މާލެ ދާން ޖެހުމުންވެސް މައްސަލަ ޖައްސަނީ ހަމަ އެ ރައްޔިތު މީހާއެވެ. މޯބައިލް ޑޭޓާގެ ޚަރަދު ބޮޑުވެ، ވައިފައި ހޮޓްސްޕޮޓްތައް ރަށުން ނުލިބުމުންވެސް ރުޅިގަދަވަނީ ހަމަ އެދުވަހު އޭނައަށް ވޯޓުދިން ދާއިރާގެ ޒުވާނުންނެވެ. ގިޔަރު ބަދަލުކުރަން އުޅުމުގެ ތެރޭގައި ވަނީ ގިޔަރު ތާށިވެ، ދާއިރާގެ ކުރިއެރުމުގައި ބުރެކިޖެހިފައެވެ. ކުރު ގޮތަކަށް ބުނަނީނަމަ  މެމްބަރު މުހައްމަދު ހުސެއިން ދާއިރާގެ ކުރިއެރުމަށް އެޅިފައިވާ އެންމެ ބޮޑު ހުރަހެވެ. ދާއިރާއަށް ނިސްބަތްވާ ދާއިރާއަށް ކުލުނު ހުންނަ ދާއިރާގެ އިލްމީ ޒުވާނުންގެ ސިޔާސީ ކުރިމަގު ބަންދުކުރާ ސިޔާސީ ތަޖުރިބާކާރެކެވެ.

ރައްޔިތުންތަކެއް ތަމްސީލުކުރުމަށް މެމްބަރަކު ހޮވާއިރު އެއީ ކާކުކަން ރައްޔިތުންނަށް އެނގެން ޖެހެއެވެ. އެއް ބޭފުޅަކު އެތައް ދުވަހެއް ވަންދެން އެ ގޮނޑީގައި އިންނައިރުވެސް، ކަނޑިތީމު ދާއިރާގެ މެމްބަރޭ ބުނުމުން ގިނަ ބަޔަކަށް އެއީ ކާކުކަމެއް ނޭނގެއެވެ. ހިތާމާޔަކީ، ހުދު ދާއިރާގެ ރައްޔިތުންގެ ތެރެއިންވެސް ބައެއް މީހުންނަށް މެމްބަރަކީ ކާކު ކަމެއް، ކިހިނެއް ހުންނަ މީހެއް ކަމެއް ނޭނގޭތީއެވެ. މި މެމްބަރަކީ ކޮން މަސައްކަތެއްކުރާ ކޮން ޢުމުރެއްގެ ބޭފުޅެއްކަންވެސް ނޭނގޭތީއެވެ. ރައްޔިތު މީހާގެ ބޭނުންތައް ނުފުދި، އެތައް މަސައްކަތެއްކޮށް ދިރިއުޅުން ދެކޮޅު ނުޖެހޭއިރުވެސް،ގާތް ބޭފުޅުން ޔޫރަޕްގެ ގައުމުތަކަށް ފޮނުވާލާ، ތިމާ މީހާ މާލޭގެ އަރާމު ގެދޮރުގައި ބޮޑު މަންޒަރު ބަލަން އޮތުމަކީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ. ކެރިގެން ރައްޔިތުންނާއި ކުރިމަތިލާން ނުކެރުނު މީހަކަށް ދާއިރާގެ ގޮނޑިއަށް ކުރިމަތިލާން ކެރުމަކީ ޤަބޫލުކުރެވޭނެ ކަމެއް ނޫނެވެ.ދާއިރާއަށް ބޭނުންވަނީ ދާއިރާގެ އަޑުއިއްވާނެ ދާއިރާއަށް ނިސްބަތްވާ މެމްބަރެކެވެ. އަމިއްލަވަންތަކަމެއް ގެންގުޅޭމީހެކެވެ. ސިއްރިޔާތުގައި ކަންކަންކުރައްވާ މީހެއް ނޫނެވެ. ރައްޔިތުން ބޭނުންވަނީ ނަތީޖާކަން މިއަދު މިދަނީ ވަރަށް ސާފުކޮށް ފެންނަމުންނެވެ.

މިދިޔަ ދައުރުގައި ރައްޔިތުންނަށް މުހައްމަދު ހުސެއިން ވެވަޑައިގެންނެވި ބައެއް ވައުދުތައް، މި ވައުދުތައް އަދިވެސް ނުފުއްދަވާ–

 

މާލޭގެ ގެދޮރުވެރި، ފައިސާވެރި މީހެއް ދާއިރާއަށް ނިސްބަތްނުވާއިރުވެސް ދާއިރާއަށް އަތް ގަދަކޮށް، ދާއިރާގެ ގޮނޑިއަށް ކުރިމަތިލައިގެން މިއުޅެނީ ކޮންކަމެއް ޙާޞިލް ކުރަންތޯ މިއީ މިއަދު ދާއިރާގެ ކޮންމެ ރައްޔިތެއްވެސް ކުރަމުންދާ ސުވާލެކެވެ. މިއީ އަދިވެސް ލިބޭވަރު މަދުވީމަތޯ ނުވަތަ ދާއިރާގެ ރައްޔިތުންނާ ޖެއްސުމަށް ކުރާ ކަމެއްތޯވެސް މިއީ މިއަދު ދާއިރާގެ ރައްޔިތުން ކުރާ ސުވާލެކެވެ. ޤާބިލް މީހެއްތޯ ޔަޤީން ކުރަން 30 އަހަރު ދުވަހަކީ ދިގު މުއްދަތެކެވެ. ޖީލެއް ކަމުގައި 25 އަހަރު ބަލާއިރު މިހާރު މި މެމްބަރުކަމުގައި 1 ޖީލު ނެތި ގޮސްފިއެވެ. 2 ވަނަ ޖީލުގެ ފަހުބައި ގުނަމުންދާއިރު އެއްވެސް ރައްޔިތަކަށް ސިޔާސީ ދާއިރާއިން ފުރުސަތެއް ހޯދާދެވިފައިނެތެވެ. 5 ރަށުގެ ތެރެއިން އެއްވެސް ރަށެއްގައި ސާފު ބޯފެން ލިބެންނެތެވެ. އެހެން މެމްބަރުންނާ ހިލާފަށް ހެލްތު ކޭމްޕެއް، ފެންވަރު ރަނގަޅު މުބާރާތެއް ބާއްވާދީފައި ނެތެވެ. މެމްބަރު މުހައްމަދުގެ ނާޤާބިލްކަން ހާމަވެގެންދާ އެންމެ ބޮޑުއެއް ހެއްކަކީ،ތިރީސް އަހަރު ދުވަހަށް ފަހުވެސް މިއަދު ނިކުމެ މިތިބީ ހަމަ އެ ތިރީސް އަހަރު ވަންދެން އޭނާއަށް ކެމްޕެއިން ކޮށްދިންމީހުންކަމެވެ.

ރައްޔިތުން މިވަނީ ގޮތެއް ނިންމަން ޖެހިފައެވެ. އަދި އޮތީވެސް ހަމަ އެންމެ ގޮތެކެވެ. ވޭތުވެ ދިޔައީ ކަޅު 30 އަހަރުކަމަށް ބުނެ ރައްޔިތުން އެ ވެރިކަމަށް ނޫނެކޭ ބުނި ފަދައިން މި މެމްބަރަށް ނޫނެކޭ ބުނުމެވެ. ދާއިރާގެ ކުރިއެރުން ވާންޖެހެނީ ހުވަފެނަކަށް ނޫނެވެ. ދާއިރާގެ ރައްޔިތުން ވާންޖެހޭނީ ކުޅޭކުޅޭ ބަޔަކަށް ނޫނެވެ. ރައްޔިތުން ބާރުވެރިކޮށްގެން ނޫނީ ދާއިރާ ކުރިއަކަށް ނާރާނެއެވެ. އެހެންކަމުން ރައްޔިތުންގެ ޙައްޤުގައި މަޖިލީހުގައި ވަކާލާތުކުރެވޭ ފެންވަރުގެ ބޭފުޅަކަށް މި މަޤާމު ދޭން އެބަޖެހެއެވެ. ސާދަވިލޭރޭގެ ހަނދުހެން މަޖިލީހަށް ފާޅުވާ މެމްބަރަކަށް މިމަޤާމު ދީގެން މިކަން ނުވާނެކަން މިހާރު ޔަޤީން ވެއްޖެއެވެ. 2019 ވަނަ އަހަރުގެ މަޖިލިސް އިންތިޚާބަށް، ދާއިރާގެ ދަރިއެއް ހޮވުމަށް ކަނޑިތީމު ދާއިރާގެ ރައްޔިތުން ތިބީ ކެތްމަދުވެފައެވެ. އެއީ ދާއިރާގެ ޙާލަތު އެންމެ ރަނގަޅަށް އެނގޭނީ ދާއިރާގެ ދަރިއަކަށެވެ. ބީރައްޓެއްސަކަށް ނޫނެވެ. މޮނިއުމަންޓް ތަޅާލާ ޒަމާނީ ބިނާއެއް ކުރަންވީ ވަގުތު މިއޮތީ އައިސް ޖެހިފައެވެ. މި ފުރުސަތުގެ ބޭނުން މިފަހަރު ހިފަމާތޯއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355