twitterviber whatsapp telegramfacebookyoutube instagram
25th April 2024

މާހީ: އެންމެ މޮޅު ޒުވާން ކީޕަރު، ވިކްޓްރީއާއެކު އުންމީދުގައި!

އަބްދުލް ވާހިދު ޙަސަން
Apr 10, 2019
7

މާހީ އަބުދުއްﷲ އަކީ މިއަދު ރާއްޖޭގެ ހުރި އެންމެ މޮޅު ޒުވާން ކީޕަރެވެ. ނިމި ދިޔަ ޔޫތް ޗެމްޕިއަންޝިޕްގައި ހުނަރުވެރި ކުޅުމެއް ދައްކައި، އެންމެ މޮޅު ކީޕަރުގެ މަގާމާއެކު ވިދާލިއިރު މިއީ އޭނާ ގައުމީ ފެންވަރުގެ މުބާރާތެއްގައި ބައިވެރިވި ފުރަތަމަ ފަހަރެވެ. ކުޅުދުއްފުއްޓަށް އުފަން މާހީ ވަނީ އެ މުބާރާތުގައި ހުނަރުވެރި ކުޅުމެއް ދައްކައި ގިނަ ބައެއްގެ ސަމާލުކަން ދަމައިގަނެފަ އެވެ. އެންމެ ފާހަގަވީ ދަ ގްރޭންޑް އަމިގޯސް ނިއު ޖެނެރޭޝަން އާއި ދެކޮޅަށް ކުޅުނު މެޗުގައި ޖެހި ޕެނަލްޓީ މާހީ ދިފާއުކުރި ކުރުމެވެ. އެއާއެކު ފުޓްބޯޅައަށް ލޯބިކުރާ ގިނަ ބައެއްގެ ލޯތައް ވަނީ އޭނާއަށް އަމާޒުވެފަ އެވެ.

19 އަހަރު މާހީ ފުޓްބޯޅައިގެ ތެރެއަށް ވަދެވުނީ ސްކޫލުގެ ހައުސް މުބާރާތުގެ ތެރެއިންނެވެ. ހދ އަތޮޅު ތައުލީމީ މަރުކަޒުގައި ކިޔެވި ދުވަސްވަރު ފުޓްބޯޅައަށް ޝައުގުވެރިކަން އުފެދުނު ނަމަވެސް އެއްވެސް އިރެއްގައި އޭނާ ކީޕަރަކަށް ވާނޭއޭ އުންމީދެއް ނުކުރެ އެވެ. އެ ޝައުގުވެރިކަމެއްވެސް އޭރަކު ނުހުރެވެ. ކީޕަރަކަށް ވާން ޖެހުނު ސަބަބު ހާމަކުރަމުން މާހީ ބުނީ ސްކޫލުގެ ކުރިއަށްދިޔަ މުބާރާތެއްގައި ކީޕަރަކަށް ވާނެ ކުއްޖަކު ނެތިގެން އެންމެ ފަހުން ގޯލް ބަލަހައްޓަން ޖެހުނީ ކަމަށެވެ. އެދުވަހަށް ފަހު މާހީއަކީ ކީޕަރެކެވެ.

ރަށާއި އަތޮޅު ފެންވަރުގެ އެންމެ ބޮޑެތި މުބާރާތްތަކުގައި ވާދަކުރުމަށްފަހު ޔޫތް ޗެމްޕިއަންޝިޕަށް ދާން ފުރުސަތު ލިބުނީ ދިވެހި ފުޓްބޯޅައިގެ މަޝްހޫރު ގޯލް ކީޕަރު މައުރޫފު އަހުމަދު (މާއްޓޭ)އަށް މާހީގެ ކުޅުން ފެނިގެން އޭނާ ދިން ފުރުސަތެއްގައި ކަމަށް މާހީ ބުންޏެވެ. ހިރަފުސް ކަޕްގައި މާހީ ދެއްކި މޮޅު ކުޅުން ފެނިގެންނެވެ. އެ މުބާރާތުގެވެސް އެންމެ މޮޅު ކީޕަރުގެ މަގާމު މާހީ ހޯދި އެވެ. މާއްޓޭ ހޯދައިދިން ފުރުސަތުގެ ބޭނުން އޭގެ އެންމެ ރަނގަޅު ގޮތުގައި ހިފޭތޯ އޭނާ ދަނީ ވަރަށް ބުރަކޮށް މަސައްކަތްކުރަމުންނެވެ. ޔޫތް ޗެމްޕިއަންޝިޕުން މާބޮޑު ކާމިޔާބީއެއް ނުލިބުނު ނަމަވެސް ވިކްޓްރީ ސްޕޯޓްސްއާ ގުޅުމުގެ ފުރުސަތު އޭނާއަށް ވަނީ ލިބިފަ އެވެ. އަދި ތިންއަހަރުގެ ކޮންޓްރެކްޓެއްގައި އެޓީމާއެކު ކުރިއަށްދިޔުމަށް މާހީ ވަނީ ނިންމާފަ އެވެ. ވިކްޓްރީ މިހާރު ވެއްޓިފަ އޮތް ވަޅުގަނޑު ނަގައި ކޮޅަށް ޖެހުމަކީ މާހީގެ އަމާޒެކެވެ. އޭނާ ބުނާގޮތުގައި އެ މަސައްކަތް ހިތްވަރާއި އުންމީދާއެކު ކާމިޔާބުކުރުމަށް މަސައްކަތްކުރާނެ ކަމަށެވެ.

މާހީ ބުނާގޮތުގައި ފުރަތަމަ ޔޫތް ޗެމްޕިއަންޝިޕަށް ގޮސް މެޗަށް އެރިއިރު އޭނާ ހުރީ ވަރަށް ޕްރެޝަރުކަމަށާއި އެހެންވުމުން ކޮންމެވެސް ވަރަށްކަށް ހާސްވެފައިކަމަށެވެ. އެކަމަކު ދެތިން ބޯޅައެއް ހިފަހައްޓާލުމުން ކޮންމެވެސް ވަރަކަށް ހަމަޔަކަށް އެޅުނުކަމަށް އޭނާ ބުންޏެވެ. ޕުރެކްޓިސް ކޮށްލާނެ އެކަށީގެންވާ ވަގުތު ނުލިބުނުއިރު މެޗަށް އެރިއިރު ޓީމުގެ ކުޅުންތެރިންގެ ނަންތައްވެސް ނޭނގޭކަމަށެވެ. އެހެންވެ ކުޅުންތެރިންނަށް ގޮވައި ހެދީ ޖާޒީ ނަންބަރުން ކަމަށް މާހީ ބުންޏެވެ. ކޮންމެ ގޮތަކަށް އެމުބާރާތް ކުރިއަށްދިޔަކަމުގައިވީނަމަވެސް ލިބުނު އާ ތަޖުރިބާއާއެކު އޭނާ ހުރީ ފުޓްބޯޅައި ރާއްޖޭގައި ދެވެން އޮތް ބޮންތިއާ ހަމައަށްދިޔުމަށް ނިންމައިގެންނެވެ. މިއީ ފުޓްބޯޅައަށް އަދި އޭނާގެ ސަޕޯޓަރުންނަށް ލިބިގެންދިޔަ އުފާވެރި ޙަބަރެކެވެ.

ފުޓްބޯޅައިގެ ދާއިރާއިން ކުރިއަށްދިޔުމަށް މާހީގެ މަންމަ އާއި ބައްޕަ އެންމެ ފުރަތަމަ އެހާ ގަބޫލެއް ނޫނެވެ. އެހެންވެ އެންމެ ފުރަތަމަ ލިބުނު ފުރުސަތެއްވެސް ދޫކޮށްލި އެވެ. އެކަމަކު ޔޫތް ޗެމްޕިއަންޝިޕް މުބާރާތުން އެންމެ މޮޅު ކީޕަރުގެ މަގާމު ލިބުމުން އެމީހުން މިހާރު ތިބީ ކޮންމެވެސް ވަރަށްކަމަށް މާހީއަށް ދޫދޭން ތައްޔާރަށެވެ. އެ ކާމިޔާބީއަށް ފަހު ކޮންމެވެސް ވަރަކަށް މާހީއަށް އޭނާގެ މަންމަ އާއި ބައްޕަ ހިތްވަރުދޭކަމަށް އޭނާ ބުންޏެވެ. އަދި ފުޓްބޯޅައަށް ލޯބިިކުރާ ގިނަ ބަޔަކުވެސް އޭނާއަށް ދަނީ ހިތްވަރު ދެމުންނެވެ. މާހީގެ އެންމެ ބޮޑު ހުވަފެނަކީ އަދި އުންމީދަކީވެސް ޤައުމީ ސްކޮޑްގެ ފުރަތަމަ 11 އިން ފުރުސަތު ލިބުމެވެ. ހިތްހެޔޮ ރައްޓެހިންނާ ގާތް މިޒާޖެއް މާހީގެ ހުރިހާ ފޯކަސްއެއް މިވަގުތު ހުރީ ފުޓްބޯޅައަށްށެވެ. ޤައުމު ފަޙުރުވެރިވާ ފަދަ ކުޅުންތެރިޔަކަށް ވުމުގެ ވަރުގަދަ އަޒުމުގަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355