ހދ ނެއްލައިދޫއަށް ދިމާވެފައިވާ ކަރަންޓްގެ މައްސަލަ ހައްލުނުވެ ގިނަ ދުވަސްތަކެއްވުމުން ރައްޔިތުން މުޒާހަރާކުރަން ފަށައިފި އެވެ.
މިއަދު ހެނދުނު ދިހައެއް ޖަހާއެހާއިރު ފެށި މި އިހްތިޖާޖުކުރަމުންދަނީ ފެނަކަ އޮފީސް ސަރަހައްދުގައި އެވެ. މި އިހްތިޖާޖުގައި ރަށުގެ ގިނަ އަދަދެއްގެ ބަޔަކު ދަނީ ބައިވެރިވަމުންނެވެ.
މުޒާހަރާގެ ބައިވެރިޔަކު ކޭއޯއަށް މައުލޫމާތުދެމުން ބުނީ ކަރަންޓްގެ މައްސަލަ ކުރިމަތިވާތާ މިހާރު ދެމަހަށްވުރެ ގިނަ ދުވަސްވެފައިވާ ކަމަށާއި ކަރަންޓް ދެމުންގެންދަނީ ފަހަރަކު މަގަށް ކަމަށެވެ. އެކަމުގެ ސަބަބުން ރައްޔިތުންނަށް ބޮޑެތި ދަތިތަކާ ކުރިމަތިވަމުންދާ ކަމަށެވެ.
ކަރަންޓް ކެނޑުމުންދާތީ ގޭބިސީތަކުގައި ބޭނުންކުރާ ގިނަ އަދަދެއްގެ އިލެކްޓޯނިކްސް ސާމާނުވެސް ދަނީ ހަލާކުވަމުންނެވެ.
އޭނާ ބުނީ މިހާރުވެސް ސްކޫލާއި ސިއްހީ މަރުކަޒު ފަދަ މުހިންމުތަންތަނުގައި ކަރަންޓް ނެތް ކަމަށާއި ދަރިވަރުންނަށް ކިޔަވައިދެނީ ކުލާހުން ބޭރުގައި ސްކޫލު ގޯތިތެރޭގައި ކަމަށެވެ. ރައްޔިތުން ޑިމާންޑްކުރަމުންދަނީ ކަރަންޓް މައްސަލަ ހައްލުވާނެ ތާރީހެއް ހޯދުމަށް ކަމަށާއި ފެނަކަ އޮފީހުގެ ސަރަހައްދީ ވެރިންނާއި މައި އޮފީހުގެ ވެރިންނާވެސް ވާހަކަދައްކަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.
އަތޮޅު ޤުރުއާން މުބާރާތްވެސް މިއަހަރު ހޯސްޓްކުރަނީ ނެއްލައިދޫ ކައުންސިލުންނެވެ. މިމަހު 19 ގައި ފެށުމަށް މިމުބާރާތް ތާވަލްކޮށްފައިވާއިރު މުބާރާތްތަށް ގިނަ އަދަދެއްގެ ބަޔަކު އެރަށަށް އަރާނެ އެވެ. މުޒާހަރާގެ ބައިވެރިޔަކު ބުނީ ކަރަންޓްގެ މައްސަލަ އެހާތަނަން ހައްލުނުވާ ކަމަށްވާނަމަ ޤުރުއާން މުބާރާތް އެރަށުގައި ނުބޭއްވޭނެ ކަމަށެވެ.
އޭނާ ބުނީ މިއީ ސިޔާސީ ކަމެއް ނޫން ކަމަށާއި ކަރަންޓްގެ މައްސަލާގައި އަޑުއުފުލުމަށް އިންތިހާބުގެ ކުރިންވެސް މަސައްކަތްކުރިން ކަމަށާއި ނަމަވެސް އިންތިހާބަށް ހިޔަނި އެޅިދާނެތީ ފަސްކުރީ ކަމަށެވެ. ރަށުގެ ގިނަ އަދަދެއްގެ ބަޔަކު އިންޖީނުގެ ކައިރީގައި އިހްތިޖާޖުކުރަމުންދާއިރު ރައްޔިތުން ބުނަމުންދަނީ ސަރުކަރުން ޖަވާބެއް ލިބެންދެން އިހްތިޖާޖްކުރިއަށްދާނެ ކަމަށެވެ.