twitterviber whatsapp telegramfacebookyoutube instagram
16th April 2025

ޝާހީ ކައިވެނީގެ ސަބަބުން ޕްރިންސަސް ޑަޔާނާގެ ހަނދާންތައް އާކުރުވައިފި

May 1, 2011

.

ބަދުރުއްދީން ޙަސަން

މީގެ މަހެއްހާ ދުވަސް ކުރިން ފެށިގެން ދުނިޔޭގެ ހުރިހާ ޓީވީ ޗެނަލަކުންނާއި ވެބްސައިޓްތަކުން ހާއްސަ ސަމާލުކަމެއް ދީގެން ތައްޔާރު ވަމުން ދިޔަ ހަފްލާއަކީ އިހައްދުވަހު އޮތް ޝާހީ ކައިވެންޏެވެ. އަދި ކައިވެނި ނިމިގެން ހަފްތާއެއް ވާއިރުވެސް އެކައިވެނީގެ ހޫނުކަން ނުކެނޑޭނެކަން ޔަގީނެވެ. ފޭސްބުކް ސްޓޭޓަސް ތަކުގައި އެވާހަކަ ލިޔެ ޚިޔާލުތައް ބަދަލު ކުރެވެމުން ދާއިރު އަނެއްބަޔަކު ޕްރޮފައިލް ފޮޓޯއަށްވެސް ލައިފައިވަނީ އިއްޔެގެ ފޮޓޯތަކެވެ.

މުސްތަޤްބަލްގައި އިނގިރޭސި ރަސްކަންކުރާނެކަމަށް ބެލެވޭ ޕްރިންސް ވިލިއަމްގެ ތާރީހީ ކައިވެންޏަށް އެންމެންވެސް ޝައުގުވެރިވީ ބީދައިން އަހަރެންވެސް ޝައުގުވެރިވީމެވެ. ނަމަވެސް އެދުވަހުގެ މަންޒަރުތަކާއެކު އަހަރެންގެ ޚިޔާލަށް އައީ ވިލިއަމްގެ މަންމަ، ލޭޑީ ޑަޔާނާގެ ހަނދާންތަކެވެ. ޑަޔާނާ މިދުނިޔެ ދޫކުރިތާ 12 ވަރަކަށް އަހަރު ފާއިތުވެފައި ވީކަމުގައިވިޔަސް އޯގާތެރި އެޝަހުސިއްޔަތުގެ ހަނދާންތައް އެތައްބަޔެއްގެ ހިތުގައި ބިންވަޅު ނެގިފައި ހުންނާނެއެވެ.

ޑަޔާނާ , އިނގިރޭސި ރާނީގެ ދަރިކަލުން ޕްރިންސް ޗާލްސްއާ ކައިވެނި ބައްލަވައިގެން އިނގިރޭސި ޕްރިންސަސްއަކަށް ވުމުގެ އިތުރުން އާންމުންގެ ޕްރިންސަސް ނުވަތަ ރައްޔިތުންގެ އަމީރާއަކަށް ވެވަޑައިގެންނެވިއެވެ. އިންސާނީ ހައްގުތަކަށް މަސައްކަތްކުރުމާއި، އޭޑްސް ބަލީގެ ނުރައްކާތެރިކަން ދުނިޔޭގެ ސަމާލުކަމަށް އެކަމަނާ ގެނެސްދެއްވިއެވެ. އަދި ލޭންޑް މައިން ދުނިޔެއިން ނައްތާލުމަށް ގޮވާލެއްވިއެވެ. އަދި ޑިޕްރެޝަންފަދަ ބަލިތަކާއި ދެކޮޅަށް އަމަލު ކުރަންވީގޮތް އަމިއްލަޔަށް ދައްކައިދިނުމުގައި ދުނިޔޭގެ އެންމެންނަށް ރޯލް މޮޑެލްއަކަށް ވެލެއްވިއެވެ. އެކަމަނާގެ ހިދުމަތްތަކުގެ ސަބުބުން ދުނިޔޭގެ އެތައްބަޔެއްގެ ހިތުގެ ރަނިކަން އެކަމަނާއަށް ލިބިލެއްވިއެވެ.

1 ޖުލައި 1961 ގައި ދުނިޔޭގެ އަލިކަން ދެކެވަޑައިގަތް ޑަޔާނާއަކީ ވަރަށް ކުރިންސުރެންވެސް އިނގިރޭސި ޝާހީ އާއިލާއާއި ގާތްގުޅުމެއް އޮންނަ އެޑްވާޑް ޖޯން ސްޕެންސަރ އާއި އަނބިކަބަލުން ފްރެންސިސް ރޫތު ބާކްރޮޗް ގެ އާއިލާއަށް ލިބުނު 3 ވަނަ ދަރިކަނބަލުންނެވެ. 1975 ގައި ބައްޕަ ފުށު ކާފަ ނިޔާވުމާއި ގުޅިގެން ޑަޔާނާގެ ބައްޕައަށް އާރލް އޮފް ސްޕެންސަރ (8 ވަނަ) ގެ ލަގަބް ލިބިލެއްވިއެވެ. އަދި ޑަޔާނާއަށް “ލޭޑީ” އެއްގެ ޝަރަފްލިބި ލޭޑީ ޑަޔާނާގެ ގޮތުގައި މުހާތަބް ކުރަންފެށުނެވެ.

1969 ގައި ޑަޔާނާގެ މަންމަ އާއި ބައްޕަގެ މެދުގައި އަރާރުން އުފެދި އާއިލާ ރޫޅިގެންދިޔައެވެ. މަންމަގެ އެހެނިހެން ގުޅުންތަކާއި އަހުލާގު ހުރިގޮތުން ކޯޓުން ނިންމާފައިވަނީ ހަތަރުކުދިންގެ ކަސްޓަޑީ ބައްޕައަށް ދިނުމަށެވެ. އާއިލާ ރޫޅުމަށްފަހު މަންމަވެސް އަދި ބައްޕަވެސް އިތުރު ކައިވެންޏެއްކޮށް ހަމަޖެހިގެން އުޅުނުކަމުގައިވިޔަސް ޅައުމުރުގައި ދިމާވި މިހާދިސާގެ ސަބަބުން ޑަޔާނާގެ ހިތުގައި ޒަހަމްތަކެއް އެޅިގެންދިޔައެވެ.

ޅައުމުރުގައި ކެންޓްގެ ވެސްޓް ހެލްތު ސްކޫލުގައި އުޅުއްވުމަށްފަހު ސްކޫލު ނިންމަވަފައިވަނީ ސްވިޒަލޭންޑުގައި ހުންނަވައިގެންނެވެ. ކިޔެވުމުގައި މާފާހަގަ ކޮށްލެވޭ ދަރިވަރެއް ނޫންކަމުގައިވިޔަސް އެކަމަނާގެ ޝަހުސިއްޔަތާއި، ގުދުރަތީ ގޮތުން ލިބިފައިހުރި އޯގާތެރިކަން އަދި ރަހްމަތެރި މިޒާޖުގެ ސަބަބުން ސްކޫލު ދައުރު ވަރަށް އަމާންއޮމާން ކަމާއެކު ނިންމަވާލެއްވިއެވެ. އަދި ސްވިޒަލެންޑުން އެނބުރިއައިސް ދެރައްޓެއްސަކާއިއެކު އެޕާޓްމަންޓެއް ކުއްޔަށް ހިއްޕަވައިގެން ކުޑަކުދިންގެ ކިންޑަގާޑެން ސްކޫލެއްގައި މަސައްކަތް ކުރައްވަމުން ގެންދިޔައީ ހަމަ އާދައިގެ ދިރިއުޅުމަކާއިއެކުއެވެ.

އެދުވަސްވަރަކީ ޕްރިންސް ޗާލްސްގެ އުމުރުން 30 ހުގެ ކުރީކޮޅު ގުނަމުންދިޔަ ދުވަސްވަރެވެ. ކައިވެނި ބައްލަވައިގަތުމަށް އާއިލާގެ ފަރާތުން ޕްރިންސް ޗާލްސްއަށް ޕްރެޝަރ ކުރަމުން ދިޔަދުވަސްވަރެއްގައި ޗާލްސްގެވެސް ނަޒަރުގައި އެންމެ ބޮޑަށް އަޅައިގަތީ ޑަޔާނާގެ ރިވެތި އުޅުމާއި މޫނުމަތީގެ އުޖާލާކަމެވެ. ދެބޭފުޅުން ލޯބީގެގޮތުން ގުޅިވަޑައިގަތީ 1980 ގައެވެ. އަދި ޑަޔާނާގެ އާއިލާއަކީ ޝާހީ ގަނޑުވަރާއި ގުޅުން އޮންނަ އާއިލާއެއްކަމުން އެތެރެކޮއިލުގެ ރުހުންވެސް ވަރަށް ފަސޭހައިން މިގުޅުމަށްލިބި، 1981 ވަނަ އަހަރުގެ ފެބްރުއަރީ މަހު 24 ވަނަ ދުވަހު ދެބޭފުޅުން އެންގޭޖްމަންޓް ބަކިންހަމް ޕެލަސްއިން އިއުލާނު ކުރެއްވިއެވެ. ދެބޭފުޅުންގެ ދެމެދުގައި އުފެދުނު ވަރުގަދަ ލޯތްބާއި ގުޅުމުގެ ސަބަބުން ދުނިޔޭގެ އެންމެންވެސް ލޯބީގެ ވާހަކަތަކުގައި އެބޭފުޅުންގެ ނަން ގެންނަމުން ދިޔައެވެ.

އިއްޔެއޮތް ޝާހީ ކައިވެންޏެކޭވެސް އެއްފަދައިން ޑަޔާނާއާއި ޗާލްސްގެ ކައިވެނިވެސް ވެގެންދިޔައީ އެ ޑިކޭޑްގެ އެންމެ ބޮޑު ކައިވެންޏަށެވެ. ކައިވެނީގެ ހަފްލާއަށް 3500 މީހުން ޖަމާވިއިރު، 750 މިލިޔަން މީހުން ޓީވީގެ ޒަރީއާއިން އެކައިވެނި ބަލާފައިވެއެވެ. އެތައްބައިވަރު އަންހެން ކުދިންނެއް އެބޭފުޅަކަށް ކިޔުހަދައިގެންތިބި ޕްރިންސް ޗާލްސްއާ ލޭޑީ ޑަޔާނާ ކައިވެނި ބައްލަވައިގަތީ ޖުލައި 29، 1981 ގައެވެ.

ކައިވެންޏަށް އެއްއަހަރު ނުފުރެނީސް ފުރަތަމަ ދަރިފުޅު ވިލިއަމް އާރތާ ފިލިޕް ލުއިސް ޖޫން 21، 1982 ގައި ލިބިލެއްވިއެވެ. އަދި އޭގެ ދެ އަހަރު ފަހުން، 15 ސެޕްޓެމްބަރ 1984 ގައި ދެވަނަ ދަރިފުޅު ހެންރީ (ހެރީ) ޗާލްސް އަލްބާޓް ޑޭވިޑް ލިބިލެއްވިއެވެ.

ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ޑަޔާނާއަށް އެތައްބަޔެއްގެ ލޯތްބާއި އާންމުންގެ ސަޕޯޓް ލިބިލެއްވިއިރު، ޕްރިންސް ހެރީ ލިބިލެއްވި ހިސާބުން ފެށިގެން ޑަޔާނާއަށް އާއިލާގެ ތެރެއިން މައްސަލަތަކާއި ކުރިމަތި ވަމުންދިޔައެވެ. މަންމައެއް އަދި އަންބެއްގެ އިތުރުން އަމީރާއެއްގެ މަގާމު އެއްފަހަރާ ފުރަންޖެހުމަކީ ޑަޔާނާއަށް އެހާފަސޭހަކަމަކަށް ނުވިއެވެ. މިބޯހާސްކަމުގެ އިތުރުން މީޑިއާ އާ ފިލައިގެން އުޅެންޖެހުމާއި ވިހެއުމަށްފަހު ނަފްސާނީގޮތުން ލިބެމުންދިޔަ ހާސްކަން، ޑަޔާނާ އެކަނި ވެރިކުރުވާ ޑިޕްރެޝަންގެ ތެރެއަށް ހުށަހެޅުމުގެ މެދުވެރިޔަކަށްވިއެވެ.

އާއިލާތެރޭގައި ޗާލްސްއާ ދެމެދު ޖެހުނު މައްސަލަތަކުގެ އިތުރުން ރާނީ އާއި ރާނީގެ މަންމަގެ ފަރާތުން ޑަޔާނާއަށް އެތައް ޕްރެޝަރުތަކެއް ކުރިމަތިވެފައިވާކަން އެނގެން އެބަހުއްޓެވެ. އާންމުންގެ ކުރިމަތީގައި ހިނިތުންވުން ދައްކަވަމުން ދިޔަކަމުގައިވިޔަސް ހިތުގެ އަޑިން އެކަމަނާ ކީރިތިކުރައްވަމުން ދިޔައީ އެހީއަށްއެދި ހިތާހިތާ ގޮވަމުންނެވެ. އަދި އެހާލުގައި އެކަމަނާ ހުންނަވަން ޖެހުމުން އެތައް ފަހަރެއްގެ މަތިން އަމިއްލަޔަށް މަރުވަންވެސް މަސައްކަތް ކޮށްފައިވެއެވެ. ހިތާމަވެރި ދުވަސްތަކަށް ކެތްނުކުރެވިގެން އަތްފައިގައި އެތައްފަހަރެއްގެ މަތިން އަމިއްލަޔަށް ވަޅިއަޅާ ޒަހަމްކޮށްލާފައިވެސް ވެއެވެ.

ޑަޔާނާއަށް މީޑިއާއިން ލިބެމުންދިޔަ ސަމާލުކަމާއި އާއްމުންގެ ފަރާތުން ލިބެމުންދިޔަ މަގުބޫލުކަމަށް ކިބުރުވެރިވެފައި ހުރި ޗާލްސްއަށް ޑަޔާނާގެ ފަރާތުން ފެންނަމުންދިޔަ ނަފްސާނީ ނުކުޅެދުންތެރިކަމަކީ ބަލައިގަންނަން ބޭނުންވި ކަމެއްނޫނެވެ. އަދި މަޑުމަޑުން ޗާލްސް ޑަޔާނާއާ ދުރައްޖެހިލެއްވިއެވެ. މިކަމުގެ ސަބަބުން އައްޑިހައިގެ ފަހުކޮޅު ޑަޔާނާ ދުވަސްތައް ގުނަމުންދިޔައީ ވަރަށް އެކަނިވެރި ހާލުގައެވެ.

އެހާލުގައި އެކަމަނާ އުޅުއްވަން ޖެހުނު ކަމުގައިވިޔަސް ހިތްވަރު ދޫނުކޮށްލާ ދެދަރިކަލުން ބޮޑުކުރައްވަމުން ގެންދެވިއިރުވެސް، އާއްމުންނަށް އެތައް އެހީއެއް އެކަމަނާ ވަމުންދިޔައެވެ. ގިނަ މީހުން ބުނަމުން ދިޔައީ ޑަޔާނާއަކީ އެމީހެއްގެ ފޮޓޯ އޭރު އެންމެ ގިނައިން ނެގުނު މީހާ ކަމުގައެވެ. އާއްމު ފަރުދުންނާ ބާއްވަމުން ދިޔަގުޅުމާއި ވެދެއްވަމުން ދިޔަ އެހީތަކުގެ ސަބަބުން، ދުނިޔޭގެ އެންމެންހެން ކަހަލަ ގޮތަކަށް އެކަމަނާދެކެ ލޯބިވިއެވެ. އަދި އެކަމުގެ ސަބަބުން އެކަމަނާ އަޅާ ކޮންމެ ފިޔަވަޅެއްގެ ފަހަތުންވެސް މީޑިއާތައް ދުވަމުން ދިޔައެވެ. އެކަމަނާ ބުނާ ކޮންމެ ބަހެއް އަދި ލަފްޒެއް މުހިއްމު އެއްޗަކަށް ވިއެވެ. އެކަމަނާ ތުރުކުރެއްވި ކޮންމެ ހެދުންކޮޅެއްގެ ވާހަކަ ކޮންމެ ސިޓިންގ ރޫމެއްގައިވެސް ދެކެވެމުންދިޔައެވެ.

ހަނގުރާމައާއި ރެފިއުޖީންގެ ސަރަހައްދުތަކަށް އެކަމަނާ މެދުނުކެނޑި ޒިޔާރަތް ކުރައްވަމުން ދިޔައެވެ. އަދި އެކަމަނާގެ ސަބަބުން ބަލިމީހުންނާއި މަރުވަމުންދިޔަ މީހުން ތަކަކަށް އެތައް ހިތްހަމަޖެހުންތަކެއް ލިބުނެވެ. އެދުވަސްވަރު އެކަމަނާގެ ވަގުތު ހުސްކުރައްވަމުން ދިޔައީ ދުނިޔެއާއި އިންސާނިއްޔަތައް ދިމާވެފައިހުރި މުސީބާތްތަކުގެ ހޭލުންތެރިންކަން މީހުންގެ މެދުގައި އިތުރު ކުރުމަށެވެ. އެގޮތުން އެކަމަނާގެ މަސައްކަތްތަކުގެ ތެރެއިން އޭޑްސް ބަލި މަދުކުރެއްވުމަށް އާއްމުންގެ ހޭލުންތެރިކަން އިތުރު ކުރެއްވުމަށް މަސައްކަތް ކުރެއްވިއެވެ. އަދި ލޭންޑް މައިންތަކުގެ ސަބަބުން އެކި ސަރަހައްދުތަކުގައި ކުށެއްނެތް މީހުން މަރުވަމުން ދިއުމުގެ ސަބަބުން ލޭންޑް މައިން ބޭނުން ނުކުރުމަށް އަޑު އުފުއްލެވިއެވެ. އަދި 1987 ގައި އެއިޑްސް ބަލި ޖެހިފައިހުރި މީހެއްގެ ގައިގައި އަތްލައްވައިގެން ނެންގެވި ފޮޓޯއެއްގެ ސަބަބުން އޭޑްސް ބައްޔަކީ އެބަލި ޖެހިފައި ހުރިމީހެއްގެ ގައިގައި އަދި އަތްލާ ބީހުމަކުން އަރާނެ ބައްޔެއްނޫންކަން މީހުންނަށް ޔަގީން ކޮށްދެއްވިއެވެ. އަދި އެކުއްހީ މީހުންގެ ތެރެއިން ފިލުވާލަދެއްވިއެވެ.

1992 ގައި ރަސްމީގޮތުން ޑަޔާނާއާއި ޗާލްސް ވަކިވެލައްވާކަން އިއުލާނު ކުރެއްވިއެވެ. އަދި 1996 ވަނަ އަހަރު ދެބޭފުޅުން ވަރިވެ އިއުލާން ކުރެއްވީ އޯގަސްޓް 26 ވަނަ ދުވަހުއެވެ. ބަދަލުގެ ގޮތުގައި އެކަމަނާއަށް 28 މިލިޔަން ޑޮލަރު ލިބިލެއްވިއިރު، ކޮންމެ އަހަރަކު 6 ލައްކަ ޑޮލަރު އެކަމަނާއަށް ޗާލްސް ދައްކަވަން ޖެހޭނެކަމަށް ނިމުނެވެ. އަދި “ހަރ ރޯޔަލް ހައިނެސް” ގެ ލަގަބް އެކަމަނާއަށް ދޫކޮށްލަން ޖެހިލެއްވިއެވެ.

އެތައްދުވަހެއް ވަންދެން މިނިވަންވުމަށް މަސައްކަތް ކުރައްވައިގެން އެމިނިވަންކަން ޑަޔާނާއަށް ލިބުނުކަމުގައި ވިޔަސް، އެމިނިވަންކަމުގައި އެކަމަނާއަށް ދެމިހުރެވުނީ އެންމެ އަހަރެއްހާ ދުވަހުއެވެ. 1997 ވަނަ އަހަރުގެ އޮގަސްޓް 31 ވަނަ ދުވަހު ޕަޕަރާޒީންގެ ބަޔަކާއި ފިލަންވެގެން ޕެރިސްގެ ޕޮންޓް ޑެލްއަލްމާ ބްރިޖް ޓަނެލްގައި ދުއްވާފައި ދިޔަ އެކަމަނާގެ މާސިޑީޒް ކާރުކޮޅު ޓަނެލްގެ ތަނބެއްގައި ޖެހި އެކްސިޑެންޓް ވުމުގެ ސަބަބުން، ސީރިއަސް އަނިޔާތަކެއްވެ ހޮސްޕިޓަލްގައި ފަރުވާދެމުން ދަނިކޮށް އަވަހާރަވީ އުމުރުން އެންމެ 36 އަހަރުގައެވެ. މިހާދިސާގައި އެކަމަނާއާއެކު އޭރުގެ ލޯބިވެރިޔާ ޑޯޑީ އަލްފާއިދް އާއި ޑްރައިވަރުވެސް އަވަހާރަވިއެވެ.

ޑަޔާނާގެ އެކްސިޑެންޓާއި އަވަހާރަވުން ވެގެންދިޔައީ މުޅިދުނިޔެއަށް ޝޮކެއް ގެނުވި ހާދިސާއަކަށެވެ.

ފުރަތަމަ އެހާދިސާގެ ޒިންމާ އެންމެންވެސް އަޅުވަމުންދިޔައީ ޕަޕަރާޒީންގެ ބޮލުގައެވެ. ނަމަވެސް ތަހުގީގުތަކަށްފަހު ބުނެވެމުން ދިޔައީ ޑްރައިވަރު މަސްތުވެފައި އިނުމުގެ ސަބަބުން ދިމާވި ހާދިސާއެއް ކަމަށެވެ. ބައެއްފަރާތްތަކުން މިހާދިސާގެ ޒިންމާ ނަގަންޖެހޭނީ އިނގިރޭސި ޝާހީ އާއިލާއިންކަމަށް ބުނެ އިނގިލި ދިއްކުރަމުން ދިޔައިރު، ހާދިސާގެ ފަހަތުގައި ޝާހީ އާއިލާގެ އަތެއް ވާކަމަށްވެސް ތުހުމަތު ކުރަމުން ދިޔައެވެ.

ހަޔާތުގެ އެންމެ ޒުވާން ދުވަސްވަރުގައި ޑަޔާނާ މިދުނިޔެ ދޫކުރިކަމުގައި ވިޔަސް، އެކަމަނާގެ ހަނދާންތައް އެތައް ބަޔެއްގެ ހިތްތަކުގައި ކުރެހިފައިވެއެވެ. އެކަމަނާ އެހީތެރިވެދިން އަމިއްލަ ޖަމިއްޔާތަކާއި އުފެއްދި ޖަމާއަތްތައް އަދިވެސް ދުނިޔޭގެ އެކިކަންކޮޅުތަކުގައި ހަރަކާތްތެރިވަމުން ދެއެވެ. އެކަމަނާގެ ހިތްވަރުގަދަކަމުން މިސާލު ލިބިގެންފައިވާ އަންހެނުން މަދެއްނުވާނެއެވެ. ކޮންމެ އަހަރަކުވެސް ދުނިޔޭގެ އެކިކަންކޮޅުތަކުގައި އެކަމަނާގެ ހަނދާންތައް އާކުރަމުން ދެއެވެ.

ޝާހީ އާއިލާ ކިތަންމެ ނަފްރަތު ކުރާ ބޭފުޅެއް ކަމުގައި ވިޔަސް، މުސްތަގްބަލްގައި އިނގިރޭސި ރަސްކަން ކުރައްވާނެކަމަށް ބެލެވެނީ އެކަމަނާގެ ލޭހިނގާ އަމީރުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355