twitterviber whatsapp telegramfacebookyoutube instagram
20th April 2024

ގިނަ ދުވަސްތަކަކަށްފަހު މަގުތައް އެއްވަރުކުރުމުގެ މަސައްކަތް ފަށައިފި

އިބްރާހިމް ހަމީދު
Apr 17, 2019
1

ކުޅުދުއްފުށީ ޕަބްލިކް ވޯކްސް ސައިޓުން ރަށުގެ މަގުތައް އެއްވަރު ކުރުމުގެ މަސައްކަތް އަލުން ފަށައިފި އެވެ.

ގިނަ ދުވަސްތަކެއްގެ މެދުކެނޑުމަށްފަހު، ކުޅުދުއްފުށީ ޕަބްލިކް ވޯކްސްގެ މަސައްކަތްތައް ފަށާފައިވާއިރު، ޕަބްލިކް ވޯކްސް އިން ކުޅުދުއްފީގައި މިހާރު ކުރިއަށް ދާ މަސައްކަތްތަކުގެ ތެރޭގައި މަގުތަކަށް ވެލިއަޅައި އެއްވަރުކުރުމާއި ތާރު އަޅާއިފައިވާ މަގުތަކުގައި ހުރި ޖަންކްޝަންތަކުގެ މަތީގައި ގާއެތުރުމާއި ނަރުދަމާ ގޭގެއަށް ވެއްދުމާއި ތާރު ކަނޑާފައި ހުރިތަންތަނުގައި ސިމެންތި އެޅުމުގެ މަސައްކަތް ހިމެނެއެވެ.

ޕަބްލިކް ވޯކްސް ސައިޓްގެ މަސައްކަތް ހުއްޓިފައިއޮތީ ތަނުގައި ވެހިކަލްތައް ހަލާކުވެފައި ހުރުމުގެ ސަބަބުންނާއި ރަނގަޅަށް ހުރި ވެހިކަލްތައް މިސަރަހައްދުގެ ކައިރި ރަށްރަށަށް ގެންދިއުމުގެ ސަބަބުންނެވެ.

ކުޅުދުއްފުށީ ޕަބްލިކް ވޯކްސް ސައިޓުން ބުނީ ތަނުގައި ހުރި ވެހިކަލްތައް މަރާމާތު ކުރުމަށްފަހު އަންގާރަ ދުވަހުންފެށިގެން މަގުތަކުގައި ހެދިފައިވާ ވަޅުގަނޑުތަކަށް ވެލިއަޅައި އެއްވަރުކުރުމުގެ މަސައްކަތް ފެށިގެން މިހާރު ކުރިއަށްދާ ކަމަށާއި މިއަދުވެސް އަމީނީމަގުގައި ހުރި ޖަންކްޝަންތަކުގެ މަތީގައި ސިމެންތި އެޅުމާއި ގާއެތުރުމާއި ޖަލާލުއްދީން ސްކޫލު ކުރިމަތީ މަގަށް ވެލިއަޅާ އެއްވަރު ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.

ކުޅުދުއްފުށީގެ މަގުތަކުގެ ހާލަތު މީގެ ކުރިން ދަށަށް ނުދާވަރަށް ދަށަށް ގޮސްފައިވާތީ މިހާރު އެންމެ އިސްކަމެއްދީގެން ގެންދާ މަސައްކަތަކީ، ކުރިއަށް އޮތް ހުޅަނގު މޫސުމަށް ރައްޔިތުންނަށް ފަސޭހަ ކުރުމަށް މަގުތައް އެއްވަރުކުރުމުގެ މަސައްކަތް ކަމަށާއި، މިއީ މަގުތަކުގެ މައްސަލައަށް ދާއީމީ ހައްލު ނޫންކަމަށާއި، ކުޅުދުއްފުށީ މަގުތަކަށް ދިމާވެފައިވާ މައްސަލަތަކަށް ދާއިމީ ހައްލެއް ލިބިގެންދާނީ ރަނގަޅު ފެންވަރަކަށް މަގުތައް ހެދިގެން ކަމަށް ޕަބްލިކް ވޯކްސް އިން މައުލޫމާތު ދެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355