މިއީ ޖަޒީރާ ރަށްތަކެއް ހިމެނޭ ގައުމެއް ވިޔަސް މި ރާއްޖޭގައި އެއްރަށާއި އަނެއް ރަށުގެ ރައްޔިތުން ވަނީ ގުޅިލާމެހިފަ އެވެ. އެއްގޮތަށްވުރެ ގިނަ ގޮތްގޮތުންނެވެ. އެކުވެރިކަމާއި އެއްބަޔަކު އަނެއް ބަޔަކާ އަޅާލުމާއި އެހީތެރިކަމުގެ ގޮތުގައި ވެސް މެއެވެ. މިއީ ހަމަ ދިވެހިންގެ މެދުގައި ޒަމާނުންސުރެ އޮންނަ ހިތާހިތުގެ ގުޅުމެެކެވެ. ހުރިހާ ދިވެހިންގެވެސް ސިފައެކެވެ.
ނަމަވެސް ގުޅިލާމެހިފައިމިވާ އެއްގޮތް ގިނަ ކަންތައްތަކުގެ ތެރޭއިންވެސް ތަފާތު ކަންތައްތަކެއް އެކި ރަށްރަށުން ފެންނަން ހުރެ އެވެ. ވަކީން ހާއްސަކޮށް ކާބޯތަކެތީގެ ތެރޭގަ އެވެ. މިސާލަކަށް އައްޑޫ ބޮނޑި، ހުވަދޫ ބޮނޑި، ކުޅުދުއްފުށީ ހާލުފޮޅި، ލާމު އަތޮޅު ގުޅަ ރިހަ މިއީ މުޅި ރާއްޖޭގައި މަޝްހޫރު ތަކެއްޗެވެ. ޒަމާނުންސުރެ އެރަށްރަށުގައި އުފައްދާ ހަދިޔާގެ ގޮތުގައި އާއި އަދި ބީރައްޓެހިންނަށް މެހެމާން ދާރީ އަދާކުރުމުގެ ގޮތުންވެސް މިތަކެތި ދީ ހަދަ އެވެ.
އެގޮތުން ހދ ނެއްލައިދޫ ކަނަމަދު މެޓާގަނޑަކީ ފަހަކަށް އައިސް މާ މަޝްހޫރުކަމެއް ހޯދައިގެން އުޅޭ ރަހަމީރު އެއްޗެކެވެ. ބޮޑު މަޢުލޫދު ޒަމާނުގައި ނެއްލައިދޫ ރައްޔިތުން ތައްޔާރުކުރަނީ ގަބުޅި މެޓާގަނޑެއް ކަމުގައި ވެއެވެ. ނަމަވެސް ޒަމާނާއެކު ގަބުޅި ދޫކޮށް މެޓާގަނޑު މިހާރު ހަދަމުންދަނީ ކަނަމަދުގަ އެވެ. ރައްޓެހިންނަށް ހަދިޔާގެ ގޮތުގައި އާއި ވިޔަފާރީގެ ގޮތުގައިވެސް މި މެޓާގަނޑު ހަދަ އެވެ.
ކަނަމަދު މުގުރާފަ ގެރިކިރާއެކު މަޑުގިނީގައި ހިލާ މި މެޓާގަނޑުގެ އަގު ކަމަނަދު އަގާއެއްވަރަށް ބޮޑުވެސް މެ އެވެ. މިމަސައްކަތުގައި އުޅޭ ނެއްލައިދޫ އަންހެނަކު ބުނީ މި މަސައްކަތްތަކީ ބުރަ އަދި ގިނަ ވަގުތު ހޭދަވާ މަސައްކަތެއް ކަމަށެވެ. ބައެއް ފަހަރުތަކުގައި މެޓާގަނޑު ހެދުމަށް މަދު ހޮވަން ދަނީ ކައިރީގައި ހުންނަ ފަޅު ރަށްތަކަށެވެ. އަނެއް ބައިފަހަރު ކަނަމަދު ގަނެގެންވެސް ހަދަ އެވެ. މެޓާގަނޑު އަގުބޮޑުވަނީ ކަނަމަދުގެ އަގުބޮޑުވީމަކަމަށް އޭނާ ބުންޏެވެ. ގާތްގަނޑަށް ބޮޑު މީހެއްގެ އަތްތިލައެއްގައި ބާއްވާލެވޭވަރުގެ މެޓާގަނޑެއް ވިއްކަނީ 55ރ އަށެވެ.
ނެއްލައިދޫ ކަނަމަދު މެޓާގަނޑު މާލެ އަދި ކުޅުދުއްފުއްޓަށް ވިއްކައިގެން ރަނގަޅު އާންމުދަނީއެއް ލިބޭކަމަށް އެމަސައްކަތުގައި އުޅޭ އަންހެންވެރިން ބުނެ އެވެ. މިހާރު މިމަސައްކަތުގައި ގިނަ އަދަދެއްގެ އަންހެނުން އަންނަނީ ހަރަކާތްތެރިވަމުންނެވެ. ވިޔަފާރީގެ ގޮތުންވެސް މިމަސައްކަތަކީ ރަނގަޅުކަމެއް އެކަށީގެންވާ އާމްދަނީއެއް މިމަސައްކަތުން ލިބޭކަމަށް ކަނަމަދު މެޓާގަނޑު ހެދުމުގައި 2 އަހަރަށްވުރެ ގިނަ ދުވަސް ހޭދަކޮށްފައިވާ އަންހެނަކު ބުންޏެވެ.
ފިލައިން ޑިޒައިން ހަދާފައިހުންނަ ތައްގަނޑަކަށް އަޅަފައި ހުންނަ މި މެޓާގަނޑުގެ ރަހަވެސް ހަމަ އެހާމީރެވެ. ތަފާތު އެކި ޑިޒައިންތަކަށް މެޓާގަނޑު އަޅާފައި ހުންނައިރު އެކަމުން އިތުރު ފުރިހަމަ ކަމެއް ގެނެސްދެ އެވެ. ކަނަމަދު މެޓާގަނޑުގެ އިތުރުން ކުދި ބަޖިޔާއަކީވެސް ނެއްލައިދޫ އަންހެންވެރިންގެ ހާއްސަ މަސައްކަތެކެވެ. ކުދި ބަޖިޔާވެސް އެންމެ ފުރަތަމަ މަޝްހޫރުވެގެން އައީ ނެއްލައިދޫގެ އަންހެންވެރިންގެ އުފެއްދުމެއްގެ ގޮތުގައި އެވެ.