twitterviber whatsapp telegramfacebookyoutube instagram
19th April 2024

ނޮޅިވަރަމް ބޮޑުމަގު އެއްވަރުކުރަން ނިކުތީ ޒުވާނުން

އަބްދުލް ވާހިދު ޙަސަން
Apr 29, 2019
3

ހދ ނޮޅިވަރަމްގެ ބޮޑުމަގަށް އަޅާފައިވާ ވެލިތައް އެއްވަރުކޮށް މަގު ސާފުކުރުމުގެ މަސައްކަތް އެރަށުގެ ޒުވާނުންތަކެއް ކޮށްފި އެވެ. މިމަސައްކަތް ކޮށްފައިވަނީ މިދިޔަ ބުރާސްފަތިދުވަހު އެވެ.

އެރަށުގެ "ކަންމަތި" އަދި ފިޔުރިސް" ނަމަކަށް ކިޔާ ދެ ޓީމަކަށް ނިސްބަތްވާ ޒުވާނުންތަކެއް އިސްނަގައި ހިންގި މިހަރަކާތުގައި 25 އަކަށް ޒުވާނުން ބައިވެރިވިކަމަށް ކައުންސިލުން މައުލޫމާތުދެ އެވެ.

ކައުންސިލްގެ ރައީސް އިބުރާހިމް ރަޝީދު މިއަދު ކޭއޯއަށް ވިދާޅުވީ ބަނދަރު މަޝްރޫއު ކުރިއަށްގެންދިޔައިރު އެތަނުން ނެގި ވެލިތައް ކައުންސިލުން މަގުތަކަށް އަޅައި އެއްވަރު ކުރި ކަމަށާއި ނަމަވެސް ވެލި ފުރާނާފައިނުވުމުގެ ސަބަބުން މަގުތަކުގައި ގިނަ އަދަދަކަށް ގައު ހުރި ކަމަށެވެ.

އެކަމުގެ ސަބަބުން ވެހިކަލް ދުއްވާ ފަރާތްތަކާއި މަގު ބޭނުންކުރާ ފަރާތްތަކުގެ ބޮޑެތި އުނދަގޫތައް ދިޔައީ ވަމުންނެވެ. ރަޝީދު ވިދާޅުވީ ކައުންސިލްގެ ހުއްދައާއެކު ޒުވާނުން ނިކުމެ އެ ގައުތައް ނަގައި ވެލިތައް އަލުން އެއްވަރުކޮށް މަގު ރީތިކުރި ކަމަށެވެ.

އެރަށުގެ ހުރަސް ބޮޑުމަގު ކަމަށްވާ " ބޮޑު ހަނދޭގިރިތަކުރުފާނު މަގު" އެއްވަރު ކުރުމުގެ މަސައްކަތް ކުރަމުންދިޔަ ވަގުތު ބައެއް ރައްޔިތުންގެ ފަރާތުން ފިނި ބުއިންތައް ލިބިފައިވެ އެވެ. އެކަމަށް ޒުވާނުންގެ ފަރާތުން ޝުކުރުއަދާކުރެ އެވެ.

މިމަސައްކަތް ކުރިއަށްދިޔައިރު ގައުތައް އަޅައިގެން ގެންދިޔުމަށް ޕިކަޕެއް ކައުންސިލުން ވަނީ ހަމަޖައްސައިދީފަ އެވެ.

ހދ އަތޮޅުގައި ދެވަނައަށް އެންމެ ބޮޑު އާބާދީއެއް އޮންނަ ނޮޅިވަރަމް ފާހަގަކުރެވިފައި އޮންނަނީ އަވަށު ވާދަވެރިކަން ބޮޑު އަދި އަތޮޅުގެ އެހެން ރަށްތަކާއި އަޅާ ބަލާއިރު އިޖުތިމާއީ ރޫޙު ކުޑަ ރަށެއްގެ ގޮތުގައި އެވެ. އެހެންވުމުގެ ސަބަބުން ރަށުގެ ފެންވަރުގައި ކުރާ އިޖުތިމާއީ މަސައްކަތްތަކަށް އޮންނަނީ ވަރަށް ބޮޑަށް ބުރޫ އަރާފަ އެވެ.

ނަމަވެސް ފަހަކަށް އައިސް ޒުވާނުންނާއި ރައްޔިތުން ކުރިއަށްގެންދާ މިފަދަ ހަރަކާތްތަކުން ރަށުގެ އިޖުތިމާއީ ރޫޙު އާލައިވެ ބަދަހިވެގެންދާ މަންޒަރު ދަނީ ފެންނަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355