ތުރުކީގެ މިހާތަނަށް ބިނާކުރެވުނު އެންމެ ބޮޑު މިސްކިތް އިސްތަންބުލްގައި މިދިޔަ ހުކުރުދުވަހު އެ ގައުމުގެ ރައީސް ތައްޔިބު އުރުދުގާން ހުޅުވައިދެއްވައިފި އެވެ.
ކަމްލިކާ މިސްކިތް ހުޅުވުމުގެ ރަސްމިއްޔާތުގައި ރައިސް އުރުދުގާން ވާހަކަ ދައްކަވަމުން ވިދާޅުވީ އަޅުކަން ކުރާތަންތަނަށް ދޭ ހަމަލާ ވަރަށް ބޮޑަށް ކުށްވެރި ކުރައްވާކަމުގައެވެ.
އެމަނިކުފާނު އިތުރަށް ވިދާޅުވީ އެއީ ޖިހާދުވުން ނޫން ކަމަށާއި އެއީ ޓެރަރިޒަމް ކަމަށެވެ. އަދި ދީނުގެ ނަމުގައި ފައްޅިތަކަށާއި މިސްކިތްތަކަށް ދޭ ހަމަލާތަކަކީ މުޅި އިންސާނީ ނަސްލުގެ ދުސްމަނުން ކަމުގައެވެ.
63000 މީހުންގެ ޖާގާއިގެ ކަމްލިކާ މިސްކިތަކީ 11000 އަކަފޫޓްގެ މިއުޒިއަމަކާ 3500 އަކަފޫޓްގެ އާޓްގެލަރީއެއްގެ އިތުރުން 1000 މީހުންގެ ޖާގައިގެ ކޮންފަރަންސް ހޯލަކާއި 3500 ވެހިކަލް ޕާކް ކުރެވޭ އަންޑާ ގުރައުންޓް ޕާކިން ސްލޮޓެއް ހިމެނޭ ގޮތަށް ފަތުމާކުރެވިފައިވާ މިސްކިތެކެވެ. އަދި މި މިސްކިތުގެ މައި ދޮރުގައި އާލް އިމްރާން ސޫރަތް ލިޔެފައިވެ އެވެ.
މި މިސްކިތް ހުޅުވުމުގެ ރަސްމިއްޔާތުގައި ދުނިޔޭގެ ވަރަށް ގިނަ އަދަދެއްގެ ލީޑަރުން ބައިވެރިވެ ވަޑައިގެންނެވި އެވެ.