ޣައްޒާގެ ތައުލީމާއި ސިއްހަތާއި އިންސާނިޔަތަށް އެހީވުމަށް ގަތަރުން ފަލަސްތީނަށް 480 މިލިއަން ޑޮލަރު ދޭނެކަމަށް ހާމަކޮށްފި އެވެ.
ގަތަރުން މިގޮތަށް ނިމާފައިމިވަނީ ފަލަސްތީނުގެ ޖަމާއަތްތަކާއި އިޒްރޭލާ ދެމެދު ހަމަލާތައް ބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމަކަށް އައުމާ އެކު ޣައްޒާގައި ދެމުންދިޔަ ހަމަލާތައް އިއްޔެ ހުއްޓާލުމުންނެވެ.
ޣައްޒާގައި ވެރިކަން ކުރާ ހަމާސްއިން ބުނިގޮތުގައި ހަމަލާތައް ހުއްޓާލަން ހެދި އެއްބަސްވުމުގައި ގަތަރާއި އދ.ގެ އެހީއާއެކު މިސްރުން ވަނީ މަސައްކަތް ކޮށްދީފަ އެވެ.
އެގޮތުން ޣައްޒާއަށް އެހީގެ ގޮތުގައި ފޮނުވާ ފައިސާ ގަތަރުގެ ފޮރިން މިނިސްޓްރީން ފޮނުވުމަށް ހަަމަޖެހިފައިވަނީ ފަލަސްތީނުގެ ވެސްޓް ބޭންކަށެވެ.
އޭގެ ތެރެއިން 300 މިލިއަން ޑޮލަރު ހޭދަ ކުރުމަށް ނިންމާފައިވަނީ ސިއްހީ އަދި ތައުލީމީ ކަންކަމަށެވެ. އަދި 180 މިލިއަން ޑޮލަރު ދޭނީ ޣައްޒާ އާއި ހުޅަނގު އައްސޭރިއަށް ކަރަންޓު ފޯރުކޮށްދިނުމަށާއި އދ.އިން ހިންގާ ޕްރޮގްރާމްތަކަށްކަމަށް މައުލޫމާތު ލިބެއެވެ.
މީގެ އިތުރުން މިދިޔަ ޖެނުއަރީ މަހުވެސް އެގައުމުން ވަނީ ޣައްޒާގެ 94،000 އާއިލާއަށް ފައިސާގެ އެހީ ފޮނުވާފަ އެވެ.2014 ވަނަ އަހަރުން ފެށިގެން އިޒްރޭލުން އަންނަނީ ޣައްޒާއަށް ހަމަލާތައް ދެމުންނެވެ.