ކުޅުދުއްފުށީ ހޮސްޕިޓަލް ފޮޅާ ސާފުކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވާ ޕުލަސް ބީ ކުންފުނީގެ ކޮންޓްރެކްޓްގެ މުއްދަތު ހަމަވެ އިއުލާން ނުކޮށް އެމަސައްކަތް އެކުންފުނިން ކުރިއަށް ގެންދާ މައްސަލަ ފެންމަތިވެއްޖެއެވެ.
މިނޫހަށް އެގިފައިވާ ގޮތުގައި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ ފޮޅާސާފުކުރުމުގެ މަސައްކަތް ކުރުމަށް ކުޅުދުއްފުށީގެ ޕުލަސް ބީ ކިޔާކުންފުންޏަށް ދޫކޮށްފައިވަނީ 2017 ވަނައަހަރު މެއިމަހުން ފެށިގެން އެއްއަހަރު ދުވަހުގެ މުއްދަތަށެވެ. އެހެންނަމަވެސް އެއްއަހަރު ދުވަހަށް ހެދި އެގްރީމެންޓްގެ މުއްދަތު ފާއިތުވެގެން ގޮސް މިހާރު ވަގުތީ ގޮތުން އެކުންފުނިން އެމަސައްކަތް ކުރަމުންދާތާވެސް ތޭރަމަސްވަނީ ވެފަ އެވެ.
ނަންހާމަކުރަން ބޭނުން ނުވާ ހޮސްޕިޓަލް ސާފުކުރުމަށް ބިޑްލީ ފަރާތަކުން ކޭއޯ މައުލޫމާތު ހިއްސާކުރަމުން ބުނީ ބިޑްކުރެވިގެން އެއްއަހަރު ދުވަހުގެ މުއްދަތަށް އެގްރީމެންޓްކޮށް ވަކިފަރާތަކަށް ދޫކުރެވިފައިވާ މަސައްކަތެއްކަމަށާއި މުއްދަތު ހަމަވުން އެމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާން ކުރެވެންޖެހޭނެކަމަށެވެ.
މިސާލަކަށް އިއުލާންކޮށްގެން ބަޔަކު ބިޑްކޮށްގެން އެބިޑް އެވޯޑްކުރުމާދޭތެރޭ މަހެއްވަރުވެދާނެ. އިއުލާންނުކޮށް އެމަސައްކަތް ކުރިއަކަށް ނުގެންދެވޭނެ މީ ސަރުކާރުގެ ފެއިލާއެއް. އެއީ އެއްގޮތަކަށްވެސް އެމަސައްކަތް ކުރާ ޕުލަސް ބީ ކުންފުނީގެ މައްސަލައެއް ނޫން." އެމީހާ ހިތްހަމަ ނުޖެހި ހުރެ ބުންޏެވެ.
އެމީހާ އިތުރަށް ބުނީ އެއްއަހަރަށް އެގްރީމެންޓް ކޮށްގެން މަސައްކަތެއް ކުރުމަށް ހެދިފައިވާ އެއްބަސް ވުމަކަށް މުއްދަތު ހަމަވެގެންދިއުމުން އަލުން ޖެހޭނީ އެކަމަށް ސައުގުވެރިކަން ހުރިފަރާތެއް ހުރިތޯ ބަލަން އިއުލާން ކުރާށެވެ. އިއުލާނު ނުކޮށް ކޮންމެ މަހަކު އެގްރީމެންޓް އާކޮށްގެން އަހަރު ދެއަހަރު ވާންދެން އެމަސައްކަތް ކުރިއަށް ގެންދެވިދާނެކަމަކަށް އެއްވެސް މީހަކަށް ގަބޫލެއް ނުކުރެވޭނެ އެވެ.
މިކަމާ ގުޅިގެން ކޭއޯއިން ދެއްނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ކުޅުދުއްފުށީ ހޮސްޕިޓަލްގެ މީޑިޔާ އޮފިޝަލް ވިދާޅުވީ ހޮސްޕިޓަލް ފޮޅާ ސާފުކުރުމުގެ މަސައްކަތް މިހާރުވެސް ކުރިއަށް ގެންދަނީ ކުޅުދުއްފުށީ ޕުލަސް ބީ ކުންފުންނި ކަމަށެވެ.
ހޮސްޕިޓާ ފޮޅާ ސާފުކުރުމުގެ މަސައްކަތް އެހާގިނަދުވަހު ވަގުތީގޮތުން އިއުލާން ނުކޮށް ކުރިއަށް އެގެންދަނީ ކީއްވެތޯ ކޭއޯއިން ދެންނެވުމުން ހެލްތު މިނިސްޓްރީގެ މީޑިޔާ އޮފިޝަލް ހަމައެކަނި ވިދާޅުވީ ކުޅުދުއްފުށީ ހޮސްޕިޓާ ފޮޅާ ސާފުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ވަރަށް އަވަހަށް އިއުލާން ކުރެވިގެން ދާނެކަމަށެވެ.