twitterviber whatsapp telegramfacebookyoutube instagram
29th March 2024

ކުރިއަށް އޮތް 3 އަހަރު ޑިޒްނީގެ އުންމީދީ ފިލްމުތަކެއް

ޚަދީޖާ އާދަމް
Jun 7, 2019

މި އަހަރު ޑިޒްނީން ބެލުންތެރިން ގިނަ ފިލްމުތަކެއް ގެނެސްދިނުމަށް ނިންމާފައިވާއިރު އެންމެ ފަހުން ޑިޒްނީން ބެލުންތެރިންނަށް ދޫކޮށްލި "އަލާއްދީން"ގެ ލައިވް އެކްޝަން ފިލްމުވަނީ އެންމެ 3 ދުވަސްތެރޭގައި ބޮކްސް އޮފީހުން ޖާގަ ހޯދާފަ އެވެ.

ޑިޒްނީން މީގެ ކުރިން ގެނެސްދިން ކާރޓޫންތަކުގެ ލައިވް އެކްޝަން ފިލްމުތަކަކީ ބެލުންތެރިންގެ މެދުގައި ބޮޑު މަގުބޫލްކަމެއް ހޯދާފައިވާ ފިލްމުތަކެއްކަން ފާހަގަކޮށްލެވެ. އެގޮތުން ސިޑްރެއްލާ، ބިއުޓީ އެންޑް ދަ ބީސްޓް، ދަ ޖަންގަލް ބުކް ހިމެނެއެވެ.

އަދި މި އަހަރު މާރޗު މަހު ނެރުނު ޑަމްބޯއަކީވެސް ޑިޒްނީން 1941 ވަނަ އަހަރު ހަމަ އެނަމުގައި ނެރުނު ޑަމްބޯ ކާރޓޫންގެ މައްޗަށް ހަދާފައިވާ ފިލްމެކެވެ.

ދެން އެންމެ އަވަހަށް ފެނިގެންދަނީ މިމަހު 21 ރިލީޒް ކުރުމަށް ހަމަޖެހިފައިވާ ކާމިޔާބު ފްރެންޗައިސް ޓޯއީ ސްޓޯރީގެ 4 ވަނަ ފިލްމެވެ. އެއަށްފަހު ދެން ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ ދަ ލައަން ކިންގެވެ. މިއީ 1994 ވަނަ އަހަރު ނެރުނު ކާރޓޫން މައްޗަށް ހަދާ ލައިވް އެކްޝަން ފިލްމެކެވެ. މި ފިލްމު އަންނަމަހު 19 ގައި ބެލުން ތެރިންނާއި ހަމައަށް ފެނިގެން ދާނެއެވެ.

އެއަށްފަހު ދެން އޮތީ ފެންޓަސީ ދެ ފިލްމު ކަމަށްވާ އާރޓިމިސް ފޯލްއާއި އެ ފިލްމަކަށް ގިނަބަކު އިންތިޒާރު ކުރާ މެލެފިސެންޓްގެ ދެވަނަ ފިލްމެވެ. އާރޓިމިސް ފޯލް އޮގަސްޓް 9 ގައި ރިލީޒް ކުރުމަށް ހަމަޖެހިފައިވާއިރު މެލެފިސެންޓް:މިސްޓްރެސް އޮފް އީވިލް ރިލީޒް ކުރާނީ އޮކްޓޯބަރ މަހު 18 ގައެވެ. މިއީ ބޮކްސް އޮފީހުގައި ބޮޑެތި ކާމިޔާބީތަކެއް ހޯދާނެ ފިލްމެއް ކަމަށް މިހާރުވެސް ގިނަބަޔަކު ދެކެވެ.

ޑިޒްނީ ނެރުނު އެންމެ ތަފާތު އެއް ކާރޓޫންނަކީ ފްރޯޒެންއެވެ. މި ކާރޓުންގެ ސީކުއަލް ނޮވެމްބަރ މަހު ރިލީޒްކުރުމަށް ހަމަޖެހިފައިވާއިރު މި ކާރޓޫންގެ ޓްރެއިލާ ބެލުންތެރިންނަށް ދޫކޮށްލި ހިސާބުން ވަނީ ބޮޑު ތަރުހީބެއް ލިބިފަ އެވެ.

އަންނަ އަހަރު އެ ކުންފުނިން ގިނަ ފިލްމުތަކެއް ބެލުންތެރިންނާ ހަމައަށް ގެނައުމަށް ނިންމާފައިވާއިރު އެންމެ އުންމީދު ކުރެވޭ ފިލްމަކީ 27 މާރޗު 2020 ނެރުމަށް ހަމަޖެހިފައިވާ "މުލާން" އެވެ. ގިނަ ބައެއްގެ ލޯބި ހޯދި މި ކާރޓޫންގެ ލައިވް އެކްޝަން ފިލްމަށް ބެލުންތެރިން މިހާރުވެސް ދަނީ އިންތިޒާރު ކުރަމުންނެވެ.

މިފިލްމުގެ ކުރިން މާރޗު 6 ގައި އޮންވާރޑް ކިޔާ ފިލްމެއްވެސް ނެރުމަށް ވަނީ ހަމަޖެހިފައެވެ. ނަމަވެސް މި ފިލްމާއި ބެހޭ މާބޮޑު ތަފްސީލެއް ޑިޒްނީން ހާމަކޮށްފަ އެއް ނުވެއެވެ. މީގެ އިތުރުން މޯންސްޓާރ ޔުނިވާސިޓީގެ އިތުރު ފިލްމެއްވެސް އަންނަ އަހަރު ފެނުމަކީ އެކަށީގެންވާ ކަމެކެވެ. މިއީވެސް ގިނަބަޔަކު ކަމުދިޔަ ކާރޓޫނެކެވެ.

އެއަށްފަހު 24 ޖުލައި 2020 ގައި ޖަންގަލް ކްރޫޒް ބެލުންތެރިންނާއި ހަމައަށް އަންނަ އިރު ލައިވް އެކްޝަންގެ ދެ ފިލްމެއް އޮކްޓޯބަރ 9، 2020 ގައި އަދި ޑިސެމްބަރ 23، 2020 ގައި ބެލުންތެރިންނާއި ހިސާބަށް އަންނާނެއެވެ.

2021 ނެރުމަށް ހަމަޖެހިފައިވާ ފިމްލުތަކަށް ބަލާލާއިރު އެންމެ ފަހަގަ ކޮށްލެވޭ ފިލްމަކީ ޖުލައި 9 ގައި ނެރުމަށް ހަމަޖެހިފައިވާ އިންޑިޔާނާ ޖޯންސް 5 އެވެ. މައުލޫމާތު ލިބޭ ގޮތުގައި 2021 ގައި ޕިނޯކިޔޯ އަދި ލިޓިލް މާމެޑް ގެ ލައިވް އެކްޝަން ފިލްމު ބެލުންތެރިންނާއި ހަމައަށް އަންނާނެއެވެ.

މީގެ އިތުރުން އިންސައިޑް އައުޓްގެ ދެވަނަ ފިލްމުވެސް ބެލުންތެރިންނާއި ހަމައަށް އަންނާނެ ކަމަށް ބެލެވެނީ 2021 ގެ ޖޫންމަހުއެވެ. އަދި ޖުލައި މަހު ޖަންގަލް ބުކްގެ ދެވަނަ ފިލްމު، އޮކްޓޯބަރ މަހު ސްނޯ ވައިޓްގެ ލައިވް އެކްޝަން ފިލްމެއް ބެލުންތެރިންނަށް ފެނިގެންދާނެއެވެ.
ހަބަރުތަކުން ރިޕޯޓްކުރާ ގޮތުގައި 2022 ވަނަ އަހަރު އެނިމޭޝަން 3 ފިލްމަކާއި ލައިވް އެކްޝަންގެ 6 ފިލްމެއް ބެލުންތެރިންނަށް ފެނިގެންދާނެއެވެ.

މިއަހަރަކީ ޑިޒްނީ އަށް ކާމިޔާބު އަހަރެކެވެ. ހާއްސަކޮށް މި އަހަރު އަދި ކުރިއަށް ހުރި ފިލްމުތަކަކީ ބެލުންތެރިންގެ މެދުގައި މަގުބޫލުކަން ލިބޭނެ ފިލްމުތަކެއް ކަމުން 2019 ސިފަ ވަނީ "ބިގެސްޓް އިއާރ އޮފް ޑިޒްނީ" ގެ ގޮތުގަ އެވެ. އަދި ކުރިއަށް އޮތް 3 އަހަރަކީވެސް ޑިޒްނީއަށް ކާމިޔާބު 3 އަހަރުކަމަށް ގިނަ ބަޔަކު ސިފަ ކުރެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355