twitterviber whatsapp telegramfacebookyoutube instagram
20th April 2024

ކުޅުދުއްފުށީ އެއާޕޯޓަށް މުވައްޒަފުން ނެގުމަށް މިމަހު ހުޅުވާލަނީ

• ގާތްގަނޑަކަށް 20 މުވައްޒަފުން ނަގާނެ
• އެއާޕޯޓް އޮޕަރޭޝަނަށް ގެނައުމަށް މުވައްސަސާތަކުގެ އެއްބާރުލުން ބޭނުން
• މިވަގުތައް އެއާޕޯޓަށް މުވައްޒަފުން ނަގާނީ އޮޕަރޭޝަނަށް ގެނެވޭ ވަރަށް

އިބްރާހިމް ހަމީދު
Jun 13, 2019
5

ކުޅުދުއްފުށީ އެއާޕޯޓަށް ބޭނުންވާ މުވައްޒަފުން ނެގުމަށް މިމަހު ހުޅުވާލާނެކަމަށް ރީޖަނަލް އެއާޕޯޓުން ބުނެފި އެވެ.ކުޅުދުއްފުށީ އެއާޕޯޓްގެ މިހާރު ކުރިއަށްދަނީ ޓާރމިނަލް ހެދުމުގެ އެންމެ ފަހުގެ މަސައްކަތް ކަމަށާއި މިމަސައްކަތްތައް ޖޫން މަހުގެ ނިޔަލަށް މުޅިން ނިންމާލެވޭނެ އެވެ. އަދި އެއާއެކު ޖުލައިމަހު ކުޅުދުއްފުށީ އެއާޕޯޓަށް އާންމު ދަތުރުތައް ފަށާނެކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.

ކޭއޯއިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ރީޖަނަލް އެއާޕޯޓްގެ ޑިރެކްޓަރ ޖެނެރަލް ސާމީ އަގީލު ވިދާޅުވީ ޖުލައިމަހު ޓްރާންސްޕޯޓް މިނިސްޓަރު ވިދާޅުވެފައިވާ ގޮތަށް ކުޅުދުއްފުށީ އެއާޕޯޓް އޮޕަރޭޝަނަށް ގެނައުމަށް ވާންޖެހޭ ހުރިހާ ތައްޔާރީތަކެއް ރީޖަނަލް އެއާޕޯޓުންވަމުންދާ ކަމަށެވެ.

ޑިރެކްޓަރ ޖެނެރަލް ސާމީ އަގީލު ވިދާޅުވީ ރީޖަނަލް އެއާޕޯޓުން ޖުލައިގައި އޮޕަރޭޝަންތައް ފަށޭވަރަށް މަސައްކަތްތައް ނިންމިއަސް އެސަރަހައްދުގައި ފެންސު ލައިނުގައި ނުނެގި ގެތަކެއް ހުރުމުން އެއާޕޯޓް އޮޕަރޭޝަނަށް ގެނައުމަށް ހުރަސްތަކެއް ދިމާވާނެކަމަށެވެ.

"ޖުލައިގައި ރީޖަނަލް އެއާޕޯޓުން މަސައްކަތް ނިންމިއަސް ކުޑަބުރޫއެއް އެބައަރާ ފެންސުދާ މަގުގައި ގެތައްހުރުމުން ފެންސުގެ މަސައްކަތް ކޮމްޕުލީޓް ނުވަންޔާ ފުލައިޓް އޮޕަރޭޟަނަށް ހުރަސްތަކެއް އެބަކުރިމަތިވޭ. އެގެތަކުގެ ބަދަލުދީ ގެތައް ނެގުމަކީ އަޅުގަނޑުމެންގެ ކަމެއް އެހެންނަމަވެސް ގެތަކުގެ ބަދަލުކަންތައް މިހާރު ނިންމާ ނުލެވިގެން މިއުޅެނީ ކޯޓު މަރުހަލާގައި ހިނގާ ކަމެއްވީމަ.ކޯޓަކަށް އަޅުގަނޑުމެންނަކަށް އަތެއް ނުބޭނޭނެ ދެއްތޯ." ޑިރެކްޓަރ ޖެނެރަލް ސާމީ އަގީލު ވިދާޅުވި އެވެ.

އިތުރަށް ސާމީ އަގީލު ވިދާޅުވީ އެއާޕޯޓް އޮޕަރޭޝަނަށް ގެނައުމަށް ބޭނުންވާ މުވައްޒަފުން ނެގުމަށް މިމަހު ހުޅުވާލާނެކަމަށާއި ފަށައިގަންނައިރު މުވައްޒަފުން ނަގާނީ ފުލައިޓް އޮޕަރޭޝަނަށް މިވަގުތަށް ބޭނުން ވާވަރަށްކަމަށެވެ.

"މާގިނަ ފުލައިޓްތަކެއް އަދި ނޯންނާނެ. އޮޕަރޭޝަނަށް ބޭނުންވާ ވަރަށް މުވައްޒަފުން ނަގާނީ އެއީ ފަޔަރާއި އޮޕަރޭޝަނަށް ގާތްގަނޑަކަށް ވިއްސަކަށް މުވައްޒަފުން." ސާމީ އަގީލު ވިދާޅުވި އެވެ.

ސާމީ ވިދާޅުވީ ޓާމިނަލްގެ މަސައްކަތް ނިމޭއިރަށް ފަޔަރ ބިލްޑިންގ މަސައްކަތް ފެށޭވަރުވާނެކަމަށާއި އެއާޕޯޓްގެ ހުޅަނގުކޮޅަށް އެދިމާވާ މައްސަލަ އެއާޕޯޓް ހަދަމުންދިޔައިރުވެސް ދިމާވި އެމައްސަލަ ހައްލުކުރެވޭނީ ޑިޒައިނަށް ބަދަލުތަކެއް ގެނެވިގެންކަމަށާއި އެއާޕޯޓް އޮޕަރޭޝަނަށް ގެނައުމަށް މުވައްސަސާތަކުގެ އެއްބާރުލުން ވަރަށްބޮޑަށް ބޭނުންވާކަމަށެވެ.

މަޖިލީސް އިންތިހާބުގައި ރައީސް އިބްރާހިމް މުޙައްމަދު ސޯލިހް ކުޅުދުއްފުއްޓަށް ވަޑައިގެން އެއާޕޯޓް ސަރަހައްދު ބައްލަވާލެއްވުމަށްފަހު އެއާޕޯޓްގެ މަސައްކަތް ވީ އެންމެ އަވަހަކަށް ނިންމާލުމަށް މަސައްކަތް ކުރައްވާނެކަމަށްވަނީ ވިދާޅުވެފަ އެވެ.

ކުޅުދުއްފުށީ އެއާޕޯޓްގައި ހަދާފައި ވަނީ 1200 މީޓަރު ދިގު، 30 މީޓަރު ފުޅާ ރަންވޭއަކާއެކުއެވެ. މިއެއާޕޯޓް މިދިޔަ އަހަރު ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުއްލުގައްޔޫމް ރަސްމީކޮށް ހުޅުވައިދެއްވިއިރު ނިމިފައިވަނީ ހަމައެކަނި ރަންވޭ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355