twitterviber whatsapp telegramfacebookyoutube instagram
20th April 2024

ކުޅުދުއްފުށީ އެއާޕޯޓް އޮޕަރޭޝަން ފެށުމަށް ސިވިލްއޭވިއޭޝަންގެ ކަންބޮޑުވުމެއް: ބާރޑް ސްޓްރައިކް!

އަބްދުލް ވާހިދު ޙަސަން
Jun 21, 2019
16

ކުޅުދުއްފުށީ އެއާޕޯޓް ތަރައްގީކޮށްފައި އޮތީ ކުޅިއެއްގެ މެދުގައި އެވެ. އެއާޕޯޓް ރަންވޭގެ ދެ ފަރާތުގައި ކުޅީގެ ބާކީ ބައި އޮންނައިރު އެ ފެންގަނޑުތަކަށް ގިނަ އަދަދަކަށް ދޫނި ޖައްސަ އެވެ. އެހެންވެ އެއާޕޯޓެއްގެ އެހާ ކައިރީގައި ގިނަ އަދަދަކަށް ދޫނި އުޅުމަކީ ރައްކާތެރިކަމެއް ނޫން ކަމަށް ސިވިލްއޭވިޝަނުން، އެންވަރަޔަމަންޓް މިނިސްޓްރީއަށް އަންގާފައިވާކަމަށް ޑރ ހުސެއިން ރަޝީދު ހަސަން ވިދާޅުވެއްޖެ އެވެ.

ކުޅުދުއްފުށީ ކައުންސިލާއެކު ރޭ ބޭއްވި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ތިމާވެއްޓާ ބެހޭ ވަޒީރު ޑރ ހުސެއިން ވިދާޅުވީ އެއާޕޯޓަށް ބޯޓް ޖައްސައި ހާލަތުގައި ދޫނި އުޅޭ ކަހަލަ ގޮތަކަށް ކުޅި ހިމާޔާތްކުރުމަކީ ކަންބޮޑުވުމެއް ކަމަށް ސިވިލްއޭވިޝަނުން އެ މިނިސްޓްރީއަށް ސިޓީއަކުން ދަންނަވާފައިވާ ކަމަށެވެ.

"ދޫނި އުޅޭކަހަލަ ގޮތަކަށް އެކަން ކުރުމަކީ އެއާޕޯޓްގެ ރައްކާތެރިކަމަށް، ބޯޓް ޖައްސާ ހާލަތުގައި އެ އެއްޗެއްސަށް ގެއްލުންވެދާނެ ފަދަ ކަމެއްކޭ. ބާޑް ސްޓްރައިކް، އެއީ ހަމަ ކަންބޮޑުވުމެއް." ސިވިލްއޭވިއޭޝަނާ ހަވާލާދީ ތިމާވެއްޓާ ބެހޭ ވަޒީރު ވިދާޅުވި އެވެ.

"ސިވިލްއޭވިއޭޝަނުން ކަންބޮޑުވުންފާޅުކޮށް އަޅުގަނޑުމެންނަށް އެބައޮތް ރަސްމީކޮށް ސިޓީ ފޮނުވާފަ. ވަރަށް އުނދަގޫ ހާލަތެއް މިއޮތީ އެއްކޮޅުން އަޅުގަނޑުމެން ބޭނުމެއް ނުވޭ މިތަނުގައި ބޯޓެއް ޖައްސަން އުޅެނިކޮށް ދޫނީގެ ސަބަބުން އެ ބޯޓަށް ގެއްލުމެއް ލިބޭކަށް. ވަރަށް އުނގަދޫކަމަށް މިވަނީ. އަނެއް ކޮޅުން ދޫނިތައް ބަޑި ޖަހާ މެރުމަކީވެސް ވަރަށް އުނދަގޫކަމެއް. ދެން އެ އެއްޗެހި ބިރު ގަންނުވަން ބަޑި އެބަޖަހާ، ފައްސާލަށް. އަޅުގަނޑުމެންނަކަށް ނުކެރޭނެ އެތަނުގައި މަތިންދާ ބޯޓް ޖައްސަންޏަކާއެއް އެކަން ނުކުރާށޭ ބުނާކަށްވެސް. ކުރަން ޖެހޭނެކަމަކަށް ބެލެވެނީ." މިނިސްޓަރު ވިދާޅުވި އެވެ.

އެއާޕޯޓްތައް ކައިރީގައި ވިނަތަކާއި ގަސްތައް އޮންނަނީ ވަރަށް ބޮޑަށް ކޮށާފަކަން ފާހަގަކުރައްވަމުން އޭނާ ވިދާޅުވީ އެއީވެސް ދޫނި ފަދަ ތަކެއްޗަށް އެތަންތާ ދިރިއުޅެން ޖާގަ ނުދޭ ވެގެންކަމަށެވެ. ޑރ.ހުސެއިން ވިދާޅުވީ އެކަމަކު މިތާގައި މިއޮންނަނީ ފެންގަނޑެއް ކަމަށާއި ފެންގަނޑަކީ ދޫނި އަންނާނެ ތަނެއް ކަމަށެވެ. އެހެންވީމަ އެމައްސަލަތައް ހައްލުކުރާނެ ގޮތެއް މިނިސްޓްރީއަށް ނޭނގޭ ކަމަށެވެ.

"އެއްކޮޅު އަޅުގަނޑުމެން އެބަ ބޭނުންވޭ އެ ކަނޑޫފާ ހިމާޔާތްކުރަން. ފެންގަނޑަށް ދޫނި ޖައްސާނެ. ދޫނި ނުޖައްސާނެ ގޮތަކަށް ހިމާޔާތްކުރަން ވާހަކަ ދައްކާނެ ގޮތެއް އަޅުގަނޑުމެންނަކަށް ނޭނގޭ. ވަރިހަމަކޮށްލާފަ ނުހުރެވޭނެ. ސިވިލް އޭވިއޭޝަނުން އެއޮތީ ސިޓީއެއް ފޮނުވާފަ. ބޯޓް ޖައްސަން އުޅެނިކޮށް ހާދިސާއެއް ހިންގައިފިނަމަ އަޅުގަނޑު ޖެހޭނެ ޒިންމާނަގަން.ވަރިހަމަކޮށްލާފަ ނުހުރެވޭނެ. އެކަމަކު މިހެން މިދިމާވީ ކުޅިއެއްގެ މެދުގައި އެއާޕޯޓް އަޅައިގެންނޭ. ކުރިން އެތާގައި އޮތީ އެއާޕޯޓެއް ނޫނޭ ކުޅިއެކޭ." ޑރ ހުސެއިން ވިދާޅުވި އެވެ.

ކައުންސިލްގެ އަރިހުން މިނިސްޓަރު އެދިވަޑައިގަތީ ސިވިލްއޭވިޝަންގެ އިސް ބޭފުޅުންނާ ބައްދަލުކޮށް، މަޝްވާރަކުރުމަށެވެ. އަދި އެއާޕޯޓާއި ކުޅީގެ މައްސަލާގައި ރައްޔިތުންނާ ބައްދަލުކޮށް ކައުންސިލުން ވަކިގޮތެއް ނިންމުމަށް އެދިފަ އެވެ.

ކުޅުދުއްފުށީ އެއާޕޯޓްގެ ހިދުމަތް މިއަހަރު ފަށަން ހަމަޖެހިފައިވާކަމަށް ރީޖަނަލް އެއާޕޯޓްސް ވަނީ ހާމަކޮށްފައި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355