ކުޅުދުއްފުށީ ހިއްކި ބިމުގައި 2011 ވަނަ އަހަރު އިމާރާތް ކުރަން ފެށި ރޯ ހައުސްތައް އަދިވެސް ހުރިގޮތަށް ހުރީއެވެ. އިމާރާތް ކުރަން ފެށިތާ 9 އަހަރު ވެފައިވާއިރު އެކި ފަރާތްތަކާއި ހަވާލުކޮށްގެން އެ މަޝްރޫއު ކުރިއަށް ގެންދިއުމަށް އެކި ސަރުކާރުން މަސައްކަތް ކޮށްފައިވެއެވެ. އެހެން ނަމަވެސް އެކަމުގެ ތެރެއަށް ބާރާ ނުފޫޒު ވަދެ ފެންނަނީ އެ މަސައްކަތް ހުއްޓޭތަނެވެ.
އެގޮތުން 2011 ވަނަ އަހަރު ނޫމަޑި ރިޒޯޓްސް އެންޑް ރެސިޑެންޓްސްއާ ހަވާލުކޮށްގެން ކުޅުދުއްފުށީ ހިއްކި ބިމުގައި އަޅަން ފެށި ރޯ ހައުސްތައްވެސް މިހާރު ދަނީ ވީރާނާވަމުންނެވެ. ނޫމަޑިން ރޯހައުސް އިމާރާތްކުރުމަށް ހަވާލުކޮށްފައިވަނީ އައިލެންޑް ލައިން ނަމަކަށް ކިޔާ ކުންފުންޏަކާ އެވެ. ނަމަވެސް ފައިސާގެ މައްސަލައެއްގައި އެފަރާތުން ރޯ ހައުސްގެ މަސައްކަތްތައް ވަނީ 2016 ވަނަ އަހަރު ހުއްޓާލާފަ އެވެ. އެއަށްފަހު އެތަނުގައި އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތާވެސް 2 އަހަރު ވަނީ އެވެ.
2016 ވަނަ އަހަރާއި ހަމައަށް ކުޅުދުއްފުށީގައި ޖުމްލަ 160 ރޯ ހައުސް އިމާރަތް ކުރަން ފައްޓާފައިވާއިރު އެއްކޮށް ނިންމާ އެ އަހަރު މެއި މަހާ ހަމައަށް ކައުންސިލާ ހަވާލު ކޮށްފައިވަނީ އެންމެ 18 ރޯހައުސް އެވެ. އެއީ ކުޅުދުއްފުށީ ޖަލާލުއްދީން ސްކޫލްކައިރީގައި އިމާރާތްކޮށްފައިވާ ރޯ ހައުސްތައް އެކަންޏެވެ.
ކުޅުދުއްފުށީ ރޯހައުސް އިމާރާތް ކުރުމަށް ހަމަޖެހިގެން ދިޔައީ 3 ސަރަހައްދެއްގަ އެވެ. އެއީ ވެލިގަނޑު ނުވަތަ ހިއްކި ސަރަހައްދުގައި 100 ރޯހައުސް އާއި ޖަލާލުއްދީން ސްކޫލު ކައިރީގައި 18 ރޯހައުސް އަދި ހަސަނާތު މިސްކިތް ކައިރީގައި 40 ރޯހައުސް އެވެ.
މީގެ ތެރެއިން ހުރިހާ ކަމެއްނިމި ހަވާލުކޮށްފައިވަނީ ޖަލާލުއްދީން ސްކޫލް ކައިރީގައި އިމާރާތް ކޮށްފައިވާ ކަބޯރަނި ހިޔާގެ ރޯ ހައުސްތައް އެކަންޏެވެ.
ހިއްކި ބިމުގައި އިމާރާތް ކުރުމަށް ހަމަޖެހިފައިވާ 100 ރޯހައުސްތަކުގެ ހަމައެކަނި ނިމިފައިވަނި ގޭގެ ބޭރު އިމާރާތް ކުރުމާއި ހިޔާކުރުމުގެ މަސަައްކަތް އެކަންޏެވެ. ނަމަވެސް ގިނަ ދުވަސްވުމުގެ ސަަބަބުންނައީ ބެލެހެއްޓިފައި ނުވާތީ އެތަނުން ވީރާނާކަމުގެ އަސަރުދަނީ ފެންނަމުންނެވެ. ކުޅުދުއްފުށީ ހިއްކި ބިމުގައި އިމާރާތްކުރާ 100 ރޯހައުސްގެ މަސްރޫއު ހުއްޓުވާލީ ރައީސް ޔާމިންގެ ސަރުކާރުގެ ތެރެއިން ކަމަށް ކުރީގެ ކައުންސިލުން ވަނީ ތުހުމަތުކޮށްފަ އެވެ. އަދި މިހާރުގެ ކައުންސިލުންވެސް ވަނީ ރައީސް ޔާމިންގެ ސަރުކާރުން ރޯހައުސްތަކުގެ މައްސަލައިގައި އިހުމާލު ވެފައިވާކަމަށް ވިދާޅުވެ އެވެ.
މީގެ އިތުރުން ހަސަނާތު މިސްކިތް ސަރަހައްދުގައި އިމާރާތްކޮށްފައިވާ މާފަލު ހިޔާގެ 40 ރޯހައުސްގެ މަސައްކަތްނިމި ގުރުއަތުލުން ކުރިއަށް ގެންދިއުމަށް ފުރަތަމަ ނިންމާފައިވަނީ 2016 ވަނަ އަހަރުގެ އޮގަސްޓު މަހުގެ 27 ވަނަ ދުވަހުއެވެ. އެހެންނަމަވެސް އެފަހަރު މިނިސްޓްރީގެ އެންގުމާއި ގުޅިގެން މުއްދަތެއް ނެތް ގޮތަށް ގުރުއަތު ވަނީ ފަސްކޮށްފަ އެވެ. ގުރުއަތު ފަސްކުރި ސަބަބެއްކަމަށް އެއިރު ވިދާޅުވެފައި ވަނީ ރޯހައުސްތަކުގެ މަސައްކަތް އެއްކޮށް ނުނިމޭތީ ކަމަށެވެ.
އެއަށްފަހު ގުރުއަތު ނަގާފައިވަނީ 2017 ވަނަ އަހަރުގެ އޭޕްރިލް މަހު 28 އަދި 29 ގަ އެވެ. ނަމަވެސް މިހާތަނަށްވެސް ގުރުއަތުން ހޮވުނު އާއިލާތަކަށް ރޯހައުސްތަކަށް ބަދަލުވެވޭ ވަރުވެފައެއް ނުވެއެވެ. ގުރުއަތު ނެގިތާ ދެ އަހަރު ވެފައިވާއިރު މާފަލު ހިޔާގެ ރޯހައުސްތަކަށް ދިމާވެފައިވާ ނަރުދަމާގެ މައްސަލަ ހައްލުކުރެވިފައި ނުވުމީ އެ އާއިލާތަކަށް ރޯހައުސަށް ބަދަލު ވާން ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމެވެ. އަދި އިމާރާތްކޮށްނިމި ގިނަދުވަސް ވެ އެކަށީގެންވާ ގޮތުގައި މާފަލު ހިޔާގެ ރޯހައުސްތައް ބެލެހެއްޓިފައި ނުވުމުގެ ސަބަބުން އެކި ވަރުގެ ގެއްލުންވެސް ލިބިފައިވާކަން ފާހަގަކޮށްލެވެ އެވެ.
އެހެން ނަމަވެސް މި މައްސަލަތައް ހައްލު ކުރުމަށް މިހާތަނަށް ވެސް އެއްވެސް ފަރާތަކުން މަސައްކަތެއް ކޮށްފައިނުވާކަން ފާހަގަކޮށްލެވެ އެވެ. އަދި ރޯ ހައުސްތައް ލިބުނު އާއިލާތަކަށް ރޯހައުސްތަކަށް ވަދެވެނެ ދުވަހެއްވެސް މިހާތަނަށް އަންގާފައެއްސް ނުވެއެވެ.
ހުއްޓިފައި ހުރި ރޯހައުސްތަށް ނިމިދިޔަ ސަރުކާރުން ވަނީ އެކި ފަހަރު މަތިން ނިންމާނެ ކަމަށް ވިދާޅުވެފައި އެވެ. ނަމަވެސް އެ މަޝްރޫއު އަލުން ފެށިފައިނުވާ އިރު މިސަރުކާރުން އެ މަސައްކަތް އަލުން ފަށާނެ ކަމުގެ އެއްވެސް އިޝާރާތެއް މިހާތަނަށް ކޮށްފައެއް ނުވެ އެވެ. ނަމަވެސް ބޯހިޔާވަހިކަމުގެ މަޝްރޫއު ކުޅުދުއްފުށީގައި ކުރިއަށްގެންދާނެކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބުރާހިމް މުހައްމަދު ސޯލިހް ވަނީ މިދިޔަ ރިޔާސީ އިންތިހާބުގައި ވައުދުވެވަޑައިގަންނަވާފަ އެވެ.