twitterviber whatsapp telegramfacebookyoutube instagram
25th April 2024

ރަނގަޅުވާނެކަމުގެ އުންމީދު އެބައޮތް، ބޭނުންވަނީ އެހީތެރިކަން

ޚަދީޖާ އާދަމް
Aug 14, 2019
1

ހދ ކުޅުދުއްފުށީ ވެލައްސަރު ރައިޝާ ބިންތި އަހުމަދަކީ އުފެދުމުގެ ހުންނަ އުނިކަމެއްގެ ސަބަބުން ހިނގާބިނގާވެ އުޅުމާއި ވާހަކަ ދެއްކުމުގައި ދަތިތަކެއް ކުރިމަތިވެފައިވާ ކުއްޖެއެވެ.

އުމުރުން އެންމެ 1 އަހަރުން ފެށިގެން ފިޓް ޖެހުމުގެ މައްސަލަ ކުރިމަތިވެފައިވާތީ ރައިޝާއަށް ވަނީ ހިނގާބިނގާވެ އުޅުމަށާއި ވާހަކަ ދެއްކުން އިތުރު ގޮންޖެހުމަކަށްވެ ފަރުވާ ދިނުމަށް ބޮޑު ހުރަކަށް ވެފައެވެ.

މީގެ ކުރިން މާލެއަށާއި ރާއްޖޭން ބޭރަށްވެސް ދެއްކުމުން އެކަށީގެންވާ ފަރުވާ ދެވިއްޖެނަމަ ރައިޝާ ރަނގަޅު ކުރެވޭނެކަމުގެ އުންމީދު ޑޮކްޓަރުން ވަނީ އެ އާއިލާއަށްދީފައެވެ. އެގޮތުން ރައިޝާގެ ފަރުވާއަށް އެ އާއިލާއިން ކޮންމެ 3 މަހަކުން އިންޑިޔާގެ ކިމްސް ހޮސްޕިޓަލަށް ދައްކަން ޖެހެއެވެ. އެއީ ރައިޝާއަށް އެންމެ ރަނގަޅު ފަރުވާ ހޯދުމަށްޓަކައެވެ.

ކިމްސް ހޮސްޕިޓަލަކީ އާސަންދަ ލިބޭ ހޮސްޕިޓަލެއް ނޫންކަމުން އަދި ދާ ކޮންމެ ފަހަރަކު ބޮލުގެ އީއީޖީ ޓެސްޓުވެސް ހަދަންޖެހޭތީ ހަމައެކަނި ރައިޝާގެ ބޭސްފަރުވާއަށްވެސް އެއާއިލާއިން ބޮޑު ހަރަދެއްކުރަންޖެހެއެވެ.

އެއާއިލާއިން ބުނީ ކޮންމެ ފަހަރަކުވެސް ބޭސް ހުސްވުމުގެ ކުރިން ޑޮކްޓަރަށް ދައްކަން އިންޑިޔާއަށް ދިއުމަށް ޑޮކްޓަރު ލަފާދީފައިވާކަމަށެވެ. ފުރަތަމަ އިންޑިޔާއަށް ދެއްކުމުން ދިން ބޭސް ބޭނުން ކުރުމުން ފިޓް ޖެހުމުން ވަރަށް ބޮޑަށް ހައްލުވެގެން ދިޔަކަމަށާއި ބޭސް ބޭނުން ކުރާ ދުވަސްވަރު ރަނގަޅަށް ހިނގާ ކަމަށްވެސް އާއިލާއިން ބުންޏެވެ. ނަމަވެސް ބޭސް ބޭނުން ކުރުން ހުއްޓާލުމާއެކު އަނެއްކާވެސް ފިޓް ޖެހުމުގެ މައްސަލަ ދިމާވިކަމަށްވެސް ބުންޏެވެ.

އެންމެ ފަހުން އިންޑިޔާއަށް ދެއްކި ފަހުން މިހާރު 3 މަސް ވެފައިވާކަމަށާއި ނަމަވެސް އާއިލާގެ އެފަދަ ތަނަވަސް ކަމެއް ނެތުމުން އަވަސް އަވަހަށް އިންޑިޔާއަށް ދިއުމަކީ ދަތިކަމެއް ކަަމަށް އާއިލާއިން ބުނެއެވެ. މިހާރުވެސް އެމްއާރުއައި ހަދަން ބުނެފައިވާތީ އާއި އިތުރަށް ފަރުވާ ކުރިއަށް ގެންދެވެން އަންނަނީ އެމްއާރުއައި ހަދައިގެން ކަމަށް ވާތީ ވީހާ އަވަހަށް އިންޑިޔާއަށް ދިއުމަށް އެހީތެރިކަން ބޭނުން ވެއެވެ.

އަދި ވާހަކަ ދެއްކުމުގައި ދިމާވާ ދަތިތައް ހައްލުކުރުމަށް ސްޕީޗް ތެރަޕީވެސް ގަވައިދުން ރައިޝާ ހަދަން ޖެހެއެވެ. ނަމަވެސް މިއީ ރަށުގައި ތިބެގެން ހޯދޭ ހިދުމަތެއް ނޫންކަމުން މިކަމުގައިވެސް އެ އާއިލާއިން އެހީތެރިކަމަށް އެދެއެވެ. ރާއްޖޭން ބޭރަށް ނުގޮސް އެންމެ ކައިރިން ސްޕީޗް ތެރަޕީގެ ހިދުމަތް ލިބެނީ ހުޅުމާލެ ހޮސްޕިޓަލުންނެވެ. މި ފަރުވާ ފުރިހަމަ ކުރުމަށްވެސް ބޮޑު ހަރަދެއް ހިނގާނެކަން އާއިލާއިން ވަނީ ފަހަގަކޮށްފަ އެވެ.

ފަރުވާތައް ފުރިހަމައަށް ދެވިއްޖެނަމަ ރައިޝާގެ ހާލަތު ރަނގަޅުވާނެ ކަމުގެ އުންމީދު ޑޮކްޓަރުން ދީފައިވުމާއި އެކު އެ އާއިލާއިން އެދެނީ އެންމެހާ ބޭފުޅުންގެ ދީލަތި އެހީއެކެވެ.

އެއާއިލާއަށް އެހީވުމަށް ބޭނުންވާ ފަރާތްތަކުން ރައިޝާގެ ބައްޕަ އަހުމަދު އިބްރާހިމްގެ ބީއެމްއެލްގެ އެކައުންޓް ނަންބަރު 7706343118101 ފައިސާ ފޮނުވުމަށް އެއާއިލާއިން އެދެއެވެ. އިތުރު މައުލޫމާތު ބޭނުންނަމަ ކުއްޖާގެ މަންމަ ސަލްމާގެ މޯބައިލް ނަންބަރު 9885843 ގުޅުވުން އެދެމެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355