twitterviber whatsapp telegramfacebookyoutube instagram
6th May 2024

ބަނދަރު މައްސަލާގައި ބޭއްވި ބައްދަލުވުން ހޫނުވެ ނިންމާލައިފި

އަބްދުލް ވާހިދު ޙަސަން
Aug 3, 2019
9

ކުޅުދުއްފުށީގައި މިހާރު ސަރުކާރުން ހަދަމުންދާ ލޯކަލް ބަނދަރުގެ މަސައްކަތްތައް ކުރިއަށް ދަނީ އޮޑިވެރީންނާއި ރައްޔިތުން ބޭނުންވާ ބަދަލުތަކެއް ގެނެސްގެން ނޫންކަމުން އެކަމާ މަޝްވަރާކޮށް ރައްޔިތުންގެ ހިޔާލު ހުރިގޮތް ބެލުމަށް އޮޑިވެރިން އިސްނައިގެން ބޭއްވި ބައްދަލުވުން ހޫނުވެ ނިންމާލައިފި އެވެ.

އޭޝިއަން ޑިވެލޮޕްމެންޓް ބޭންކު (އޭޑީބީ)ގެ ހިލޭ އެހީގައި ހަދައި މި ބަނދަރުގެ މައްސަލަ ބޮޑުވެފައިމިވަނީ އެތަން ހަދަމުންދަނީ ރައްޔިތުން ހުށަހެޅި ބަދަލުތައް ނުގެނެސްކަމަށްވާތީ އެވެ. އެ ބަނދަރާ ބެހޭގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމަށް 2017 ވަނަ އަހަރާއި 2018 ވަނަ އަހަރު ހައުންސިންގ މިނިސްޓްރީން ވަނީ ބައްދަލުވުންތަކެއް ކުޅުދުއްފުށީގައި ކުރިއަށްގެންގޮސްފަ އެވެ.

އޭޑީބީގެ ބޭފުޅުންވެސް ތިބެ ކުރިއަށްގެންދިޔަ އެ ބައްދަލުވުންތަކުގައި އޮޑިވެރިން ވަނީ ބަނދަރަށް ގެންނަށް ބޭނުންވާ ބަދަލުތަކެއް ހުށަހަޅާފަ އެވެ. އެހެންނަމަވެސް އެ ބަދަލުތައް ނުގެނެސް ބަނދަރުގެ މަސައްކަތް ކުރިއަށްގެންދަން އޭރުގެ ސަރުކާރުން ނިންމާ ކައުންސިލަށް އެކަން ރަސްމީކޮށް އެންގި އެވެ. އެކަމަކު ބަނދަރުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ މިސަރުކާރުންނެވެ.

އޮޑިވެރިން އިސްނަގައިގެން ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯދުމަށާއި އަމަލުކުރާނެ ގޮތެއް ނިންމަން ރޭ ބޭއްވި ބައްދަލުވުން ހޫނުވެ ނިންމާލީއިރު ވަކިގޮތެއް ކަނޑައެޅިފައެއް ނުވެ އެވެ.

ބައްދަލުވުމުގައި ވަނީ ދެ ކަމެއް ވޯޓަށް ހުޅުވާލާފަ އެވެ. އެއީ ޕެޓިޝަނެއް ހަދައި ރައްޔިތުން މަޖިލީހުގެ ކޮމެޓީއަކަށް ހުށަހަޅައި އީދު ނިމެންދެން މަޑުކޮށް އެހާތަނަށް ސަރުކާރުން އެދެވޭ ޖަވާބެއް ނުދީފިނަމަ ރައްޔިތުން ނިކުމެ ބަނދަރުގެ މަސައްކަތް ހުއްޓުވުމަށެވެ. އެތަނަށް އެއްވެ ތިބި މީހުންގެ ތެރެއިން ގިނަ ބަޔަކު ތާއީދު ކުރީ އެއްގޮތަށެވެ. ދެވަނައަށް ހުށަހެޅީ ވަގުތުން ވަގުތަށް ބަނދަރުގެ މަސައްކަތް ހުއްޓުވުމަށް ރައްޔިތުން ނިކުތުމަށެވެ. އެކަމަކު އެ ހުށަހެޅުމަށް ލިބުނު ތާއީދު ކުޑަ އެވެ.

ޖަލްސާ ފުރަތަމަ ހޫނުވީ ކައުންސިލްގެ ރައީސް އަބުދުލް ލަތީފް ވާހަކަދައްކަވައި ނިންމާ، ޝަކުވާ ނުވަތަ ހިޔާލު ހުށަހެޅުމަށް ހުޅުވާލުމުން އާންމުގެ ތެރެއިން މީހަކު ކުރި ސުވާލަކާ ގުޅިގެންނެވެ. އެމީހާ ސުވާލުކުރީ ބަނދަރުގެ މަސައްކަތުގެ ފައިނަލް ކުރެހުން ކައުންސިލަށް ލިބުނީ ކޮންއިރަކު ތޯ އެވެ. އެއަށް ޖަވާބު ދެއްވަމުން ކައުންސިލްގެ ރައީސް އަބުދުލް ލަތީފް ވިދާޅުވީ އެކަން ފައިނަލް ވެގެން އައީ ނިމިދިޔަ ސަރުކާރުން ކަމަށެވެ. އެދުނު ބަދަލުތައް ނުގެނެސް ހުރުމުން އޭރުވެސް އެ ހިތްހަމަނުޖެހުން ކައުންސިލްގައި އޮތް ކަމަށާއި ނަމަވެސް އޭރު އެކަމާ ދެކޮޅު ނުހެދީ އެ ޕްރޮޖެކްޓް ގެއްލިދާނެކަމުގެ ބިރު އޮތުމުން ކަމަށެވެ.

ބޭރުގެ ހިލޭ އެހީއަށްވެފައި އަދި އޭރުގެ ސަރުކާރަކީ މަޝްވަރާކުރަން އުނދަގޫ ސަރުކާރެއް ކަންވެސް ލަތީފް ވަނީ ފާހަގަކުރައްވާފަ އެވެ. ވެރިކަން ބަދަލުވި ހިސާބުން ރައީސް ސޯލިހް ހުވާކުރައްވައި ވަޒީރުން އައްޔަންކުރިތާ 24 ގަޑިއިރުވެސް ނުވަނީސް ޕްލޭންގ މިނިސްޓަރު މުހައްމަދު އަސްލަމާ ބައްދަލުކޮށް ބަނދަރުގެ މައްސަލާގައި އޮތް ކަންބޮޑުވުން ހިއްސާކޮށް އެކަން ހައްލުކޮށްދެއްވުމަށް އެދުނުކަމަށް ލަތީފް ވިދާޅުވި އެވެ.

ދެ ވަނަ ހިޔާލަށް ތާއިދުކުރި މީހުންގެ ތެރެއިން ބަޔަކު އޭރުވެސް ދިޔައީ އެތަނުގައި އަޑުގަދަ ކުރަމުންނެވެ. އެ މީހުން ބުނަމުންދިޔައީ ޕެޓިޝަން ހަދައި ސަރުކާރުގެ ޖަވާބަށް ތިބެއްޖެނަމަ އަބަދުވެސް ޖެހޭނީ ޕެޓިޝަން ހުށަހަޅަކަން ކަމަށެވެ. އަދި މިހާރު ބަނދަރުގެ ބޮޑު ބައެއް ނިމިފައިވާތީ ޕެޓިޝަން ހަދައި ތިބޭހާ ދުވަހެއް ނެތްކަމަށްވެސް އެމީހުން ދިޔައީ ގޮވަމުންނެވެ. އެ މައްސަލާގައި ކައުންސިލުން ޒިންމާ އުފުލުމުގެ ބަދަލުގައި އެކަން ކުރީގެ ސަރުކާރުގެ ބޮލުގައި އަޅުވާކަމަށް ބުނެވެސް އަޑުގަދަ ކުރި އެވެ.

ބައްދަލުވުން ނިންމާލުމުންވެސް މީހުން އެތަނުން ނުގޮސް ކައުންސިލްގެ ރައީސް ވަށާލައި މީހުން ދިޔައީ އަޑުގަދަކުރަމުންނެވެ. ބައެއް މީހުން ބޭއަދަބީ ބަހުރުވައިން ވެސް މުހާތަބުކޮށް އަވަގުރާނުވެސް ގޮވި އެވެ.

އޮޑިވެރިންގެ ފަރާތުން ވާހަކަ ދެއްކި ކުރީގެ ކައުންސިލަރު އާދަމް ވަހީދު ވިދާޅުވީ މިއަދު މިއަދަށް ނިކުމެ ބަނދަރުގެ މަސައްކަތް ހުއްޓުވާލުން މަޑުޖައްސާލުމަށެވެ. އޭނާ އެގޮތަށް ވިދާޅުވީ މިއަދު ނައިބު ރައީސް ފައިސަލް ނަސީމްއާ އޮޑިވެރިން ބައްދަލުކުރުމުން އެކަން ހައްލުކޮށްދެއްވާނެކަމަށް އެމަނިކުފާނު ވިދާޅުވެފައިވާތީ ސަރުކާރަށް ވަގުތު ދިނުމަށް ކަމަށެވެ.

މިހާރު ހަދަމުންދާ ބަނދަރުގައި ހުރި މައްސަލަތައް ހައްލުކޮށްދެއްވުމަށް ކައުންސިލް ވަނީ ރައީސުލް ޖުމްހޫރިއްޔާއަށްވެސް ހުށަހަޅުއްވާފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355